ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ވެފައިވާ އެއްބަސްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރިހަމައަށް އަމަލު ކުރައްވާނެ ކަމުގެ އިތުބާރު އަދާލަތު ޕާޓީއަށް އެބައޮތް ކަމަށް އެޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން ދެންމެ ކުރި ޓްވީޓްގައި އެޕާޓީއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާފައިވާ އެއްބަސްވުން އާއްމުކޮށް ބުނެފައި ވަނީ އެމްޑީޕީއާއި ޖެޕީއާއި ރައީސް މައުމޫނާއި އަދާލަތު ޕާޓީން އޭރު ދެއްކި ވާހަކަތަކުގެ މައްޗަށް އޭރުގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސް ސޯލިހްއާއި އެކު ވެފައިވާ އެއްބަސްވުން ދެމިއެބައޮތް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު އަދާލަތު ޕާޓީން ސޮއިކޮށްފައިވާ އެއްބަސްވުން ދެމިއޮތް ކަމަށާއި، މި އެއްބަސްވުމަށް ރައީސުލްޖުމްހޫރިއްޔާ ފުރިހަމައަށް އަމަލު ކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް" އަދާލަތު ޕާޓީން ބުނެފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން އޭރު އެއްބަސްވެފައި ވަނީ ރައީސް ސޯލިހާއެކު ގައެވެ. އެހެން ނަމަވެސް އޭރު އެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ ތިން ޕާޓީއަކުންނެވެ. ރައީސް މައުމޫނުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައެއް ނުވެއެވެ.
އަދާކލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރާއި، އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް އިބޫ ސޮއިކުރައްވާފައިވާ އެއްބަސްވުމުގައި ވަނީ ސަރުކާރުން 40 ޕަސެންޓް އެމްޑީޕީއަށް، 25 ޕަސެންޓް ޖޭޕީއަށް، ރައީސް މައުމޫނަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދިނުމަށް އެމްޑީޕީން އެއްބަސްވާ ކަމަށެވެ. އަދި އެގޮތަށް 2019 ވަނަ އަހަރު އާއްމު އިންތިހާބާއި 2020 ގައި އޮންނަ ކައުންސިލް އިތިހާބުގައި އަމަލު ކުރުމަށެވެ.