ޗައިނާ އަށް ޑްރަގް އެތެރެ ކުރިކަން ސާބިތުވެގެން ޖަލަށް ލާފައި ހުރި ކެނެޑާ މީހެއްގެ ހުކުމް ބަދަލުކޮށް، އޭނާ އަށް މަރުގެ އަދަބުދޭން ނިންމައިފި އެވެ.
ރޮބާޓް ލޮއިޑް ނަމަކަށް ކިޔާ ކެނެޑާ މީހާ، ޗައިނާ އަށް ޑްރަގް އެތެރެކުރިކަން ސާބިތުވުމުން މިދިޔަ އަހަރު އޭނާގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރުމުން، ދަށު ކޯޓުން ކުރި ހުކުމް ލުއި ކަމަށް ބުނެ އޭނާ މަރަން އިއްޔެ ޗައިނާގެ އެޕީލް ކޯޓަކުން ހުކުމް ކުރީ އެވެ.
އިސްތިއުނާފީ ކޯޓުން އެގޮތަށް ނިންމި އިރު، ޗައިނާ އާއި ކެނެޑާގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ގުޅުންތައް ގޯސްވީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އެމެރިކާގެ އެދުމަށް، ކެނެޑާ އިން ޗައިނާގެ މަޝްހޫރު ވާވޭ ކުންފުނީގެ ބާނީގެ އަންހެން ދަރި އަދި އެ ކުންފުނީގެ ސީއެފްއޯ މެންގް ވާންޖޯ ހައްޔަރު ކުރުމުންނެވެ.
ވާންޖޯ ހައްޔަރު ކުރުމާ އެކު ޗައިނާ އިން ވަނީ އޭނާ މިނިވަން ކުރަން ކެނެޑާ އަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. އަދި ވާންޖޯގެ އިންސާނީ ހައްގުތައް ކެނެޑާ އިން ނަގާލާފައިވާ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި އިތުރަށް ހޫނުވީ، ޗައިނާގައި އުޅުނު ކެނެޑާ ބައެއް މީހުން ކުއްލިއަކަށް ހައްޔަރު ކުރުމުންނެވެ. އެގޮތުން ކެނެޑާ އިން ވަނީ އެ ގައުމުގެ ބައެއް މީހުން ޗައިނާ އިން "ގެއްލުވާލައިފި" ކަމަށް ބުނެފަ އެވެ.
ޗައިނާގެ ފިއްތުންތަކާ އެކު ކަފާލާތުގެ ދަށުން ކެނެޑާ އިން ބޭރަށް ނުދެވޭ ގޮތަށް ވާންޖޯ މިހާރު ހުރީ މިނިވަން ކޮށްފަ އެވެ. އޭނާ އެމެރިކާ އަށް ގެންދިއުމާ މެދު އެ ގައުމުން ވަކިގޮތެއް އަދި ނުނިންމަ އެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިއީ ވެސް ވާންޖޯ މައްސަލަ އާ ގުޅުން ހުރި ކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކެނެޑާ މީހުންނަށް ޗައިނާގައި ހަރުކަށި ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ.