Kuru Vaahaka: Saamaraa Dhooni
image
ކުރު ވާހަކަ: ސާމަރާ ދޫނި--
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ކުރު ވާހަކަ: ސާމަރާ ދޫނި

"އެއްވެސް ތަނެއްގައި ކުރިން ވަޒީފާ އަދާކުރިންތަ؟" ޒިޔާދު އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެ އަޑުގައި ހަރުދަނާކަން އަތްގަދަކުރަމުން ދިޔައެވެ. ޒިންމާދާރުކަމުގެ ކުލަވަރު ވިދުވަމުންނެވެ. "އަދާކުރަން ޖެހޭ ވަޒީފާގެ ގޮތުން ސަނަދަކުން ފުއްދައެއް ނުލެވޭނެ، ތަޖުރިބާ ވެސް މުހިންމު، މިކަހަލަ މަސައްކަތަކަށް ބޭނުންވަނީ ވަރަށް ހަރުދަނާ، ހުޝިޔާރު، ސާބިތުކަން މަތީ ދެމިހުންނަ މީހެއް"އަހަންނަށް އިސްޖަހައިލެވުނެވެ. ކަނދުރާ މަތިން ފެވިފައިވާ ކަޅުކުލައިގެ ޓެޓޫ ނުފެންނާނެހެން ކޯޓުގެ ގިރުވާން މައްޗަށް ހިއްލައިލީމެވެ. އަމިއްލަ ދެ ތުންފަތުގައި މަޑުމަޑުން ދައިގަނެވުނެވެ. އޭރު އަހަރެންގެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުންދާ ކަން ޚުދު އަހަންނަށް ވެސް އިހުސާސްކުރެވުނެވެ. ހިތްވަރު ކޮށްފައި އަހަރެން އިސް އުފުލައިލީމެވެ.
"ހަޔާތުގެ މަގުގައި ހިތްވަރު ކުރަން ޖެހޭ ވަގުތަކީ ތިމާއަށް ނާކާމިޔާބީއާ ކުރިމަތިވާން އުޅޭކަމުގެ އިހުސާސްކުރެވޭ ވަގުތު" އަހަރެންގެ ހިތުގައި އައިޝާގެ އެ ރާގު ތަކުރާރުވި ކަހަލައެވެ. ފޯނު ވައިބުރޭޓު ވާން ފެށީ އެވަގުތުއެވެ. ޖީބުން ފޯނު ނަގައި މޭޒުދަށަށް ލަމުން ސްކުރީނަށް ބަލައިލީމެވެ. އައިޝާގެ ހިނިތުންވުން ފާޅުވާން ފެށުމުން ހިތްވަރު ލިބުނެވެ. އައިޝާއަށް މެސެޖެއް ފޮނުވައިލީމެވެ. ނުނިމޭ ކަމަށް ބުނެއެވެ. "ދުވަހަކު ވެސް ހަނދާނުން ނުފިލާނެ ވަރުގެ ސިހުމެއް އެބައޮތް، ނިންމާފަ ގެއަށް އަންނައްޗެ، ޑޮކުޓަރަށް ގޮސް ގެއަށް މިދަނީ، ނުބުނެ ޑޮކުޓަރަށް ދިޔައީމަ ކުރަން އޮތް ސުވާލަށް ޖަވާބު ލިބޭނެ އައީމަ" ހިނދުކޮޅެއް ނުވަނީސް އައިޝާގެ މެސެޖެއް ލިބުނެވެ.

ލިބުނު އުފާވެރިކަމުގެ ޚަބަރާއެކު އޮފީހުގެ މައި ދޮރާށިން އަހަރެން ނިކުމެ އެންމެ ފުރަތަމަ ވެސް މައްޗަށް ބަލައިލެވުނެވެ. ހިތާއިހިތުން ހެއްދެވި ފަރާތަށް ޝުކުރު އަދާކޮށްލެވުނެވެ. އެއަށްފަހު އެ އުފާވެރި ޚަބަރު އައިޝާއަށް ދިނުމަށް ފޯނު ނެގީމެވެ. ހިތްހަމަ ޖެހުމާއި އުއްމީދާއެކު އައިޝާގެ ނަންބަރަށް ގުޅައިލީމެވެ. "އުފާވެރިކަމަކީ އަމިއްލަ ފައި މައްޗަށް ތެދުވެވުމުން ލިބޭ ހިތްހަމަ ޖެހުންކަން މިއަދު އަހަންނަށް އެބަ އިހުސާސް ކުރެވޭ" އައިޝާގެ އަޑު ޖެހުމާއެކު އަހަރެން ބުނެލީމެވެ.

"ރިފޫ، އަހަރެން ރިފޫއަށް ދޭން އޮތް ވަރަށް ބޮޑު ހަދިޔާއެއް އެބައޮތް، ލަސްނުކޮށް އަންނާތި" އައިޝާގެ ވާހަކަ ހުރީ އެހެން މިސްރާބަކަށެވެ. ނަމަވެސް އެކަމަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އުފާވެރިކަމުގެ ވިންދުން އެމުނެމުން ދިޔަ އިހުސާސްތައް އަވަސްއަވަހަށް އައިޝާއަށް ކިޔައިދިނީމެވެ.

"އޮތީ ދެ ޚަބަރެއް، އެއް ޚަބަރަކީ އުފާވެރިކަމެއް ނެތް ޚަބަރެއް، ދެން އޮތީ ހިތާމަގެ އިންތިހާއީ ޚަބަރެއް" އައިޝާގެ ބަސްމަގުން އަހަރެންގެ ވާހަކަ ބައްޓަން ކުރީމެވެ.

"އުފާވެރިކަމެއް ނެތް ޚަބަރު ބާއްވާފަ ހިތާމައިގެ އިންތިހާއަށް ދިޔަ ޚަބަރުން ފަށާ" އައިޝާގެ ހީލިއަޑު އިވުނެވެ.
"އެންމެ ރަނގަޅު، އައިޝާ އަހަންނާ ނުލައި އުޅެން ތައްޔާރުތަ؟" އައިޝާ ތަޅުވާލެވޭތޯ ބަލައިލީމެވެ. "އަހަންނަކީ މިހާރު އައިޝާއެކު އަބަދު އުޅެވޭނެ ކަހަލަ މީހެއް ނޫން؟"

"ކީކޭ؟ ހަމަ އަސްލުވެސް ތަ؟ އަހަރެން ހާދަ އުފާވެއްޖޭ" އަހަރެން ދެއްކި ވާހަކަ އައިޝާ ތަރުޖަމާ ކުރީ ރަނގަޅަށެވެ. "މިއަދު އަހަރެން ޤަބޫލުކޮށްފިން ރިފޫ، މަގޭ އާރިފު ތިޔައީ ކޮންމެ ކަހަލަ ދަތިތަކެއް ކުރިމަތި ވިޔަސް ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އުޅެވޭނެ ފަދަ ޤާބިލު މީހެއް ކަން. ސުމަކުން ފަށައިގެން މިލިއަނަކާ ހަމައަށް ދާން ހަފަސްދޮޅަސް އަހަރު ނުނަގާނެކަން ރިފަށް ވިސްނޭނެ މިހާރު. ޢިލްމަކީ ކެތްތެރިންގެ މިލްކެއް. ރިފު ކުރި މަސައްކަތުން މިއަދު ތިޔަ ކޮޅަށް ތެދުވެވެނީ"

"އެހެންވީމަ، އަލަމާރި ދޮރުފަތަށް މެސެޖު އެރުވުން މި ނިމުނީދޯ؟" ޓެކްސީއަށް އަތްނަގައިގެން ހުރެ މަޖާ ރާގެއްގައި އަހަރެން ބުނެލީމެވެ.

"އަހަރެންގެ ފަހު މެސެޖު ތަތްކޮށްފައިވާނެ. އެ އަބަދުވެސް ކިޔަން ޖެހޭނެ މެސެޖެއް" އައިޝާގެ ރާގު ބަދަލުވަމުންދާކަން އަހަންނަށް އިހުސާސްކުރެވުނެވެ. އުފާވެރިކަމުގެ މައްޗަށް މޮޅިވެރިކަން އަތްގަދަ ކުރަމުންދާކަން އިހުސާސްކުރެވުނެވެ.
"ބުނެބަލަ ކީކޭތަ ލިޔުނީ؟"

"ގެއަށް އައިސް ބަލާ، އެއީ ރިފޫއަށް ޓަކައި އަހަރެން ދޭނެ އެންމެ ފަހުގެ މެސެޖު، މިހާރު އަހަރެން ބޭނުންވާ ހިސާބަށް ރިފޫއަށް ތިޔަ އާދެވުނީ، ސާމަރާދޫނީގެ ފިޔަގަނޑު ހުޅުވާލާނީ ވާރޭވެހޭ ވަގުތު ކަމަށްވިޔަސް، މިއަދު އަހަރެންގެ ސާމަރާދޫނީގެ ފިޔަގަނޑު ވާރެ ނުވެހެނީސް ހުޅުވައިލައިފި" މާނަފުން ޢިބާރާތުން އައިޝާ ވާހަކަތައް ބައްޓަން ކުރަމުން ދިޔައެވެ. "ވިއްސާރަދޫނީގެ ރީތި ކުލަތައް އަހަރުމެންނަށް ފެންނަ ފަދައިން، އެ ވިއްސާރަ ދޫންޏަށް ވެސް އަހަރުމެންގެ ރީތި ކުލަތައް ފެންނަން ފަށައިފި"

"އައިޝާ ކީކޭ ތި ކިޔަނީ؟" އަހަންނަށް ދޭހަ ނުވުމުން ސުވާލު ތަކުރާރުކޮށްލީމެވެ. "ވަގުތުގެ އަޖަލުގައި ޖެހި ތިއްބާ، އަޖަލު އައިސް ވަގުތުތައް ދިރުވައިލާން އުޅޭ ކަހަލަ، މިއަދު އަހަންނަށް އެކަހަލަ އިހުސާސެއް އެބަކުރެވޭ. އަވަހަށް ގެއަށް އާދެބަލަ، އަހަރެން ހިތްބިރުގަންނަށް ފަށައިފި، ރިފޫގެ ތިޔަ ލޯބިލޯބި މޫނުގައި ބީހިލަން ބޭނުންވެއްޖެ، ތިޔަ ހިމާޔަތަށް އަހަރެންގެ އިހުސާސްތައް އެދިގޮވާން ފަށައިފި. ފަހު ވިންދު ރިފޫގެ މޭގައި ބޯއަޅައިގެން އޮވެ ޖަހައިލަން ވަރަށް ބޭނުން" އައިޝާގެ ގިސްލުމުގެ އަޑު އަހަންނަށް އިވުނެވެ.

އެއާއެކު ތަށިތަކެއް ބިންމައްޗަށް ވެއްޓުމުން އިވޭކަހަލަ އަޑެއް ފޯނުގެ ތެރެއިން ފުރޭނިގެން އިވުނެވެ. "އައިޝާ... އައިޝާ؟" ކަންފަތުގައި ފޯނު ޖަހައިގެން ހުރެ ޓެކުސީއަށް އަރަމުން އަހަންނަށް ބާރުބާރަށް ގޮވާލެވުނެވެ. 'ކާކު، ކާކުހޭ؟ ތި ކާކުހޭ؟" އައިޝާ ކަންފަތުން ފޯނު ނައްޓައިލައިގެން ހުރެ އެހެން މީހަކާ ވާހަކަދައްކަމުން ދިޔަކަން އަހަންނަށް ޔަޤީންކުރެވުނެވެ. ދެތިން ފަހަރު އައިޝާއަށް ގޮވާލުމުން ވެސް ސަމާލުކަމެއް ނުލިބުނެވެ. އެހެންވެ އަޑުއަހަން އިނދެވުނީއެވެ.

"ކަލޭ ދޯ! މިތަނަށް ވަނީ ކިހިނެއް؟" އައިޝާގެ އަޑުގައި ހާސްކަމާއި ނުތަވަސްކަން އެކުވަމުން ދިޔަކަން އެ އަޑުން ހާމަވަމުން ދިޔައެވެ. "ކަލޭ މިތަނަށް ތިޔަ އައީ ކީއްކުރަން؟ އަހަރެން ބިރުގަންނަވަންތަ؟ އަހަރެންގެ ހިތުގައި ފެވިފައިވަނީ ހަމައެކަނި އާރިފުގެ ނަން، ކަލޭގެ ނަމެއް އަހަރެންގެ ޑައިރީއަކު ނެތް، ލޯތްބަކީ އެއްކޮޅަށް ދުއްވާ މަގެއް ނޫން"

"ކަލޭއަށް ހީވަނީތަ އެއީ މާ ޞާލިޙު މީހެއް ހެން. މާ ރީތި ވާހަކަ ނުދައްކާތި، މިއަދު ގޮތެއް ނިންމަން ޖެހޭނެ. އެހެންނޫނީ..." ފިރިހެނަކު އައިޝާ އާ ވާހަކަ ދައްކަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. "އެހެން ނޫނީ ކީއްކުރެވޭނީ؟" އައިޝާ ވެސް ދޫނުކޮށް އެމީހަކާ ވާހަކަ ދައްކަމުން ދިޔައެވެ. "ކަލޭ ބޭނުމީ އެ ގޮތެއް ފޮތެއް ނެތް އާރިފާއެކު ފަގީރުކަންމަތީ ގަނަތެޅެންތަ؟ ނޫނީ އެނބުރި އަހަރެންގެ ހަޔާތަށް އަންނަންތަ؟" އެމީހަކު ބާރުބާރަށް ވާހަކަ ދެއްކިއެވެ. ދަންނަ އަޑެއްހެން ހީވިއެވެ. ނަމަވެސް އަޑު ފަނޑުކަމުން ސާފުވާ ގޮތެއް ނުވެއެވެ.

"ޚަބަރުދާރު، އާރިފޭ ކިޔައިގެން ތިހާ ދަށު ދަރަޖައިގެ ވާހަކަ އަހަރެންގެ ކުރިމަތީގައި ނުދައްކާތި! ޙައްޤުތަކުން މަހުރޫމު ކޮށްގެން ފަގީރުކޮށްގެން ގަނަތަޅުވަނީ އަހަރެންތަ؟ އެ ފަކީރު އެހާލުގައި ވެސް ކަލޭ އުޅޭހެން ނޫޅެއެއްނު" އައިޝާ އެމީހެއް ކަންކަށިމަތީގައި ބާރު އެތިފަހަރެއް އަޅައިލި އަޑު އިވުނެވެ. "އާރިފު ކުރިކަމެއް ކޮށްފައިވަނީ އެހެން މީހުންގެ ޙައްޤުގައި، އޭނާއަކީ ތިޔަ ކަހަލަ ގޮތެއްފޮތެއް ނެތް މީހެއްނޫން، މީހުންގެ ޙައްޤަކަށް އާރިފެއް ނާރާނެ، ވަގު މުދަލެއް ނުކާނެ، ނުޙައްޤު ސަޒާއެއް ނުދޭނެ. މިއަދު އެއީ ކިޔަވައިގެން ހުރި މޮޅެ މީހެއް" ކުއްލިއަކަށް ފޯނު ކެނޑުނެވެ. ދެތިން ފަހަރު ގުޅުމުން ވެސް ފޯނަށް ޖަވާބު ލިބޭ ގޮތެއް ނުވިއެވެ. އަހަރެންގެ މޭ ނަގައި ޖެހޭވަރު އިތުރުވިއެވެ. ކާރުގެ ޝީޓުގައި ބާރުބާރަށް ޖަހައިލެވުނެވެ. އެއާއެކު، ކާރުގެ ބުރެކި ޖެހުނެވެ. ޑުރައިވަރު ބަލައިލީ އަހަރެންގެ މޫނަށެވެ. ހަމަޖެހޭ ގޮތް ދައްކަމުން އަހަރެން ހިނިތުންވެލީމެވެ. ނަމަވެސް، ތުންފަތުގެ ހަރަކާތް ބަދަލުވިއެވެ.

"ބާރަށް ދުއްވާ، އަހަރެން ވަރަށް އަވަހަށްދާން ބޭނުން" ކާރު ދުއްވާލުމާއެކު އަހަންނަށް ބުނެލެވުނެވެ. އައިޝާގެ ހާލަތާމެދު އަހަންނަށް ވިސްނެން ފެށުނެވެ. އެއާއެކު ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ނާޒުކު ހާލަތެއް މެދުވެރިވި ދަނޑިވަޅުގައި ވެސް އަހަރެންގެ ދިފާޢުގައި ވަކާލާތު ކުރާތީ ބޭއިޚުތިޔާރުގައި އަހަރެން ފެންކަޅިވިއެވެ. ލޯތްބަކީ ކޮބައިކަން އަހަންނަށް ވަޒަންކުރެވުނެވެ. ލޯބީގެ ބާރަކީ ކޮބައިކަން އަހަންނަށް އިހުސާސް ކުރެވުނެވެ. އެ ބާރުން ކިތަންމެ ބޮޑު ފަރުބަދައެއް ވިޔަސް ބިމާ ހަމަ ކޮށްލެވިދާނެ ކަން އަހަންނަށް ޔަޤީން ކުރެވުނެވެ. އަހަންނަކީ އެފަދަ ދިރިހުރި މިސާލެކެވެ. ކުއްލިއަކަށް ހިތުގެ ތަސްވީރުގައި ކުރީގެ ހަނދާންތަކެއް ދައުރުވާންފެށިއެވެ.

މަންމައާއި ބައްޕަގެ ހަމައެކަނި ދަރިއަކީ އަހަރެންނެވެ. އަހަރުމެންގެ ދިރިއުޅުމަކީ އުފާވެރި ހިމޭން ދިރިއުޅުމެކެވެ. އެކަކު އަނެއްކަކަށް ބަސްބުނެއުޅުމަކީ އަހަރުމެންގެ ދިރިއުޅުމުގައި ނެތް ކަމެކެވެ. ވާހަކަދައްކާ އުޅޭނީ ހަރަކާތުންނެވެ. ގިނަފަހަރު ހަރަކާތް ނުކުރި ނަމަވެސް އެކެއްގެ އިހުސާސްތައް އަނެއްކަކަށް ވަރަށް ސާފުކޮށް ދޭހަވެއެވެ. ހިތުގެ ރިހުންތަކާއި ހިތުގައި ޖަހައި ވިންދުގެ އަޑު ވެސް މާ ސާފުކޮށް އިވެއެވެ. އެހެންވެ ވާހަކަދެއްކުމަކީ މާނައެއް ނެތް ކަމެކޭ އަހަރެން ހިތަށް އަރާ ފަހަރު މަދެއް ނޫނެވެ. މަންމައާއި ބައްޕައަށް ވާހަކަ ނުދެއްކުނު ނަމަވެސް، އަހަރެންނަކީ އެފަދަ މީހެއް ނޫނެވެ.

މަންމައަކީ ހދ. ނޭކުރެންދޫ މީހެއް ނަމަވެސް، ބައްޕައަކީ މާލެއަށް އުފަން، މާލޭ މީހެކެވެ. ދެހިތެއް ގުޅެން ވެއްޖެ ނަމަ ކިތަން ދުރަކުން ވެސް އެ ދެ ހިތެއް ގުޅިދާނޭ މީހުން ބުނަނީ މިހެންވީމައެވެ. ކާފަގެ ލޯތްބާއި އޯގާތެރިކަމުން އަހަންނަށް މަދު އެކައްޗެއް ވެސް ނެތެވެ. އަހަރެންގެ އުމުރުން ދިހަވަނަ އަހަރު ކާފަ ނިޔާވިއެވެ. ކާފަގެ ނެތި ދިޔުމުން އަހަންނަށް ބަރުދާސް ކުރެވޭ ވަރެއް ނުވިއެވެ. ރުއިމާއި ގިސްލުމުގައި ވަގުތުތައް ހޭދަކުރެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. އެ ހުރިހާ ކަމަކުން އަހަންނަށް އަރައިގަނެވުނީ މަންމަގެ އޯގާތެރި ފިރުމުންތަކުންނާއި ބައްޕަގެ ހޭހަން ކޮށްދިނުމުންނެވެ.

އެ ދުވަހަކީ އަހަރެންގެ އެގާރަވަނަ އުފަން ދުވަހެވެ. ކުޑަވަރެއްގެ ހަފުލާއަކަށް ފަހު ކޭކުފަޅައި ނިންމައިލައި ހުރިހާ ރަހުމަތެރިންނާއި ކުލާސް ކުދިން ގެއަށް ގޮސް ނިމުނު ވަގުތެވެ. ބައްޕަގެ އެއްބަނޑު އެއްބަފާގައި ހުރި ހަމައެކަނި ދޮންބޭބެ، ޖާބިރު އައިސް އަހަރުމެންގެ އެޕާޓުމަންޓަށް ވަނެވެ.

"ކަލޭ އަދިވެސް ގޮތް ދައްކަނީތަ؟ މި އޮތީ ބައްޕަގެ ލިޔުން، ގޯތީގެ މިލްކުވެރިކަން މިއޮތީ މުހައްމަދު ޖާބިރުގެ ނަމުގައި، ހަސަން ބާގިރަށް އެއްވެސް އެއްޗެއް އޮތްކަމަށް މީގައި ނެތް" ރުޅިވެރިކަމާއެކު ދޮންބޭބެ ބައްޕައާ ވާހަކަދެއްކިއެވެ.
ހައިރާންކަމާއެކު ބައްޕަ ކޮޅަށް ތެދުވިއެވެ. މައިގެ ތެރޭގައި އަޑުގަދަވާތީ މަންމަ ވެސް ކޮޓަރިން ނުކުތެވެ. ބައްޕަ އަތުން އިޝާރާތްކުރިއެވެ. ތިޔަހެން ނުހަދާށޭ، ނިކަމެތިކޮށް ނުލާށޭ ބުނެ ހަރަކާތް ކުރިއެވެ.

"ކަލޭ ކޮންހާ މޮޅު ވައްތަރެއް ޖައްސަން؟ އަހަރެން ބޭނުންވަނީ މިބަޔާއި އަހަރުމެންގެ ބަޔާއެއްކޮށްލައިގެން މިތަން ހަތް ބުރިއަށް ހިއްލަން، މިތަނެކޭ މިހާރު ވެސް ހާއްޔެކޭ އެއްފަދަ، އުޅޭނެ ތަނެއް ނެތިއްޔާ ކަލޭގެ އަންހެނުންގެ ރަށް ކަލޭއަށް މާ ހިތްފަސޭހަވާނެ" ދޮންބޭބެ ބައްޕައާ ދިމާއަށް ފައިލެއް އެއްލިއެވެ.

އަހަންނަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. އެ ލޮލުން ކަރުނަތައް އޮހިގަތް މަންޒަރު އަހަންނަށް ފެނުނެވެ. ދެވަނަ ސިކުންތުގައި އަހަންނަށް ބަލައިލެވުނީ ބައްޕަގެ މޫނަށެވެ. އެ ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ބަރުވެ އޮހިގަންނަން ތައްޔާރަށް ހުއްޓާ އަހަންނަށް ފެނުނެވެ. ހިތްދަތިކަމާއެކު ބައްޕަ ހިންދިރުވައިލިއެވެ. އެތަކެއް މާނައެއް އެކުލެވިގެންވާ ގޮތަކަށް އަހަންނާ ދިމާއަށް ބަލައިލިއެވެ.

"ބޭބޭ ތިހެން ނުހަދާ، ކޮއްކޮމެން ގެއިން ބޭރުކޮށް ނުލައި، ކޮއްކޮމެން ހާލުގައި ނުޖައްސާ" އަހަރެން ދޮންބޭބެ ފައި ބުޑަށް ތިރިވީމެވެ. އާދޭސްކޮށް ދެފައިގައި ހިފީމެވެ. ދޮންބޭބެ ރުޅި އައިސްގެ އަހަރެން ފޮޅުވައިލިއެވެ. އެއާއެކު އަހަރެންގެ ވިއްސައިގެން ގޮސް ޓީވީ ރެކުގެ ކަނުގައި ޖެހި ބޯފަޅައިގެން ދިޔައެވެ. މަންމަ އައިސް އަހަރެންގެ ނިތްމަތީގައި އަތްއަޅައި އޮބައިލިއެވެ. މުޅި މޫނު ލެއިން ތަތްތެޅެމުން ދިޔައެވެ.

މަންޒަރު ބަލަން ބައްޕައަށް ކެތެއް ނުކުރެވުނެވެ. ދޮންބޭބެއާ ދެމީހުން އޮޅުލައިގަތެވެ. އެންމެ ފަހުން އަހަރެން ދޫކޮށްލައިފައި މަންމަ ވެސް އެ ދެމެދަށް ވަނެވެ. އަހަރެން ފަހަތަށް ޖެހެމުން ޖެހުމުން ގޮސް މޭޒު ތަންދަށަށް ވަނީމެވެ. ދެ ކަލުލުގައި ދެއަތުން ބައްދައިގެން، އެތެރެއަށް ނޭވާ ހިފަހައްޓައިގެން އިނީމެވެ. އޭރުވެސް އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ހިމާޔަތެއް ނެތިފައި އަހަރެން އެތަނުގައި އެތަކެއް އިރަކު އިނީމެވެ.

ބައްޕައާއި ދޮންބޭބެގެ ކޯޅުމުގެ ތެރެއަށް ވަނުމުން މަންމަ ވެސް ޒަހަމުވިއެވެ. އެންމެ ފަހުން މައްސަލަ މައިތިރިވީ ފުލުހުން ގެއަށް އައިސްގެންނެވެ. ނިކަމެތިންނަށް އަބަދުވެސް ނިކަމެތި ގޮތް މެދުވެރިވެ ނިމޭ އުޞޫލުން އެ ދުވަހުގެ ހާދިސާ ވެސް ނިމިގެން ދިޔައީ އެގޮތަށެވެ. ޙައްޤު ހޯދަން ކުރި އާދޭހުގެ ހަނދާނަކަށް އަހަންނާއި މަންމައަށް ލިބުނީ ލަކުނެކެވެ.

އަހަރުމެން މަގުމަތިވިއެވެ. ކުލީ ކޮޓަރި ގަނޑެއްގައި އުޅެން މަޖުބޫރުވިއެވެ. ދުވާލުދާ ހަތަރުދަމު ބައްޕަ މަޖޫރީ ކޮށްގެން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހެއެވެ. ކުލިދައްކާ، ބިލުތައް ދައްކާ ނިމޭއިރު ކައިލާނެ ވަރު ވެސް ނޯވެއެވެ. ރީތި އަންނައުނެއް ގަންނާނެ އެއްޗެއް އަތަކު ނޯވެއެވެ. އަހަރުމެން ލަނީ މީހުން އުކާލަން ނެރޭ ބައު އެއްޗެއްސެވެ. އެއީ، އަހަރުމެންގެ ހާލަތެވެ. އަހަރުމެނަށް މިންވަރުގައި ހުރި ގޮތް ކަމަށް މަންމަ އަބަދު ވެސް ވިސްނައިދެއެވެ. އަހަރެން އެކަން ހެޔޮ ހިތުން ޤަބޫލު ވެސް ކުރަމެވެ.

ސްކޫލަށް ދިޔުން އަހަރެން ހުއްޓައިލީ، މަންމަގެ މަސައްކަތުގައި ވާގިވެރިވުމަށެވެ. ކިއްލިތެޅުމާއި، މަސްމިރުސް ތައްޔާރުކުރުމުގައި އެހީތެރިވުމަށެވެ. އެތަކެތި ފިހާރަތަކަށް ގެންގޮސް ލާރިއަށް ބަދަލުކުރުމަށެވެ. ދުވަސްކޮޅެއްގެ ތެރޭގައި އަހަރުމެންނަށް ހިތްހަމަ ޖެހިލެވޭވަރުވިއެވެ. އާދައިގެ އަންނައުނު ގަނެގެން ލެވޭވަރުވިއެވެ. މަޑުމަޑުން ކަންމަތީ ކުދިންނާއެކު ވަގުތު ހޭދަކޮށްލަން ބޭރަށް ނުކުމެވެން ފެށުނެވެ.

އެމީހުންގެ ހަރަކާތްތަކުގައި ބައިވެރިވާން ފެށުނެވެ. މޭމަތީގައި އެމީހުންގެ ނިޝާން ކަޅުކުލައިން ފަވާލީމެވެ. ކަނދުރާ މަތިން ވެސް އެ ނިޝާން ފާހަގަވާނެހެން ކުރަހައިދިނީ އެމީހުންނެވެ. އެންމެ ބޭނުމެއްގައެވެ. ސަލާމަތާއި ހިމާޔަތުގެ ނިޝާނެއްގެ ގޮތުގައެވެ. އަހަރެން އުޅެމުން ދިޔައީ އެކުވެރިންގެ ހިޔަނީގެ ނިވަލުގައެވެ. އެމީހުންގެ ތެރޭގައެވެ. ނަމަވެސް ދުވަހަކު ވެސް ގޯސްކަމަކަށް އަހަރެން އެހީއެއް ނުވަމެވެ. މީހުންނާ ފޮށި، އަޑުގަދަކޮށް ނުހަދަމެވެ. ދޮންބޭބެގެ ގޭ ދޮށަށް ދެވޭ ކޮންމެ ފަހަރަކު އަހަންނަށް ފުން ނަޒަރަކުން އެ ބިޔަ އިމާރާތަށް ބަލައިލެވެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް އަހަރުމެންގެ ޙައްޤެއް އޭގައިވާނެ ކަމަށް ހިތްބުނެއެވެ.

ދޮންބޭބެ ދޮށީ ދަރިފުޅު ހިޝާމަކީ މާލޭގެ މަޝްހޫރު ގުރޫޕެއްގެ ލީޑަރެކެވެ. އެއް ރެއަކު އަހަރުމެން ކަންމަތީގައި ތިއްބާ އެ ގުރޫޕު އައިސް މަރާމާރީ ހިންގަން ފެށިއެވެ. ލަޓިބުރިތަކާއި ދަގަނޑު ބުރިތަކުން އަހަރުމެން އެންމެންނާ ހަމަލާދޭން ފެށިއެވެ.

އަހަރެން ވެސް ސަލާމަތްވާން ދުއްވައިގަތީމެވެ. އަހަރެންގެ ފަހަތުން މީހަކު ދުވެފައި އައެވެ. ކާކުތޯ ބަލާނެ ވަގުތެއް ނުލިބުނެވެ. ސަލާމަތް ވެވެން އޮތް އެންމެ ފަސޭހަ ގޮތަކުން ސަލާމަތްވެވޭތޯ ބަލަމުން ދިޔައީމެވެ. ދުއްވާ އެއްޗެހިން ރެކެމުން ދުވަމުން ގޮސް އަހަންނަށް ވަދެވުނީ ނޫކުލައިގެ ދޮރޯށްޓަކުން އެތެރެއަށެވެ. އަހަރެންގެ ފަހަތުން ދުވެފައި އައި މީހާ ވެސް އަހަންނާއެކު އެތެރެއަށް ދެމިގަތެވެ. ކުއްލިއަކަށް އަހަންނަށް ހުއްޓެވުނެވެ. ފްލޭޝް ލައިޓެއްގެ އަލި މޫނަށް އެޅުމުންނެވެ. ހުރި ފިޔަވަޅު މަތީގައި އަހަރެން ގަނޑުވި ކަހަލައެވެ. ފަހަތުން ދުވެފައި އައި މީހާއަށް ވެސް ވީ އެވަރެވެ. އަހަންނަށް ބަލައިލެވުނީ ފަހަތަށެވެ. އެއީ ހިޝާމެވެ. ހިޝާމު ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ. އެއަށްފަހު، ކުރިމަތީގައި ތިބީ ކޮންބައެއްތޯ ބަލައިލެވުނެވެ. އަނެއްކާ ވެސް ދެ ފަހަރަކު ފްލޭޝް ކަނޑައިލިއެވެ. އެއާއެކު އެންމެން އަތް ޖަހަންފެށިއެވެ.

ސަލާމަތަށް އެދި ވަދެވުނީ ކޮންތަނަކަށް ކަން އެނގުނީ އެހައި ހިސާބުންނެވެ. އެއީ މަޖައްލާއެއްގެ ބޭރުގަނޑުގައި ޖަހާނެ ފޮޓޯއެއް ނަގަން ތައްޔާރު ވެފައިވާތަނެކެވެ. އަހަރުމެން ދެ މީހުންގެ މެދުގައި ނަލަވެގެން ހުރި ރީތި އަންހެން ކުއްޖެއް ހުއްޓެވެ. އޭނާގެ ދެ އަތް ދެ ފަރާތަށް ހުޅުވައިލެވިފައި ލުއި ހިނިތުންވުމެއްގައި ހުރިއިރު، އަހަރެން ހުރީ ދާ ހިއްލާފޯވެފައެވެ. މުޅި މީހާގެ މޫނުމަތިން ދާ ތިކިތައް އޮހެމުން ދިޔައެވެ. ހިޝާމުގެ އަތުގައި ކޮޅުތޫނުކޮށްފައި އޮތް ލަޓިބުރިއެއް އޮތެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ހާސްކަމުގެ އަސަރުތަކެވެ. ކަންބޮޑުވުމާއި ލަދުވެތި ކަމުގެ ނިޝާންތަކެވެ.

އެއީ އައިޝާ އަހަންނަށް ފެނުނު ފުރަތަމަ ފަހަރެވެ. އެ ރެއަށްފަހު އަހަރެންނާ ގުޅޭ ގޮތުން އައިޝާ އެތަކެއް މައުލޫމާތެއް އެއްކުރަމުން ދިޔައެވެ. އަހަންނަށް ނޭނގި އަހަރެން އުޅޭ ނޫޅޭ ގޮތް ބަލަމުން ދިޔައެވެ. އައިޝާއަކީ ތަނަވަސް އާއިލާއަކަށް އުފަން ކުއްޖެކެވެ. ދިރިއުޅެނީ ލަންކާގައެވެ. އޭނާ މާލެ އައިސް އުޅުނީ ޗުއްޓީއަކަށެވެ. އަހަރެންގެ ރުހުމާއެކު އައިޝާ ބޭނުންވެގެން އަހަރުމެންގެ ފޮޓޯ މަޖައްލާގައި ޝާއިޢުކުރިއެވެ. އެ ފޮޓޯގަނޑުގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލަން މަޖުބޫރުވިއެވެ. މަގުމައްޗަށް ނުކުމެ އުޅެން އުނދަގޫވާން ފެށިއެވެ.

އަހަންނަށް ނޭނގި އަހަރެންގެ މަންމައާއި ބައްޕައާ ވެސް އައިޝާ ބައްދަލުކުރިއެވެ. އަދި އޭނާއާއެކު އަހަރެން ލަންކާއަށް ފޮނުވުމަށް އެދުނެވެ. އެންމެފަހުން އަހަރެން އައިޝާއާއެކު ލަންކާއަށް ދިޔައީމެވެ. ތިން މަސް ވުމުން އެނބުރި އަންނާށެވެ. އޭނާގެ ޕްރޮޖެކެޓަކަށް އެހީތެރިވުމުގެ ނަމުގައެވެ.

"އާރިފު ކުރަންވީ ކަމެއްދޯ! މާ ބޮޑުކަމެއް ކުރާނެ ކަމެއްނެތް! ތިން މަސްވަންދެން މި ތަނުގައި އަހަރެންގެ އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަދީ، މި އާއިލާއަށް ފިރިހެން ކުއްޖެއް ވަރަށް ބޭނުންވޭ" އައިޝާގެ މަންމަ ހިނިތުންވެ އިނދެ އަހަންނާ ވާހަކަދެއްކިއެވެ.

ސުވާލުގެ ނަޒަރުން އަހަންނަށް ބަލައިލެވުނީ އައިޝާގެ މަންމައާއި ބައްޕަގެ މޫނަށެވެ. "އާރިފު އަހަރުމެން އިޚުތިޔާރުކުރީ ކީއްވެހޭ ސުވާލަކަށްވީދޯ؟" އާއިޝާގެ މަންމަ ބަލައިލީ އައިޝާގެ މޫނަށެވެ. އައިޝާ ހިނިތުންވެލިއެވެ. ލޮލުން ހަރަކާތެއް ކޮށްލަމުން އެ ތުންފަތް އުފުލައިލަމުން ލޯ މަރައިލިއެވެ. "އަހަރުމެން ޤަބޫލު ކުރާ ފަލްސަފާއަކީ، އަނދިރިކަމުން ނުކުންނާނީ އަނދިރިކަމޭ، އަލިކަމަކުން ނުކުންނާނީ އަލިކަމެކޭ. އަނދިރިކަމާއި އަލިކަން ހަނގުރާމަކޮށް އަލިކަމަށް ފަތަހަ ލިބޭހެން ހީވިޔަސް ޙަޤީޤަތުގައި ފަތަހަ އެ ލިބެނީ އަލިކަމަކަށް ނޫން. އަނދިރިކަމަށް، އެހެންވީމަ ބަލަންވީ އަލިކަމަކަށް އަލިކަމެއް ދީގެން އެ އަލިކަން އުޖާލާ ކުރެވޭތޯ" އައިޝާގެ ބައްޕަ ކޮފީތަށިން ތުނބުން ނައްޓައިލަމުން އައިޝާގެ މޫނަށް ބަލައިލިއެވެ.

އެ ލަފުޒުތަކުގައިވީ މާނަ ފުންބަސްތަކުގެ ޙަޤީޤީ މާނަ ދޭހަ ނުވިޔަސް، އައިޝާގެ މަންމައާއި ބައްޕަގެ ހިތުގައި ޖެހެމުން ދިޔަ ވިންދުތަކުގެ އަޑުތައް އަހަންނަށް އިހުސާސްކުރެވެމުން ދިޔައެވެ. "ނަފުރަތެއް ކީހައިގެން އަމާންކަމެއް އުފަން ނުކުރެވޭނެ، ނަފުރަތެއް ކީހައިގެން އުފެއްދޭނީ ހަމަ ނަފުރަތެއް" އައިޝާގެ މަންމަ ކޮޅަށް ތެދުވިއެވެ. "ތިޔަ މަޑުމައިތިރި ކަމާއި ތިޔަ ހަމަ ހިމޭންކަމަށް ވުރެ މަތިވެރި މާތް ސިފައެއް އަހަންކަށް މުހިއްމެއް ނޫން، އަހަރެންގެ ލީދަރިއެއްގައި ހުންނަން ޖެހޭ އެންމެ މުހިންމު ސިފައަކީ ތިޔައީ"އައިޝާގެ މަންމަ އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކުގައެވެ. އަހަރެންގެ ހިތުގައި ކުރިފަޅަމުން ދިޔަ ދިލަ ހޫނުތައް މަޑުމަޑުން އޮބި ހިމޭންވަމުން ދިޔައެވެ. އަނެއްކާ ވެސް އަހަންނަށް ބަލައިލެވުނީ ކުރިމަތީ އިން އައިޝާއަށެވެ. އަހަންނަށް އޮޅުވައިލައިގެން އައިޝާ އަހަރެން މިތަނަށް ގެނައީ މި ބޭނުމުގައޭ ހިތަށް އެރިއެވެ.

"ދަރިފުޅާ އާރިފު، ދަރިފުޅަކީ ބައްޕަގެ އުންމީދު، މާދަމާ ވެސް ބައްޕަ ލޯ މަރައިލަން ޖެހިދާނެ، ބައްޕަ ނެތް ދުވަހަކުން ވެސް އައިޝާއާ ދެކުދިން ބައްޕަގެ ނިޝާން ދިރުވައިދޭތި، މި ހަނދާންތައް ދަމަހައްޓާތި، މި ޒިކުރާ އާކުރާތި، ދަރިފުޅަށް ނޭނގުނަސް ދަރިފުޅު ދެކެ އައިޝާ ވަރަށް ލޯބިވޭ. އައިޝާގެ ހިތްހަމަ ޖެހުމަށްވުރެ ބޮޑު އެއްޗެއް މި ބައްޕައަކަށް މިއަދު މުހިންމެއް ނޫން"

އަހަންނަށް ބަލައިލެވުނީ އައިޝާގެ ބައްޕަގެ މޫނަށެވެ. ފެންކަޅިވެފައި އިނދެގެންނެވެ. ދަރިފުޅާއޭ ކިޔާ ގޮވާލި އަޑު އިވުނު ފުރަތަމަ ފަހަރު، އަހަންނަށް މި ކުރެވެނީ ކޮންކަހަލަ އުފާވެރި އިހުސާސެއް ހެއްޔެވެ؟ އެ ލަފުޒުގައި އެ ވަނީ ކޮންކަހަލަ މަތިވެރި ޖަޒުބާތެއް ހެއްޔެވެ؟ އަހަންނަށް މަޑުމަޑުން ކޮޅަށް ތެދުވެވުނެވެ. މަޑުމަޑުން އައިޝާގެ ބައްޕަ ގާތަށް ދެވުނެވެ.
"ބައްޕާ... އަދި އެއްފަހަރު ދަރިފުޅާއޭ ކިޔާ ގޮވައިލަދީބަލަ" އަހަރެންގެ އިހުސާސްތައް ބަންޑުންވި ކަހަލައެވެ. "ދަރިފުޅާއޭ ކިޔާ ގޮވައިލައިފަ ބައްޕަ އެދޭ ކޮންމެ ކަމަކަށް އަހަރެން އާނ ބަސްބުނާނަން"

ކުއްލިއަކަށް ކާރު ހުއްޓައިލިއެވެ. ޑުރައިވަރު އަހަރެންގެ މޫނަށް ބަލައިލިއެވެ. ކިހިނެއްވީހޭ އަހައިލާ ބީދައިންނެވެ.
އަނެއްކާ ވެސް އައިޝާއަށް ގުޅައިލީމެވެ. ދެތިން ފަހަރު ރިންގުވުމުން ފޯނު ކެނޑުނެވެ. ތިން ހަތަރުފަހަރު ގުޅީމެވެ. އެންމެފަހުން ފޯނު ނެގިއެވެ. ވާހަކަދެއްކުމުގެ ބަދަލުގައި ފޯނުން އިވެންފެށީ ވޭނީ އާޚްގެ އަޑެވެ. އައިޝާގެ އަޑެވެ. ގިސްލަ ގިސްލާފައި ރޮމުން އާދޭސްކުރާ އަޑު ކެނޑި ކެނޑިގެން އިވެމުން ދިޔައެވެ.

"އަހަންނަށް ތިހެން ނުހަދާ، އަހަންނަށް އަނިޔާ ނުކުރޭ އާދޭސްކޮށްފަ.. އަހަރެންނަށް ތިހެން ނުހަދާ" ކުއްލިއަކަށް ފޯނު ވިއްސައިންގެ ގޮސް އެއްޗެއްގައި ޖެހުނުހެން ހީވިއެވެ. އޭރު ކާރު އައިސް އަހަރުމެންގެ ގޭގެ ކުރިމަތީ މަޑުކޮށްލަނީއެވެ. އަވަސް އަވަހަށް ކާރުގެ ދޮރު ހުޅުވައިލީމެވެ. މީހެއްގެ ހާޅޭއްކުގެ އަޑު މަތިން އިވެމުން ދިޔައެވެ. މައްޗަށް ބަލައިލެވުނެވެ. އަހަންނަށް ފެންނަމުން ދިޔަ މަންޒަރުގެ ހިނގުން ސިކުންތުން މިނެޓަށް ބަދަލު ވަމުންދިޔަ ކަމަށް ހީވާން ފެށިއެވެ. އެހައިވެސް ލަސްލަހުން، މަންޒަރުގެ ތެރެއިން ހުދު އަލިކަމާއެކު ބިއްލޫރިތަކާއި ކަރުދާހާއި ހުދު ފޮތިތަކެއް ތިރިއަށް ފައިބަމުން ދިޔައެވެ.

މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ހަތް ބުރީގެ އެ އިމާރާތުން މަގާ ދިމާއަށް އައިޝާ ވެއްޓޭ މަންޒަރު ފެނުނެވެ. ކުރެވޭނެ މާގިނަ ކަމެއް ނެތެވެ. އަހަންނަށް ދުވެފައި މަގު ހުރަސްކޮށްލެވުނު އިރު އައިޝާ އޮތީ ބިންމަތީގައެވެ. އިސާހިތަކު ލޭގެ ކޯރުތައް އައިޝާގެ ދެ ފަރާތަށް ފެތުރިގަތެވެ. އަހަންނަށް އަތުގައި އޮތް ފައިލް ހޫރައިލެވުނެވެ. ގަނޑުތައް އެތަން މިތަނުގައި އުދުހެމުން ދިޔައެވެ. ދުވެފައި ގޮސް އައިޝާ ނަގައި އުނގުތެރެއަށް ލީމެވެ. އައިޝާ އަހަރެން މޫނަށް ބަލައިލިއެވެ. ލުއި ހިނިތުންވުމަކާއެކު ތުންފަތް ހަރަކާތް ކޮށްލިއެވެ.

"އަހަރެން ބަނޑުބޮޑު، ހަތް ދުވަ..." ނޭވާ އުފުރެމުން ކަހަލަ ގޮތަކަށް އައިޝާ ވާހަކަދެއްކިއެވެ. "ހިޝާމު، ރިފޫ އަހަންނަށް ހިތްހެޔޮކު...."

އެއާއެކު އައިޝާގެ ކަޅި ހުއްޓުނެވެ. ވިންދު ކެނޑި މީހާ ފިނިވަމުން ދިޔައެވެ. އަހަންނަށް ބާރުބާރަށް ހަޅެއްލަވައިގަނެވުނެވެ. އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ވެގެން ދިޔައީ އަހަރެންގެ ހަޔާތުގެ އެންމެ ހިތްދަތި ދުވަހަށެވެ. އަހަންނަށް ޓަކައި އެތަކެއް ޤުރުބާންތަކެއްވީ އަހަރެންގެ އަލަތު އަނބިމީހާ އެ ދިޔައީ އަހަރުމެންގެ ލޯބީގެ ނިޝާން ވެސް ގޮވައިގެންނެވެ.

މިއަދު އަހަރެން ކާމިޔާބު މީހަކަށްވެ ކުރިއަށް މިދަނީ މަންމައާއި ބައްޕައަށް ހިނިތުންވުން ގެނެސްދީ، އެމީހުންގެ ގެއްލިފައިވާ ޙައްޤުތައް ހޯދައިދީގެންނެވެ. އަހަންނަށް މަގުދައްކައިދިން އައިޝާގެ މަންމައާއި ބައްޕަގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ދެ އާއިލާ ގުޅިގެންނެވެ. ހިޝާމަށް އޭނާ ކުރި ކުށުގެ އަދަބު ނުދެނީސް ތަގުދީރުގައި ރޭވިފައިވާ ގޮތުގެމަތިން އެކަމުގެ ސަޒާ ލިބުނެވެ. އައިޝާ އިމާރާތުގެ ހަތްވަނަ ބުރިން ކޮށްޕާލާފައި ދުވެ ފިލަން އުޅެނިކޮށް ސިޑިން ކަހައިލައިގެން ވެއްޓި އުނގަނޑުން ތިރި ވާގި ނެތިގެންނެވެ.

'ދިރިއުޅުމުގެ ދަތުރުގައި ހިމޭންވާ ކޮންމެ ދަނޑިވަޅަކީ މާޔޫސްވާންވީ ވަގުތެއް ނޫންނެވެ. އެއީ ކާމިޔާބުގެ ފެށުން ތިމާއާ ބައްދަލުވާ ވަގުތެވެ. ކާމިޔާބު މީހާއަކީ އެ ފަދަ ދަނޑިވަޅު ހިތްވަރު ގަދަކުރާ މީހުންނެވެ. ސާމަރާދޫނީގެ ނަލަކަން އަހަރުމެންނަށް ފެންނާނީ، ސާމަރާދޫނީގެ ނަލަ ކުލަތައް ބެލުމަށް ކެތްތެރިވެގެންނެވެ.' އަލްބަމު ތެރޭގައި އޮތް އައިޝާގެ އެންމެ ފަހުގެ ހަނދާނީ މެސެޖުގައި އަހަރެން އިނގިލި ޖައްސައިލީމެވެ. މަޑުމަޑުން އެ ލިޔުންކޮޅުގައި ބޮސްދެވުނެވެ.
"އައިޝާ، އިއްޒަތާއި ޤަދަރު އަހަންނަށް ހޯދަދީފި. އަގެއްނެތް އުޅުމަށް ކީރިތިކަމާއެކު މޫރިތިކަން ގެނުވަދީފި. އަމާޒެއްނެތް ދަތުރަށް، ހިމާޔަތް ހޯދައިދީ މިސްރާބު ދައްކުވައިދީފި. ބިކަވެ ނިކަމެތިވި މިހަޔާތަށް ދިރުން ގެނުވައިދީފި" ފެންކަޅިވެ އިނދެ އަހަންނަށް ބުނެލެވުނެވެ. "ސާމަރާ ދޫނިން ދޭހަވާ ހުރިހާ މާނައެއް އައިޝާގެ ޢަމަލުތަކުން ފެނިއްޖެ، ދަސްވެއްޖެ"
ހިޔާލު

ސައްލެ

ފިލްމެއް ބެލޭހެން ހީވީ.... އޭކް ވިލަން އާ ވައްތަރު... އެކަމަކު ވަރަށް ތަފާތު.... ބޮޑު ހާދިސާއެއް ކުރުވާހަކައަކުން ގެނެސް އޮތް ގޮތް ވަރަށް އޮބި

ނަން

ހިންދީ ފިލްމް. އޭކް ވިލަން ގެ ވާހަކަޔާ ވަރަށް އެއްގޮތް ވާހަކަ އެއް