Insaafu gaaimuvanee eh courtun aneh courtah fandiyaarun badhalu kohgentha!
image
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު-- ފައިލް ފޮޓޯ
3 ކޮމެންޓް
 

އިންސާފު ގާއިމުވަނީ އެއްކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން ބަދަލު ކޮށްގެންތަ!

ރާއްޖޭގެ އަދުލްއިންސާފާމެދު ފާޑު ނުކިޔާ އަދި ހިތްހަމަނުޖެހިގެން އެވާހަކަ ނުދައްކާ މީހަކު މިރާއްޖޭގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އިންސާފަކީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެތާއެވެ. އެއިރެއްގައި އޮންނަ ސަރުކާރުގެ މުށުތެރޭގައި ނުވަތަ ފައިސާވެރިންގެ މުށުތެރޭގައި އަދުލުއިންސާފު އޮންނަން ވެއްޖެއްނަމަ އެވާހަކަ ރައްޔިތުން ދައްކާނެ އެވެ. muni
ދިވެހި ރައްޔިތުން ތާއަބަދު އެދެމުންދަނީ އަދުލްއިންސާފު ގާއިމުކޮށްދިނުމަށެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވެސް އަދުލްއިންސާފު ގާއިމު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުވާލެއްވި އެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިއްމު އެއްކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގޭ ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ގޮތަކާއިމެދު ގާނޫނީ ދާއިރާގެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރިއިރު، ސިޔާސީ ބޭފުޅުންގެ މެދުގައި ވެސް ހިޔާލު ތަފާތުވުންތަކެއް ދަނީ ފެންމަތި ވަމުންނެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރަންޖެހޭކަމަށާއި އެކަން ކުރަން އެންމެބޮޑަށް ފޫގަޅައިގެން ނުކުތީ އެމްޑީޕީއާއި އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކެވެ. ބޮޑަށް ހިޔާލު ތަފާތުވުންތައް ހުރީވެސް އެމްޑީޕީ އާއި ކުރިން ޝަރުއީ ދާއިރާގައި އުޅުއްވި އަދި ޝަރުއީ ދާއިރާގައި އެންމެ ނުފޫޒު އޮތް ބޭފުޅުންގެ މެދުގަ އެވެ. އެހެންކަމުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ހެޔޮ ނިޔަތް އޮތް މީހުންނަކީ ކޮބައިކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ބަޔާން އިއްވުމުގެ އެއްދުވަސް ކުރިން ވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކެއް އެކި ކޯޓުތަކަށް ބަދަލު ކުރަން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީން) ވަނީ ނިންމާފަ އެވެ. އެ ނިންމުން ވެގެން ގޮސްފައިވަނީ ބައެއް ގާނޫނީ ވަކީލުންނާއި ޝަރުއީ ދާއިރާ އިސްލާހު ކުރަން މަސައްކަތް ކުރާ ބައެއް ފަރާތްތަކަށް ގަބޫލު ކުރަން ދަތި ކަމަކަށެވެ. އަދި ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް ބައެއް ގާނޫނީ ވަކީލުން ފާހަގަ ކުރައްވާފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލު ކުރަން ނިންމާފައިވާއިރު، ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު، ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމާފަ އެވެ.

އެއް ކޯޓުން އަނެއް ކޯޓަށް ގާޒީން ބަދަލު ކުރެވިދާނެ އެވެ. ނަމަވެސް އެއީ ގާނޫނީ ހަމައިގެ ތެރެއިންނެވެ. މި ތިން ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރަން ނިންމާފައިވާ ނިންމުމަށް ގާނޫނީ ވަކީލުން ފާޑުކިޔާ މައިގަނޑު ސަބަބަކީ، އެތިން ފަނޑިޔާރުން ބަދަލު ކުރަން ނިންމާފައިވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން ބަދަލު ކުރުމާ ބެހޭ އުސޫލުގެ ދަށުން ސުޕްރީމް ކޯޓުން އެގޮތަށް ހުށަހެޅުމުން ކަމަށް ޖޭއެސްސީން ބުނުމާއި ގުޅިގެންނެވެ.

މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަށް މަތިކޮށްފައިވަނީ ޖޭއެސްސީއަށް ކަމަށްވާތީ، އެހެން ތަނަކުން އަންގާ އެންގުމަކަށް އަދި ވަކި ފަރާތެއްގެ ނުފޫޒުން ފަނޑިޔާރުން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމާ ނަމަ އެއީ އެކޮމިޝަނުގެ ވަރަށް ބޮޑު ފެއިލިއާއެއް ކަމަށެވެ. އަދި ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ނޫން ގޮތަކަށް، ފަނޑިޔާރުގެ ރުހުމެއްނެތި އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން ބަދަލު ކުރުމަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަމާއި ހިލާފު، ޣައިރު ދުސްތޫރީ އަމަލެއް ކަމަށްވެސް މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނަކީ ގާނޫނުއަސާސީން ބާރު ލިބި ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ގާއިމު ކޮށްފައިވާ އެންމެ މުހިއްމު މުއައްސަސާއެވެ. ފަނޑިޔާރުންނާމެދު ތައުދީބީ ފިޔަވަޅުއެޅުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެކޮމިޝަނުގައި ތައުދީބީ ކޮމެޓީއެއް އޮންނަން ޖެހޭނެކަމަށްވެސް ގާނޫނު ބުނެއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައި ބުނަނީ ފަނޑިޔާރަކާމެދު އެޅޭނެ ތައުދީބީ ފިޔަވަޅުތައް އެ ފަނޑިޔާރަކު ކުރި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި، ތިރީގައި އެވާ ތައުދީބީ ފިޔަވަޅު އެޅިދާނެ ކަމަށެވެ.
1. ނަސޭހަތް ދިނުން
2. އިންޒާރު ދިނުން
3. ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުން
4. ފަނޑިޔާރު މަސައްކަތްކުރާ ކޯޓާ އެއްދަރަޖައިގެ އެހެން ކޯޓަކަށް ބަދަލުކުރުން
5. ވަޒީފާއިން ވަކިކުރުމަށް ހުށަހެޅުން

ޖޭއެސްސީއަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުން އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ގާނޫނުއަސާސީން ބާރުދީފައިވާ ހަމައެކަނި މުއައްސަސާއަށްވާއިރު، ޖޭއެސްސީން ވެސް އަމަލު ކުރަންޖެހޭނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ގޮތަށެވެ. އަމަލުކުރަންޖެހޭ އިޖުރާއަތުތަކެއް ހުރެއެވެ. ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް އަމަލުތައް ބަހައްޓަން ޖެހެއެވެ. ޖުޑިޝަލް ސާވިސ ކޮމިޝަނުގެ ގާނޫނާއި، ދިވެހިރާއްޖޭ ފަނޑިޔާރުންގެ ގާނޫނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ވަރަށް ސާފުކޮށް އަމަލު ކުރަންޖެހޭ ގޮތް ބަޔާން ކޮށްފައި ވެއެވެ.

އަދުލްއިންސާފުގެ ދާއިރާއާއި މުޅި ރާއްޖެ ހަމަމަގަށް ނޭޅިގެން މިއުޅެނީ ގާނޫނު ނެތިގެނެއް ނޫނެވެ. ގާނޫނުތަކަށް އަމަލު ނުކުރުމާއި ތަންފީޒީ އިދާރާތަކުގެ އިހުމާލު ބޮޑު ކަމުން ނެވެ. އެ އުސޫލުން ޝަރުއީ ދާއިރާއަށް ވެސް އިސްލާހު ނުގެނެވިގެން އުޅެނީ ވެސް ހަމަ އެ އުސޫލުން ކަން ހިނގާތީތާ އެވެ.
ހިޔާލު

ކޮލެޖު ބޯއި

ބަލަ ޔާމީނުގެ އާޒިމާ ގެ ޝަރީއަތް އިންސާފުކޮށް ކުރެވޭނީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްގެން.

ލަދު

އިންސާފު ޤާއިމް ވާނީ ގިނަގިނައިން ސިޔާސީ ޕާޓީ އުފައްދާ ޕާޓީ ބަދަލް ކުރިވަރަކުން !

ލަކޫ

އަމިއްލަ ނަފުސު ކޮންމެ މީހަކު އިސްލާހު ކޮށްބަލަ އޭރުން ފަޑިޔާރުގެ އިސްލާހު ވެފައި އޮންނާނީ !