"ސުލްތާން އޮފް ބިޓްމެން"ގެ ނަމުން މަޝްހޫރުވެފައިވާ އީރާނުގެ ވިޔަފާރިވެރިޔާ ހާމިދުރިޒާ ބާކީރީ ދަރުމާނީގެ މައްޗަށް ކޮރަޕްޝަނާއި، ރިޝްވަތުގެ މައްސަލަތަކެއް ސާބިތުވެގެން އިއްވާފައިވާ މަރުގެ ހުކުމް މިއަދު ތަންފީޒު ކޮށްފި އެވެ.
އޭނާގެ މައްޗަށް ކޮރަޕްޝަނާއި، ރިޝްވަތުގެ މައްސަލަތަކެއް ސާބިތުވީ ސަރުކާރުގެ އެއްބާރުލުމާ އެކު ލޯނުތަކެއް ނެގުމަށް ވަގު ލިޔުންތަކެއް ހެދި މައްސަލާގަ އެވެ. އަދި އޮޅުވާލައިގެން ވަގު ކުންފުނިތަކެއް ބޭނުންކޮށްގެން 300،000 ޓަނުގެ، ތާރުއަޅައިގެން މަގުތައް ހެދުން ފަދަ ކަންކަމުގައި ބޭނުންކުރާ އެސްފާލްޓް ތައްޔާރުކުރަން ބޭނުންކުރާ ބިޓްމެން ހޯދި މައްސަލައެއް ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
އުމުރުން 49 އަހަރުގެ ދަރުމާނީ އަކީ އެ ގައުމުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ މަސައްކަތުގެ ދަށުން މަރުގެ އަދަބު ތަންފީޒު ކުރި ތިން ވަނަ ވިޔަފާރިވެރިޔާ އެވެ.
އީރާނުގެ ޖުޑިޝަރީގެ މީޒާން ނޫސް އެޖެންސީން ބުނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހު ހައްޔަރު ކުރި ދަރުމާނީ ވަނީ މަކަރާއި ހީލަތް ހަދައި، އޮޅުވާލައިގެން 100 މިލިޔަން ޑޮލަރަށް ވުރެ ގިނަ ބިޓްމެން ހޯދައި، އޭގެ ވިޔަފާރި ކޮށްފަ އެވެ.
ދަރުމާނީ އަށް މަރުގެ އަދަބި ދިން ކަން އެ ގައުމުގެ ރަސްމީ މީޑިއާ އިން ހާމަކޮށް، އެކަމަށް ވަރަށް ބޮޑު ކަވަރޭޖެއް ދީފައި ވެއެވެ. އަދި އޭނާގެ ޝަރީއަތް ވެސް ގައުމީ ޓީވީން ވަނީ ވަގުތުން ދައްކާފަ އެވެ. އީރާނުން ބުނީ އެހާ ބޮޑު މީޑިއާ ކަވަރޭޖެއް އެކަމަށް ދިނީ، މިފަދަ މައްސަލަތަކުގެ ސީރިއަސް ކަން އާންމުންނަށް އަންގައި ދިނުމަށް ކަމަށެވެ.
މިދިޔަ މަހު އީރާނުން ވަނީ އެ ގައުމުގައި "ސުލްތާން އޮފް ކޮއިންސް"ގެ ނަމުން މަޝްހޫރުކަން ހޯދި ކަރަންސީ ޓްރޭޑަރެއްގެ މައްޗަށް ކޮރަޕްޝަން ހިންގިކަން ސާބިތުވުމުން އިއްވި މަރުގެ އަދަބު ތަންފީޒު ކޮށްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ވަނީ ކޮރަޕްޝަނާއި، ރިޝްވަތުން ދެ ޓަނަށް ވުރެ ގިނަ "ރަން ފައިސާ" އެއްކޮށްފަ އެވެ.