Malaysiagai bulhaleh maraali meehaku 2 aharah jalah laan hukum kohfi
image
މިދިޔަ ހަފްތާގެ ތެރޭގައި މާވެޔޮ މަގުގައި މަރާލާފައި އޮތް ބުޅަލެއް.-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

މެލޭޝިޔާގައި ބުޅަލެއް މަރާލި މީހަކު ދެ އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

އަވައްޓެރި މެލޭޝިޔާގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މާބަނޑު ބުޅަލެއް މަރާލި މީހަކު ދެ އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
އޭ މޮހަންރާޖު ނަމަކަށް ކިޔާ މީހާ ޖަލަށް ލާން ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކޯޓުގައި އޭނާ ބުޅާ މަރާލި ކަމަށް އިއުތިރާފް ވުމުންނެވެ. އަދި އޭނާ ވަނީ އެކަމަށް މެލޭޝިޔާ ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.

މި މައްސަލާގައި ތިން މީހަކު ހިމެނެ އެވެ. އޭގެ ތެރެއިން އެކަކު ސަލާމަތްވީ އިރު، އަނެކަކު އެ ކަމަށް އިއުތިރާފެއް ނުވެ އެވެ. ނަމަވެސް އޭނާގެ މައްޗަށް އަދި ހުކުމެއް ނީންވަ އެވެ.

އެ ތިން މީހުން އެ ބުޅާ މަރާލީ ލޯންޑްރީއެއްގެ ދޮންނަމެޝިނެއްގެ ތެރެއަށް ލައިގެންނެވެ. އެކަން ފުލުހުންނަށް ހުށަހެޅީ އެ ލޯންޑްރީ އަށް ދިޔަ މީހަކަށް ދޮންނަ މެޝިނުގެ ތެރެއިން ލެޔާއި އެކު ބުޅާ ކެހެރިތަކެއް ފެނުމުން އެ ލޯންޑްރީގެ ވެރިންނަށް އެކަން ރިޕޯޓް ކުރުމުންނެވެ.

މެލޭޝިޔާގެ ނޫސްތަކުން ބުނާގޮތުގައި އެ މީހުން އެ ބުޅާ ދޮންނަ މެޝިނުގެ ތެރެއަށްލާ މަންޒަރު އެ ތަނުގެ ސީސީޓީވީ ކެމެރާތަކަށް ވަނީ އަރާފަ އެވެ.

މި މައްސަލާގައި ދެ އަހަރުގެ ޖަލު ހުކުމެއް އިއްވި މީހާ ހުރީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހައްޔަރުގަ އެވެ. އަދި އޭނާގެ ދެ އަހަރު ގުނަން ފަށާނީ އެ ތާރީހުން ފެށިގެން ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

މެލޭޝިޔާގައި މިފަދަ ހުކުމެއް އިއްވި އިރު، ފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުގައި އިހާނެތި ގޮތްގޮތަށް ބުޅާ މެރުން ވަނީ އާންމުވެފަ އެވެ. ނަމަވެސް މިހާތަނަށް އެ ފަދަ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ނަމަވެސް ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ރާއްޖޭގައި ވެސް ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ. އެގޮތުން ގާނޫނުލް އުގޫބާތުގައި ޖަނަވާރުންނަށް އަނިޔާކުރުމުގެ، ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށް ބުނެފައި ވެއެވެ.
ހިޔާލު