Irukolhehge Thereygai, Hiigaimu Resort Andhaa Alhiyah
image
ރޭގެ ހާދިސާގައި އަނދާ ހުލިވި، ގިލިލަންކަން ފުށީގެ ކޮޓަރިތައް.-- ފޮޓޯ: ލިންކްޑްއިން/މުހައްމަދު ނާއިލް
1 ކޮމެންޓް
 

އިރުކޮޅެއްގެ ތެރޭގައި، ހިތްގައިމު ރިސޯޓް އަނދާ އަޅިޔަށް

އެޗްޕީއެލް ހޮޓެލްސް އެންޑް ރިސޯޓުން މާލެ ކައިރީގައި ހިންގަމުން އަންނަ ގިލިލަންކަން ފުއްޓަކީ ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ ރިސޯޓެކެވެ. އެންމެ މަތީ ފެންވަރުގެ މޫދު ކޮޓަރިތައް ހުންނަ ރިސޯޓުގެ ކޮންމެ ދިމާލަކުން ވެސް ފެނިގެން ދަނީ ހިތްގައި މަންޒަރުތަކެވެ. ކޮޓަރީގައި ހުންނަ އިރު، ވަށައިގެން ފެންނަނީ މޫދާއި އެ ރަށުގެ ހިތްގައިމު ގޮޑުދޮށެވެ.
ނަމަވެސް އެ ހިތްގައިމު މާހައުލު، ކުއްލި ގޮތަކަށް ބަދަލުވީ އެވެ؛ ރިސޯޓުގެ އެންމެ އަގުބޮޑު "ކްރޫޒޯ ރެޒިންޑެންސް"ގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ އެކު އެވެ. އެ ކޮޓަރީގައި ރޯވި އަލިފާންގަނޑު، ކޮންޓްރޯލް ނުކުރެވި އެތައް ކޮޓަރި އަކަށް ފެތުރުނީ އެވެ. އެއާ އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިތްގައިމު ރިސޯޓުގެ ބޮޑު ބައެއް އަނދާ އަޅިޔަށް ވެގެން ދިޔައީ އެވެ.

ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި މިއީ ރާއްޖޭގެ ރިސޯޓެއްގައި ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. ނަމަވެސް ނަސީބަކުން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ؛ އެކަމަކު ތިން މީހަކަށް ކުދި އަނިޔާތައް ލިބުނު ކަމަށް އެ ރިސޯޓުން ބުނެ އެވެ.

ގިލިލަންކަން ފުށީގެ މޫދު ކޮޓަރިއެއް.-- ފޮޓޯ: އެމްއެންޑީއެފް

މީގެ ކުރިން ރިސޯޓުތަކުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި އާންމު ގޮތެއްގައި އަނދައިގެން ގޮސްފައި ވަނީ އެއް ރޫމް ނުވަތަ ދެ ރޫމް ވަރެވެ. އެކަމަކު ރޭ ގިނގި އަލިގާނުގެ ހާދިސާގައި ގިލިލަންކަން ފުށީގެ މަތީ ފެންވަރުގެ އެތައް ކޮޓަރިތަކެއް ވަނީ އަނދާ ހުލިވެފަ އެވެ.

ގިނަ ބަޔަކު ބުނާގޮތުގައި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ބާރަށް ފެތުރިގެން ދިޔައީ އިރުމަތި ފަރާތުން ގަދަޔަށް ވައި ޖެހެމުން ދަނިކޮށް، އަލިފާން ރޯވީ ވައި މަތީގައި ހުރި ކޮޓަރިއެއްގައި ކަމަށް ވުމުންނެވެ. އެހެންކަމުން ކައިރީގައި ހުރި ތަންތަނަށް އަލިފާންގަނޑު ފެތުރިގަތްލެއް އަވަސްވީ އެވެ.

އެ ރިސޯޓަކީ ކުޑަ ރަށެއް ކަމުން، އެ ތަނުގެ އިމާރާތްތައް ވެސް ހުންނަނީ ކައިރި ކައިރީގައި ކަމަށް ވުމުން އަލިފާންގަނޑު ފެތުރުން އިތުރަށް އަވަސްވީ އެވެ. އެންމެ ފަހުން މޫދު ކޮޓަރިތަކުގައި ރޯވި އަލިފާންގަނޑު، ރަށު ތެރޭގައި ހުންނަ ރެސްޓޯރަންޓާއި، ބަދިގެ އަށް ވެސް ފޯރައި އެ ތަންތަން ވެސް އަނދާ އަޅިޔަށް ވެގެން ދިޔައީ އެވެ.

އެނގިފައިވާ ގޮތުގައި ނުރައްކާތެރި ހާދިސާ ހިނގި ވަގުތު ރިސޯޓް އޮތީ ފުރިފަ އެވެ. އަދި މިއީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރަށް ވުމުން، އެ ރިސޯޓު އޮތީ ކުރިއަށް އޮތް ދުވަސްތަކަށް ވެސް ވަރަށް ބޮޑަށް ފުރިފަ އެވެ. ކުއްލި އަކަށް ރިސޯޓް ބަންދު ކުރަން ޖެހުމުން، އެ ތަން ހިންގި ކުންފުންޏަށް މި ހާދިސާގައި ލިބިގެން ދިޔަ ގެއްލުންތައް އިތުރަށް ބޮޑުވެގެން ދިޔައީ އެވެ.

ރޭގެ ހާދިސާގައި އަނދާ އަޅިޔަށްވި ކޮޓަރިއެއްގެ އެތެރެ.-- ފޮޓޯ: އެމްއެންޑީއެފް

"އަދި އަޅުގަނޑުމެންނަށް ޔަގީނެއް ނުވޭ ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ވެސް. ވަރަށް ބޮޑު ގެއްލުމެއް އެހެންވީމާ ސީދާ މީގެ އަންދާޒާއެއް ކުރަން ވަގުތު ނަގާނެ. އެކަމަކު މިހާރު ވެސް ޔަގީންކަމާ އެކު ބުނަން އިނގޭ ވެލިއު ކުރަންޏާ މިއީ އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން،" ރެއަކަށް 3،000 ޑޮލަރުން މަތިން ޗާޖް ކުރާ މަތީ ފެންވަރުގެ ރިސޯޓުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.

ޖާގަ ތަނަވަސް 45 މޫދު ކޮޓަރި ހުންނަ ރިސޯޓުގައި މިވަގުތު ތިބި ހުރިހާ ގެސްޓުން އެހެން ތަންތަނަށް ބަދަލު ކުރި އިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެ ރިސޯޓަށް އަންނަން ބުކިން ހައްދާފައިވާ މީހުންގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތައް މިހާރު ބަދަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ރާއްޖެ އަށް އަންނަ މަޝްހޫރު އެތައް ތަރިންނެއް ޗުއްޓީ ހޭދަކުރާ ގިލިލަންކަން ފުށީގައި އަލިފާން ރޯވަން ދިމާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ބެލެވެނީ އަލިބާނުގެ ބޮޑު ހާދިސާ ހިނގީ ކަރަންޓް ޝޯޓަކުން ކަމަށް ބެލެވޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ހިޔާލު

ޗެރީ

ރޫމު ، ކޮޓަރި؟؟؟