Kuru Vaahaka: Thuraa
image
ކުރު ވާހަކަ: ތުރާ--
ފަތުހުﷲ އަހުމަދު
3 ކޮމެންޓް
 

ކުރު ވާހަކަ: ތުރާ

ސުހާ ފާޚާނާއަށް ވަދެ ދޮރު ލައްޕައިލީ އެއްވެސް ފިކުރެއް ޚިޔާލެއް ނެތިއެވެ. އަނގައިން މަޑުމަޑު ރާގެއް އަޅުވައިލައިގެންނެވެ. އަތުގައި ހުރި ސާމާނުތައް ތަރުތީބުން އެ އެއްޗެއް ބަހައްޓަން ޖެހޭ ތަނުގައި ބަހައްޓައިލިއެވެ. މަޑުމަޑުން އިސްތަށިގަނޑު ނަގައި އަތަށް ހެޔޮކޮށްލަމުން ހުޅިއެއް ޖަހައިލިއެވެ. ހިނިތުންވެ ހުރެއެވެ. ފާރުގެ އެއްބިތް ފުރާހުރި ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ. ލޯގަނޑުގެ އެއްކަނުގައި ރަސްކަން ކުރަމުންދިޔައީ ތެތް ފިނިކަމެވެ. ފުސްކަމެވެ. ނަމަވެސް ލޯގަނޑުގެ މެދުތެރެއިން ސާފުކަމާއެކު މަންޒަރު ފެނެއެވެ. އެހެންވެ މަޑުމަޑުން ލޯގަނޑުގެ މެދާ ހަމައަށް ޖެހިލައި ދެ ފަރަތާށް އެނބުރިލަމުން ފަރިބަލައިލިއެވެ. ކަނާއަތު ޝަހާދަތް އިނގިލިން ލޯގަނޑުގައި އުފާވެރިކަން ރަމުޒުކޮށްދޭ މޫނެއް ކުރަހައިލިއެވެ. އެއަށްފަހު އަނެއްކާ ވެސް ލޯގަނޑަށް ބަލައިލިއެވެ. leaward
ސުހާ ސިހުނެވެ. ލޯގަނޑުގެ ހަތަރު ފަރާތުން ލޭ ތިކިތައް އޮހެމުން ދިޔުމުންނެވެ. ލޯގަނޑުގެ މެދަށް ބޮޑު ސިރިންޖެއް ހަރައިފައި ހުއްޓެވެ. އެތަނުން ވެސް ކަޅުވެފައިވާ ރަތް ލޭ ތިކިތައް އޮހެމުން ދިޔައެވެ. ލޯގަނޑުގައި އެޅިފައިވާ ހިމަ ރޮނގުތަކުން ވެސް ލޭ ހިލެމުން އެކި ތަންތަނުން ލޭ ފޭދެމުން ދިޔައެވެ. ސުހާ މަޑުމަޑުން ދެ ލޯ މަރައިލިއެވެ. ދެފަރާތަށް ބޯ ހަލުވައިލިއެވެ. އަނެއްކާ ވެސް ދެ ލޯ ހުޅުވައިލިއެވެ. ކުށްހީއެއް ކަމަށް ޤަބޫލުކުރެވިގެންނެވެ. އެއްވެސް ތަފާތެއް ނެތެވެ. ލޯގަނޑު ކުރިން ހުރިހާ ސާފުކޮށް ހުއްޓެވެ. ސިރިންޖެއް ނެތެވެ. ލެޔެއް ވެސް ނެތެވެ.

"މިހެންނޭ ވާނީ މާ ބިރުކުޑަވެގެން އުޅެންޏާ" މަޑުމަޑުން ސުހާ ބުނެލިއެވެ. "އަދި މި ހެޕީ ފޭސް ގަނޑު ވެސް އިންނާނެ މަށަށް މަލާމަތްކުރަން"

އޭނާ ކުރެހި މޫނުގެ އަނގަ ޝާހަދަތް އިނގިލިން ފޮހެލިއެވެ. އަނެއްކާ ވެސް މަޑުމަޑު ރާގެއް އަނގައިން އަޅުވައިލަމުން ދަތް އުނގުޅާ ބުރުހުގައި ބޭސްޖަހައިލިއެވެ.

"ކޮބާ ދަތް އުނގުޅަންވާނެ. އުފަލަކީ އަމިއްލައަށް ހޯދާއެއްޗެއް ކަލޭ ވެސް އަމިއްލައަށް އުފާކުރަން އަނގައެއް ހޯދަން ވާނެ" ސުހާ މަޑުމަޑުން ލޯގަނޑާ ދިމާއަށް ބަލައިލިއެވެ. ލޯގަނޑުގައި އޭނާ ކުރެހި މޫނަށް ވާހަކަދައްކަމުންނެވެ. ކުއްލިއަކަށް ސުހާގެ ފަހަތުން ކަނދުރާ މައްޗަށް މީހެއްގެ ހޫނު ނޭވާ އެޅުނުހެން ހީވެގެން އޭނާ ސިހިފައި ބަލައިލިއެވެ. ބިލިގާގެ ބިއްދޮށަށް ހިޔަންޏެއް ގޮސް ވަންތަން އޭނާއަށް ފެނުނެވެ. މިފަހަރު ހީއެއް ނޫނެވެ. އޭނާ ޔަޤީންކުރިއެވެ. ނޭނގޭ ކަމަށް ހަދައިގެން އޭނާ ލޯގަނޑާ ދިމާއަށް ބަލައިލިއެވެ. ފަހަތުގައި ހިނގާކަމެއް ވެސް ލޯގަނޑުން ފެންނާނެތީއެވެ. އަނެއްކާ ވެސް އޭނާ ސިހުނެވެ. އޭނާ ފޮހެލި މޫނުގައި އަނގަ ކުރަހައިފައި ހުރުމުންނެވެ. ނަމަވެސް އެ މޫނުމަތިން ފެނުނީ މާޔޫސްކަމުގެ ނިޝާނެވެ. ސުހާގެ ނޭވާ އަވަސްވާން ފެށިއެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގެ ނާރުތަކަށް ޖެއްސުން ކުރަން ފެށިއެވެ. މަޑުމަޑުން އެ މޫނުގެ އަނގަ ފޮހެލިއެވެ. ބިލިގާ ކައިރީ ދަމާފައިވާ ފަރުދާ ކަހައިލި އަޑު އިވުނެވެ. ސުހާ ފަސް އެނބުރި ބަލައިލިއެވެ. މީހަކު ފެންނާކަށް ނެތެވެ. "ސުހާ" ބަރު އަޑަކުން ގޮވައިލުމުން ލޯގަނޑާ ދިމާއަށް ބަލައިލިއެވެ.

އޭނާ ފަހަތަށް އެއްލިގެން ދިޔައެވެ. ލޯގަނޑުގެ ތެރެއިން އެ ފެންނަނީ އޭނާ ދަންނަ މޫނެކެވެ. އެއީ ނަފީސާއެވެ. ނަފީސާގެ ދޮން މޫނު ވަނީ މަޑުމަޑު އަޅިކުލައަކަށް ބަދަލުވެފައެވެ. އޭނާގެ އެ ރީތި ދެ ލޯ ވަނީ އަޑިވަދެފައެވެ. ދެ ލޯ ކައިރިވަނީ ކަޅުވެފައެވެ. ތުންފަތުގައި ތެތްކަމެއް ނެތެވެ. ނޭފަތް އާދަޔާ ޚިލާފަށް ދިގުކަމަށް ދައްކައެވެ. ނޭފަތުގެ އެއްކަން ނެތެވެ. ކުރިން ފަންކޮށް އޮތް އިސްތަށިގަނޑު އޮތީ ކިސުޅިވެ ހޭވިފައެވެ. އޮފުކަން ނެތި މުށި އަޅިކުލައަށް ބަދަލުވެފައެވެ. މޭމައްޗެކޭ ބުރަކަށްޓޭ އެއްފަދައެވެ. ލައިގެން ހުރި ހުދުކުލައިގެ ގަޔަށްދޫ ހެދުމުގައި ހުރި އިރު އޭނާ ފެންނަނީ ބިރުވެރި ސިފައެއް ގައެވެ. ނަފީސާ މަޑުމަޑުން ކުރިއަށް އަންނަން ފެށިއެވެ. ސުހާއަށް ފަސްއެނބުރި ބަލައިލެވުނެވެ. މީހަކު ފެންނާކަށް ނެތެވެ. އަނެއްކާ ވެސް ލޯގަނޑާ ދިމާއަށް ބަލައިލިއެވެ.

"ނަފީސާ ކިހިނެއް؟" ސުހާ ހައިރާންވެ ބަސްހުއްޓުނު ކަހަލައެވެ. "ކިހިނެއް މިތަނަނަށް؟"
ނަފީސާ ބާރުބާރަށް ހޭންފެށިއެވެ. މުޅި ފާޚާނާ ތެރެއިން އެ ހުނުމުގެ އަޑު އިވެމުން ދިޔައެވެ. ފާރުތަކާއި ތަޅުން ތެރެއިން ވެސް ނަފީސާގެ ހުނުމުގެ އަޑު އިވެމުން ދިޔައެވެ. އެއާއެކު ބިލިގާ ކައިރި ހުރި ފަރުދާ ވެސް ވަޔާ ހޫރެން ފެށިއެވެ. ސުހާ ދެ ކަންފަތުގައި އަތްއެޅިއެވެ.

"ކަލޭ ހީކުރީ އަހަރެން ދެން ނާންނާނެ ކަމަށްތަ؟" ނަފީސާގެ އަޑު ކަންފަތުގައި ޖެހުމުން ސުހާ ދެ ލޯ ބޮޑުވިއެވެ. ތިން ހަތަރު މީހުން އެއްފަހަރާ ވާހަކަ ދެއްކުމުން އަޑު އިވޭ ގޮތަށް އެ އަޑު މުޅި ތަނުގައި ގުގުމަމުން ދިޔައެވެ. ސުހާ މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރައިލިއެވެ. އޭރު ވެސް ނަފީސާ މަޑުމަޑުން ކުރިއަށް ޖެހެމުން ޖެހެމުން ދިޔައެވެ. އެންމެފަހުން ލޯގަނޑުގެ ތެރެއިން ނަފީސާގެ ދެފައި ބޭރަށް ނެރެލިއެވެ. މުޅިމީހާ ބޭރަށް ނުކުތެވެ. ހީވީ ފެންކޯރެއްގެ ތެރެއިން ނުކުތް ހެންނެވެ. ސުހާ މަޑުމަޑުން ފަހަތަށް ޖެހެމުންޖެހެމުން ދިޔައެވެ.

"ކަލޭ ކީއްވެގެން އަހަންނަށް އެވަރު ލަނޑެއް ދޭންރޭވީ؟ އަހަރެންގެ ކޮން ކުށެއް އޮވެގެން؟" ނަފީސާގެ އަޑު މަޑުވިއެވެ. ތިން ހަތަރު އަޑުން އިވެމުން ދިޔަ އަޑު ރީތި އަންހެނެއްގެ އަޑަށް ބަދަލުވިއެވެ. އެއާއެކު ނަފީސާގެ ސޫރަ ވެސް މަޑުމަޑުން ބަދަލުވަމުން ސާފުވަމުން ދިޔައެވެ. ރޫ ޖެހިފައިވާ މޫނަށް ތާޒާކަން ލިބެމުން ދިޔައެވެ. އިސްތަށިގަނޑުން ކިސުޅިކަން ކެނޑި އޮފުކަން ވިދަމުން ދިޔައެވެ. ތުންފަތުގެ ކުލަ މަޑުމަޑުން ރަތްކުލައަށް ބަދަލުވިއެވެ. ލައިގެން ހުރި ހެދުން ކައިވެނީގެ އާދައިގެ ހުދު ހެދުމަކަށް ބަދަލުވިއެވެ.

"އަހަރެން ވެސް ހާދަ އުންމީދެއް ކުރީމޭ. ހާދަ ފޮނި ހުވަފެންތަކެއް ދުށީމޭ" ނަފީސާ ގިސްލަންފެށިއެވެ. "އަލަތު ކައިވެނީގެ ފޮނި މީރުކަމުން ދިރިއުޅުން އުޖާލާކޮށް، އެ ދިރިއުޅުމުގެ ހުވަފެންތައް އަހަރެން ވެސް ދުށީ ސުހާ ވެސް ދެކޭ ގޮތަށް"

ބިލިގާގައި ސުހާގެ ފުންނާބު ޖެހުމާއެކު އޭނާއަށް ހުއްޓެވުނެވެ. ތުރުތުރު އަޅާ ހާލު މުށްކަވައިލެވިފައިވާ ދެއަތް ނަގައި ދެއަތް ދެ އަތަށް ޖޯޑުކޮށްލެވުނެވެ. މަޑުމަޑުން ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ. އަވަސްވެފައިވާ ނޭވާތައް މަޑުމަޑުން ބޭރުކުރަމުން ހިންދިރުވައިލެވުނެވެ. އޭރު ވެސް އޭނާގެ މޭ ނަގައި ޖެހެއެވެ.

"ނިމާލް އެއީ މި ދުނިޔޭއިން ހަމައެކަނި އަހަރެން ލޯބިވި މީހާ. އަހަރެން އޭނާދެކެވީ ޙަޤީޤީ ލޯބި" ނަފީސާ ގިސްލަންފެށިއެވެ. "އަހަރެން ހީކުރީ ނިމާލަކީ މުޅި ދުނިޔޭގައި ވެސް ހުރި، އެންމެ އޯގާތެރި، އެންމެ އިހުސާންތެރި، އެންމެ ކިޔަމަންތެރި، އެންމެ ޙުލްޤު ހެޔޮ މީހާކަމަށް. އެކަމަކު އޭނާއަކީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫން"
"ނޫން" ސުހާ މަޑުމަޑުން ދެ ފަރާތަށް ބޯ ހުރައިލެވުނެވެ. ބޭ އިޚްތިޔާރުގައެވެ. "ތިހެން ނުބުނޭ"

"ކީކޭ؟ ކަލޭ އަދިވެސް އޭނާ ދިފާއު ކުރަނީތަ؟" ނަފީސާ ބާރުބާރަށް ހޭންފެށިއެވެ. މުޅި ފާޚާނާގެ އެތަން މިތަނުން އެ ހުނުމުގެ އަޑު ގުގުމަންފެށިއެވެ. އެއާއެކު ނަފީސާގެ ސޫރަ ކުރިން ހުރި ގޮތަށް ބަދަލުވާން ފެށިއެވެ. ދަނޑިވަޅު ބަލައި ސުހާ ދުއްވައިގަތީ ދޮރާ ދިމާއަށެވެ. ނަމަވެސް، އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ސުހާގެ އިސްތަށިގަނޑު ނަފީސާގެ އަތު ތެރެއަށް އޮޅައިލިއެވެ. އެއާއެކު ސުހާ މުށިގަނޑު މައްޗަށް ތިރިވެ ދެ ކަކޫ ޖެއްސުވިއެވެ.

"އާދޭސްކޮށްފަ ބުނަން އަހަންނަށް ތިހެން ނުހަދާ" ސުހާ ބާރުބާރަށް ހަޅޭއްލަވައިގަތެވެ. "އަހަރެން ދޫކޮށްލާ"
"ކަލޭ މިއަދު އަޑުގަދަ ކުރުމަކުން، އާދޭސް ކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް. ތިޔަ އަޑު އިވޭނެ މީހަކުވެސް ނެތް" ނަފީސާ ވާހަކަދައްކަން ފެށިއެވެ. މި ފަހަރު އިވުނީ ފިރިހެނެއްގެ ބަރު އަޑެކެވެ. "އެ ދުވަހު އަހަރެން އާދޭސް ކަލޭއަށް އިވުނު ނަމަ މިއަދު އަހަންނަށް ވެސް ތިޔަ އާދޭހަށް ހަމްދަރުދީ ވެވުނީސް. އެ ދުވަހު އަހަންނަށް ތުރާ ނުދިން ނަމަ މި އަދު ކަލޭއަށް އޯގާތެރި ވެވުނީސް. އެ ދުވަހު އަހަރެންގެ އިހުސާސްތައް ފަތްޖަހައި ނުލި ނަމަ މިއަދު ކަލޭގެ އިހުސާސްތައް އަހަންނަށް ހުޅުވައިލަ ދެވުނީސް"

ސުހާގެ އިސްތަށިގަނޑުގައި ހިފާ ނަފީސާގެ އަތުގެ ކޮޅަށް ހިއްލައިލިއެވެ. އެއާއެކު ސުހާގެ ބޯ ފަންގިފިލާގައި ޖެހުނެވެ. ސުހާ ފައިތަޅުވަމުން ބޮލުގެ އިސްތަށިގަނޑުގައި ހިފައިލިއެވެ. ލިބެމުން ދިޔަ އަނިޔާތަކަށް ކެތް ނުކުރެވޭ ހާލު ސުހާ ރޮމުން ގިސްލަމުން ދިޔައެވެ. ސަލާމަތަށް އެދި އާދޭސްކުރަމުން ސަލާން ޖަހަމުންނެވެ. ނަފީސާ ގެނައި ކުއްލި ހަރަކާތަކާއެކު ސުހާ ހޫރައިލިއެވެ. ކަރުދާސްކޮޅެއް ވަޔަށް ދިޔަހެން، އެ ބާރުމިނުގައި ސުހާ ގޮސް ޖެހުނީ ފާޚާނާތަށި މައްޗަށެވެ. ލިބުނު ކުއްލި ޝޮކާއެކު ސުހާ އުނަގަނޑުގައި އަތް ޖައްސައިލިއެވެ. އޭނާގެ ދެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. މީހާގެ އަނގައިން ލޭތައް އޮހެމުން ދިޔައެވެ. އޭރު ސުހާ އޮތީ ފާޚާނާ ތަށިބުޑަށް ޖެހިފައެވެ. މީހާގެ ގައިގައި ހިރިލާނެހާ ވަރު ވެސް ނެތިފައެވެ. ކުކުރުން ނޫން ކަމެއް އޭނާއަކަށް ނުކުރެވެއެވެ.

ކުއްލިއަކަށް ސުހާގެ ކުރިމައްޗަށް ވެއްޓުނީ ސިރިންޖެކެވެ. ސުހާ މަޑުމަޑުން ބޯ އަރިކޮށްލާ މަތި ބަލައިލިއެވެ. އެ ކަހަލަ އެތައް ސިރިންޖެއް އޮހެމުން ދިޔައެވެ.
"ކަލޭއަށް މިހާރު ވިސްނިއްޖެތަ؟" ނަފީސާގެ އަޑުގައި ރުޅިވެރި ރާގު ގުގުމަމުން ދިޔައެވެ. "އަދިވެސް ކުށެއް ނެތް ފުރާނަ ދުއްވައިލަން ރާވާނަންތަ؟"
"އަހަންނަށް އެއް ފުރުޞަތުދީ" ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް ސުހާއަށް ބުނެވުނެވެ. "އަހަރެން އެކަން ވީ ގޮތް ކިޔައިދީ ފާނަން"
އަނެއްކާ ވެސް ސުހާގެ އިސްތަށިގަނޑުގައި ނަފީސާ ހިފިއެވެ. އެއާއެކު ސުހާ ދަމަމުން ގެންގޮސް ބިލިގާ ތެރެއަށް ދޫކޮށްލިއެވެ.
"ކިޔައިދީބަލަ"

"ނިމާލް އެންމެ ފުރަތަމަ ލޯބިވީ އަހަރެން ދެކެ. ނަމަވެސް ނިމާލުގެ އަތްމަތި ދަތިވެގެންނާ އޭނާއަކީ ފަގީރަކަށް ވާތީ އަހަރެންގެ އާއިލާއިން އެކަމާ އިންކާރުކުރީ" ބުރިބުރި ޖުމުލަތަކަކުން ހިތްވަރާއެކު ސުހާ ކިޔައިދިނެވެ. "އޭރު ނިމާލު އުޅުނީ ނަފީސާމެން ގޭގަ. ނަފީސާ ވެސް ނިމާލު ދެކެ ލޯބިވާކަން ނިމާލަށް އެނގޭ. ކޮންމެ ގޮތެއް ހަދައިގެން ވެސް ނިމާލު ބޭނުންވީ އަހަރެން ހޯދަން. އެހެން ވިސްނަނިކޮށް އައި ޚިޔާލަކީ ނިމާލު ނަފީސާއާ އިނުން"
"ކަލޭތަ ޚިޔާލު ދިނީ؟" ނަފީސާ ދެ ބުމަ ގޮންޖެހުނެވެ.

"އުހުނ މަށެއް ނޫން" ސުހާ ބިރުން ތުރުތުރު އަޅަންފެށިއެވެ. "ނިމާލު އަމިއްލައަށް ނިންމީ. ދެން ކައިވެނީގެ ފުރަތަމަރޭ ނަފީސާ ނިދީމަ އޯވަރޑޯޒް ވާވަރުކޮށްލުން. ކައިވެނި ކުރަންވާއިރަށް ނަފީސާއަށް ވިޔަފާރީގެ ދެބައިކުޅަ އެއްބައި ނިމާލު މައްޗަށް ބަދަލުކުރަން އޭނާ ނިންމި. ނަފީސާގެ ބޮލަށް އެރިގެން އެއް ރިސޯޓު އޭނާގެ މައްޗަށް އަނބުރައިލަން ވެސް ވިސްނި" .. "އަހަރެންގެ ދުވަސް ދުއްވާ ނުލައި އެކަން ނުވާނެކަމަށް ޚިޔާލު ދިނީ ކަލޭއެއް ނޫންތަ؟" ހޮނު ގުގުރިއެއްހާ ބާރަށް ނަފީސާގެ އަޑު ނުކުތެވެ. ނަފީސާ ބިލިގާ ކައިރީ ދެފައި ވަށްލައިގެން އިށީނެވެ.

"އަހަރެން ނުބުނަން. އަހަރެން ބުނީ އެހެން މީހެއްގެ ފިރިއެއް އަހަރެން ބޭނުމެއް ނޫނޭ. އަހަންނާ އިންނަންވާނީ ހަމައެކަނި އަހަރެންގެ މީހެކޭ. ބަތްތަށީ އެއްފަޅިން އަހަރެންގެ ހައިހޫނުކަން ނުފިލާނޭ" ސުހާ ގިސްލުން އިތުރުވިއެވެ. ލޮލުން ކަރުނަތައް އޮހިގަތެވެ. އެއާއެކު އޭނާ ކޮށިއެރިއެވެ. އަނގައިންނާ ނޭފަތުން އެކުގައި ލޭތައް އޮހިގަތެވެ. މުޅި ބިލިގާ ވެސް ލެއިން ތަތްތެޅެމުން ދިޔައެވެ.

"ކަލޭއަށް މިއަދު ވިސްނުނީ ކޮންކަމެއް؟" ނަފީސާގެ އަޑު ބާރުވިއެވެ.
"ތިމާގެ އަމިއްލަ އެދުމަށްޓަކައި އަނެއްކާގެ ޙައްޤަށް އަރައިގަންނަން ނުވާނެކަން" ސުހާ ނޭވާ އަވަސްވިއެވެ. "ދެން ދުނިޔެ މަތީގައި އެމީހަކު ކުޅަ ޢަމަލެއްގެ ސަޒާ އެމީހަކަށް ދައްކަވާނެކަން"
ކުއްލިއަކަށް ބިލިގާގެ ފެން އިސްކުރު ދޫވިއެވެ. އެއާއެކު ނަފީސާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކަމެއް ހާސިލުވުމުން ލިބޭކަހަލަ އުފާވެރިކަމެއް އޭނާއަށް ލިބުހެން ހީވިއެވެ.

"ދެން؟" އަނެއްކާ ވެސް އޭނާ ސުވާލުކޮށްލިއެވެ.

"އުފާވެރި ދިރިއުޅުމަކަށްޓަކައި ފުރާނައަށް ހުރުމަތްތެރިކަން ހިތުން މުހިންމުކަން" ސުހާގެ މޭކަށިގަނޑާ ހަމައަށް ފެން އަރަމުން ދިޔުމުން ސުހާ ބަލައިލީ ނަފީސާގެ މޫނަށެވެ. ނަފީސާ ދެ ތުންފަތަށް ބާރުކޮށްލިއެވެ. ދެ ލޯ ބޮޑުކޮށްލިއެވެ. ދެ ބުމަ އަރުވައިލަމުން ދެން ކޮން ކަމެއްހޭ އަހައިލިއެވެ.

"މީހުންގެ ޙައްޤުތަކަށް އަރައި ނުގަނެ ވެސް އުފާވެރިކަން ހޯދަން ދަސްކުރަން ވާނެކަން" ސުހާއަށް އެހެން ބުނެވުނު އިރު އޭނާގެ ނޭފަތާ ހަމައަށް ފެންގަނޑު އަރައިފިއެވެ. ސުހާގެ ގައިން އޮހެމުން ދިޔަ ލޭތަކާއި އެކު ފެންގަނޑު ފެންނަނީ ރަތްކުލައިގައެވެ. ކުއްލިއަކަށް ނޭނގޭ އަތަކުން ސުހާ އަޑިއަށް ކޮށްޕަމުން ދިޔަހެން ހީވިއެވެ. ނަފީސާ ހުރީ މަންޒަރު ބަލަން ހެވިފައެވެ.

ސުހާ ހާސްވަމުން ސަލާމަތަށް އެދި އާދޭސްކުރަމުން ދިޔައެވެ. ބާރުބާރަށް އަޑުގަދަ ކުރަމުންނެވެ. އޭނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ތަންދޮރު ވަކިވާވަރުވީ ކިރިޔާއެވެ. މާނޭވާލަމުން މޭގައި އަތްއަޅައިގެން ތެދުވިއެވެ. އަވަސް އަވަހަށް ފޯނު ބަލައިލިއެވެ. ނިމާލު ހަތްފަހަރު ގުޅައިފައި އޮތެވެ. އެވަރުން ނުވެގެން ހުރިހާ ކަމެއް ތައްޔާރުކަމަށް ބުނެ މެސެޖު ވެސް ކޮށްފައި އޮތެވެ.

"މިރެއަށް ރާވާފައިވާ ކަންކަން ކުރާކަށް އަހަރެން ބޭނުމެއް ނޫން. މިހާރު އަހަންނަށް ވިސްނިއްޖެ. ހުވަފެނަކަސް އޭގައި ޙަޤީޤަތެއްވޭ. ނަސޭހަތެއް، އިބުރަތެއް، މެސެޖެއްވޭ. އަމިއްލަ އުފަލަށް ޓަކައި އަނެއްކާއަށް ތުރާކުރާކަށް ނުވާނެ. އުނދަގޫ ކުރާކަށް ނުވާނެ. ނަފީސާއާ އެކު ނިމާލު އުފާވެރި ދިރިއުޅުމެއް އުޅޭ. އަހަރެންދެކެ ލޯބި ވަންޏާ އޭނާއަށް ގެއްލުމެއް އަނިޔާއެއް ތުރާލެއް ނުދޭތި." ފޯނުގައި މެސެޖެއް ލިޔެލައި ނިމާލަށް ފޮނުވައިލިއެވެ. މޭގައި އަތްއަޅައި އޮބައިލަމުންނެވެ.
"މީހެއްގެ ފުރާނަ ދުއްވާލައިފަ އެކަމުގައި މަތި އަޅައިގެން އަހަންނަކަށް އުފަލެއް ނުލިބޭނެ. އަހަންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން. ނިމާލު ވެސް ތިޔަ ކުރެވުނު ކައިވެނީގައި ދެމިހުރޭ" ފުލުފުލުގައި އައި ނިމާލުގެ މެސެޖުތަކަށް އަހަންނަށް ދެވުނީ އެންމެ ޖަވާބެކެވެ. ހިތްހަމަ ޖައްސައިލެވުނީ ނިމާލަށް ހެޔޮވިސްނުން ލިބުނުކަން އެނގުމުންނެވެ.
ހިޔާލު

އާހިރާ

ކަލޯގަޔާ ... އަހަރެން ހަމަ ބުނާނެ އެއްޗެއް ނޭންގިފަ މި ހުރީ...
އެހެންނުވާނީ... ހަމަ ހީވީ ބިރުވެރި ފިލްމެއްބަލާލެވުނުހެން. ވަޓް އަ ނައިސް ސްޓޯރީ

އަނާ

ވ ރީތި ކުރު ވާހަކަ އެއް

ގަސަމް

ކަލޯގަޔާ... މަ ބިރުން އަވަދި.... ހީވީ ކުރު ފިލްމެއް ބަލައިލެވުނުހެން.... ވ ވ ވ ރީތި.... ސަސްޕެންސް ވ ވ ވ ވަރުގަދަ... ފަތޫ ވ ވ މޮޅު