ރައީސް ޔާމީނުގެ ވެރިކަމުގައިވަނީ ވަރަށް ގިނަ ބައެއްގެ ކަރުގައި ހިތިރަހަ ލައްވާލާފައެވެ. ނަތީޖާއަކަށްވީ ރައީސް ރައީސް ޔާމީނަށް ނޫނެކޭ ބުނެ އާ ރައީސްއަކު ވެރިކަމަށް ގެނައުމެވެ. ގުޅިފައިވާ ޕާޓީތަކުން ތާއިދުކޮށްގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު، ވެރިކަމަށް ގެނައުމަށް ހަތަރު ޕާޓީން ކުރި މަސައްކަތް ކާމިޔާބުވެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންނެވެ. އެ ބުރަ މަސައްކަތް ކުރީ އާ ސަރުކާރާ މެދު ވަރަށް ބޮޑު އުއްމީދެއް އޮވެގެންނެވެ.
ރައްޔިތުންގެ އުއްމީދުތައް ބޮޑުވެގެން ދިޔައީ ރައީސް ޔާމީނުގެ އަމަލުތަކުގެ ސަބަބުން ދިވެހިން ބިނާކުރަން ބޭނުންވި ނަޒާހަތްތެރި މުޖުތަމައު ބިނާނުކުރެވޭނެކަން ޔާގީންވުމާއި ވައްކަމާއި ހިޔާނާތް އެއީ އާންމުކަމެއްގެ ގޮތުގައި ހަދަން އުޅޭކަމުގެ އިހްސާސްކުރެވިގެންނެވެ. އަދި ބޭނުންހާ ގޮތަކަށް ދައުލަތް ހިންގުމުގެ ނިޒާމަށް ގުޅެލުމަކީ އެއްވެސް ހާލެއްގައި ބޮޑުކަމެއްގެ ގޮުގައި ނުދެކުމާއި މިހެން ގޮސް ވަރަށް ގިނަގުނަ ސަބަބުތަކާ ހެދިއެވެ.
ހިތި ތަޖުރިބާތަކެއް ކުރުމަށްފަހު ދިވެހިންގެ ބޮޑު ނިންމުން ނިންމީ ވަރަށް ބޮޑު އެހާމަ ފޮނި އުއްމީދުތަކާއެކުގައެވެ. އެއީ އިންތިހާބީ ދުވަސްވަރު މިހާރުގެ ރައީސް ސޯލިހު ވިދާޅުވެފައިވާ ވިދާޅުވުންތަކާއި ރައީސް ސޯލިހަށް ކުރެވުނު އިތުބާރަށްޓަކައެވެ. ހަގީގަތުގައިވެސް އަދި ރައީސް ސޯލިހަށް ދިވެހިންގެ އިތުބާރު އޭރު ވަރަށް ބޮޑަށް އޮތް ނަމަވެސް މިހާރު އުފެދޭ ސުވާލަކީ އެ އިތުބާރަށް ކުޑަވެސް އުނިކަމެއް އަންނަމުންދޭބާވައެވެ. ނުވަތަ މި ސަރުކާރާ މެދު ކުރެވޭ އުއްމީދުތަކާ މެދު ޝައްކުގެ ނަޒަރުން ބަލަމުންދޭ ބާއްވައެވެ.
"ހަގީގަތުގައިވެސް ހުވާކުރިއިރު ރައީސް ސޯލިހަށް ވަރަށް އިތުބާރުކުރެވޭ. އަދި ސަރުކާރާމެދު އޮތް އިތުބާރު ވެސް ވަރަށް ބޮޑު. ނަމަވެސް މިހާރު ކަންތައްތައް ހިނގަމުންދާގޮތުން އުއްމީދުތައް ހާސިލުނުވާނެކަމަށް ފެންނަނީ. ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް އެހާ ބޮޑު އުއްމީދުތަކެއް ނުލިބޭ. ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކަ އާއި ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅާ އަމަލު ދިމާނުވޭ،" މާސްޓާޒްއަށް ކިޔަވަމުންދާ ހުސައިން މޫސާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އާ ސަރުކާރާ މެދު ކުރެވުނު އުއްމީދުތައް ފަޑުވަމުންދާން ޖެހޭ ސަބަބެއް ނުވިސްނޭކަމަށާއި ނަމަވެސް ހަތަރު ޕާޓީއާއެކު ވެރިކަން ކުރުމަކީ އުއްމީދުތައް ފަޑުވުމަށް މެދުވެރިވާ ސަބަބެއްކަމަށެވެ. ހަތަރު ޕާޓީއާއެކު ވެރިކަމަށް އައި ނަމަވެސް ރައީސްކަމަށް ހޮވޭ ބޭފުޅަކަށް އެ ބޭފުޅެއްގެ ތަސައްވަރު ހަގީގަތަކަށް ހެދޭނެ ޖާގަ ސިޔާސީ ހަތަރު ލީޑަރުން ދެއްވަންޖެހޭނެކަމަށް ހުސައިން ވިދާޅުވިއެވެ.
"މިއުޅެނީ ކުޅީވަރު ކުޅޭކަން ނޫން. މިއީ ހަތަރު ލީޑަރުންގެ ތަނެއް ވެސް ނޫން. ހަތަރު ލީޑަރު އެއް ގަލަކަށް އަރައިގެން މީހަކު ވެރިކަމަށް ގެނައުމަކީ އޭނާގެ ހަތަރެސްފައި ބަންނަންޖެހޭކަމެއް ނޫން. މިހާރު ފެންނަގޮތުގައި ވަރަށް ބޮޑަށް ހީވޭ ރައީސް ސޯލހު ހުންނެވީ ހަތަރު އަގޮޅިއެއްގެ މެދުގަހެން. އެހެން ނޫން ނަމަ އެމަނިކުފާނު ގަބޫލުކުރެއްވި އުސޫލުތަކާއި ސިފަތައް އެއްކިބަކޮށެއްނުލާނެ،" ޕޮލިޓިކަލް ދާއިރާއިން މާސްޓާޒް ހަދާ ހުސައިން ބުންޏެވެ.
ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެއްސުމަށް އޮތް ހުރަހަކަށް ހަތަރު ލީޑަރުންވާ ނަމަ އެއީ ވަރަށް ބޮޑުގޯހެކެވެ. ހަތަރުލީޑަރުން ގުޅިގެން މަސައްކަތްކޮށް އިންތިހާބު ކާމިޔާބުކުރި ނަމަވެސް ރައީސް ސޯލިހަށް ވޯޓްދިން އެންމެންނަކީ އެ ހަތަރު ލީޑަރުން ދައްކާހާ ވާހަކައެއް ގަބޫލުކުރާނެ ބައެއް ނޫނެވެ. އަދި އެ ހަތަރު ލީޑަރުންނަށް އާބަސްދޭނެ ބައެއް ވެސް ނޫނެވެ. އެހެންކަމުން ރައީސް ސޯލިހު ގެންނަވަން އުޅުއްވާ އިސްލާހުތަކާއި އެމަނިކުފާނު ގެންނަން ބޭނުންފުޅުވާ ނަޒާހަތްތެރި މުޖުތަމައަކާއި ގާބިލް ސަރުކާރެއް ހިންގުމުގެ ފުރުސަތު ދޭން ޖެހޭނެވެ.
ދިވެހިން ރައީސް ސޯލިހަށް ވޯޓް އެޅީ އެމަނިކުފާނަށް ކުރެވޭ އިތުބާރަކުންނެވެ. ހަތަރު ލީޑަރުންނާ މެދު މާ ބޮޑު އުއްމީދެއް އޮވެގެންނޫނެވެ. އަދި އެހަތަރު ލީޑަރުންގެ އިހުލާސްތެރިކަމެއް ހުންނާނެކަމަކަން ވެސް ނޫނެވެ. ސަބަބަކަށްވީ އެ ހަތަރު ލީޑަރުންގެ ތެރޭގައިވެސް ދިވެހިން ބޭނުންވި ގައުމިއްޔަތާއި ސިފަތަކާއި އުސޫލުތަކާ ދެކޮޅަށް މަސައްކަތްކޮށްފައިވާ ބޭބޭފުޅުން ތިއްބެވުމެވެ. މިހާރު ފެންނަމުން ވެސް ދަނީ މިކަންތައްކަމެވެ.
ރައީސް ސޯލިހު ވިދާޅުވި އެއް ވާހަކައަކަށް ބަލާލަމާ ހިނގާށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް ގެންނާނީ ތައުލީމީ ގާބިލް ނަޒާހަތްތެރި ބޭބޭފުޅުންކަމަށެވެ. ނަމަވެސް އެކަން ވެސް ހަގީގަތަކަށް ހަދާލުމުގެ ފުރުސަތު އެމަނިކުފާނަށް ހަތަރު ލީޑަރުން ނުދެއްވިއެވެ. މިނިސްޓަރުކަމަށާއި ސްޓޭޓް މިނިސްޓަރުކަމަށާއި މިނިސްޓަރުންގެ ނާއިބުކަމަށް ވެސް އެ އައްޔަނުކުރައްވަނީ ރައީސް ސޯލިހު ވިދާޅުވި ފަދަ ބޭބޭފުޅުން ނޫންކަން ގިނަ ބަޔަކަށް ސާފުކޮށް އެނގެއެވެ. އެހެންވަނީ ބޯކިބާފޮތި ފޮތިކޮށްގެން ހިންގަން މަޖުބޫރުކުރުވާތީއެވެ. ނަމަވެސް ތަހުޒީބު މުޖުތަމައުތަކުގައި ކަން ކުރަނީ މުޅިން ތަފާތުކޮށެވެ. އެ ފުރުސަތު ރައީސް ސޯލިހަށް ނުދެއްވަންވީ ސަބަބެއް ނުވިސްނެއެވެ.
"އަސްލުވެގެން މިއުޅޭގޮތަކީ ރައީސް ސޯލިހު ބޭނުންވާގޮތަކަށް ނޫން ކަންކަން ހިނގަނީ. އެމަނިކުފާނު އެ އޮތީ ވަރަށް ސާފުކޮށް ބޭނުންވާގޮތް ވިދާޅުވެފައި. ނަމަވެސް އެ ވާހަކަފުޅާ ދިމާނުވާގޮތަށްކަންކަން ހިނގަނީ. އެއީ މި ހަތަރު ލީޑަރުންގެ ސަބަބުން. ރައީސް ބޭނުންފުޅުވާގޮތަށް ހުރިހާކަމެއް ނިންމައިގެން ކުރިއަށް ވަޑައިގެންނެވޭ ނަމަ ވަޒީފާތަކަށް ވެސް އައްޔަނުކުރާނެ ކޮންމެކޮންމެ މީހަކު. އެކަމަކު ބަލާ މިވާގޮތް. މުޖުތަމައުގައި އަގުވެއްޓި ނަޒާހަތްތެރިކަން ނެތް ކިތަން މީހުންނަށް މަތީ މަގާމު އެދެނީ. އެއީ ސީދާ ލީޑަރުންގެ ތެރެއިން ބައެއް ބޭފުޅުންގެ ސަބަބުން ކުރާ ކަންކަން،" ރައީސް ސޯލިހުގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކު ސީއެންއެމް އަށް ވިދާޅުވިއެވެ.
މަސްލަހަތަށްޓަކައި ނަންހާމަކުރަން ބޭނުންނުވާ އެ މީހާ ބުނިގޮތުގައި ހުރިހާ ވެސް މައްސަލައެއް މެދުވެރިވެ ސަރުކާރާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އަމާޒުވަމުންދަނީ ހަތަރު ލީޑަރުންގެ ތެރެއިން ބައެއް ލިޑަރުންގެ ސަބަބުންނެވެ. ދިވެހިން އުއްމީދުކުރި ގައުމާއި ސަރުކާރު ނުލިބޭނަމަ ނުލިބޭނީވެސް އެ ލީޑަރުންނަން ދައްކާހާ މަގަކުން ނުވަތަ ބާރު އަޅާ ކަމެއްގެ ސަބަބުންނެވެ. އެހެން ނޫން ނަމަ ދިވެހިން އުއްމީދުކުރާ އިލުމީ ގާބިލް އަދި ނަޒާހަތްތެރި ބޭބޭފުޅުން އައްޔަނުކޮށްގެން ގައުމު ހިންގައިދޭނެވެ.
ރައީސް ސޯލިހުގެވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުތެރޭގައިވެސް ފެންނަމުންދަނީ ރައީސްއަށް ބާރުފޯރުވާ ބަޔަކު އުޅޭކަމެވެ. އެކަމުގެ ސަބަބުން އެމަނިކުފާނު ބޭނުންވާ އިސްލާހުތަކާއި ބޭނުންވާ ހެޔޮވެރިކަން ދިވެހިންނަށް ހޯދައިދިނުމަށް ދަތިވެގެން އުޅުއްވާތަނެވެ. ނަމަވެސް ހިތާމައަކީ ދިވެހިން ބޭނުންވި ބަދަލު ނުލިބި ގެއަށް ވަންނަން ޖެހިއްޖެނަމަ އަނެއްކާވެސް ގައުމު ކުރިން ވެއްޓުނު ވަޅުގަނޑަށް ވެއްޓިދާނެތީއެވެ. އެމަގަށް ގައުމު ގެންދަން ބޭނުންނުވާ ނަމަ ސިޔާސީ އިސް ބޭބޭފުޅުންގެ އަމަލުތަކާއި އެދުންތައް ބަދަލުކުރަންޖެހެއެވެ. އެހެން ނޫން ނަމަ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެހިގެންދާނެ ބާއްވައެވެ.