Bridge gai cycle dhuhvaairu helmet elhun majubooru kuruvanee
image
ބްރިޖް ހައިވޭގައި ކުރިން ހިނގި އެކްސިޑެންޓެއް: ފައިލް ފޮޓޯ
0 ކޮމެންޓް
 

ބުރިޖުގައި ސައިކަލު ދުއްވާއިރު ހެލްމެޓް އެޅުން މަޖުބޫރު ކުރަނީ

ބުރިޖު ހުރަސްކޮށް ސައިކަލުގައި ކުރާ ދަތުރުތަކުގައި ހެލްމެޓް އެޅުން މަޖުބޫރު ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކޮށް މިނިސްޓަރު ވިދާޅުވީ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބުރިޖު ހުރަސްކޮށް ސައިކަލުގައި ދަތުރު ކުރާނަމަ ހެލްމެޓް އެޅަން ޖެހޭނެ ކަމަށެވެ.

"އެއީ ގަވާއިދުގެ ތެރެއިން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ކުރާ ކަމެއް،" މިނިސްޓަރު އައިޝާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ތާރީހުގެ ފަހުން ހެލްމެޓް ނާޅާ ބުރިޖު މަތިން ސައިކަލުގައި ދަތުރު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ އަނަން މަހުގެ ދެ ވަނަ ހަފްތާގައި ހެލްމެޓް އެޅުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ކެމްޕޭނެއް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކެމްޕޭނުގެ ތެރެއިން ކޮންމެވެސް ވަރަކަށް ހިލޭ ހެލްމެޓް ދޫކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރަފީއު ވިދާޅުވި އެވެ.

ހެލްމެޓް އެޅުން މަޖުބޫރު ކުރުވަން ނިންމި އިރު، ބުރިޖު މަތީގައި އަދި ބުރިޖުން ހުޅުމާލެ އަށް ދާން އޮންނަ ހައިވޭފައި ބޮޑެތި އެކްސިޑެންޓްތަކެއް ހިނގާފައި ވެއެވެ. ރަފީއު ވިދާޅުވީ، ހެލްމެޓުގެ އިތުރުން ކާރު ސީޓް ބެލްޓު އެޅުވުން އާދަ ކުރަން ޖެހޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި، 5،000 ހެލްމެޓް ހިލޭ ބެހުން ހިމެނިފައި ވެއެވެ. ބެލެވޭގޮތުގައި އެ ކެމްޕޭނުގެ ތެރެއިން ދޫކުރާނީ، ރައީސްގެ އެ ވައުދާ ގުޅިގެން ދޫކުރާ ހެލްމެޓްތަކެވެ.

ބުރިޖު ހުޅުވާލުމަށް ފަހު، ބުރިޖު ހުރަސްކޮށް ސައިކަލުގައި ދަތުރުކުރާއިރު ސައިކަލުގައި ލޯގަނޑު ހަރުކުރުން ވެސް ވަނީ މަޖުބޫރު ކޮށްފަ އެވެ. އެގޮތުން ލޯގަނޑު ހަރު ނުކުރާ ސައިޖަލުތައް، ބުރިޖު ދަތުރުތައް ކުރުމުގެ ފުރުސަތު ޓްރެފިކް ފުލުހުން ނުދެ އެވެ.

ބުރިޖާއި، ހައިވޭގައި ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަކީ 25-50 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ކަމަށް ވާއިރު، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނެފައިވަނީ ވަކި މިންގަނޑަކަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދެ ފުރޮޅުލީ އުޅަނދު ދުއްވަން ވާނީ ހެލްމެޓް އަޅައިގެން ކަމަށެވެ. އަދި ހަމަ އެ މާއްދާގައި ބުނެފައިވަނީ، އެފަދަ ސަރަހައްދުތަކާއި މަގުތަކުގައި ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ދުއްވާންވާނީ ސީޓް ބެލްޓް އަޅައިގެން ކަމަށެވެ.

އޭގެ އިތުރުން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގައި، 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ސައިކަލު ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެފަދަ ސަރަހައްދުތަކާއި، މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވަން ޖެހޭނީ ސީޓް ބެލްޓް އަޅައިގެން ކަމަށް އެ ގަވާއިދުގައި ވެސް ބުނެ އެވެ.
ހިޔާލު