Baligai bongohvi ''mastermind'' dhookohlaathee kanboduvehje
image
ބާލީގައި ބޮންގޮއްވި "މާސްޓާ މައިންޑް"، ހައްދުފަހަނަ އަޅާފައިވާ ދީނީ އިލްމުވެރިޔާ އަބޫ ބަކުރު ބާސިރް.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ބާލީގައި ބޮންގޮއްވި "މާސްޓާ މައިންޑް" ދޫކޮށްލާތީ ކަންބޮޑުވެއްޖެ

އިންޑޮނޭޝިޔާގެ ބާލީގެ ނައިޓް ކުލަބަކަށް 2002 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު، ހައްދުފަހަނަ އަޅާފައިވާ ދީނީ އިލްމުވެރިޔާ އަބޫ ބަކުރު ބާސިރް ދޫކޮށްލަން ނިންމުމުން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ހަމަލާގައި 200 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އޭގެ ތެރޭގައި ގިނައީ އޮސްޓްރޭލިޔާ މީހުންނެވެ. އެގޮތުން އޭނާ ދޫކޮށްލަން ނިންމުމުން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބޮޑުވަޒީރު ވަނީ، އޭނާ ދޫކޮށްލަން ނިންމި ނިންމުން ބަދަލުކޮށް، އޮސްޓްރޭލިޔާ އަށް އިހުތިރާމު ކުރުމަށް ގޮވާލާފަ އެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރުގެ ކަންބޮޑުވުންތަކާ އެކު އިންޑޮނޭޝިޔާގެ ސެކިއުރިޓީ މިނިސްޓަރު ވަނީ، އޭނާ ދޫކޮށްލުމުގެ ކުރިން އެފަދަ ހުރިހާ ކަންބޮޑުވުންތަކަކާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބަލަން ރައީސް ޖޯކޯ ވިޑޯޑޯ އަންގަވާފައިވާ ކަމަށް ބުނެފަ އެވެ.

އިންޑޮނޭޝިޔާގައި މަނާކޮށްފައިވާ، ހައްދުފަހަނަ އަޅާފައިވާ ޖެމާހް އިސްލާމިއްޔާގެ ރޫހާނީ ލީޑަރުގެ ގޮތުގައި ފާހަގަ ކުރެވޭ އުމުރުން 80 އަހަރުގެ ބާސިރް ދޫކޮށްލަން މިދިޔަ ހަފްތާގައި ނިންމީ ރައީސް ވިޑޯޑޯ އެވެ. ރައީސް ވިދާޅުވީ އެ ނިންމުން ނިންމީ، އޭނާގެ ސިއްހަތަށް ބެލުމަށް ފަހު ކަމަށެވެ.

ނަމަވެސް އެއާ އެކު އެ ގައުމުގައި ވެސް އެތައް ބަޔަކު ވަނީ އެ ނިންމުން އަލުން ބަދަލު ކުރުމަށް ރައީސް ވިޑޯޑޯ އަށް ގޮވާލާފަ އެވެ.
ހިޔާލު