Bulhalaai Kuhthaage Himaayathugai Salah Nikumejje
image
ބުޅާތަކަކާއެކު ސަލާހް ނަގާފައިވާ ފޮޓޯއެއް: ފޮޓޯ:-- މޯސަލާ/ޓްވިޓާ
0 ކޮމެންޓް
 

ބުޅަލާއި ކުއްތާގެ ހިމާޔަތުގައި ސަލާހް ނިކުމެއްޖެ

މިސްރުގެ ސަރުކާރުން އެގައުމުގެ މަގުތަކުގައި އުޅޭ ވަލު ބުޅަލާއި ކުއްތާތައް އެކިގައުމުތަކަށް އެކްސްޕޯޓު ކުރަން ތައްޔާރުވަމުންދާ ދިއުމަށް ސަލާހް ފާޑުކިޔައި، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެފިއެވެ.
ސަލާހް ޖަނަވާރުންގެ ހިމާޔަތުގައި އަޑުއުފުލީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓު ކުރި ޓްވީޓަކުންނެވެ. އޭނާގެ ޓްވީޓުގައި ސަލާހު ވަނީ އެއްވެސް ބުޅަލެއް ވެސް އަދި ކުއްތާއެއް ވެސް އެކްޕޯޓު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

"ބުޅަލާއި ކުއްތާ އެކްސްޕޯޓެއް ނުކުރާނެ. އެކަން އެގޮތަށް ނުކުރެވޭނެ." ބުޅާތަކަކާއެކު އޭނާ ނަގާފައިވާ ފޮޓޯއަކާއެކު ކުރި ޓްވީޓެއްގެ ކެޕްޝަނުގައި ސަލާހު ލިޔެފައިވެއެވެ.




ރިޕޯޓްތައް ބުނާ ގޮތުގައި މިސްރުގެ ސަރުކާރުން ވަނީ ހަތަރުހާއެއްހާ ބުޅަލާއި ކުއްތާ އެކިގައުމުތަކަށް އެކްޕޯޓު ކުރުމަށް ނިންމާފައެވެ. މި ރިޕޯޓްތައް ބުނާ ގޮތުގައި މި ތަކެތި އެތެރެ ކުރާ ގައުމުތަކުން މައިގަނޑު ގޮތެއްގައި މިތަކެތި ބޭނުން ކުރަން ހަމަޖެހިފައިވަނީ ކާބޯތަކެތީގެ ގޮތުގައެވެ.

މިސްރުގެ ސަރުކާރުން އެގައުމުގެ މަގުމަތީގައި ދިރިއުޅޭ ބުޅަލާއި ކުއްތާތައް އެކްސްޕޯޓު ކުރަން އުޅޭ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެގައުމުގެ މީޑިއާއާއި ވާހަކަ ދައްކަމުން މިސްރުގެ އެގްރިކަލްޗަރަލް މިނިސްޓަރު ވަނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ މި ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ޕްރިމިއާ ލީގު ކްލަބު ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހު އަކީ އެގައުމުގައި ބޮޑު ތާއީދެއް އޮންނަ ކުޅުންތެރިއެކެވެ. މިސްރުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް އޭނާއަށް ދަނީ ތައުރީފު ލިބެމުންނެވެ.
ހިޔާލު