Athif maaliyyathu committee ah haazirukuranee
image
އާތިފް: އޭނާ އެފްއައިޔޫގެ ވެރިއަކަށް ހުންނެވީ ހަތް މަސް ދުވަހު.-- ފޮޓޯ: ވަގުތު
0 ކޮމެންޓް
 

އާތިފް މާލިއްޔަތު ކޮމެޓީ އަށް ހާޒިރުކުރަނީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކޮށް، ލޯންޑާ ކުރި އިރު އެކަން ހުއްޓުވުމަށް އެމްއެމްއޭ އިން އިހުމާލުވެފައިވާ ކަމަށް އެކަމާ ގުޅޭގޮތުން އޭސީސީން ނެރުނު ރިޕޯޓްގައި ބުނެފައިވާ މައްސަލަ އާ ގުޅިގެން އާތިފް ޝަކޫރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އަންގައިފި އެވެ.
ކުރިން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ)ގެ ވެރިއަކަށް ހުންނެވި އާތިފް މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އަންގާ، ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއިކޮށް ފޮނުވާފައިވާ ސިޓީ އެއް އޭނާ ވަނީ ޓްވިޓާގައި އާންމު ކޮށްފަ އެވެ.

އެ ސިޓީ އާންމުކުރަމުން އާތިފް ވިދާޅުވީ މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އެންގީ، އެފްއައިޔޫގެ ވެރިއެއްގެ ގޮތުގައި ހޭދަކުރެއްވި ހަތް މަސް ދުވަހުގެ ތެރޭގައި ކަންތައް ހިނގާދިޔަ ގޮތް ހާމަކުރަން ބޭނުންވެފައި ހުއްޓާ ކަމަށެވެ.

އެމްއެމްއޭގެ ދަށުން ހިންގާ މިނިވަން ޔުނިޓެއްގެ ގޮތުގައި އޮންނަ އެފްއައިޔޫ އަކީ ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި މަނީ ލޯންޑަރިން އަށް ޝައްކު ކުރެވޭ ފައިސާގެ މުއާމަލާތްތައް މޮނީޓާކޮށް، މައުލޫމާތު ހޯދުމަށް ފަހު ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ޔުނިޓެކެވެ.

އާތިފް އެ ޔުނިޓުން އިސްތުއުފާ ދެއްވުމަށް ފަހު، އެ ޔުނިޓުން ވަނީ އެފަދަ މައްސަލައެއް ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވިގެން ފުލުހުންނަށް ފޮނުވާފަ އެވެ. ނަމަވެސް އޭރު އެފްއައިޔޫގައި ހުރި ވެރިޔާ ފަހުން ވަނީ އެ ގަމާމުން ދުރުކޮށްފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ވަނީ އެ ޔުނިޓަށް އާ ވެރިއަކު އައްޔަން ކޮށްފަ އެވެ.

މާލިއްޔަތު ކޮމެޓީ އަށް އާތިފް ހާޒިރު ކުރާއިރު، އެމްއެމްޕީއާރުސީ ކޮރަޕްޝަން ހުއްޓުވުމުގައި އެމްއެމްއޭ އިން އިހުމާލުވެފައިވާ ކަމަށް ބުނެ އޭސީސީން ވަނީ އެކަން ހިނގި އިރު އެމްއެމްއޭގެ ވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ދައުވާ ކުރަން ފޮނުވާފަ އެވެ. ނަމަވެސް އެއީ ކޮން ވެރިންނެއް ކަމެއް އެއްވެސް ތާކުން އަދި ހާމައެއް ނުކުރެ އެވެ.
ހިޔާލު