Zuvaan Umurugai Kidney Failve Jaavid Ah Undhagoo Hayaatheh Edhenee Dheelathi Ehee Akah
image
އަލީ ޖާވިދު--
2 ކޮމެންޓް
 

ޒުވާން އުމުރުގައި ކިޑްނީ ފެއިލްވެ ޖާވިދަށް އުނދަގޫ ހަޔާތެއް، އެދެނީ ދީލަތި އެހީއަކަށް

އެއީ މީގެ ވިހި އަހަރު ކުރިއެވެ. ކ. މާލެއަށް އުފަން އަލީ ޖާވިދުގެ ހަޔާތް ގަދަ ވައިރޯޅިއެއްހެން ބަދަލުކޮށްލީ އުމުރުން އެންމެ 19 ގައެވެ.
ސުކޫލު ދައުރު ނިންމާލާއި އެހެން ކުދިންނެކޭ އެއްފަދައިން އޭނާ ވެސް އިތުރަށް ތައުލީމު ހާސިލު ކުރަން ބޭނުންވި އެވެ. އެހެންކަމުން، އޭނާއަށް ލިބުނު ކޯހެއް ފުރިހަމަ ކުރުމަށް ދިޔައީ ފެލިވަރަށެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ކުޑަކަމުދާން އުނދަގޫވެ، ކުޑަކަމު ނުދެވޭ ހިސާބަށް ދިއުމުން މާލެ އައިސް އޭނާ ޑޮކްޓަރަށް ދެއްކި އެވެ.

"ކުޑަކަމުދާން އުނދަގޫ ވެގެން ކަންކަން ވާން ފެށުމުން އޭނާ މާލެއައީ. އެރޭ އަޅުގަނޑުމެން ޑޮކްޓަރު ޖޮލީއަށް ދެއްކީމަ ބުނީ ވެދާނޭ ކިޑްނީގެ މައްސަލައެއް އުޅެނީ ކަމަށް، ޓެސްޓުތަކެއް ހަދާލަން ވާނެއޭ." ހަ ކުދިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ބަލި ހާލަތު ކިޔައިދެމުން އޭނާގެ މަންމަ ހައްވާ އަބްދުﷲ ބުންޏެވެ.

ޓެސްޓުތަކުގެ ނަތީޖާއާއެކު މުޅި އާއިލާއަށް ސިހުމެއް ލިބުނެވެ. އެއީ ޖާވިދުގެ އުފެދުމުގައި ވެސް އިނީ އެންމެ ކިޑްނީއެއް ކަން އާއިލާއަށް އެނގުނީ ނަވާރަ އަހަރު ފަހުން ކަމަށް ވާތީއެވެ. ނަމަވެސް ގަބޫލުކުރަން ދަތިވެ އިންޑިއާ އިން ހެދި ޓެސްޓުތަކުން ވެސް ނަތީޖާއަކަށް ބަދަލެެއް ނަޔެވެ. އިން ހަމައެކަނި ކިޑްނީގައި ވެސް މައްސަލަ ދިމާވެ އެ ކިޑްނީ ވެސް މިހާރު ވަނީ ފެއިލުވެފައެވެ.

ހަގު އުމުރެއްގައި ޖާވިދުގެ މުޅި ހަޔާތް ބަނަވެ ކަނު އަދިރިވި ކަހަލައެވެ. ހަޔާތުގައި ކުރިމަތިވި އެންމެ ހިތް ދަތި ދުވަހާއެކު ކިޔެވުމުގެ ހަޔާތް ދޫކޮށްލަން މަޖުބޫރުވިއެވެ. އެހެން ކުދިންނެކޭ އެއްފަދައިން ޖާވިދު ދެކުނު ހުވަފެންތައް ފުނޑުފުނޑުވިއެވެ.

-ޖާވިދު، އޭނާގެ މަންމަ އާއި އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކާއެކު

މިހާރު ޖާވިދުގެ އުމުރުން 39 އަހަރެވެ. ފާއިތުވި ވިހި އަހަރުގެ ތެރޭގައި އޭނާ ވޭނާއި ކެކުޅުމަކަށް ބަދަލެއް ނާދެއެވެ. ޖާވިދުގެ މަންމަ ބުނީ، އޭނާއަށް މިހާރު ތެދުވެ ނޫޅެވޭ ކަމަށެވެ. ކިޑްނީ މަސައްކަތް ކުރަނީ ވަރަށް ކުޑަކޮށްކަން ފާހަގަކޮށް އޭނާގެ މަންމަ ބުނީ ކޮޅަށް ތެދުވުމުން ބޯ އަނބުރާތީ ޖާވިދު އުޅޭ ކަމަށެވެ. އަދި ކަންފަތަށް ބާރު އަޑެއް އަބަދުވެސް އިވިފައި ހުންނަ ކަހަލަ ގޮތެއް ވާކަމަށާއި ކައި ބޮއި ހަދަނީ ވެސް ވަރަށް މަދުން ކަމަށެވެ.

ކިޑްނީ ފެއިލްވެފައިވާ ކަން އެނގުނު ހިސާބުން އެނާ އަންނަނީ ގަވައިދުން ޑައިލަސިސް ހަދަމުންނެވެ. ދުނިޔޭގައި ހުރުމަށް ޖާވިދަށް އުއްމީދު ލިބިގެންދިޔައީ މަންމަގެ ކިޑްނީ އާއި އޭނާގެ ކިޑްނީ މެޗުވުމުންނެވެ. ހުރި އެންމެ ދޮށީ ދަރިފުޅުގެ ހަޔާތް އުއްމީދުގެ އަލިކޮޅުން ދިއްލާލުމަށް ޖާވިދުގެ މަންމަ ހުރީ ކިޑްނީ ހަދިޔާ ކުރަން ތައްޔާރަށް ނަމަވެސް އެކަން ވާކަށް ނެތެވެ.

"މަންމަ ލޭމައްޗަށް ގޮސް އަދި ހަކުރު މައްޗަށް ގޮސް ކޮލެސްޓްރޯލު ވެސް މަތި" ޖާވިދުގެ ކޮއްކޮއަކު ބުންޏެވެ.

އާއިލާއިން ތިބީ ޖާވިދަށް ކިޑްނީ ޑޯނަރެއް ލިބޭނެ ދުވަހެއްގެ އިންތިޒާރު ގައެވެ. ދުވަހެއް ދުވަހަކަށް ޖާވިދުގެ ހާލު ދެރަވަމުން އަންނައިރު ޑޯނަރެއް ލިބުނަސް ރާއްޖެ އިން ބޭރަށް ގޮސް އެ ހުރިހާ ހަރަދެއްކުރަން މިވަގުތު އެއާއިލާގެ ތަނަވަސްކަމެއް ނެތެވެ.

އެހެން މީހުންނެކޭ އެއްފަދައިން ޖާވިދަށް އޭނާގެ ފުނޑުފުނޑުވި ހުވަންފެންތަކުގައި އަލުން ކުލަ ޖައްސާލެވެން އޮތީ ތި އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމާއެކު ވެސް މެއެވެ.

އެކައުންޓް ނަމްބަރު: 7730000044935 - އަބްދުﷲ ވަރުދީލް
ފޯނު: 7537020 ހައްވާ އަބްދުﷲ (މަންމަ) / 7433037 އަބްދުﷲ ވަރުދީލް (ކޮއްކޮ)


ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

އާސިފު

ލޭގެ ގްރޫޕް؟

ޖަޒީރާ

ޖަޒީރާ ރާއްޖޭގެ ވައުދެއްތީ، އަވަހައް ކަމާބެހޭ ފަރާތްތަކައް ތިވާހަކަ ނޫސްތަކުގަ ޖެހުމައްވުރެ ކުރިން އަންގަވާ، އަމިއްލަ ނިކަމެތިންނައް ތިކަން ނުކުރެވޭނެ! ޢެއީ 800،000ރފ ހަރަދުވޭ އިންޑިޔާގެ މަނީޕާލް ހޮސަޕިޓަލުން އަޅުގަނޑު ރައްޓެއްސަކު ކުރި ތި އޮޕަރޭސަން، އޭނަ އަތުންވެސް 400،000ރފ ދިޔަވާހަކަ އޭނަ ބުނި. ޢެހެންވީމާ ތިކަން ޖަޒީރާ ރާއްޖޭގެ ރައީސްގެ ސަމާލު ކަމައް އާއިލާ ފަރާތުން ގެނައުމަކީ އެންމެ ރަގަނޅުކަމެއް!