Mifaharauves Khaleel ai JeyFour ge Hanguraamaeh!
image
0 ކޮމެންޓް
 

މިފަހަރުވެސް ހަލީލާއި ޖޭފޯގެ ހަނގުރާމައެއް!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލައި ދޫކޮށްލާފައިވާ ފ.ނިލަންދޫ ދާއިރާއަށް 2014ގައި ބޭއްވި އިންތިހާބުގައި އެންމެ ކައިރިން ވާދަ ކުރެއްވި ދެ ބޭފުޅުން ވާދަ ކުރައްވަން ނިންމަވައިފިއެވެ.

ޑރ.އަބްދުﷲ ހަލީލް ނިލަންދޫ ދާއިރާއަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ކުރިމަތިލައްވަން ނިންމަވާފައިވާއިރު، ޑރ.ހަލީލުގެ ބޮޑުބޭބެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ)ވެސް ވަނީ އެދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައެވެ.

ޖޭފޯ ކުރިން ވާދަ ކުރެއްވީ ޕީޕީއެމް ރަސްމީ ޓިކެޓުގައެވެ. އެހެން ނަމަވެސް އަމިއްލަ ގޮތުން ވާދަ ކުރައްވައި ޑރ.ހަލީލު ގޮނޑި ކާމިޔާބު ކުރެއްވީ އެންމެ ތިން ވޯޓުން ކުރި ހޯއްދަވައިގެންނެވެ. ޖޭފޯ މިފަހަރު ނިލަންދޫ ދާއިރާއަށް ކުރިމަތިލައްވާނީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ތާއީދާއެކުގައެވެ.

ނިލަންދޫގެ އެންމެ ބޮޑު އާއިލާއަށް ނިސްބަތްވާ މި ދެ ބޭފުޅުން މި އިންތިހާބުގައިވެސް ވާދަ ކުރައްވާއިރު ނިލަންދޫގެ ވޯޓްތައް ދެ ބަޔަށް ބެހި ވާދަވެރިކަން ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ. 2014ވަނަ އަހަރު މި ދެ ބޭފުޅުން ކުރިމަތިލައްވައި، ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން އަލުން ވޯޓް ފޮށި ގުނައިގެން ރަސްމީ ނަތީޖާ ނެރެން ޖެހުނުއިރު ހޮވިވަޑައިގެންނެވި ޑރ.ހަލީލަށް ލިބިލެއްވީ 646 ވޯޓެވެ. އެހެން ނަމަވެސް އެ ބުރުގައި ޖޭފޯއަށް 643 ވޯޓް ލިބިވަޑައިގަތެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް ރައީސް ޔާމީނަށް މެޖޯރިޓީ ލިބިލެއްވި ނިލަންދޫ ދާއިރާގައި އެއިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައި ވަނީ 106 ވޯޓެވެ.
ހިޔާލު