Kuru Vaahaka: Bappaekey
image
ކުރު ވާހަކަ: ބައްޕައެކޭ--
ފަތުހުﷲ އަހުމަދު
4 ކޮމެންޓް
 

ކުރު ވާހަކަ: ބައްޕައެކޭ

"ސިރާޖަށް ނުވިސްނޭތަ ފައިސާއަކީ މަސައްކަތް ކުރީމަ ލިބޭ އެއްޗެއް ކަމެއް؟" އަހަރެންގެ ސިކުނޑި ފަޅިފަޅިވަމުން ދިޔައީ އެ ޖުމުލަތަކުގެ އަޑު ތަކުރާރުވާހެން ހީވުމުންނެވެ. "މިހާރު މިތަނުގައި އޮންނަތާ ތިން ދުވަސްވީ. ކޮންމެ ދުވަހަކީ ވެސް ހަރަދުތަކެއް ހިނގާނެ ދުވަހެއް. ހިލޭ ލިބޭ އެއްޗެއް، ހިލޭ ކުރެވޭ ކަމެއް އޮވޭތަ؟"
އަހަންނަށް މަޑުމަޑުން ބޮލުގެ އިސްތަށިގަނޑުގައި ހިފައި ލެވުނެވެ. ކަންފަތުގައި އަތްއަޅައިލެވުނެވެ. އަމިއްލަ އަތްތިލައިން މޫނުގައި ހިފައިލެވުނެވެ. އިނގިލިތަކުން މޫނަށް ފިތައިލެވުނެވެ. އެވަރުން ވެސް އެ ހިޔާލުތަކުން ސަލާމަތްވާނެ ގޮތެއް ނުވިއެވެ. ކަންފަތުން އެ އަޑުތައް ކެނޑޭގޮތެއް ނުވިއެވެ. ދެވަނަ ފަހަރަށް ސިޔާނާގެ ބައްޕަ، ޒަރީރުގެ އެ ޖުމުލަތަކަށް ވިސްނައިލެވުނެވެ. އެއީ ކިހައި ތެދު ވާހަކަތަކެއް ހެއްޔެވެ؟ ހަގީގަތުގައި ވެސް އަހަރެން މިއީ އެފަދަ މީހެއް ހެއްޔެވެ؟ ރެޔާއި ދުވާލު އަހަރެން މި ކުރާ މަސައްކަތުން ލިބޭ އެއްޗެއް މި ލެވެނީ ކޮންތާކަށް ހެއްޔެވެ؟ އެ ހަރަދުވަނީ ކިހިނެއް ހެއްޔެވެ؟ ޔަގީންވާ ކަމަކީ ކޮންމެ މަހަކު އަށާރަ ހާހުން، ވިހި ހާހުން ލިބޭ ފައިސާއިން އަހަރެންގެ މުހުތާދު ފުއްދަން ހަރަދު ނުކުރާކަމެވެ. އަހަރެންގެ މައިންބަފައިންނަށް ބައި ލާރިއެއް ވެސް ހޭދަނުކުރެވޭކަމެވެ. އަހަރެންގެ އާއިލާއަށް ބައި ސެންޓެއްހާ ވަރު ވެސް ނުދެވޭކަމެވެ.

"އަނބިމީހާ ބަލިވީމަ އޭނާއަށް ކޮށްދެންޖެހޭ ހުރިހާ ހިދުމަތެއް ކޮށްދިނުމަކީ ފިރިމީހާގެ ވާޖިބެއްކަން ވެސް ސިރާޖަށް ނުވިސްނެނީތަ؟" ޒަރީރުގެ ހަރުކަށި އަޑު އިވެމުން ދިޔަ ކަހަލައެވެ. "މިތަނަށް މިއައީ ރަށު މަރުކަޒުން ސަރަހައްދީ ހޮސްޕިޓަލަށް ފޮނުވައިލީމަ، އެތަނުން އަނެއްކާ މިތަނަށް ފޮނުވާލައިގެން. މި ކިޔަނީ ހިނގައިފަ ދެވޭ ތަންތަނުގެ ވާހަކައެއް ނޫން. މަތިންނާއި ކަނޑުން ދަތުރުކުރަން ޖެހޭ ތަންތަނުގެ ވާހަކަ. ފައިސާތަކެއް ހަރަދުވާނެ ކަމެއްގެ ވާހަކަ. ސިރާޖަށް މިކިޔާ އެއްޗެއް ވިސްނޭތަ. މި ޒަމާނުގައި ހުރިހާ ވެސް އެއްޗަކީ ފައިސާ؟"

ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ލޯމަރައިލީމެވެ. އެ ފިކުރުތަކުން ނިކުތުން ނޫން ގޮތެއް މިއަދު އަހަންނަކަށް ނެތެވެ. އެކަމާ ވިސްނިޔަސް ކުރެވޭނެ އިތުރުކަމެއް ނެތެވެ. ދިރިއުޅުމުގެ ހަނގުރާމައަކީ އެކަކު އެކަނި ކުރެވޭނެ ހަނގުރާމައެއް ނޫނެވެ. ތިނަކުން ދެއެއް ކަނޑައިލައިގެން މަދުވާނީ ވެސް އެއްފަޅިއަކަށެވެ. އެފަޅީގައި ހުރީ އަހަންނެވެ. ސިކުނޑީގައި އެނބުރެމުން މިދާ ހިޔާލުތަކުން ނުކުންނަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅެނީ އެންމެ ކަމަކުންނެވެ.
ލޭގައި ޖަހަމުންދާ ވިންދެއްގެ ސަބަބުންނެވެ. އެ ވިންދު އެހެން ހަށިގަނޑެއްގައި ޖަހަމުންދާތީއެވެ. އެހެން ނޫންނަމަ މި ކަން ނިންމިތާ ކިތައްމެ ދުވަހެކެވެ. ކިތައްމެ އުޅެން ބޭނުންވިޔަސް ނޫޅެން އުޅޭ އަނތްބެއް ރުއްސޭކަށް ނޯންނާއޭ މީހުން ބުނަނީ ހަމަ ރަނގަޅަށެވެ.

"މުޙައްމަދު ސިރާޖަށް މިއަދު މޮޔަގެރި އަވަލައިފަ އިން ދުވަހެއްބާ؟" ފޯނަށް މެސެޖެއް ލިބުމުން ސިހިފައި އަހަރެން ބަލައިލީމެވެ. އެއީ ސިޔާނާގެ މެސެޖެކެވެ.

"މިހާރު ބުނެފީމެއްނު ޔަލްއަށް އުނދަގޫ ކުރަން އޭނާ ސްކޫލު ނިމޭގަޑިއަށް މިތަނަށް ނާންނާށޭ" އަހަރެންގެ ޖަވާބެއް ނުދިނުމުން ސިޔާނާ ފުލުފުލުން މެސެޖު ފޮނުވަންފެށިއެވެ. "މާ ދަރި ދެކެ ލޯބިވާ މީހަކަށް ހެދިގެން އެބައުޅޭ. ދަރިއަށް ބޭނުންވަނީ ހަމައެކަނި ހަރަދު ކުރުމެއް ނޫން. ފައިސާއަކުން ހުރިހާ ކަމެއް ނުފުދޭނެ. ފައިސާއިން ނުގަނެވޭނެ އެއްޗެހި ހުންނާނެ"

އަހަރެންގެ ހިތުގައި ޖެހުނެވެ. ހިތަށް އެރިއެވެ. މިއީ އަރަތެކެވެ. ޒަރީރު އަހަރެން ދެކެ ރުޅިއަންނަނީ އަހަންނަކީ މަހުޖަނަކަށް ނުވާތީއެވެ. ބުނެލާ އިރަށް ބޭނުންވާ ވަރަށް ފައިސާ ދޭން ނުލިބޭތީއެވެ. އެހެނަސް ސިޔާނާ މި ދައްކަނީ އެހެން ވާހަކައެކެވެ. މި ލަވަޔާ ރާގު ދިމައެއް ނުވެއެވެ. ސިޔާނާގެ ހިތެއް އަހަންނަކަށް ނުފެނެއެވެ. ފައިސާއިން ހުރިހާ ކަމެއް ނުވާނެކަމަށް ބުނަނީ ކީއްވެ ހެއްޔެވެ؟ އެބުނާ ބޭނުންތައް ފުއްދަން އޭނާ ހުރަސް އަޅަނީ ކީއްވެ ހެއްޔެވެ؟ އޭނާ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ދެ ލަވަ އެއްގޮތް ނުވުމުން އަހަރެން ކުރަންވީ ކަމެއް، ހަދަންވީ ގޮތެއް ނުވިސްނެއެވެ. ޖަވާބު ނުދެން ނިންމައިގެން އިންދާ އަނެއްކާ މެސެޖު ލިބުނެވެ.

"ތި ތަނުން ދާން އުޅޭ. މިހާރު ކުދިން ނެރެން ރަނގަބީލު ޖަހާނެ. ޔަލްއަށް ކަލޭ ފެނުނީމަ ވާގޮތާއި އަންނަ ބަދަލުން ދިމާވާ ހުރިހާ އުނދަގުލެއްގައި އުޅެން ޖެހޭނީ އަހަންނަށް"
"އެހެންތަ؟ ޔަލް އެއީ އަހަރެންގެ ވެސް ދަރިއެކޭ. އޭނާގެ ހިނގަނީ އަހަރެންގެ ވެސް ލެޔޭ" އެންމެ ފަހުން އަހަންނަށް ކެތް ނުވީއެވެ.

"ތި ވަރަށް ފަސޭހައިން ބުނެލަން ކެރޭ ޖުމުލައެއް ދޯ. ލޭ ހިނގާނެ ނަމަ އަހަންނަށް މި އުނދަގުލެއް ނުޖައްސާނެ. ބައްޕައެއްގެ ލޯބި ނުދީ ދަރިއަކު ބަލައި ބޮޑު ކުރުމަކީ ކިހައި އުނދަގޫ ކަމެއްކަން ކަލޭއަކަށް ނުވިސްނޭނެ" ސިޔާނާ އަހަރެންގެ މެސެޖުތަކުން ހިތް ތޮރުފެމުން ދިޔައެވެ.

"ދަރިއަކަށް ބޭނުންވާ ބަފައެއްގެ ލޯބިން އެ ދަރި މަހްރޫމުކޮށް ދަރިއަށް ބަފަޔާ ބައްދަލު ނުވެވޭނެހެން ފޮރުވައިގެން ގެން ގުޅެމުން ސިޔާނާ އަކަށް ތިގޮތަށް ޝަކުވާ ކުރާކަށް ފުރުސަތެއް ނޯންނާނެ" އަހަރެންގެ ލޭ ހޫނުވަމުން ދިޔައެވެ. "އަހަރެންގެ ދަރިއަކާ އަހަންނަށް ބައްދަލުކުރާކަށް އެއްވެސް ހުރަހެއް ނޯންނާނެ. އަހަންނަށް އަހަރެންގެ ދަރިއަށް ވާހަކަދައްކަން މަނާ ކުރެވޭނެ އެއްވެސް ހުކުމެއް ނުނެރެވޭނެ. ސިޔާނާއަކީ ކޯޓުތަކުގެ ހުކުމުތަކާއި ކޯޓުތަކުގެ ކަންކަން ކިތައްމެ ދަންނަ، ކޯޓުގެ ރާނީ އަކަސް މިކަމަށް ހުރެހެއް ނޭޅޭނެ"

"އެހެންތަ؟ އަހަރެން ބޭނުމެއް ނޫން ތިޔަހާ ގޮތެއް ނެތް މީހަކަށް ޔަލްވީ ލައްވާ ބައްޕަ ކިޔުއްވާކަށް. އަހަރެން ނޫޅެން ކަލޭގެ ތިޔަ މުޑުދާރު ކުޅިވަރުތަކުން ޔަލްވީގެ ހަޔާތުގެ ކުރިމަގު ބަނަވާކަށް. ކަލޭ ކިތައްމެ ވަރު ދެއްކިޔަސް، ކޮންމެ ތަނަކަސް ދިޔަ ނަމަވެސް ޔަލްވީ ކަލޭއަކަށް ނުލިބޭނެ. އަހަންނަށް ކިތައްމެ މަލާމަތެއް ކުރިޔަސް ކިތައްމެ ފުރައްސާރައެއް ކުރިޔަސް ޔަލްވީ ލިބޭނީ އަހަންނަށް"

ސިޔާނާގެ ދިގު މެސެޖުތައް ކިޔަމުން އެ އަށް ޖަވާބު ދެމުން އަހަރެން ގެންދިޔައީމެވެ. ސްކޫލު ކައިރީ ހުރި ގަހެއްގެ ހިޔަލުގައި ސައިކަލުގެ މަޑިމަތީ އިށީނދެ އިނދެގެންނެވެ. މަޑުމަޑުން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގައިލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުދީން ބަލައި ސްކޫލު ދޮށަށް ޖަމާވި އެންމެން ސްކޫލުގެ ދޮރާށިން އެތެރެއަށް ވަދެ ނިމިއްޖެއެވެ.

ވަގުތު ޖެހުނީއޭ އަހަރެން ހިތަށް އެރިއެވެ. ސައިކަލަށް އަރައި ހަމަޖެހިލީމެވެ. ސައިކަލު އިސްޓާޓުކޮށްލީމެވެ. އޭރު ބައެއް ބެލެނިވެރިން ކުދިން ގޮވައިގެން ދޮރާށިން ބޭރަށް ނުކުންނަމުން ދިޔައެވެ. އެއީ ކިހައި އުފާވެރި ހިތްގައިމު ވަގުތު ކޮޅެއް ހެއްޔެވެ؟ ކުދިން އެކުދިންގެ މަންމައިންނާއި ބައްޕައިންގެ އިނގިލީގައި ހިފައިގެން އުފާވެރި މޫނަކާއެކު އެދަނީ އޮލަ ވާހަކަތައް ހިއްސާކުރަމުންނެވެ. ސްކޫލުގެ ވާހަކަތައް ހިއްސާކުރަމުންނެވެ. ހިނިތުންވެ ތިބެގެންނެވެ.

އަހަރެން ވެސް ދަރިފުޅަށް އެ ފުރުސަތު ހޯދައިދޭން ބޭނުންވެއެވެ. ނަމަވެސް މިއަދު އެކަން ވާނެ އެއްވެސް މަގެއް އަހަންނަކަށް ނުފެނެއެވެ. ކުރިއަށް ދެވެން އޮތް އަހަރެންގެ ހަޔާތުގެ ހުރިހާ މަގުތަކެއްގައި ވަނީ ހިލިހިލާ ޖަހައި ބަންދުކޮށްފައެވެ. މިއީ ތެދުވެރި ލޯތްބެއް ވެވުމުން އަހަންނަށް ލިބެމުންދާ ހިތްދަތިކަން ހެއްޔެވެ؟ އެކަމުގެ އިނާމެއްގެ ގޮތުގައި އަހަންނަށްދޭ ސަޒާއެއް ހެއްޔެވެ؟ އަހަންނަށް މަތީ ތައުލީމު ހާސިލު ނުކުރެވުމުން، އަތްފައި ކޮށައިގެން ރޭދުވާ ގުރުބާންކޮށް ކަނޑުފީނައިގެން ހޯދި ފައިސާއިން ހަލާލު އަނބިމީހާ، މީހަކަށް ހަދާ ޑިގުރީއާ ހަމައަށް ކިޔަވައިދިނުމުން އަހަންނަށް ލިބުނު ސަނަދު ހެއްޔެވެ؟

އަނބިމީހާގެ ޑިގުރީ ކޯހުން ދަސްވެނިވުމުގެ ހަފުލާއަށް ދާން ކުރި އުއްމީދު ވައިރޯޅިއެއްހެން މައްޗަށް އަރައިގެން ދިޔަތާ ކިތައްމެ ދުވަހެކެވެ. އަހަރެންގެ ކުށެއް ނެތި އަހަރެން ކުށްވެރިވެ އެކަނިމާއެކަނި ކޯޓުތަކުގައި ގަނަތެޅޭތާ ހަ މަސްވަނީއެވެ. ދަރިއެއް ހުރެމެ ދަރިފުޅު ލޮލަށް ނުފެނި، ބައްދަލު ނުވާތާ ތިން މަހަށް ވުރެ ގިނަވަނީއެވެ. ކަންނެލި ދޯނިތަކުން، ވަޑާން ހަރުގެތަކުން، ރިސޯޓުތަކުން އަވަދި ނެތި މަސައްކަތް ކުރަމުން މި ދުވެ ނަގަނީ އަހަންނަށް މޮޅެއް ލިބޭތީއެއް ނޫނެވެ. އަނބިމީހާއާއި ދަރިފުޅުގެ ހައްގުގައެވެ. އެ ދެމީހުންނަށް ރަނގަޅަކަށެވެ. އާހިރުގައި އަހަރެން އަތުގައި މި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ ކަތިވަޅި ގެއްލި މަރުޔަނބު ވެސް ގެއްލުނީ ނޫން ހެއްޔެވެ؟ ކުޑަމިނުން ކޮށި ދަނޑު ވެސް ލޯމައްޗަށް ފެންނަ ވަރެއް ނުވެއެވެ.

ސްކޫލުގެ ދޮރާށިން ނުކުމެ ސިޔާނާ ދެކޮޅު ބަލައިލީމެވެ. އަހަރެން އިން ހިރުނދު ގަހާ ދިމާއަށް ބަލައިލަމުން ސިޔާނާ ލޮލަށް އައިނު ހެޔޮވަރުކޮށްލިއެވެ. ޔަލްވީ ހުރީ ކޮންމެ ވެސް އޮލަ ވާހަކައެއް ގައެވެ. ޔަލްވީ އަނެއްކާ އަހަރެންގެ ވާހަކަދައްކަނީ ހެއްޔެވެ؟ އަހަރެން ނެތުމުން އެ ޝަކުވާ ކުރަނީ ހެއްޔެވެ؟ ޔަލްވީ އަހަރެން މަތިން ހަނދާން ކުރާނެ ހެއްޔެވެ؟ ދެވަނަ ސިކުންތުގައި އެ ހިޔާލުތައް ވެސް އުދުހިގަތެވެ. އަހަރެންގެ ވާހަކަތައް ޔަލްވީ ގާތު ސިޔާނާ ނުދައްކާނެއެވެ. ކުޑަމިނުން އަހަރެންގެ ހިޔަނި ވެސް ޔަލްވީއަށް ދައްކަން ސިޔާނާ ބޭނުމެއް ނުވާނެއެވެ. އޭނާއަށް ވެގެން ވަންޏާ ޔަލްވީގެ ނަމުން އަހަރެންގެ ނަން ވެސް އުނިކޮށްލާނެއެވެ.

ސިޔާނާގެ އަވަސް ހަރަކާތްތަކާއެކު ޔަލްވީ ސައިކަލަށް އެރުވިއެވެ. ފަސް އެނބުރި ބަލައިލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. ބަދަލުގައި އަހަރެން ހިނިތުންވެލީމެވެ. ނަމަވެސް، ސިޔާނާގެ ތުންފަތް އަނބުރައިލި ތަން ފެނުނެވެ. ސިޔާނާ މަޑުމަޑުން ސައިކަލް ދުއްވާލިއެވެ.

ސްކޫލު ކައިރިން މީހުން މަދުވެ އަމާންވުމުން އަހަރެން ވެސް ސައިކަލް ދުއްވާލީމެވެ. ސިޔާނާގެ ފަހަތުން މަޑުމަޑުން ސައިކަލު ދުއްވަމުން ދިޔައީމެވެ. ސިޔާނާމެން ގެއަށްވީ މަގަށް ލަނބައިލިއިރު، މަގުމަތި ފެންނަމުން ދިޔައީ އަމާންކޮށްނެވެ. ދުއްވާ މީހުންނާއި ހިނގާމީހުން ފެންނަމުން ދިޔައީ މަދުމަދުންނެވެ. ފުރުސަތުގެ ބޭނުން ހިފަންވީއޭ ހިތް ބުނެލިއެވެ. ސައިކަލުގެ ދުވެލި ބާރުކޮށްލީމެވެ. ހިނދުކޮޅެއްގެ ތެރޭގައި ސިޔާނާއާ އަރާ ހަމަވެއްޖެއެވެ. ސިޔާނާގެ ކަނާއަތް ފަރާތުން ސިޔާނާގެ ކުރިމައްޗަށް ސައިކަލު ހުރަސްކޮށްލީމެވެ. ހަނި ދިގުކޮށް އޮތް އެ ގޯޅިން ކުރިއަށް ދެވޭނެ މަގު ސިޔާނާއަށް ބަންދުވިއެވެ. އެންމެ ފަހުން އޭނާއަށް މަޖުބޫރުވީ ސައިކަލު މަޑުކުރާށެވެ.

"ދަރިފުޅާ! ބައްޕަގެ ޔަލް! ކިހިނެއް؟" އަހަރެން ޔަލްވީއަށް މަޑުމަޑުން ގޮވާލީމެވެ. "ދަރިފުޅު ރަނގަޅުތަ؟"
ޔަލްވީ އިނީ ބަލާށެވެ. ހައިރާންވެ ބަސް ހުއްޓިފައި އިންނަ ބީދައިންނެވެ. އުފާވާންވީ ކަމެއް ދެރަވާންވީ ކަމެއް ވެސް ނޭނގި އިންނަ ބީދައިންނެވެ.

"ދަރިފުޅު ރަނގަޅުތަ؟ ސްކޫލު މަޖާތަ؟" އަނެއްކާ ވެސް އަހަރެން ވާހަކަދެއްކީމެވެ.
ބަދަލުގައި ޔަލްވީ ބޯ ޖަހައިލިއެވެ.
"ވަރަށް މަޖާ؟ ކޮން އެއްޗެއް މިއަދު ކިޔެވީ؟ ކޮންކަމެއް ދަސްކުރީ؟" އަހަރެން ބޭނުންވަނީ ޔަލްވީގެ ބީރައްޓެހިކަން ކަނޑުވާލާށެވެ. "ދަރިފުޅު އައިސްކުރީމު ބޯނަންތަ؟"
"ޔަލް ހުރީ ރޯގައި ޖެހިފަ" ރުންކުރު ރާގެއްގައި ސިޔާނާ ޖަވާބުދިނެވެ. އަހަރެންނާ ދިމާއަށް ބަލައިގެން އިނދެ ދެފަރާތަށް ތުން އަނބުރައިލިއެވެ.

"އާދެބަލަ ބައްޕި ގާތަށް" އަހަރެން ބޭނުންވީ ޔަލްވީ އަހަރެން ގާތަށް ގެންނާށެވެ.
"ޔަލް ގުރުއާން ކުލާހަށްދާ ގަޑި ޖެހިއްޖެ" ސިޔާނާ ބޭނުންވީ އަހަރެން ކިބައިން ސަލާމަތްވާށެވެ.
"އޯކޭ ބައްޕަ ދާނަން ޔަލް ބަލާ މާދަމާ އިނގޭ، ތައްޔާރު ވެގެން ހުންނައްޗެ" ސައިކަލު ރޯކޮށްލަމުން އަހަރެން ޔަލްވީއަށް ހިނިތުންވެލީމެވެ.

"ހޫމް" ޔަލްވީގެ ހިމަ އަޑުން ހީލިއެވެ. އެތައް މާނަތަކެއް އެ ހިނިތުންވުމުން ދޭހަވާފަދަ ބީދައަކުންނެވެ.
"އަހަރެން ބުނީމެއްނު އަހަރެން ބޭނުންވަނީ ދަރިފުޅު ދެކިލާށޭ" ސިޔާނާގެ މޫނަށް ބަލައިލަމުން އަހަރެން ހިނިތުންވެލީމެވެ. "އެކަން ވެއްޖެ، ދެން އަވަހަށްދޭ"

ސިޔާނާގެ މޫނުމަތިން ރަތްވަމުން ދިޔަ މަންޒަރު އަހަންނަށް ފެނުނެވެ. އޭނާގެ ދެބުމަ ކަރިކޮށްލަމުން ތުންފަތް ދެ ފަރާތަށް އަނބުރައިލިއެވެ.


(ނުނިމޭ)
ހިޔާލު

ފިރިހެނެކޭ (އާއިލް ގެ ބައްޕި)

މީ ހަޤީޤި ހަދިސާއެއް މީ މަގޭ ދިރިއުޅުމުގެ ހަޤީގަތް މަ ވަރަށް ދެރަވެއްޖެ މިވާހަކަ ކިޔާލުމުން މަށައް އަސްލުވެސް ރޮވިއްޖެ މަގެ ދަރިފުޅާ އާދެބަލަ ބައްޕަ ކަރިއަށް ބައްޕި އަދިވެސް އާއިލް ދެކެ ވަރަސް ލޯބިވޭ މަޝާ އެއްފަހަރު މަޝަ އާއިލް އާ ބައްދަލު ކޮއްލަން ފުރުސަތު ދީ ބަލަ މިހެން ބުންޏަސް ވާނެ ކަމެއް ނުއޮންނާނެ ދެން ކިހިނެއް ހަދާނީ ދެން މުޅި އުމުރުގާ މީހަކަށް ނުއިންދެ ކެއްކޮއްލަނި

މަންމައެކޭ

ފަތޫގެ ވާހަކަތަކުގެ ނަން ވަރަށް ޔުނީކް. އަދި އިބާރާތްތައް ވަރަށް ސަޅި. މާޝﷲ މޮޅު ލިޔުންތެރިއެއް ހީވެސް ނުވޭ

ސައްލަ

މަށަށް ރޮވިއްޖެ... މި ހަމަ އަސްލުވެސް ވަރަށް ރީތި ވަރަށް ހާޓް ޓަޗިން ވާހަކައެއް

ސުއިހާ

މި ކޮލެޓީގައި ކޮންމެ ކޮންމެ މީހަކަށް ނުލިޔެވޭނެ