Kuru Vaahaka: Thin Akuru
image
ތިން އަކުރު--
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ކުރު ވާހަކަ: ތިން އަކުރު...

ތިމާއަށް ސަމާލުވި މީހަކަށް ތިމާގެ ސަމާލުކަން ނުދީފިނަމަ ފަހުން ދެރަވެ ރޯންޖެހިދާނެއެވެ. އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. އަހަންނަށް ވެސް ވީ އެހެންނެވެ. ޒިޔާދަކީ އަހަރެންގެ ލޯބިވެރިއެއް ނޫނެވެ. ނަމަވެސް، އެ ހިތުގައި ވިންދު ޖަހަނީ އަހަރެންގެ ނަމުގައެވެ. އެ ވިންދުގައި ގުގުމަނީ އަހަރެންގެ ތަސްވީރުކަމަށް ޒިޔާދު އަބަދުވެސް ބުނެއެވެ. އަހަންނަށް އެކަން ހަނދާންކޮށްދެއެވެ. ޒިޔާދުގެ މަލިކާއަށް އަހަރެންވުން އެއީ މައްސަލައެއް ހެއްޔެވެ؟ އަހަރެންގެ ހިތުގެ އަމީރަކަށް ޒިޔާދު ނުވުން އެއީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟
"މައްސަލައެއް ނޫން" ޒިޔާދު ދިނީ ސީދާ ސާދާ ޖަވާބެކެވެ. "އެކަމު ވެސް އަހަރެން ވަރަށް އަޑުއަހަން ބޭނުންވޭ ތިޔަ ދުލުން އެހެން ބުނާއަޑު"
"ކޮން އަޑެއް؟" އަހަރެން ހެޑުސެޓު ކަންފަތަށް ހެޔޮވަރުކޮށްލީމެވެ. މަޑުމަޑުން އެނދުގައި ފުރޮޅިލަމުން ބާލީހުގައި ބައްދައިލީމެވެ.

"އަހަރެން އެންމެ އަހަން ބޭނުންވާ އަޑަކީ ވެސް އެއީ" ޒިޔާދުގެ އަޑުގައި ރާޅުބާނިތަކެއް ދައުރުކުރަމުން ދިޔަކަން ފާހަގަވަމުން ދިޔައެވެ. "ނިކަން އެއްފަހަރު ވެސް އެހެން ބުނެލަންވީނު"

"އަހަރެން އެބަ ޖެހޭ ކުލާހަށް ދާންވާއިރަށް މަސައްކަތެއް ނިންމަން" ވާހަކައިގެ އޮއިވަރު ބަދަލުކޮށްލީ އަހަރެންނެވެ.
"އެންމެ ރަނގަޅު" ޒިޔާދުގެ އަޑު ބެދުނުހެން ހީވިއެވެ. "ޒީ ބޭނުންގޮތެއް، މިހާރު ކެތްމަދުވެފަ މި ހުންނަނީ ޑިސެންބަރު ނައިސްގެން"
"ކެތްކޮށްލާ"

"އެދުވަހަކުން އަހަންނަށް ޒީގެ ޚަބަރެއް ނުބެލިދާނެ" ޒިޔާދު މާޔޫސްވިއެވެ. "އަހަންނަކަށް އެއްވެސް އުންމީދެއް، ޔަޤީންކަމެއް ނެތް ޒީ އާ ބައްދަލުވާނެކަމުގެ"

"ކީއްވެތަ އަބަދު ތިހެން ބުނަނީ؟" އަހަރެންގެ ސުވާލު ތަކުރާރުކޮށްލީމެވެ.

އަހަރެން ސަބަބު ހޯދަން ބޭނުންވެއެވެ. ނަމަވެސް އެހައި ހިސާބަށް ދާއިރަށް ނިދިއަންނާނެއެވެ. ވާހަކަ ހުސްވާނެއެވެ. ފާޚާނާއަކަށް ދާން ޖެހިދާނެއެވެ. ނޫނީ ބިޒީ ވެދާނެއެވެ. ޒިޔާދު އެ ސުވާލުގެ ޖަވާބު ނުދެނީ ކީއްވެކަމެއް އަހަންނަކަށް ނުވިސްނެއެވެ.

އަހަންނަށް ޒިޔާދު ފެނުނީ ލ އަތޮޅު ގަމުންނެވެ. ޒިޔާދަކީ ގަމު މީހެކެވެ. އަހަންނަކީ ލ އަތޮޅު ކަޅައިދޫ މީހެކެވެ. އަހަރެން އޭލެވެލް ކިޔެވީ ގަމުންނެވެ. އެއީ އަހަރެން ހުރި ގެއަށް އައިސް އުޅުނު މީހެކެވެ. އެގޭ އެންމެންގެ ދުލުކުރީ ނަމަކީ ޒިޔާދެވެ. އޭނާ އެ ގެއަށް އަންނަނީ މަޣްރިބު ނަމާދު ވަގުތު ޖެހެންވީމައެވެ. އެއީ ރޯދަމަހު އެގެއިން މިސްކިތަށް ފޮނުވާ ކާނާތައް އުފުލައިދޭ ސަވާރީއެވެ. އެގޭ މީހުންގެ މުނިއަވަސް ފިލުވައިދޭ ޖޯކަރެވެ. މީހުން އަޖައިބު ކުރުވާ ޖާދޫގަރެވެ. ކުޑަކުދިންގެ ކުޅޭބޭބެއެވެ. ދައްތަގެ ހަށިފާރަވެރިޔާއެވެ. އަހަރެން އެރަށަށް ދިޔަ ފަހުން ޒިޔާދުގެ ފިޔަވަޅުތައް އެ ގޯތިތެރެއިން މަދު ނުވާކަމަށް ދައްތަ ބުނެއެވެ. އޭނާއާ ދިމާ ވެސް ކުރެއެވެ. ބައެއް ފަހަރު އަހަންނާ ލައިދީގޮވައެވެ.

ދައްތަމެންގެ ދުލުން ފައްކާކުރި މަޅީގައި އެންމެ ފުރަތަމަ ބެދުނީ ޒިޔާދެވެ. އަހަންނަށް ޒިޔާދު ފެނުމުން ވެސް އޭނާގެ މޫނުގައި އަޅައިގަތެވެ. އެހެން މީހުންނާ ތަފާތު ގޮތެއް ހުރީމައެވެ. ތުންފަތްމަތިން ދެތިން ލަކުނު ފާޅުވާތީއެވެ. އޭނާ ވާހަކަ ދައްކާއިރު ވެސް ކޮރުގޮތެއް ހުންނާތީއެވެ. ބައެއް އަޑުތަކުގެ މަޚުރަޖެއް ނުހުންނާތީއެވެ. އެހެންވެ އޭނާ ދައްކާ ވާހަކަ އަޑު އަހައި އިރު ވަރަށް ސަމާލުކަން ދޭން ޖެހެއެވެ. ފުރަތަމަ ދުވަސްކޮޅު ބުނާ އެއްޗެއް އެއްގޮތަކަށް ވެސް ސާފެއް ނުވެއެވެ. ޒިޔާދު ވާހަކަ ދައްކާއިރު އަހަރެން އަޑުއަހައި ހިތްވަނީއެވެ. އޭނާ ވާހަކަދެއްކުމުގައި ތަފާތު ގޮތެއް ހުންނާތީއެވެ.

އޭލެވެލް ނިންމި ގޮތަށް އަހަރެން ދިޔައީ ރަށަށެވެ. އޭނާއަށް ޖަވާބެއް ނުދީއެވެ. އެންމެފަހުން ޖަވާބު ހޯދަން ގުޅީއެވެ.
"ޒީ ދެކެ އަހަރެން ވަރަށް ލޯބިވަން" ޒިޔާދު އަޑުބެދެމުން ކަހަލަ ގޮތަކަށް ވާހަކަދެއްކިއެވެ. "އެކަމަކު އަހަންނަކަށް އެއްވެސް ޔަޤީންކަމެއް ނެތް ޒީ އާ އެކު އުމުރުގެ ބާކީ ދުވަސްތަކެއް ގުނައިލެވޭނެކަމުގެ"
"ކީކޭ؟"
"ޒީ ދެން ބުނެބަލަ! އަހަރެން ދެކެ ޒީ ލޯބިވޭތަ؟"
"ނޭނގެ" ފަރުވާ ކުޑަ ރާގެއްގައި އަހަރެން ފޯނުން ބުނެލީމެވެ.
"އަހަންނަށް ތިހެން ނުހަދާ! އަހަރެން ހުރިހާ ދުވަހު ވިސްނައިގެން މިހުރީ ޒީ ވެސް އަހަރެން ދެކެ ލޯބިވާކަމަށް!" ޒިޔާދު އަޑުބެދުނެވެ. "ޒީ އަހަންނާއެކު ހޭދަކުރި ވަގުތުތަކާއި ހިއްސާކުރި ކަންކަން އަހަންނަށް ތަރުޖަމާ ކުރެވެނީ އެގޮތަށް. ދޮގު ނުހަދާ ބުނެބަލަ ވޭތަ؟ ނޫންތަ؟"

"ވޭ ކަން ނޭނގެދޯ" އަހަރެންގެ ހިތުގައި ޒިޔާދާ މެދު ޙަމްދަރުދީ އުފެދުނެވެ. އޭނާ ދެރަކުރަން ބޭނުންނުވާތީއެވެ. އޭނާ މާޔޫސްކުރުވަން ނޭދެވޭތީއެވެ. "އެކަމަކު އަހަރެން މިއުޅެނީ ތިން އަހަރުގެ ކޯހެއްގަ މާލެ ފުރަން މާދަމާ"
"އަހަރެން ތައްޔާރުވާނަން ޒީގެ ކައިވެންޏަށް" ޒިޔާދު ޖަވާބުދިނެވެ. "މިއަދުން ފެށިގެން އަހަރެންގެ ހިތުގެ މަލަކާއަށް ގަނޑުވަރެއް ބިނާކުރަން މި ފެށީ، ކޯހުގެ ފުރަތަމަ ބޮޑު ބަންދަށް އަހަރެން ތައްޔާރުވާނަން"

"ޒިޔާ ބޭނުންގޮތެއް، އަހަރެން މައްސަލައެއް ނެތް" އެއްވެސް ވިސްނުމެއް ފިކުރެއްނެތި އަހަރެން ޖަވާބު ދިނީމެވެ. ޙަޤީޤަތުގައި އަހަރެން އެއްވެސް ވަރަކަށް ޒިޔާދާމެދު ނުވިސްނަމެވެ. އަހަރެން އަދި ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫނެވެ. މިއުޅެނީ ވިހިއަހަރު ވެސް ނުފުރިގެންނެވެ. ދިރިއުޅުމަކަށް އަހަރެން ތައްޔާރެއް ނޫނެވެ. އެކަމަކު ވެސް ޒިޔާދު މާޔޫސްކުރުވަން ބޭނުން ނުވަނީއެވެ. އޭނާ ހިތްހަމަ ޖެހޭ ފަދަ ޖަވާބެއް ދެވުމުން ހިތަށް ފިނިކަން ލިބޭތީއެވެ.
އެ ރެއަށްފަހު އަހަންނަށް ޒިޔާދު ގުޅާ މިންވަރު އިތުރުވިއެވެ. ކޮންމެކަމެއް ކުރިޔަސް، ކޮންމެ ތަނަކަށް ދިޔަނަމަވެސް އޭނާ އަހަންނަށް އެކަމެއް އަންގައެވެ. ހުސްވަގުތެއް ލިބިއްޖެނަމަ އަބަދުވެސް ގުޅައެވެ. އަހަރެން ނުގުޅާތީ އެކަމާ ޝަކުވާކުރެއެވެ. ބައެއްފަހަރު އެކަން އަހަންނަށް ބޮޑުކަމަކަށްވެއެވެ. އޭނާގެ ސަމާލުކަމުން އަހަރެން ގެއްލިދާނެތީ އެކަމާ ވިސްނާކަމަށް ބުނެއެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ޒިޔާދު އަހަންނާ ފޯނުންކުރިއެވެ.
"ޒީ އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ"
"ކޮންކަމެއް؟"

"އަހަންނަށް އެނގޭ ޒީ ވެސް އަހަރެން ދެކެ ވަރަށް ލޯބިވާކަން. އަހަރެން ވަރަށް އަޑުއަހައިލަން ބޭނުންވޭ އަހަރެންދެކެ ވަރަށް ލޯބިވެޔޭ ބުނާއަޑު" ޒިޔާދު އެއް ނޭވާއިން އަމުނައިލިއެވެ. "އެއް ފަހަރު ނަމަވެސް ބުނެބަލަ، އަހަރެން ދުނިޔޭގައި ހުރެ އެންމެ ބޭނުންވާ ކަމަކީ އެއީ، އެންމެ އަހަން ބޭނުންވާ އަޑަކީ ވެސް އެއީ. ޒީގެ އަމިއްލަ ދުލުން އަހަރެން ދެކެ ލޯބިވެއޭ"
"ކިހިނެއްވީ؟" އަހަރެން ހިތުގައި ސުވާލު އުފެދުނެވެ.
"ދެން ވަގުތު ފާއިތު ނުވަނީސް ބުނެބަލަ! އެހެން ނޫނީ ޒީ ފަހުން ދެރަވެ މާޔޫސްވާން ޖެހިދާނެ. ފަހުން މި ހަނދާންތަކުން ޒީގެ އުފާވެރިކަން ކަސްތޮޅު އެޅިދާނެ." މަޑުމައިތިރިކަމާއެކު ޒިޔާދު ބުނެލިއެވެ.
"އަހަރެން ވެސް ޒިޔާދެކެ ލޯބިވޭ ކަންނޭނގެދޯ" އަކުރުތަކުގައި ފިލި ޖަހަމުން ގަދަކަމުން އެހެންބުނެލީމެވެ. ހިތާދެކޮޅަށެވެ.

"އަހަރެން ވަރަށް ބޮޑުކަމެއް ނިންމަންވެގެން" ޒިޔާދުގެ ފޯނު ކެނޑުނެވެ. ގުޅާނެ ކަމަށް އިންތިޒާރު ކުރެވުނެވެ. ސިކުންތުން ފެށުނު ގަޑި ހާލާއި ކޮވެލީގެ އަޑަށް ބަދަލުވިއެވެ. އެންމެ ފަހުން ލޮލަށް ނިދި ސަވާރުވިއެވެ.
ކުއްލިއަކަށް ހޭލެވުނީ ފޯނު ރަނގަބީލުވާން ފެށުމުންނެވެ.

"ކީކޭ؟" ސިހިފައި އަހަންނަށް އަހައިލެވުނެވެ. "ކޮން އިރަކު؟ ކިހިނެއް؟"
"އެކިސިޑެންޓެއް ވެގެން، އެއްގޮތަކަށް ވެސް ހެއެއް ނާރާ. މިހާރު މާލެ އެގެންދަނީ. ވަރަށް ސީރިއަސް ކަމަށްވަނީ" އެކޮޅުން ވާހަކަދެއްކީ ގަމުގައި އަހަރެން ކިޔަވަން ހުރިގޭ ދައްތައެވެ. "އެކަނި ސައިކަލުގައި ގެއަށް ދިޔަ މަގުމަތީ ހޮޅިދަނޑިއެއްގައި ޖެހިގެންނޭ ކިޔަނީ. ދައްތައަށް ވެސް އެހާ ބޮޑަކަށް ނޭނގެ"

ލޮލަށް ޖަމާވެފައިވާ ނިދި އުދުހިގެން ދިޔަކަހަލައެވެ. އެނދުގެ މެދުގައި ދެފައި ވަށްކޮށްލެވުނެވެ. ފުންކޮށް ވިސްނައިލެވުނެވެ. ޒިޔާދު ދައްކާފައި ހުރި ވާހަކަތަކަށެވެ. އެކިފަހަރު މަތިން ތަކުރާރުކުރި ބުނުންތަކެވެ. ހުރިހާ ވާހަކަތަކެއް އަހަރެން ތަރުތީބުކޮށްލާ ގުޅުވައިލީމެވެ.

"ޒީ ވަރަށް ދެރަވާނެތަ އަހަންނަށް ކަމެއް ވެއްޖެނަމަ! އަހަންނަށް އެނގޭ ޒީ ވަރަށް ދެރަވާނެކަން އަހަންނަށް ދެރަގޮތެއް ވެއްޖެނަމަ. ޒީ އަށް އެނގޭތަ ދެން އިތުރު އޮޕަރޭޝަނެއް ކުރަން ހޭނައްތައިފި ނަމަވެސް، ނޫނީ އަހަރެން ހޭނެތުނަސް ހޭ ނާރާނެކަމަށް ޑޮކުޓަރުބުނި"

އަހަރެންގެ ކަންފަތުގައި އަތްއެޅުނެވެ. އެ އަޑުތައް އަހަރެން ވަށައިގެން އެނބުރެމުން ދިޔަ ކަހަލައެވެ. ނޭވާ އަވަސްވެ މީހާ ދާހިއްލަން ފެށިއެވެ. ނޭނގޭ ތުރުތުރެއް ހަށިގަނޑުގައި ފެތުރެމުން ދިޔައެވެ. މަޑުމަޑުން ގޮދަޑި މައްޗަށް ވެއްޓިގަނެވުނެވެ. ބާލީހުގައި ބައްދައިގަނެގެން އޮވެ ރޯން ފެށުނެވެ.

"ޒީ ކުލާހަށް ވެސް ނާންނަނީތަ؟" އަހަރެން ކޯހުގައި އުޅޭ އެންމެ ގާތް ރަހުމަތްތެރިޔާ ފާތުން ގުޅިއެވެ. ކަންކަން ވެގެން އުޅޭ ގޮތް ފާތުންއަށް ކުރުކޮށް ކިޔައިދިނީމެވެ. ފާތުން ލަފާދިނީ ޒިޔާދު ދެކިލަން ހޮސްޕިޓަލަށް ދިޔުމަށެވެ. ކުލާސް ނިންމާލުމަށްފަހު ހަވީރު، އަހަރެން ފާތުންނާއެކު ހޮސްޕިޓަލަށް ދިޔައީމެވެ.

އަހަރެން ދިޔުމުން ޒިޔާދުގެ ބޭބެ އާއެކު އެތެރެއަށްވަނީމެވެ. ޒިޔާދު އޮތީ ކޯމާއެއްގައެވެ. އަހަންނަށް ބަލައިލެވުނީ ޒިޔާދުގެ މޫނަށެވެ. ބޭރުފުށުން އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ނަމަވެސް، ލޯ ކައިރި އާދަޔާ ޚިލާފަށް ކަޅުކަން ފާހަގަކުރެވުނެވެ. ހިކިފައިވާ ދެ ތުންފަތާއި އަޑިވަދެފައިވާ ދެ ކޮތާފަތުން ޒިޔާދަށް އައިސްފައިވާ ބަދަލުތައް ވަޒަންކުރެވުނެވެ. އަހަންނަށް ބަލައިލެވުނީ ޒިޔާދު ބޭބެގެ މޫނަށެވެ. އެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އުންމީދު ނެތްކަމުގެ ނިޝާންތަކެވެ. ޒިޔާދުގެ ބޭބެ އަހަރެން ބޮލުގައި ފިރުމައިލިއެވެ. ހިތްވަރު ގަދަކުރާށޭ ބުނާފަދަ ގޮތަކަށެވެ. އަހަންނަށް ކެތެއް ނުކުރެވުނެވެ. ފާތުންގެ ގައިގައި އޮޅުލައިގަނެވުނެވެ. ފާތުން އަހަރެން އެތަނުން ބޭރަށް ނެރުނެވެ.
މަޑުމަޑުން ދެމީހުން ހިނގައިގަތީމެވެ. ބޭރަށް ނުކުމެ ކާރަށް އަރައިގެން ގެއާ ދިމާއަށް މިސްރާބު ޖެހީމެވެ. ޒިޔާދުގެ ބޭބެ ގުޅީ އެ ވަގުތުއެވެ.

"ޒީ މިކޮޅަށް އައީމަ ޒިޔާދުގެ ހާޓުބީޓު ކުރަން ފަށައިފި! ކުރިއަށްވުރެ ރަނގަޅުވަމުން އަންނަނީ" އުފާވެރި ރާގެއްގައި ޒިޔާދުގެ ބޭބެ ވާހަކަދެއްކިއެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ"

އަހަންނަށް ދެ އަތްނަގައި މޫނުގައި ފިރުމައިލެވުނެވެ. ފާތުންގެ ގައިގައި އޮޅުލައިގަނެވުނެވެ. ދެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް އޮހިގަތެވެ. އަހަރެންގެ ސަބަބުން ޒިޔާދަށް ޝިފާއެއް ލިބެމުން ދިޔައީތީ ޝުކުރުކުރެވުނެވެ. ޒިޔާދާ ބައްދަލު ކުރުމުގެ ޚިޔާލު ވެރިވެގަތެވެ. އެހެންވެ ކާރު އަނބުރައިލުމަށްފަހު ހޮސްޕިޓަލާ ދިމާއަށް މިސްރާބު ޖެހުވީމެވެ.

އަވަސްއަވަހަށް ދުވެފައި ކަހަލަ ގޮތަކަށް އަހަރެން ހޮސްޕިޓަލުގެ އެތެރެއަށް ދިޔައީމެވެ. ޒިޔާދު ބާއްވާފައި އޮތް ކޮޓަރިއާ ދިމާއަށެވެ. އަހަރެން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. އޭރު ޑޮކުޓަރުންނާއި ނަރުހުންގެ އަވަސް ވެފައިވާ ހަރަކާތްތައް ފެނުނެވެ. މަގަތުގައި ޒިޔާދުގެ ބޭބެ ވެސް ހުއްޓެވެ.

ޒިޔާދަށް ނޭވާލާން އުނދަގޫވަނީއެވެ. ނޭވާ އުފުރެނީއެވެ. ހީވަނީ އަރުތެރޭގައި އެއްޗެއް ތާށިވަނީހެންނެވެ. ދެ ލޯވަނީ ބޮޑުވެފައެވެ. ބާރުބާރަށް ނޭވާލައި އަޑު އިވެމުންދިޔައެވެ. ނަރުހުން ތިބީ ޒިޔާދުގެ ފަޔާއި އަތުގައި ހިފަހައްޓައިގެންނެވެ. އަހަރެން ފެނުމާއެކު ޒިޔާދު ހުއްޓުން އެރިއެވެ. ލުއި ހިނިތުންވުމަކާއެކު ހަރަކާތްތައް ހިނދި މީހާ ހިމޭންވިއެވެ. މަޑުމަޑުން އަހަންނާ ދިމާއަށް އަތް ހިއްލައިލިއެވެ. އެއާއެކު މީހާއެކުގައި ހިނދިގެން ދިޔައެވެ. ހަރަކާތްތައް ހުއްޓުނެވެ. ކަތިރޮނގުތަކުން ކުރެހެމުން ދިޔަ ޗާޓުތައް ތެދު ރޮނގުތަކަށް ބަދަލުވިއެވެ. ޒިޔާދުގެ އެންމެ ފަހުގެ ނޭވާ މި ކެހިވެރި ދުނިޔެއަށް ދޫކޮށްލިއެވެ. އަހަންނަށް ދުއްވައިގަނެވުނެވެ. ބާރުބާރަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް، އަހަރެން ހުއްޓުވީ ޒިޔާދުގެ ބޭބެމެނެވެ. ހުރިހާކަމެއް ނިމެންދެން އަހަންނަށް ހުރެވުނީ ގަބުވެފައެވެ. ހުއްޓުންއަރައިފައެވެ. އަހަންނަށް ދެއްކެނީ ހަމަ ނުޖެހޭ ވާހަކައެވެ. އަހަރެންގެ ވަށައިގެން ޒިޔާދުގެ ހަނދާންތައް އެނބުރެމުން ދިޔައެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކެވެ. އެ ހަނދާންތަކެވެ. އެ މަންޒަރުތަކެވެ. އެ އަޑުތަކެވެ.

މިއަދު އަހަންނަށް ވިސްނައިލެވުނެވެ. ހުރިހާ ދުވަހު ޒިޔާދު އުޅުނީ އަހަރެންގެ ސަމާލުކަން ހޯދުމަށެވެ. އޭނާގެ ލޯބި ކާމިޔާބު ކުރުމަށެވެ. އަހަރެންގެ ދުލުން އޭނާ ދެކެ ލޯބިވާ ވާހަކަ އަޑުއަހައިލާށެވެ. އެކަމަށް ފެން ބޮވައިގަނެގެންނެވެ. ނަމަވެސް، މިއަދު ވަގުތު ފާއިތުވެއްޖެއެވެ. އަހަރެން ޒިޔާދު ދެކެ ލޯބިވާކަމަށް ކިތައް ފަހަރު ބުނެވިއްޖެ ހެއްޔެވެ؟ އެހެނަސް، އެއަޑު އަހަން ބޭނުންވި މީހާއަށް އެއަޑެއް ނީއްވުނެވެ. ދެން ދުވަހަކު ވެސް ނީއްވޭނެއެވެ. ވަގުތު ފާއިތުވީއެވެ. މިއަދު އަހަރެން މި ވަނީ އެހަނދާންތަކުގައި ބަނދެވިފައެވެ. ޒިޔާދު އުޅުނު ހާލުގައި އުޅެން މި ޖެހެނީ އަހަންނަށެވެ. ފިރިމީހާގެ ސަމާލުކަން ނުލިބިގެން އޭނާގެ ސަމާލުކަން ހޯދާށެވެ. އިންތިޒާރު މި ކުރެވެނީ ފިރިމީހާގެ ދުލުން އެ ތިން އަކުރު އަޑު އިވޭތޯއެވެ. މިއަދު އެ ތިން އަކުރު ބިލިއަން އަކުރަށްވުރެ އަހަންނަށް ބަރުވެއްޖެއެވެ.
ހިޔާލު

ނޒ

މާޝާﷲ. ފަތޫ ތިއީ ހަމަ ބެސްޓް.. މި ވާހަކަ ވެސް ވަރަށް ރީތި

ސަލް

ސަޅި ފަތޫ... ކިޕް ގޮއިން