Loan Adhaakurumah Loan Negun: Foonei Fayah Fenfuruntha!
image
ރައީސް ސާލިހު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ.-- ފޮޓޯ: ރައީސް އޮފީސް
4 ކޮމެންޓް
 

ލޯނު އަދާކުރުމަށް ލޯނު ނެގުން: ފޫނެތް ފަޔަށް ފެން ފުރުންތަ!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޗައިނާ އިން އެތައް ލޯނެއް ނެގި އެވެ. އޭގެ ޖުމްލަ 1.2 ބިލިޔަން ޑޮލަރަށް އަރާ ކަމަށް ވެއެވެ. އަދި އާ ސަރުކާރަށް، އެ ފައިސާ އަނބުރާ ޗައިނާ އަށް ދެއްކުން ވަނީ ދަތިކަމަކަށް ވެފަ އެވެ.
އެ ދަތިކަން ފިލުވާލުމަށް ސަރުކާރުން ދިޔައީ އަވަށްޓެރި އިންޑިއާގެ އެހީ ހޯދުމަށެވެ؛ އެއްކަލަ ލޯނު ފޫބެއްދުމަށް ބިލިޔަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ރާއްޖެ އަށް ދޭން އުޅޭކަމުގެ އަޑުތައް ފެތުރެން ފެށީ މިހާ ހިސާބުންނެވެ. ނަމަވެސް ސުވާލަކީ، އިންޑިއާ އިން ރާއްޖެ އަށް އެފަދަ ބޮޑު ލޯނެއް ދީފިނަމަ، އަނބުރާ އެ ފައިސާ އިންޑިއާ އަށް ދެއްކުން ދަތިކަމަކަށް ނުވާނެތޯ އެވެ؟

ދުނިޔޭގެ އެންމެ ރީތި އެއް ގައުމުގެ ގޮތުގައި މަޝްހޫރު، ލަގްޒަރީ އަގުބޮޑި ހޮލިޑޭ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އޮތް އިރު އެހެން ގައުމުތަކުން ބޮޑެތި އަދަދުތަކުން ލޯނު ނަގަން ޖެހެނީ ކީއްވެގެން ކަމާ މެދު ދިވެހިން މިއަދު ވިސްނަން ޖެހެ އެވެ. ރާއްޖޭން އަމިއްލަ ފައިމައްޗަށް ނުތެދުވެވި، ބޮޑެތި ގައުމުތަކުގެ ލޯނުތަކަށް ބަރޯސާވުން ހުއްޓޭނީ ކޮން އިރަކުތޯ ރައްޔިތުން ސުވާލު ކުރަން ޖެހެ އެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު އެތައް ޖަލްސާއެއްގައި މިކަމާ ގުޅޭގޮތުން ތަކުރާރުކޮށް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެންމެ ފަހުން ގަވަރުނަރު މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވީ ބަޖެޓު ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގަ އެވެ.

އެ ކޮމެޓީގައި ގަވަރުނަރު ވިދާޅުވީ، ދިވެހިން ލިބޭ މިންވަރަށް ފުދިގެން އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. ނުވަތަ ގައުމު ބަނގުރޫޓުވެދާނެ ކަމަށް ނަސީރު ވިދާޅުވި އެވެ.

އެއީ އާދައިގެ ވާހަކަ އެއް ނޫނެވެ. ގައުމު ބަނގުރޫޓުވެއްޖެނަމަ ދެން ވާނެ ގޮތް ގިނަ ބަޔަކަށް އެނގޭނެ އެވެ. ކުރުކޮށް ބުނާނަމަ، އެއްޗެހީގެ އަގުތައް އަތްނުފޯރާ ވަރަށް އުފުލި، އިންފްލޭޝަން އިންތިހާ އަށް އަރައިގެން ދާނެ އެވެ. ދިވެހި ރުފިޔާގެ އަގު ވެއްޓި، ލިބޭ އާމްދަނީ އަކީ އެއްވެސް އެއްޗަކަށް ނުވާތަން އަންނާނެ އެވެ.

މިއީ މިހާރު ވެސް އެފްރިކާ ބައްރުގެ ބައެއް ގައުމުތަކާއި ބައެއް އެހެން ގައުމުތަކުން ވެސް ފެނިގެންދާ ހަގީގީ މަންޒަރުތެކެވެ. ދާދިފަހުން ވެނެޒުއޭލާ ވެސް ވަނީ މިފަދަ ބޮޑު ވަޅުގަނޑަކަށް ވެއްޓިފަ އެވެ.

މި ހުރިހާ ކަމެއް މިހެން އޮތް އިރު، މި މަހު 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަސު ސާލިހު އިންޑިއާ އަށް ވަޑައިގަންނަވާ ދަތުރުގައި އެ ބިޔަ ލޯނު އެއްބަސްވުމުގައި ސޮއި ކޮށް، ޗައިނާގެ ލޯނުތަކުން ދިވެހިން މިންޖުވެއްޖެނަމަ، އިންޑިއާގެ ދަރަނި ދިވެހިން ފޫބައްދާނެ ގޮތެއް ސަރުކާރުން ބުނެދޭން ޖެހޭނެ ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނެފައި ވެއެވެ.

އިންޑިއާ އިން އެ ލޯނު ދޭން އެއްބަސްވަނީ ރާއްޖޭގައި އަސްކަރީ ބޭހެއް ހެދުމުގެ ހުއްދަ ދޭން ސަރުކާރުން އެއްބަސްވުމުން ކަމަށް އެ ގައުމުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ދޮގު ކުރައްވާފަ އެވެ.

ނަމަވެސް، އަދިވެސް އެ ލޯނުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ބައެއް ކަންކަން ހުރި ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ޗައިނާގެ ލޯނުން ސަލާމަތްވުމަށް ކަމަށް ބުނެ އިންޑިއާ އިން ލޯނު ނަގާއިރު އެ ލޯނު ވާންވާނީ، މިހާރު ރާއްޖެ އަށް ޗައިނާ އިން ދީފައިވާ ލޯނުތަކަށް ވުރެ އިންޓަރެސްޓް ރޭޓް ކުޑަ ލޯނަކަށެވެ. އަދި ރީޕޭމަންޓް ވެސް މިހާރު ހުރި ލޯނުތަކަށް ވުރެ ލުއިވާން ޖެހޭނެ އެވެ.

ނޫންނަމަ ޗައިނާގެ ލޯނުތަކަށް ވުރެ އޭގެ ބަރުދަން ރާއްޖޭގެ އިގްތިސާދަށް ބޮޑުވާނެ އެވެ. އާހިރުގައި ނިމިގެން ދާއިރު ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ވެސް އިންތިހާ އަށް ބޮޑުވެގެން ދާނެ އެވެ. އަދި އެ ފަދަ ބޮޑު ލޯނެއް ނަގާއިރު، އެކަމުގެ ފަހަތުގައި ފޮރުވިފައި ބޮޑު ސިއްރެއް އޮވެގެން ނުވާނެ އެވެ.

ސިއްރުތަކުން ފުރިގެންވާ ބަރުހެލި ލޯނެއް، އިންޑިއާ އިން ނަގައިފިނަމަ މި ސަރުކާރު އިންތިހާބު ކުރި އެތައް ބައެއްގެ އިހުސާސް ތަކަށް ސަރުކާރުން އެ ދެނީ ބީރު ކަންފަތެއް ކަމަށް ދެކޭ މީހުން ތިބޭނެއެވެ.
ހިޔާލު

މުޖޫ

ބޮޑު އިންޓަރެސްޓަކަށް ނަގާފައޮތް ލޯނެއް ދައްކަން ކުޑަ އިންޓަރެސްޓަކަށް ނަގާ ލޯނުން ވާނީ ފައިދާ

ސައީދުތުރީ

ލޯނުނަގާ ނަގާ ހަފުސް މިގައުމުގެ ބޮންޑް ވިޔަފާރިވެރިޔަކު ގަންނަވާހަކައިވޭ އުވިޔަފާރިވެރިޔާ ވެސް ރިސޯޓް ހިންގާ ވާހަކަވެސް އިވޭ އެހެންވީމާ ސަރުކާރުނއވެސް ސިވިލްސާވަންޓުން ލައިގެން ރިސޯޓް ހިންގަންވީނު އޭރުން އަބަދު އަބަދު ތިޔަލޯނު ތަކެއްނަގާކަށް ނުޖެހޭނެނު

ޑިމޮކްރަސީ

ލޯނު އަދާކުރެވޭނެ، އެކަމު އެނަގާ ލޯނު ތަކުގެ ފައިދާ ރައްޔިތުންނަށް ނުކުރާނަމަ އެވާނީ ފޫނެއްފަޔަށް ފެންފުރުން ކަހަލަ ކަމަކަށް އެންމެ މުހިންމު ކަމެއް ދޭންޖެހޭނީ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވަކަންކަމަށް އެއީ ބޯހިޔާވަހަިކަމާއި ސާފު ބޯފެނާއި ނަރުދަމާގެ ކަންކަން ހަލުވި ސްޕީޑެއްގައި ކުރުން އެހެންނޫނީ ތީ ބޭކާރުކަމެއް

ގުނބޯ

ހަމަ އަހާލަން ބަެނުން ކިހާ ވަރަކަށް ދިރާ ކޮއްގެން ލިޔެފަ އޮތް ލިޔުމެއްތޯ...