Mi Mahu 27 gai Majileehah Kurimathilaan Hulhuvaalanee
image
0 ކޮމެންޓް
 

މިމަހު 27 ގައި މަޖިލީހަށް ކުރިމަތިލާން ހުޅުވާލަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް މިމަހުގެ 27 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ބައެއް ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާނެ ފަރާތްތައް ހޯދުމަށް ޕްރައިމަރީތައް ބާއްވަމުންދާ ކަމަށާއި، އެޕާޓީތަކުން މިމަހުގެ 26 ގެ ކުރިން ޕްރައިމަރީ ބާއްވައި އިލެކްޝަނަށް އެ މައުލޫމާތު ހުށަހެޅުމަށް އެދިލައްވާ ކަމަށެވެ.

"ޕާޓީތަކުގެ ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް އަމިއްލަ ގޮތުން އަދި އެހެން ޕާޓީއަކުންވެސް ވާދަ ނުކުރެވޭނެ ކަމަށް ގާނޫނު އެބަ ބުނޭ. އެހެން ކަމުން އަޅުގަނޑުމެން މި އެދެނީ މިމަހުގެ 26 ގެ ކުރިން ޕާޓީތަކުން ޕްރައިމަރީ ބާއްވައި އެ މައުލޫމާތު އަޅުގަނޑުމެންނަށް ފޮނުވަން. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލުމަށް އަޅުގަނޑުމެން މި ވިސްނަނީ 27 ގައި ކަމަށްވާތީ،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަނުން ބުނީ މާރޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ރަޖިސްޓްރީ މިމަހުގެ 20 ވަނަ ދުވަހު އާއްމުކޮށް ޝަކުވާ ކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި ލިސްޓް އިސްލާހްކޮށް ރަސްމީ ލިސްޓް ފެބުރުއަރީ 15 ގައި އާއްމު ކުރާނެ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަނުން ބުނީ އާއްމު އިންތިހާބުގައި ވޯޓްލާތަން ރަޖިސްޓްރީ ކުރުމަށް ހުޅުވާލާއިރު ރިޔާސީ އިންތިހާބުގައި ވޯޓް ލީ ތަނަށް ރަޖިސްޓްރީ ކުރުމަކާއި ނުލައި އެންމެނަށް ވޯޓް ލެވޭނެ ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ވޯޓްލީ ތަންނޫން އެހެން ތަނަކަށް ވޯޓްލާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް އިލެކްޝަނުން ވަނީ އެދިފައެވެ.
މަޖިލިސް 2019
ހިޔާލު