Raees Solihah Lanka in Maruhabaa Dhennevee Bodu Vazeeru Ranil
image
0 ކޮމެންޓް
 

ރައީސް ސޯލިހަށް މަރުހަބާ ދެންނެވީ ބޮޑު ވަޒީރު ރަނިލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެގައުމަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންހައެވެ.
ރައީސް ސޯލިހް ލަންކާއަށް ރަސްމީ ދަތުރުފުޅެއް މި ކުރައްވަނީ މާދަމާ އެގައުމުގައި ފާހަގަ ކުރާ 71 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށެވެ.

މިއަދުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދެގައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ސްރީލަންކާގެ ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ މަރުހަބާ ދެންނެވުމުގެ ހަފުލާގެ އިތުރުން ސްރީލަންކާގެ ރައީސް ދެއްވާ ރަސްމީ ޖާފަތެއްވެސް އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
ރައީސް އޮފީސް
ހިޔާލު