Kuru Vaahaka: Maahaulee
image
މާހައުލީ--
ފަތުހުﷲ އަހުމަދު
6 ކޮމެންޓް
 

މާހައުލީ..

ފޯނު ނަގައި ގަޑިއަށް ބަލައިލީމެވެ. މިނެޓު ކަށި ނުވަތަށް އެނބުރޭނެ ނަމައޭ ހިތަށް އެރިއެވެ. އަވަސްއަވަހަށް ފެރީން ފުންމައިލައިގެން ސައިކަލާ ދިމާއަށް މިސްރާބު ޖެހީމެވެ. ކުއްލިއަކަށް ގައިގައި މީހަކު ލައިގަތެވެ. އަވަހަށް ބަލައިލީމެވެ. ކަޅުފުސް ވިލާގަނޑަކުން ހަނދު ދައްކައިލި ކަހަލައެވެ. އެއީ ސާދާ ދޮން މޫނެއްގެ ވެރިއެކެވެ. އަހަންނަށް ނަޒަރު ހިންގައިލެވުނީ މަތިން ތިރިއަށެވެ. ބުރުގާގައި ޖަހައިލައިފާ ގޮށުން ޒުވާނާގެ ހައިސިއްޔަތު ހާމަކޮށްދިނެވެ. އިސްކޮޅާ ހަމައަށް ސޮހިފައިވާ ގަޔަށްދޫ ކަޅު ހެދުމުން ޤަބޫލުކުރުންތައް ސާފުވިއެވެ.
"ކިހައި ދެރަކަމެއް؟ ކަލޭމެން ތަންކޮޅެއް ބަލައިގެން އުޅެން ވެއްޖެއްނު. އިސްތަށިގަނޑުން ކަނދުރާ ނިވާކޮށް، އެއް ކަންފަތުގަ މުދި އެލުވީމަ ކަލޭމެންނަށް ހީވާނެ ދުނިޔެއަކީ ރަން ޖަވާހިރޭ" ރުންކުރު ރާގެއްގައި ފިރިހެނަކު އަހަންނާ ދިމާއަށް ހަޅޭއްލައިގަތެވެ. "އަދިވެސް ހުރީނު. އަހަރެން އެހައި އަގުބޮޑުކޮށް ޓޭންކަށްލާން ގަނެގެން ގެނައި ދެ މަސް ތިޔަ ވައްޓައިލީ މޫދަކަށްނު"

"ސޮރީ. އަހަރެން ގަސްތަކު ނޫން" ބިންމައްޗަށް ވެއްޓިފައި އޮތް ކޮތަޅު ނަގައި އެ ޒުވާނާއަށް ދިއްކޮށްލަމުން ވައިއަޑުން ބުލެނީމެވެ. އެ ޒުވާނާއާ ހަތަރު ކަޅި ހަމަކޮށްލައިގެން ހުރެއެވެ. "ބާކީ މިއޮތީ އެންމެ މަހެއް؟ އަނެއް ދެމަސް އެ ދިޔައީ މޫދަށް. އެސޮރުމެންގެ ވެށްޓަށް. ބަދަލުގައި ކިހައިވަރެއް ދޭންވީ؟"
"އެ ވީ އެންމެ ރަނގަޅަށް" އެ ޒުވާނާގެ ޖަވާބު އިވިފައި އަހަންނަށް ހައިރާންކަން ލިބުނެވެ.
"ކީއްވެ؟" މަޑުމަޑުން އަހަރެން އަހައިލީމެވެ.
"މާހައުލީ ނުކުޅެދުންތެރި ކަމަށްވުރެ މާއްދީ އަޅުވެތިކަން މާ ނުރައްކާވާނެ" ޒުވާނާގެ ތުންފަތުގެ ހަރަކާތުން އޭނާގެ ޖުމުލަ އަހަރެން ކިޔައިލީމެވެ.

"މާނައަކީ؟" އެ ޖުމުލަ ދެފަހަރު ކިޔައިލުމުން ވެސް މާނައެއް ދޭހަ ނުވުމުން ސުވާލުކޮށްލީމެވެ.
"މައީޝާ! ބަލަ އަދިވެސް ހުރީތަ؟" އަނެއްކާ ވެސް އެއްކަލަ މީހާ ހަރުކަށިކަމާއެކު ގޮވާލިއެވެ. ހުޅުލޭ ފެރީ ގިމަތައިގެ ހަލަބޮލިކަމާއި ދުއްވާ އެއްޗެހީގެ އަޑުގެ ސަބަބުން އެމީހާގެ އަޑު އިވުނީ ފަނޑުކޮންނެވެ.
"ވަރަށް ލޯބި ނަމެއް. ދަނީ. އަދި ފެންނައްޗެ އިނގޭ" އެމީހާ އަހަންނާ ދިމާއަށް އަންނަތަން ފެނުމުން އަހަރެން ސައިކަލާ ދިމާއަށް ހިނގައިގަތީމެވެ.

މީހުން އެ ދައްކަނީ ހާދަ ފާޑެއްގެ ވާހަކައެކޭ އަހަރެންގެ ހިތަށް އެރިއެވެ. ފުރަތަމަ ނަޒަރުން ލޯބިވުމަކީ އަހަރެން ޤަބޫލުކުރާ ފަލްސަފާއެއް ނޫނެވެ. އެހެންކަމަށްވާނަމަ މިއަދު މައީޝާދެކެ ވެސް އަހަންނަށް ލޯބި ވެވުނީއެވެ. ލޯމަރައިލުމުން އެ އޮމާން މޫނުގެ ތަސްވީރު އަހަންނަށް ސިފަ އެވަނީ އެހެންވީމަ ހެއްޔެވެ؟ އެކަނިވާ ކޮންމެ ފަހަރަކު އެ ހަނދާން އެކުރެވެނީ އެބުނާ ނަޒަރުން އަހަންނަށް ބެލުނީމަ ހެއްޔެވެ؟ އަހަރެންގެ ދުލު ކުރިން މައީޝާ މި ކިޔެނީ އެ ނަމުގެ މާނާގައިވާ ގޮތަށް "ދިރިއުޅުމަށް ބަރަކާތަކަށް" އެ ނަން ވާތީ ހެއްޔެވެ؟ އަހަރެންގެ ފޭސްބުކު އައިޑީގެ ނަމާއި މައީޝާގެ ފަހު ދެ އަކުރާ ގުޅުވާލެވުނީ އެ ޖަޒުބާތުގެ ވާދީގައި ފީނޭތީ ހެއްޔެވެ؟

އަހަރެންގެ ޖަވާބަކީ ނޫނެކެވެ. އެހެން އެވީ އެ ރުންކުރު މީހާގެ ސަބަބުންނެވެ. އޭނާ އަހަންނާ ދިމާއަށް ބޭނުންކުރި ބަސްތަކުގެ ސަބަބުންނެވެ. އެންމެ ކުރިއްސުރެ މިއަދާ ހަމައަށް ވެސް އަހަންނަކީ ކަންކަމާ ކެރިގެން ކުރިމަތިލާ މީހަކީމެވެ. މީހަކު ދެރަ ބަހެއް ބުނެފި ނަމަ ދޫނުކުރާ މީހަކީމެވެ. ގޮތް ނޭނގޭ އެ މީހާ މިއަދު ފާޑުކީ އަހަރެންގެ ބޭރު ފުށަށެވެ. މީހާގެ ބޭރު ފުށާއި އެތެރެ ފުށުގެ ތަފާތު އެމީހާއަށް ނުވިސްނެނީ ހެއްޔެވެ؟ ބައެއްފަހަރު އެހެން މީހުން ފައްކާކުރާ ތޮށިގަނޑު ތިމާއަށް ހެޔޮވަރު ކުރަން ޖެހޭކަން އެމީހާއަށް ނުވިސްނެނީ ހެއްޔެވެ؟
"ކީކޭ ނީޒް؟" ކަންފަތުގައި ފޯނު ޖައްސައިލީމެވެ. "ދެންމެ މިއައީ އޮފީހުން، ކުޑަކޮށް ތާޒާވެލައިގެން ހުޅަނގުފަރާތަށް ގުދުވެލުން އޮތީ. އޯކޭ ދޯ ނިންމާލައިފަ ދިޔަޔަސް"

އެކޮޅުން ވާހަކަދެއްކީ ނީޒާއެވެ. ނީޒާގެ ލޯބިވެރިޔާއަކީ އަހަރެންނެވެ. އޭނާއަކީ ވަރަށް ތަފާތު މީހެކެވެ. އަހަންނަށްވުރެ އުމުރުން ފަސް އަހަރު ދޮށްޓެވެ. އަހަރެން އުޅެން ޖެހޭނީ އޭނާގެ ތާވަލަށެވެ. ޖަހަން ޖެހޭނީ އޭނާ ބުނާ ބެރެކެވެ. ނަށަން ޖެހޭނީ އޭނާގެ ފުނައަށެވެ. މިވެސް ފާޑެއްގެ މަޖުބޫރެކެވެ. ދެ ކޮޅު ނުހެދޭ ކަހަލަ ރޯނަކުން ބަނދެލެވުމުން ކުޅެން ޖެހޭ ޑުރާމާއެކެވެ.

އަހަރެންގެ އުމުރުން އެންމެ ފަސް އަހަރުގައި ހިނގައިދިޔަ ކާރު އެކްސިޑެންޓެއްގައި މަންމައާއި ބައްޕަ ނިޔާވި ފަހުން އަހަރެން ގެންގުޅުނީ ނީޒާގެ މަންމައާއި ބައްޕައެވެ. ޔަތީމު ހާލުގައި ފަގީރުކަން ނުފެންނަ މާހައުލެއްގައެވެ. މަދުކަމެއް، މަދު އެއްޗެއް، މަދު ގޮތެއް ނެތް ތަނަވަސް މާހައުލެއްގައެވެ. ނަމަވެސް، އަބަދުވެސް އަހަންނަކީ އަހަރެންކަން ހަނދާންކުރަމެވެ. އަހަރެންމީ އަހަރެންކަން ދަންނަމެވެ. މީހުންނަށް ބަދުބަސް ބުނުމާއި ނުރުހުންވާ ކަންކަމުން ދުރުވަމެވެ. މިއަދު އަހަރެންގެ ހިތް ތޮރުފުނީ އެހެންވީމައެވެ. މައީޝާގެ ހާދިސާއަށް މި ވިސްނެނީ އެހެންވީމައެވެ.
"ނީޒް. އަހަރެން ކުރިން ހުރި އާދައިގެ ގޮތަށް ބަދަލުވެލަންތަ؟" ނީޒާއަށް ގުޅައިފައި އިނގިރޭސިބަހުން އަހަރެން ބުނެލީމެވެ.

"ކިހިނެއްވީ؟" ނީޒާ ވެސް ވާހަކަދެއްކީ އާންމުކޮށް ވާހަކަދައްކާ ރާގަށެވެ.
"މީހުން އެހައި ހިތްހަމައެއް ނުޖެހޭ މިގޮތަށް... އަހަރެން ވެސް"

"ޒާންއަށް މުހިންމީ މީހުންތަ؟ ނޫނީ އަހަރެންތަ؟" ނީޒާ ހިތްހަމަ ނުޖެހުނުކަން އަންގައިލީ އޭނާގެ އަވަސް ޖުމުލަ ތަކުންނެވެ. "އަހަރެން ޒާން ގާތު ބުނިންދޯ ޒާން މި ގޮތަށް މި ބަދަލުކުރަނީ އަހަންނަށް މަޖުބޫރުވެގެންނޭ. ޒާންގެ ރީތިކަމާއި ޒާންގެ ލޮލުގެ ކުލައާއި، ޒާންގެ ހަމުގެ ކުލައާއި، ޒާންގެ ތިޔަ ސްމާޓްކަމާއި، ޒާންގެ ހަށިގަނޑުގެ ބައްޓަމާހުރެ އަހަރެންގެ މިލްކުވެރިކަން ގެއްލިދާނެތީ"

"އަހަރެން މީ ނީޒް" އަހަންނަށް ޖުމުލަ ފުރިހަމަ ނުކުރުވެނީސް ނީޒާ ފެށިއެވެ.
"ޒާން އާދައިގެ ގޮތަކަށް މިއަދު ތިހެން ތިބުނަނީ އަދި ކަމަކާ ވާކަހަލަ ކަމެއް ލައްވާ ނުލާތީ އިނގޭ"
"އޯކޭ. ގެސްޓު ހައުސް ބަލައިލައިފަ މިއަދުގެ ހުރިހާ ފައިސާތަކެއް ޖަމާކޮށްލާނަން. ފަހުން ހުޅުވި ގެސްޓު ހައުސްގަ އުޅޭ ސޮރު ގުޅައިތީ މިދަނީ އެ ތަނަން" އަހަރެން ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ.

ގަޑިން ނުވަގަޑި ބައިވަނީއެވެ. އިރާކޮޅު ވެހުނު ވާރޭގެ ސަބަބުން ހިސާބަކަށް ފިނިކަން ޖައްވުގައި އަތްގަދަކުރި ނަމަވެސް ދުއްވާ އެއްޗެހީގެ ހޫނުން މާހައުލަށްވަނީ ހޫނުކަން ވެރިވެފައެވެ. ގެސްޓު ހައުސްގެ އޮފީސްބައިގައި އަހަރެން އިނީ ދުވަހުގެ ހިސާބުކިތާބު ނިންމާށެވެ. އަހަންނަށް އެހީވުމުގައި ކަބީރު ވެސް އަވަދި ނެތި އުޅެމުން ދިޔައެވެ.
މީހެއްގެ ގިސްލުމުގެ އަޑު އިވުމުން އަހަންނަށް ބަލައިލެވުނީ ކަބީރުގެ މޫނަށެވެ. ކަބީރު ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
"ކާކު ރޮނީ؟" އެންމެ ފަހުން އަހަރެން ކަބީރާ ސުވާލުކުރީމެވެ.

"ބޭބޭ އެ ވައްތަރު މީހާ ވަރަށް ގޯސް ހުންނަނީ" ކޮށި ދިވެހިބަހުން ކަބީރު ޖަވާބުދިނެވެ. "އަބަދުއަބަދު އެ ކުއްޖާ ރޯން ހުންނަނީ"

"ކަބީރު ނުބަލަންތަ ކީއްވެތޯ؟ އަހަރެން ބުނެފަ އޮންނާނީ މި ގެސްޓު ހައުސްގަ އެއްވެސް ގޯސްކަމެއް ކުރުމަށް ފުރުޞަތުދީގެން ނުވާނޭ. ކައިވެނިން ބޭރު، ހިލޭ ދެމީހަކަށް ކޮޓަރި ދޫކޮށްގެން ނުވާނޭ. އާއިލީ ގޮތުން ގުޅުން ހުންނަ މީހުންނަށް ނޫނީ އާއިލީ ކޮޓަރިތައް ދޫނުކުރާށޭ" ރުންކުރު ރާގެއްގައި އަހަރެން ބުނެލީމެވެ. "އަދި އެކަންކަން އެ މަގަށް ކުރާނެ ގޮތްތައް އަހަރެން ކިޔައިދިނީމެއްނު"

ކަބީރު އިސްޖަހައިލިއެވެ. މަޑުމަޑުން ބޯ ޖަހައިލިއެވެ.

"މަޑުކުރޭ އަހަރެން އަންނަންދެން" އަހަރެން ބޭނުންވީ އިވެމުންދިޔަ ގިސްލުމުގެ އަޑަށް ފަރުވާއެއް ދޭށެވެ.
އަޑުއަންނަ ކޮޓަރިއާ ދިމާއަށް ދިޔައީމެވެ. އެއީ 201 ވަނަ ކޮޓަރިއެވެ. މަޑުމަޑުން ތަޅުގައި ހިފައިލީމެވެ. އަމިއްލަ ނަފުސަށް ސިއްރުވާހާ މިންވަރަށް ތަޅު އަނބުރައިލީމެވެ. ފަސޭހަ ކަމާއެކު ދޮރު ހުޅުވައިލެވުނެވެ. އެނދުގެ އެއްކަނުގައި ބެޑުޝީޓު ގައިގައި އޮޅައިލައިގެން އިން ކުއްޖަކު އިނެވެ. ދެ ކަކޫ ގަޔާ ފިއްތައިލައިގެން ކަކުލުގައި ބޯ އަޅައިލައިގެން އިން އަންހެން ކުއްޖާ ސިހިފައި ބަލައިލިއެވެ. އޭނާއަށް އަހަރެން ފެނުނެވެ. އޭނާގެ ދެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަމުން ދިޔައެވެ. މޫނުމަތިވަނީ ޖަންބުކުލައަށް ބަދަލުވެފައެވެ. ނިތްމަތީގައިވާ އިސްތަށިތައް ބުރުގާއިން ބޭރުގައި ތަރުތީބެއް ނެތި މޫނުމަތީ ތަތްވެފައި ހުއްޓެވެ. އަހަންނަށް ބަލައިލެވުނީ އެ ޒުވާނާގެ މޫނަށެވެ. ކޮންމެވެސް އެހެން ތަނަކުން ފެނުނު ކުއްޖެއް ކަމަށް ހިތް ބުނާތީއެވެ. ހަނދާނުގެ ޞަފުޙާތައް ފަހަތަށް އުކެމުން ގޮސް އެ މޫނާ ހަމައަށް ހުއްޓުނެވެ.

"މައީޝާ" ބޭއިޚްތިޔާރުގައި އަހަންނަށް ބުނެވުނެވެ.

މައީޝާގެ ގިސްލުން އިތުރުވިއެވެ. އޭނާގެ މޫނު ބެޑުޝީޓުން ނިވައިކޮށްލިއެވެ. އަހަރެން މަޑުމަޑުން އެތެރެއަށް ވަދެ އެނދުގައި އިށީނީމެވެ. މައީޝާއަށް ފުރަގަސްދީގެންނެވެ. މުށިގަނޑުމަތީ އޮތް ކަޅު ކުލައިގެ ހަރުވާޅު ނަގައި ދިއްކޮށްލީމެވެ. ފަސް އެނބުރި ބަލައިލުމެއް ނެތިއެވެ.

"މައީޝާ އަހަރެން ބޭނުން ވާހަކަދައްކަން. އެނގޭ މިއީ އެންމެ ރަނގަޅު ވަގުތެއް ނޫންކަން ވެސް. ހިތްވަރުކޮށްފަ ވެގެން މިއުޅޭ ގޮތް އަހަންނަށް ކިޔައިދޭންވީނު" އަހަރެން މައީޝާއާ ފުރަގަސްދީގެން އިނދެ ވާހަކަދެއްކީމެވެ. "މައީޝާ ހީކޮށްފާނެ އަހަރެން މައީޝާއަށް ފާރަލަނީއޭ. އަހަރެންގެ ދެފައި މި ކޮޓަރި ގެނުވީ އަހަރެންގެ އިޚްތިޔާރަކު ނޫން. އަހަންނަށް ކުލަ ޖެއްސޭނީ ތަޤުދީރުގައި ކުރެހި މަންޒަރެއްގައި"

އެއާއެކު ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. މައިޝާގެ އަޑު އެކުގައި ކެނޑުނެވެ. އަހަރެން ވެސް އޭނާއަށް ވާހަކަދެއްކުމަށް ފުރުޞަތު ދީގެން އެ އަޑުގެ އިންތިޒާރުގައި އިނީމެވެ. މައީޝާގެ ފުން ނޭވާތައް ހިނދި ކޮޓަރީގެ ތެރޭގައި ފަންކާއިން ވައި ކަފާ އަޑު އަތް ގަދަކޮށްލިއެވެ.
"އަހަންނަކަށް ނޭނގެތީ ކާކު ކަ..." މައީޝާ އަޑުބެދުނެވެ.

"އަހަންނަކީ ޒާން" މައީޝާގެ ސުވާލު ނުނިމެނީސް ވާހަކަ ފެށީމެވެ. "މީ ވަރަށް އާދައިގެ މީހެއް. މީހާ ހުންނަ ސިފައަކުން މީހާ އަކީ ކާކުކަމެއް ނޭނގޭނެ. މައީޝާއަށް ތިޔަ ފެންނަނީ އެހެން މީހެއްގެ ތޮށިގަނޑަށް ވަދެގެން ހުންނަ އަހަރެން އެކަނި"

"އަހަންނަށް... އިތުބާރު..." މައީޝާގެ އަޑު ބެދުނު ކަހަލައެވެ.

"އަހަންނަށް ވެސް އެނގޭ އިއްޔެ މެންދުރު ފެނުނު މީހަކަށް އިތުބާރު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަން" އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. "މީހުން ބުނޭ އެމީހާއަށް އެހީތެރިވާން ހުރި މީހާ ވަގުތު ޖެހުމުން ކޮންމެ ވެސް ހައިސިއްޔަތެއްގެ ތޮފި އަޅައިގެން އެމީހަކާ ބައްދަލުކުރާނޭ. އަހަރެން ޤަބޫލު ވެސް ކުރާ ޙަޤީޤަތެއްމީ. އެހެންވީމަ އަހަރެންގެ ދެފައި މިއަދު މިތަނަށް މި ހާޟީރުކުރުވީ. ތިޔައީ އަހަރެންގެ އެހީއަށް ބޭނުންވެފައިވާ މީހެއް ކަމަށް ޤަބޫލު މި ކުރަނީ. އެއްވެސް މަޖުބޫރެއް ނެތް. މައީޝާ ބޭނުން ނޫންކަމެއް އަހަރެން ނުކުރާނަން"

މައީޝާގެ ގިސްލަމުން ގިސްލަމުން، ހުއްޓަމުން ހުއްޓަމުން ހަޔާތުގެ ޞަފުހާތައް އަހަރެން ކުރިމަތީގައި ފަތުރައިލަދިނެވެ. މަޖުބޫރުގެ ކޮށްޓެއްގައި ތާށިވެފައި އިން ކޮކާލެއް ފަދަ އެ މައުސޫމު މައީޝާގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. އެ ފުން ދެ ލޮލުން އެދެމުން ދިޔައީ ހިމާޔަތުގެ އައްސޭރިއަކަށެވެ. އެ މައުސޫމު މޫނުން އާދޭސްކުރަމުން ދިޔައީ އެހީތެރިކަމަށެވެ.

ކުއްލިއަކަށް ދޮރުގެ ތަޅުގައި މީހަކު ހިފައިލިއެވެ. މައީޝާ ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަންނަށް ތެދުވެވުނެވެ. މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. އެއީ އެއްކަލަ ރުންކުރު މީހާއެވެ. އެމީހާ އެއް ފަހަރު އަހަރެންގެ މޫނަށް އަނެއް ފަހަރު މައީޝާގެ މޫނަށް ބަލައިލިއެވެ.

"ކަލޭ ދޯ! ކަލޭ ކީކޭ ހިތަށް އަރައިގެންތަ ތިޔަ އުޅެނީ؟ މައީޝާގެ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތިޔަ އުޅެނީ ކީއްވެގެންތަ؟ އެ ދުވަހު މަގޭ މަސްކޮޅު މޫދަށް އުކައިލައިފަ، އަނެއްކާ މިރޭ ވެސް ކޮންމެވެސް ޙައްޤަކަށް އަރައިގަންނަންދޯ" އެމީހާގެ ޝަހާދަތް އިނގިލި އަހަރެންގެ މޫނާ ދިމާކޮށްލިއެވެ. "ބުނަން ކަލޭ ނުފުއްޕައްޗެ. އަދި ކަލޭ މައީޝާއާ ވައި ވެސް ނޭޅެއްޗެ. މާދަމާރޭގެ ފަހުން މައީޝާ އެއީ މީހެއްގެ އަނތްބަކަށް ވާނެ މީހެއް"

"މަސްކޮޅޭ ޙައްޤޭ ކިޔައިގެން ވާހަކަދައްކަންވީ ކަލޭތަ ނޫނީ މައީޝާތަ؟ ނޫނީ އަހަރެންތަ؟" އަހަރެން ބޭނުންވީ އަހަންނަށް ކަންކަން އެނގޭކަން އަންގައިލާށެވެ. "މައީޝާއަށް ހެޔޮއެދޭ ބޮޑުބޭބެ، އަލްފާޟިލް އާދަންމަނިކު އިބްރާހިމްގެ ރަސްމީ ފައިވާނުން މައީޝާއަށް ކަލޭ ތިޔަ ހޯދައިދެނީ ކިހައިވަރެއްގެ އުފަލެއް. ކިހައިވަރެއްގެ ހިތްހަމަ ޖެހުމެއް. ނިކަމެތި ޔަތީމު އަންހެން ކުއްޖަކަށް ދެވޭނެ އެންމެ ބޮޑު ދެރަ ކަލޭގެ، އެއް ލޭ ހިނގާ އެ މައުސޫމު މައީޝާއަށް ތިޔަ ދެނީ އޭނާގެ ކޮން ކުށެއް އޮވެގެން؟"

"އޭނ ކަލޭ ހާދަ ލޯތްބެއް މައީޝާ ދެކެ ތިޔަވަނީ" އާދަންމަނިކު މަލާމާތުގެ ރާގު އަޅުވައިލިއެވެ. "މަށަކަށް އަދި ނޭނގޭ ކަލޭ ތިޔަ ޞާލިޙް މީހާ މައީޝާ ދެކެ ތިޔަވާ ލޯތްބެއް"

އަހަންނަށް ބަލައިލެވުނީ މައީޝާގެ މޫނަށެވެ. އެ ދެ ލޮލުން އަހަންނަށް ފެނުނީ ޖަޒުބާތީ ބާރެކެވެ. ދަމައިގެންދާ ކަހަލަ އިހުސާސެކެވެ. އެ ބެލުމުގެ ބާރުން އަހަރެންގެ ހިތް ދަމައިގަތް ކަހަލައެވެ.

"ބުނެބަލަ ކީއްވެތަ ހިމޭންވީ؟ ކީއްވެތަ އެއްޗެކޭ ނުބުނެވުނީ؟ މި އަހަނީ ކަލޭ މައީޝާދެކެ ލޯބިވަނީހޭ؟" އާދަންމަނިކު އަހަންނާ ދިމާއަށް ބަލައިލިއެވެ.

"އާނ އާނ. އަހަރެން މައީޝާދެކެ އިންތިހާއަށް ލޯބިވަން. އޭނާގެ ހާލާމެދު ހަމްދަރުދީވަން. އަހަރެންގެ އުފާތަކަށްވުރެ ބޮޑަށް އޭނާގެ އުފާތަކަށް އިޙްތިރާމު ކުރަން. އަހަރެންގެ ރައްކާތެރިކަމަށްވުރެ ބޮޑަށް އޭނާގެ ރައްކާތެރިކަމަށް އިސްކަންދޭން ބޭނުން"
"އާޗާ. ކަލޭއަށް ކޮން ރައްކާތެރިކަމެއް؟ ކޮން ލޯތްބެއް؟ ވަޔަށްދާ ކާޅު ފަތެކޭ ކަލޭގެ ނެތް ތަފާތެއް" އާދަންމަނިކު އަހަންނާ ދިމާކުރަން ފެށިއެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވަން ފެށިއެވެ. އަހަރެންގެ ގަމީހުގެ ގިރުވާނުގައި ހިފައި ބާރުކޮށްލިއެވެ.

ކޮޓަރީގެ އަޑު ގަދަވާތީ ކަބީރާއި ދެތިން މީހަކު އައިސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެއާއެކު އާދަންމަނިކު ދުރުކުރުވިއެވެ.

"ކަލޭ ކޮންވައްތަރު ހުންނަނީ. ބޮސްއަށް ރެސްޕެކްޓްކުރަން ޖެހެނީނު" ކަބީރު ރުޅިވެރި ކަމާއެކު އާދަންމަނިކާ ދިމާއަށް ބުނެލިއެވެ.

"ކަލޭ ކިހިނެއް ބޮސްއަކަށް؟" އެއާއެކު އާދަންމަނިކު އަހަންނާ ދިމާއަށް ތަފާތު ނަޒަރަކުން ބަލައިލިއެވެ. "ކަލޭގެ ބޮސްއަކީ ނަފުސު ވަޔަށް ކެހޭ މީހެއްތަ؟"

ކަބީރު އާދަންމަނިކު މޫނުމަތީގައި ޖެހިއެވެ. މަޑުމަޑުން މައީޝާގެ މޫނަށް ބަލައިލިއެވެ.
"އަހަރެން ލޯ ފެންނަނީ. ކަލޭ ލާރި ހޯދަނީ. އެމީހާ ވަންނަނީ" ކޮށަމުން ކޮށަމުން ކަހަލަ ގޮތަކަށް ކަބީރު ބުނެލިއެވެ. "ކަލޭ ބުނާ އެއްޗެއްގެ މާނަ މަށަށް އެނގެނީ"
"ކަލޭ ވެސް އަހަންނަށް ފާރަލަނީތަ؟" އާދަންމަނިކު ރުޅި ގަދިވިއެވެ.

"އާނ. އެބުނީ ތެދެއް. އަލްފާޟިލް އާދަންމަނިކު އިބްރާހިމަކީ އަހަރެންގެ އުންމީދުތައް ވެއްޔާ މޮޑެލި މީހާ. މީހެއް ނޫން ޖަނާވަރެއް" މައީޝާ ރުޅިވެރިކަމާއެކު އެނދުން ތެދުވިއެވެ. "އަންހެނަކަށް އޭނާގެ އަލަތު ފިރިމީހާއަށް ދޭން ލިބޭނެ އެންމެބޮޑު އުފަލީ އެންމެ ބޮޑު ހަދިޔާއަކީ ކޮބައިކަން ކަލޭއަށް ނުވިސްނެނީތަ؟ ކަލޭއަށް ނޭނގޭތަ އަހަރެން ނުގަބޫލުގަ ކޮންމެ ދުވަހަކު، ހަމަ ކޮންމެ ދުވަހަކު އެ ނުލަފައި ދައްޖާލު ގެނެސް މި ކޮޓަރިއަށް ދޫކޮށްލައިފަ ދިޔައީމަ އަހަރެންގެ ގައިގައި ހަންކޮޅު ނޮޅައި ކާނެކަން؟ ކަލޭއަށް ނުވިސްނެނީތަ އެ ތޫނު ވަކިތަކުން އަހަރެންގެ ޖިސްމު ނޮޅައި ކައިގެން ވެސް ނުފުރޭކަން؟ އެއްފަހަރު ނުފުރިގެން އަނެއް ފަހަރު ކަށިކޮޅާއި މަސްކޮޅުގަ ދޫ އުނގުލާކަމެއް؟ ދުވާލަކު އެތައް ފަހަރަކު އަހަރެން ނޮޅައި ކާކަމެއް؟"

އާދަންމަނިކު އަނގަ ބަންދުވިއެވެ. ބުނާނެ އެއްޗެއް ނުވިސްނި ހަނު ހުއްޓެވެ.

"ކަލޭއަށް އެނގޭނެ އެއީ އަހަރެންނަށް އުފަލެއްދޭން، ދިރިއުޅުމެއް ހޯދައިދޭން އުޅޭ މީހެއް ނޫންކަން. އެއީ އިންނާނަމޭ ކިޔައިގެން ދައްކާ ދަޅައެއްކަން. ދުވަހު ކުއްޔަށް އަހަރެން ނުވިއްކާ ސަލާންޖަހަން މަގުމައްޗަށް ނެރުނުނަމަ މިއަދު މި ވޭންތަކުގައި ފީނަކަށް އަހަންނަކަށް ނުޖެހުނީސް. ކަލޭއަށް އިހުސާސް ކުރެވޭތަ އަހަންނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މި ލިބޭ އަނިޔާ؟ ބުނެބަލަ ކީއްވެތަ އަނގައިން ނުބުނީ؟" މައީޝާ އަތުގެ އިނގިލިތަކާ ކުޅެމުން ގިސްލަމުން ގިސްލަމުން ފުރިހަމަ ކުރިއެވެ. "މިއަދު އަހަރެންގެ އެއްވެސް އެއްޗެއް ނެތް. މަންމައާއި ބައްޕައެއް ނެތް. އާއިލާއެއް ރަހުމަތްތެރިއެއް ނެތް. އަޅައިލާނެ ޔާރެއް އިޔާރެއް ނެތް. ކުޑަމިނުން އަލަތު ފިރިމީހާއަށް ދޭނެ ހަދިޔާއެއްހާ ހިސާބު ވެސް ނެތް"

މައީޝާ ގިސްލަމުން ގިސްލަމުން ތިރިވިއެވެ.

"ދެން ވެސް މައީޝާގެ ކިބައިން މަޢާފަށް އެދި ކުރެވުނު ފާފަތަކަށް ތައުބާވެ މައީޝާއަށް ގެއްލުނު އުފާތައް ހޯދައިދޭން މަސައްކަތްކުރޭ" އަހަރެން އާދަންމަނިކަށް ވިސްނައިދެވޭތޯ ބެލީމެވެ. "ކުށްކުރެވޭނީ އިންސާނުންނަށް. ގޯސްހެދޭނީ ވެސް އިންސާނުންނަށް. ބުއްދިވެރިންނަކީ، އޯގާތެރިންނަކީ އެ ކުށް ޤަބޫލުކުރާ މީހުން"

"އަހަންނަށް ހިޔެއް ނުވޭ މައީޝާ މަޢާފު" އާދަންމަނިކު އިސްޖަހައިލިއެވެ. ދެ ލޯ ފެންކަޅިވިއެވެ. "އަހަންނަށް ނުވިސްނުނީ. އަތްމަތި ދަތިވެގެން އިތުރު ގޮތެއް ނެތިގެން ފައިސާގެ ދަޅަތަކަށް ހެއްލެވުނީ. ލާރި ހޯދާނެ މަގަކަށް މައީޝާ އިޚްތިޔާރުކުރެވުނީ. އިންސާނީ ކަރާމާތުގެ އަގުވަޒަން ނުކުރެވުނީ، އެކަމަކު މިއަދު އަހަންނަށް ވިސްނިއްޖެ. އަހަރެންގެ ސަބަބުން އެކަހަލަ ކަމެއް ދެން ނުވާނެ. ކިތަންމެ ދަތި ހާލެއްގައި ވެސް އިންސާނީ ކަރާމަތަށް އަހަރެން އިޚްތިރާމު ކުރާނަން"

މައީޝާ އަހަންނާ ދިމާއަށް ބަލައިލިއެވެ. މަޑުމަޑުން ދެ ތުންފަތަށް ބާރުކޮށްލިއެވެ. ހަދަންވީ ގޮތެއް ނޭނގޭ ހާލު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"މައީޝާއަކަށް މި ސޮރު ފަދަ ރަނގަޅު ހެޔޮލަފާ ޞާލިޙް މީހަކު ލިބޭނެ ހެން ހިޔެއްނުވޭ. މުހިއްމީ މީހާ ހުންނަ ގޮތެއް ނޫން" އާދަންމަނިކު އަހަރެންގެ އަތް ގެނެސް މައީޝާގެ އަތުތެރެއަށް ލައިދިނެވެ.

"ބޮޑުބޭބެ އަބަދުވެސް ހަނދާން ބަހައްޓާތި މި ލިބުނު ފިލާވަޅު" އަހަރެން އާދަންމަނިކާ ދިމާއަށް ބަލައިލީމެވެ.
އާދަންމަނިކު ވެސް އަހަންނަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ލޮލުން ހިލެމުން ދިޔަ ކަރުނަތައް ކޯތާފަތުގެ މައްޗަށް ސޮހިގެން ދިޔައެވެ.

"ބޮޑުބޭބެ ހަނދާންކުރާތި! މާހައުލީ ނުކުޅެދުންތެރި ކަމަށްވުރެ" މައީޝާ ފެށިއެވެ. "މާއްދީ އަޅުވެތިކަމުގެ ވޭން ބޮޑުވާނެ" މައީޝާގެ ޖުމުލަ އަހަރެން ފުރިހަމަ ކުރީމެވެ. އަހަރެން ވެސް މާއްދީ އަޅުވެތިކަމުން މިންޖުވުމުގެ ޢަޒުމުގައެވެ. ހިނިތުންވެލައިގެން ހުރެއެވެ.
ހިޔާލު

ނޒ

މާޝާﷲ. ފަތޫ ވަރަށް މޮޅު.. ވާހަކަ ވަރަށް ރީތި.

ނަދީ

މިވަަހަކަެިގައި ހާދަބަޔަކު އެބަ އުޅެޔޭ.

އާސިމް

ސަޅި... ވ ށައުގުވެރި

މައްކޮ

ރޮވިއްޖެ.... އަސްލުވެސް މީހަކު ހުންނަ ގޮތުން އެމީހާގެ ހާލެއް ނޭގޭނެ

އަލްމާ

ސަޅި... ވ ސަޅި ވާހަކައެއް

ކިޔާމީހާ

އާޗާ.