Ticket athuli Layal ah 40 plus ge 2 ticket yageen!
image
ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކަށް، 40 ގެ ދެ ޓިކެޓް ހަދިޔާކުރަނީ... ފޮޓޯ/ ވީނިއުސް
މުޙައްމަދު މުސްޠަފާ
1 ކޮމެންޓް
 

ޓިކެޓް އަތުލި ލަޔާލަށް 40 ޕްލަސްގެ ދެ ޓިކެޓް ޔަގީން!

ހޭޝްޓެގް ދަ ބިގެސްޓް މޫވީ އޮފް 2019 ގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "40 ޕްލަސް" ގެ ދެ ޓިކެޓް ގިނަ ބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދި ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކަށް އެ ފިލްމުގެ ޓީމުން ދީފިއެވެ.
ލަޔާލަށް އެ ފިލްމުގެ ދެ ޓިކެޓް ހަދިޔާ ކުރީ، އެ ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ހިމެނޭ ތަރި އަހުމަދު ސައީދު އެވެ. ލަޔާލަށް ޓިކެޓް ހަވާލު ކޮށްފައިވަނީ އިއްޔެ އެވެ.

ލަޔާލް ވަނީ ޓިކެޓް ދިނުމުން "40 ޕްލަސް"ގެ ޓީމަށް ޝުކުރު އަދާކޮށް ޓްވީޓް ވެސް ކޮށްފައެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ، ލަޔާލަށް ޓިކެޓް ހަދިޔާ އެއްގެ ގޮތުގައި ދިނީ ލަޔާލް އަކީ ކުޅަދާނަ ނޫސްވެރިޔަކަށް ވެފައި އޭނާގެ ހިތްވަރު އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

"ލަޔާލަކީ އަބަދުވެސް ހިތްވަރުގަދަ ކަނބަލެއް، އޭނާގެ ހިތްވަރު އަގުވަޒަންކޮށް ފާހަގަ ކޮށްފިން،" ޝަފީގް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝަފީގް ބުނީ އެސްއެމްއެސް މެދުވެރިކޮށް ޓިކެޓް ބުކް ކުރި ފަރާތްތަކުން ވީހާވެސް އަވަހަށް ޓިކެޓް ނެގުމަށް އެދޭކަމަށެވެ. ނަމަވެސް އަދިވެސް 7384040 މި ނަންބަރަށް އެސްއެމްއެސް ކޮށެގެން އަދިވެސް ޓިކެޓް ބުކްކުރެވޭނެކަމަށް އޭނާ ބުންޏެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ އެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ތ. ބުރުނީ ގައެވެ.

ފިލްމުގެ ޓިކެޓް އޮލިމްޕަހުން ބާރު ސްޕީޑުގައި ވިއްކަމުން އަންނަ އިރު "40 ޕްލަސް" ވާނީ ރާއްޖޭގެ ސިނަމާ އަށް އަންނަ ފުރަތަމަ ބިރުވެރި މަޖާ ފީޗާ ފިލްމަށެވެ.

މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، 'ނޯޓީ40'ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ. އެ ފިލްމުގައި އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް ފެންނާނެ އެވެ.
ހިޔާލު

ރެކިފުތާ

ތިޔަ ލިބުނީ ތި މަންޖެއަށް އެންމެ ހައްގުވާ ޓިކެޓް. ޕާޓީ ޓިކެޓަކީ ސިޔާސީ ދާއިރާއިންނާއި އަދި ގާނޫނީ ދާއިރާންވެސް އަދި ނޫނީ ޖާނަލިޒަމް ފަދަ ދާއިރާއަކުން ވިޔަސް އެއްވެސް ތައުލީމެއް ތަޖުރިބާއެއް ލިބިފައި ނުވާ ކުޑަކުދިންނަށް ދެވޭނެ އެއްޗެއްނޫން. މަޖިލިސް 19 ނޫނީވިއްޔާ މަޖިލިސް 23 ވެގެންދާނީ ވަރަށް ބޮޑަށް މިކަހަލަ ކަންކަން އިސްލާހުވެފައިވާ މަޖިލީސްއަކަށް. ޢަދި ދިވެހި ކޮންމެ ރައްޔިތަކުވެސް އެންމެ ދެކެން ބޭނުުންވާނީ މިކަހަލަ ނަޒާހަތްތެރި މަޖިލީހެއް މި ދިވެހި ގައުމުގައި އޮންނާނެ ދުވަހެއް ދެއްކުން. އަދުރޭމެން، ނިހާނުމެން އަދި ތި މަންޖެކަހަލަ އެއްވެސް އަދަބެއް، އަޚްލާގެއް ނެތް މީހުނަށް ދެން މަޖިލީހުގެ ގޮނޑިއެއް ލިބުމަކީ ވަރަށް ނާދިރުކަމެއް، ސަބަބަކީ ދިވެހިންނަކީ ސިޔާސީ ގޮތުން ވަރަށް ހޭލުންތެރި، އަދި ތައުލީމީ ބަޔަކަށްވާތީ.