Tabloid akun Bezos blackmail kuraa kamah bunefi
image
ބޭޒޯސް: މިދިޔަ މަހުގެ ތެރޭގައި އޭނާ އާއި އަންހެނުން މެކެންޒީ ވަރިވާން ނިންމިކަން ވަނީ އިއުލާނުކޮށްފައި.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

ޓެބްލޮއިޑަކުން ބޭޒޯސް ބްލެކްމެއިލް ކުރާ ކަމަށް ބުނެފި

އެމެރިކާގެ މަޝްހޫރު ޓެބްލޮއިޑެއް ކަމަށްވާ ނެޝަނަލް އެންކުއަރާ އިން ދުނިޔޭގެ އެންމެ މުސްހަނދި މީހާގެ ގޮތުގައި މިވަގުތު ހުރި އެމެޒޯންގެ ފައުންޑަރު ޖެފް ބޭޒޯސް ބްލެކްމެއިލް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
މަޝްހޫރު ވޮޝިންޓަން ޕޯސްޓާއި އެތައް ވިޔަފާރިތަކެއް ހިންގާ ބޭޒޯސް އެކަން ހާމަކުރީ ބްލޮގް ޕޯސްޓަކުންނެވެ. އެގޮތުން ނެޝަނަލް އެންކުއަރާގެ މައި ކުންފުނި އެމެރިކަން މީޑިއާ އިންކް (އޭއެމްއައި)އިން ބޭނުންވަނީ އޭނާގެ ޕްރައިވެޓް މެސެޖުތައް އެ ކުންފުންޏަށް ލިބުނުގޮތް ބެލުމަށް ކުރަމުން އަންނަ ތަހުގީގެއް ހުއްޓާލުމަށް ކަމަށް ބްލޮގް ޕޯސްޓުގައި ބޭޒޯސް ބުނެ އެވެ.

އޭގެ ބަދަލެއްގެ ގޮތުން ބޭޒޯސް އާއި އޭނާގެ ލޯބިވެރިޔާ އަދި ކުރީގެ ޓީވީ ޕްރެޒެންޓަރު ލައުރެން ސެންޗޭޒްގެ ގައިގޯޅި ފޮޓޯތަކެއް ޕަބްލިޝް ނުކުރާނެ ކަމަށާއި، އެކަން ނުހުއްޓައިފިނަމަ އެ ފޮޓޯތައް ނޫހުގައި ޖަހާނެ ކަމަށް ބުނެ އޭއެމްއައިގެ އޮފިޝަލަކު ބޭޒޯސް އަށް ފޮނުވި އީމެއިލެއް ވެސް ވަނީ ބްލޮގް ޕޯސްޓުގައި ޝާއިއު ކޮށްފަ އެވެ.

"ބްލެކްމެއިލްވެގެން ހުރުމުގެ ބަދަލުގައި، އެ މީހުން [އޭއެމްއައިން] ފޮނުވި އީމެއިލް އެއްވެސް ބަދަލެއް ނުގެނެސް އާންމުކުރަން މި ނިންމީ، މިކަމުން އަހަންނަށް ލަދުވެތި ކަމާއި، ދަތިތަކަށް ވެލުމެއް ނެތި،" ބޭޒޯސްގެ ބްލޮގްގައި ބުނެފައި ވެއެވެ.

ބޭޒޯސް އާއި އޭނާގެ އެތައް އަހަރެއްވީ އަންހެނުން މެކެންޒީއާ ދެމީހުން ވަރިވާން ނިންމިކަން މިދިޔަ މަހު ވަނީ އިއުލާނު ކޮށްފަ އެވެ. ދެ މީހުން ބޭނުންވެގެން ވަރިވާން ނިންމިކަން އިއުލާނު ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން ނެޝަނަލް އިންކުއަރާ އިން ވަނީ ބޭޒޯސްގެ ކައިވެނިން ބޭރުގެ ލޯބީގެ ގުޅުމާ ގުޅޭގޮތުން އާޓިކަލެއް ޝާއިއު ކޮށްފަ އެވެ.

އެތައް ބަޔަކު ސިއްސުވާލި ބްލޮގް ޕޯސްޓުގައި ބޭޒޯސް ވަނީ އޭއެމްއައިން ފޭކް ބަޔާނެއް ބޭޒޯގެ ފަރާތުން ނެރުމަށް ވެސް ބޭނުންވާ ކަމަށް ބުނެ، އެކަމަށް އެ ކުންފުނިން އޭނާ އަށް ހުށަހެޅި އީމެއިލެއް ވެސް ޕަބްލިޝް ކޮށްފަ އެވެ. އެގޮތުން ބޭޒޯސްގެ ކައިވެނިން ބޭރުގެ ލޯބީގެ ގުޅުމާ ބެހޭގޮތުން ނޭޝަނަލް އިންކުއަރާ އިން ގެނެސްދިން ލިޔުމަކީ ސިޔާސީ މަގުސަދެއް އެވޮގެން އެ ނޫހުން ކުރި ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނުމަށް އޭއެމްއައިން ބޭޒޯސް ކައިރީގައި އެދިފައި ވެއެވެ.

ބޭޒޯސްގެ ބްލޮގްގައި އޭއެމްއައި އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ގުޅުން އޮންނަ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެ ކުންފުނިން އެދިފައިވާ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް ބޭޒޯސް ވަނީ ބުނެފަ އެވެ.

އޭއެމްއައި އަކީ ރައީސް ޓްރަމްޕް ކައިވެނިން ބޭރުން ގެންގުޅުނު ޕްލޭބޯއީ މޮޑަލެއް އެ ވާހަކަތައް ހާމަނުކުރާނެ ކަމަށް އެއްބަސްވުމުން، ޓްރަމްޕް ކެމްޕެއިނުގެ ތެރެއިން އެ މޮޑަލަށް 150،000 ޑޮލަރު ދެއްކި ކުންފުންޏެވެ. އަދި އެ ކުންފުނިން ދާދިފަހުން ވަނީ އެކަމަށް އެއްބަސްވެސް ވެފަ އެވެ.


ހިޔާލު