Mifaharu mifenunee Alia Bhatt aa vahtharu kujjeh
image
ސަނާޔާ އާއި އާލިއާ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިފަހަރު މިފެނުނުނީ އާލިއާ ބަޓް އާ ވައްތަރު ކުއްޖެއް

ދާދި ފަހުން ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވަނީ ބޮލީވުޑުގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރުމާ އާ ވައްތަރު ފަންނާނަކަށެވެ. ދެމީހުން ވަރަށް އެއްވައްތަރު ގޮތެއް ހުންނައިރު އަނެއްކާ ވެސް ބޮލީވުޑު ފަންނާނަކާ ވައްތަރު މީހަކު މިވަނީ ފެނިފައެވެ.
މިފަަހަރު އެއްވަރު ޖަހާފައިވަނީ އާލިއާ ބަޓް އާއި އުއްތަރުޕްރަދޭޝްގެ ސަނާޔާ އަޝޫ އާރިއާ ނަމަކަށް ކިޔާ ކުއްޖަކާއެވެ. ދާދި ފަހުން އެކުއްޖާ ވަނީ އާލިއާ ބަޓުގެ ކުރިއަށް އޮތް ފިލްމު "ގަލީ ބޯއީ"ގެ މަޝްހޫރު ޑައިލޮގެއް ކަމަށްވާ "މަރް ޖާއީގީ ތޫ" ގެ ކިޔާ، ވީޑިއޯ އެއް ހަދާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެވީޑިއޯ ފުރަތަމަ ފަހަރަށް ބަލާއިރު އެއީ އާލިއާ އެއް ނޫނޭ ބުނުމުން ގަބޫލެއް ނުކުރާނެއެވެ. އެހާވެސް ވައްތަރެވެ. ގިނަ ބަޔަކު އާލިއާ އާ އެއްވައްތަރު ޖަހާ ހަތް މީހުންގެ ތެރެއިން އެކަކު ކަމަށް ގަބޫލުކުރެއެވެ.

އުއްތަރުޕްރަދޭޝްގެ "ޕަހާޑް ގާލް" ގެ ނަން އެކުއްޖާއަށް ދީފައިވާއިރު އެވީޑިއޯކޮޅުން ފެނިގެންދަނީ ގަލީ ބޯއީގައި އާލިއާ ބުރުގާ އަޅާފައިވާގޮތައް ބުރުގާ އަޅާފައި ހުރި މަންޒަރެވެ. އެވީޑިއޯއަށް ގިނަ ބައެއްގެ ލޯ އަމާޒުވި ނަމަވެސް އެވީޑިއޯގެ އިތުރުން ސަނާޔާ ވަނީ އާލިއާގެ ގިނަ ޑައިލޮގުތަކަށް ވިޑިއޯ ހަދާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.ގިނަ ބަޔަކު އާލިއާ އެކަމާ ގުޅިގެން އެއްޗެއް ބުނާނެ ވަގުތެއްގެ އިންތިޒާރު ތިބި އިރު، އެއްވައްތަރު އަނުޝްކާ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޫލިއާ މައިކަލް ވަނީ ވާހަކަ ވެސް ދައްކާފައެވެ.

އުމުރުން 25 އަހަރުގެ އާލިއާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު ރާޒީ އިންނެވެ. އެފިލްމަށް ބޮޑު ކާމިޔާބެއް ލިބުނުއިރު އޭނާ ދެން ފެނިގެންދާނީ މިއަހަރު ނެރުނުމަށް ހަމަޖެހިފައިވާ ފިލްމް ގަލީ ބޯއީ، ކަލަންކް އަދި ބްރަހްމާސްޓްރާ އިންނެވެ.

އެފިލްމުތަކުގެ އިތުރުން ތަހުތު އަދި ސަދަކް 2 ގައި ވެސް އާއިލާ ފެނިގެންދާނެއެވެ. ނަމަވެސް އެފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު