Victory in edhunu gothah haahsa kongres nubaahvan ninmaifi
image
އެފްއޭއެމްގެ ރައީސް ބައްސާމް: ކްލަބްތަކުން އަންނަނީ އޭނާ ވަކިކުރަން މަސައްކަތް ކުރަމުން.-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ވިކްޓްރީން އެދުނު ގޮތަށް ހާއްސަ ކޮންގްރެސް ނުބާއްވަން ނިންމައިފި

އެފްއޭއެމްގެ ވެރިން ބަދަލުކުރުމަށް އެކްސްޓްރާއޯޑިނަރީ ކޮންގްރެސް އެއް ބާއްވައިދޭން ގިނަ ކްލަބުތަކެއްގެ ތާއީދާ އެކު ވިކްޓްރީ ސްޕޯޓްސް ކްލަބުން އެދުނު ނަމަވެސް، އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވަން އިއުލާނު ކޮށްފައިވާތީ ޚާއްސަ ކޮންގްރެސް އެއް ނުބޭއްވުމަށް ފީފާ އިން ނިންމައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅަ އިދާރާ އިން ބުނީ، އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާ އިއުލާނު ކުރެވިފައިވާ ގޮތަށް މާޗް މަހުގެ 25 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. އަދި އެ ޖަލްސާގައި ކްލަބްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރެވޭނެ ކަމަށާއި، އެހެންކަމުން އެ ޖަލްސާގެ ކުރިން ހާއްސަ ކޮންގްރެސް ބޭއްވުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ފީފާ އިން ބުނެ އެވެ.

ވިކްޓްރީން ހާއްސަ ކޮންގްރެސް އެއް ބާއްވަން އެދި ހުށަހެޅި އިރު، ނޯމަލައިޒޭޝަން ކޮމިޓީއެއް އުފެއްދުމަށް އެދިފައިވާއިރު، އެ ކަމަކީ ހަމައެކަނި ފީފާ އަށް ކުރެވޭނެ ކަމެއް ކަމަށް ވެސް ފުޓްބޯޅައިގެ މައި އިދާރާއިން ބުނެ އެވެ. އެހެންކަމުން އެކަމަކީ އެފްއޭއެމްގެ އުސޫލުތަކާ ފުށުއަރާ ކަމެއް ކަމުން، އެކަން ނުކުރެވޭނެ ކަމަށް ވެސް ފީފާ އިން ބުނެ އެވެ.

ވިކްޓްރީން، އެފްއޭއެމްގެ ވެރިން ބަދަލުކުރަން ހާއްސަ ކޮންގްރެސް ބާއްވަން އެދުނީ މި މަހުގެ 10 ވަނަ ދުވަހު، އެފްއޭއެމް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބޭ 24 ކްލަބުގެ ތެރެއިން 19 ކްލަބެއްގެ ސޮއި ހޯދައިގެންނެވެ.

ކްލަބުތަކުގެ ސްޕަ މެޖޯރިޓީއަކާ އެކު ވިކްޓްރީން އެފްއޭއެމްގެ ވެރިން ބަދަލުކުރަން ކޮންގްރެސް ބާއްވަން އެދުނު އިރު ދާދިފަހުން ނިއުރޭޑިއަންޓުން ވެސް ވަނީ އެކަމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކްލަބްތަކުގެ ތާއީދު ހޯދަމުން ދަނިކޮށް، ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލާގައި އެފްއޭއެމުން ނިއު ސަސްޕެންޑް ކުރުމުން އެ މަސައްކަތް މަޑުޖެހުނީ އެވެ.

ގިނަ ކްލަބުތަކުން އެފްއޭއެމްގެ ވެރިންނާމެދު ހިތްހަމަ ނުޖެހިފައިވާއިރު، ދާދިފަހުން އެފްއޭއެމާއި ޔޫތު މިނިސްޓްރީއާ ދެމެދު ވެސް ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.
ހިޔާލު