MTCC ge faidhaa record minvarakah dhahvehje
image
އެމްޓީސީސީ: މިދިޔަ އަހަރު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ލިބުނު ފައިދާ 120 މިލިޔަން މަދު.-- ފޮޓޯ: ޕީއެސްއެމް
2 ކޮމެންޓް
 

އެމްޓީސީސީގެ ފައިދާ ރެކޯޑް މިންވަރަކަށް ދަށްވެއްޖެ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީގެ ފައިދާ ރެކޯޑް މިންވަރަކަށް ދަށްވެއްޖެ އެވެ.
އެ ކުންފުނިން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ ތިން މިލިޔަން ރުފިޔާގެ ސާފު ފައިދާއެކެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް ވަނީ 97 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު ފިޔަވާ އެހެން ކުއާޓަރުތަކުގައި ވެސް އެމްޓީސީސީ އަށް ލިބުނު ފައިދާ 2017 ވަނަ އަހަރާ އަޅާ ބަލާއިރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އެމްޓީސީސީ އަށް ލިބުނު ސާފު ފައިދާ ތިން މިލިޔަން އިތުރުވެ، ނުވަ މިލިޔަނަށް އެރި އެވެ.

ނަމަވެސް އޭގެ ފަހުން ދެ ވަނަ ކުއާޓަރުގެ ސާފު ފައިދާ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 12 މިލިޔަން ރުފިޔާ ދަށްވެ، 13 މިލިޔަން ރުފިޔާ އަށް ވެއްޓުނީ އެވެ. އަދި އޭގެ ފަހުން ތިން ވަނަ ކުއާޓަރަށް ބަލާއިރު 2017 ވަނަ އަހަރުގެ އެ މުއްދަތުގައި 17 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު އިރު މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ސާފު ފައިދާ އުޅުނީ 327,963 ރުފިޔާގަ އެވެ.

އެހެންކަމުން އެމްޓީސީސީ އަށް 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 145 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އެއްޗެއް ލިބުނުއިރު މިދިޔަ އަހަރު ނިމުނު އިރު ސާފު ފައިސާގެ ގޮތުގައި ލިބުނީ 25 މިލިޔަން ރުފިޔާ އެވެ. އެއީ 120 މިލިޔަން ރުފިޔާގެ ވެއްޓުމެކެވެ.

މިދިޔަ އަހަރު ގިނަ ޕްރޮޖެކްޓްތަކެއް ހިންގި ނަމަވެސް އެ ކުންފުނީގެ ސާފު ފައިދާ ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައިވަނީ، އެ ޕްރޮޖެކްޓްތަކަށް ފައިސާ ނުލިބޭތީ ކަމަށް އެމްޓީސީސީގެ ބައެއް އޮފިޝަލުން ބުނެ އެވެ. އެގޮތުން މިދިޔަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، އެ ކުންފުންޏާ ސަރުކާރުން ހިންގި އުމްރާނީ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ހަވާލުކުރި އިރު، އޭގެ ތެރެއިން ގިނަ ކަންކަމަކީ ބަޖެޓުގައި ހިމެނިފައި ނުވާ ކަންކަމެވެ.

އެހެންކަމުން އެމްޓީސީސީން ގިނަ މަސައްކަތްތައް ކުރީ ފަހުން ފައިސާ ލިބޭގޮތަށް، ކްރެޑިޓަށެވެ. އަދި މިދިޔަ އަހަރު އެ ކުންފުނިން ހިންގި ބައެއް ޕްރޮޖެކްޓްތަކަށް މި އަހަރުގެ ބަޖެޓުގައި ފައިދާ ހިމަނާފައިވާއިރު، އެ ކުންފުނީގެ އޮފިޝަލުން ވަނީ މި އަހަރު އެ ކުންފުނީގެ މާލީ ތަސައްވުރު މިދިޔަ އަހަރަށް ވުރެ ރަނގަޅުވާނެ ކަމަށް ލަފާކޮށްފަ އެވެ.
އެމްޓީސީސީ ވިޔަފާރި
ހިޔާލު

އަހްމަދު

މަހާޖައްރާފަ ކޮންނަން އަގުހަދަނީ 8ޑޮލަރ ސަރުކާރަށް މަސައްކަިތް ކޮއްދޭން ޖެހެނީ 5 ޑޮލަރ އަށް، ފައިދާވި ޔާމިނަށް، އާންމު ހިއްސާދާރުންނަށް ގެއްލުން.

މަހާ ޖައްރާފު

މަހާ ޖައްރާފު ކޮބާ؟ އޭތި މަސައްކަތް ނުކުރަންޏާ ގެއްލުން ދައްކާނީ