Noosverin ge award ah bodethi faadukiyunthah
image
ބްރޯޑްކޮމްގެ ރައީސް ޝަހީބަށް އަލިމަސް ގަލަމުގެ އެވޯޑް ހަވާލުކުރަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
2 ކޮމެންޓް
 

ނޫސްވެރިންގެ އެވޯޑަށް ބޮޑެތި ފާޑުކިޔުންތައް

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި އެވޯޑްތައް ދިން ގޮތާމެދު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ރޭގެ ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އެވޯޑުގެ ގޮތުގައި ފާހަގަ ކުރެވުނު ނޫސްވެރިކަމުގެ އަލިމަސް ގަލަމާއި އަލިމަސް ޝަރަފުގެ ގަލަން ވަނީ އަށް ބޭފުޅަކަށް އަރުވާފަ އެވެ.

ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިފައިވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ޕީއެޗް.ޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަކަށް ވެވަޑައިގެންނެވި ހަވީރު ނޫޙުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު އާއި އާފަތިސް ނޫހުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ނައީމް އިބްރާހީމާއި، މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފު އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން މުހައްމަދު ސައީދު މޫސާ ވަޖުދީ އާއި ހޯރަފުށީ މުހައްމަދު ސަލީމް އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު އާއި ވީމީޑިއާގެ އިސް ހިންގުންތެރިޔާ އިމާދު ލަތީފަށެވެ.

އެ ބޭފުޅުންނަށް އަލިމަސް ގަލަން އެރުވީ، ނޫސްވެރިކަން ކުރިއަރުވައި އެ ދާއިރާ އިން ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާތީ އެކަމުގެ އަގު ވަޒަންކުރުމަށެވެ.


އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ އެއް ކަމަކީ އަލިމަސް ގަލަން ލިބުނު ބޭފުޅުންގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ޝަހީބު ހިމެނުމެވެ. ފާޑުކިޔާ މީހުން ބުނާގޮތުގައި ޝަހީބު އަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި މިނިވަން ނޫސްވެރިކަން ނައްތާލުމަށް ކުރި މަސައްކަތްތަކުގެ އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަށް ނޫސްވެރިކަން ކުރިއެރުވުމުގެ ދާއިރާ އިން އިނާމެއް ދިނުމަކީ "ނޫސްވެރިންނަށް ކުރި މަލާމާތެއް،" ކަމަށް ގިނަ މީހުން ބުނެ އެވެ.


ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމުގެ އަގު ވަޒަންކޮށް، އަލިމަސް ޝަރަފުގެ ގަލަން އަރުވާފައިވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޑރ. މުހައްމަދު ޒާހިރު ހުސެން އާއި އައްބާސް އިބްރާހީމް އަދި ސީނާ އަހުމަދު ޒާހިރު އާއި އިބްރާހީމް ރަޝީދު މޫސާގެ އިތުރުން ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ރޭ ހާސިލްކުރެއްވި އަބްދުﷲ ސޯދިގު (ސޯދުބެ) އާދި ކޮޕީ މުހައްމަދު ރަޝީދު އަދި އަބްދުﷲ ފާރޫގު ހަސަނަށެވެ.

ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ފުރުސަތު ހުޅުވާލި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރައީސް މުހައްމަދު ނަޝީދުގެ އަގު ވަޒަންކޮށް އެމަނިކުފާނަށް އެ އެވޯޑް ނުދެއްވުމުން ވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ނޫސްވެރިންގެ އިތުރުން، ކުރީގެ މިނިސްޓަރުންނާއި، މީޑިއާގެ އިސް ބޭފުޅުން ވެސް އެކަމަށް އަންނަނީ ފާޑު ކިޔަމުންނެވެ.


"އެވޯޑް ލިބުނަސް ނުވަތަ ނުލިބުނު ނަމަވެސް، ރާއްޖޭގެ ނޫސްވެރިކަމަށް ރައީސް ނަޝީދުގެ ކުރެއްވި ހިދުމަތް ވަރަށް ބޮޑު. ނޫސްވެރިންނަށް ހުރިހާ ކޮޅަކުން ފިއްތުންތައް ކުރިމަތި ވަމުން ދިޔައިރު ވެސް އެކަމަށް ބެލުމެއް ނެތި އެމަނިކުފާނު ހުންނެވި. ދިވެހި ނޫސްވެރިކަމަށް، ކޮންޓެންޓުގެ ގޮތުންނާއި ބަހުގެ ގޮތުން ވެސް [ރައީސް ނަޝީދު] ވަނީ އިންގިލާބީ ބަދަލުތަކެއް ގެންނަވާފައި...،" ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ޓްވިޓާގައި ވިދާޅުވި އެވެ.


އޭގެ އިތުރުން ރޭ އަލިމަސް ގަލަން ލިބިލެއްވި، ސަން އޮންލައިންގެ ޗީފް އެޑިޓަރު "ހިރިގާ" އަހުމަދު ޒާހިރު ޓްވިޓާގައި ވިދާޅުވީ، ރޭ ބޭއްވި އެވޯޑް ނައިޓްގައި ކުޑަނެވި އައްބާސް އާއި މަނަދޫ އަބްދުއް ސައްތާރު އަދި ރައީސް ނަޝީދުގެ އަގު ވަޒަންކުރި ނަމަ އެ ރަސްމިއްޔާތު އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށެވެ.


އޭގެ އިތުރުން ނޫސްވެރިކަމުގެ ރަން ގަލަން ނުވަ ބޭފުޅަކަށް ދެއްވި އިރު، އޭގެ ތެރެއިން އެއްވެސް އަންހެން ނޫސްވެރިއަކު ހިމެނިފައި ނުވުމުން ވެސް އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ހިޔާލު

ދެކޭމީހާކިޔާމީހާ

ހިރިގާގެވާހަކައަށް ތާއީދެވެ. ވަރަށްފުރިހަމަވީހެވެ.

އަޙްމަދު

ދިވެހިރާއްޖޭގަ ހަމަ އާއި އިންސާފުގެ މަގުން ކަންކަން ކުރާނީ ކޮން އިރަކުންބާ
ބްރޯޑްކާސްޓް މީޑިއާ އާއި މީޑިއާގެ މިނިވަންކަން ނާގާލާފަހުރި ޝަހީބް އަށް މިފަދަ އިނާމެއްލިބުމަކީ ހެއްވާ ކަމެއް
ސާބަސް ދިވެހި ނޫސްވެރިކަމަށް