Dhin ufaa loabin, Episode 4
image
ދިން އުފާ ލޯބިން
ފުނަމާ
1 ކޮމެންޓް
 

ދިން އުފާ ލޯބިން

4 ވަނަބައި

ކޮޓަރި ވަށައިގެން ޔަނާލް ބަލައިލިއެވެ. މުސްކާން ކިޔަވަން ނަގާފައިވާ ފޮތްތައްފިޔަވައި އެހެން ހުރިހައި އެއްޗެއްގެ ތަރުތީބުކަމާމެދު ހިތްހަމަޖެހުނެވެ. އެނދުގައި އޮށޯވެފައި ނެތްކަން އެނގެނީ ރުލެއްވެސް އަރާފައި ނެތީމައެވެ. ނަމަވެސް އެފަދަ ވަގުތެއްގައި ކުޑަދޮރު ނުލެއްޕި ހުރީމައި އެކަން ފާހަގަކުރީ ހިތްހަމަނުޖެހުނީތީއެވެ.

"އިރުއޮއްސުނީމައި ކޮޓަރީގެ ދޮރުތައް ހުޅުވާފައި ނުބަހައްޓަން އަބަދުވެސް ދަރިފުޅުގާތު ބައްޕަ ބުނަން.." މުސްކާން އެކަން ކުރަންދެން ޔަނާލް ދެއަތްއުރާލައިގެން ހުރީއެއްނޫނެވެ. އަމިއްލައަށް ގޮސް، ދޮރުލެއްޕިއެވެ.
"ވަރަށް ހިތްހަމަޖެހޭ، ވައިރޯޅީގެ އިހުސާސްކުރެވުނީމައި.. ދޮރުލައްޕަން މާބޮޑު ސަމާލުކަމެއް ނުދެވިތިހުރީ އެހެންވެ" މުސްކާންބުނީ ތެދެކެވެ. ދޮރުނުލައްޕާ އެހުރީ ސިކުނޑިއަށް ލުއިވެދާނެކަމަށް ހީކޮށްފައެވެ. ހިތުގެ އުދާސްތައް ފިނިކޮށްދޭނެކަމުގެ އުއްމީދުގައެވެ.

"ބައްޕައަށް ކޮފީއެއް ހަދައިދެންތަ؟" ވާހަކައިގެތެރެއަށް ބައްޕަ ގެންދިއުމުގެކުރީން އެކަމަށް މަގުފަހިކުރާން މުސްކާން ބޭނުންވިއެވެ.
"ބައްޕައަށް ކޮފީ ނުހެދިޔަސް، ދަރިފުޅަށް މާމަގެނެސްދީފައިހުރި މިލްކްތަށި ބޯލަން އުޅޭ.. މިހާރު މާ ލަސްވެއްޖެ.." ކިރުތަށި ދިއްކޮށްލަމުން ޔަނާލް ބުންޏެވެ. ބަސްއަހައި ތުއްތުކުއްޖެއްފަދދައިން ބައްޕަބުނިގޮތަށް މުސްކާން، ކިރުތަށި ބޯލިއެވެ. ޔަނާލް އިށީނީ ކޮޓަރީގައި ހުރި ސޯފާއެއްގައެވެ. މުސްކާންގެ ބީންބޭގްތެރެއަށް ބޮނޑިވެލަމުން އޭނާ ބުނެލިއެވެ. ދެބަފައިންގެ ވާހަކަތައް އަޑުއަހާލަން ހުންނަމީހަކުވެސް ހިނިތުންވާނެހައި ލޯބި މަންޒަރެކެވެ. އެކަކު އަނެކަކާއިދެމެދު ނުދެކެވޭނެ ވާހަކައެއް ނުހުރެއެވެ.

އުދަރެހުގެ ކުލަތައް ބަދަލުވަމުންދިޔަކަމުގެ ލިސާނެއްވެސް ނުވެއެވެ. އިރުއޮއްސުނީއްސުރެން ކޮންމެވެސް ވަރަކަށް ވައިރޯޅިވާ ރެއެކެވެ. ނިދީން މަހުރޫމުވެފައިވާ ބަޔަކަށް ވައިގެ ފިނިކަން ފާހަގަކުރެވޭނެއެވެ. ނަމަވެސް، ހަނދުގެ ހަނދުވަރު ފިލައިގޮސް، ބޯވިލާކޮޅުތަކުން އެހަނދު ގައިދީކުރިކަން ދެނެހުރީ ކާކުހެއްޔެވެ؟ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަންކަމުގައި އަވަދިނެތިއެވެ. ދުވާލެއް ރޭގަނޑެއްނެތެވެ. އަރާމުކުރުމެއް ނުވަތަ ސިއްޙަތާއިމެދު ފިކުރުކުރުމެއް ނެތެވެ.

"ބައްޕާ! ޖަވާބު ބޭނުން ބައިވަރު ސުވާލުއެބަހުރި.." ޓާގެޓަށް ދިއުމަށް ދުރުން ދަތުރުކުރާން މުސްކާންއަށް ކަމަކު ނުދެއެވެ. ޔަނާލްގެ އިސްޖަހައިލުން މާނައިން ފުރިގެންވެއެވެ. ބައްޕަގެ ސިކުނޑިއާއި ހިތައް އުނދަގޫތަކެއްވާނެކަން މުސްކާންއަށް ޔަގީނެވެ. ފުންނޭވާއަކާއިއެކު ޔަނާލް ބަލައިލީ ސީލިންގއަށެވެ.

"ސޮރީ ބައްޕާ! ދުވަހަކުވެސް ބައްޕަ ހިތުގައި ނުޖައްސާނެކަމަށް މުސްކާން ވަޢުދުވީން.. އެކަމަކު ދިރިއުޅެން ފަސޭހަމަގެއް ހޯދަންޏާއި، މި ސުވާލުތަކުގެ ޖަވާބު މުސްކާންވެސް ބޭނުން.. ބައއްޕައާއިމެދު އެއްވެސް ޝަކުވާއެއް ނެތް.. ތަކުރާރުކޮށް ހިތުގެ އެންމެ އަޑީން ބައްޕައަށް ޝުކުރުކުރަން، އުމުރުގެ މިހައި ހިސާބަށް އައިއިރުވެސް މިކަން ނޭނގިއޮތްކަމަށްޓަކައި.. ބުނާނެ ވަކިއެއްޗެއް ނޭގެ! އަމިއްލައަށްވެސް މިހާރު ހިތައްއަރަނީ، މަންމަ ކޮބައިތޯ، ދިރިހުރިތޯ ނޫންތޯވެސް ބައްޕަ ގާތުގައި އަހައިލާންވެސް ކުރީން ހިތަކަށް ނާރައޭ.. އެހެންވީމައި ހާދަހައި ފުރިހަމައަށް ބައްޕަގެ ލޯބި މުސްކާންއަށް ލިބިއްޖެއޭ.. ބައްޕަގެ ލޯބި އެކަންޏެއްވެސް ނޫން! މަންމައަކު ނެތުމުގެ ހުސްކަމެއް މުސްކާންގެ ތަރުބިއްޔަތަކު ނެތް! ތިވަރުގެ ބައްޕައަކަށް ހިތްބުރަ ކުރެވޭނީ ކިހިނަކުން؟ ބައްޕައަކީ އަނިޔާވެރިއެކޭ މީހަކު ބުންޏަސް، ދުވަހަކުވެސް ގަބޫލުނުކުރާނަން.. އެކަމަކު ކޮންމެވެސް މީހަކު ބައްޕައަށް އަނިޔާވެރިވި! ބައްޕަގެ ހަޔާތުން ކޮންމެވެސް ހިސާބެއްގައި ބައްޕައަށް، އިންތިހައި ވޭނާއި ހިތްދަތިކަން ދިން އިންސާނަކު މިދުނިޔޭގައި އުޅޭނެ! ނުވަތަ އުޅުނު.. ބައްޕައާއި ސުވާލުމިކުރަނީ، މިހުރިހައި ދުވަހު ބައްޕަ ކީއްވެހޭ ދުނިޔޭގެ އެކަނިވެރިކަން އިޚްތިޔާރުކުރީ؟ އެއީ ބައްޕަގެ މިދަރިފުޅަށްޓަކައިތަ؟ ނޫނީ.. ނޫނީ.." މުސްކާން ބުނަން އުޅުނުއެއްޗެއް ދުލުން ބޭރުކުރާން ފަސޭހައެއްނުވިއެވެ. ރޮވިއްޖެއެވެ.

ސޯފާއިން ތެދުވެގެން ޔަނާލްއައިސް މުސްކާންގެ ގާތުގައި ކާޕެޓްމަތީގައި އިށީނެވެ. ސިކުނޑީގައިވަނީ އެތައް އަހަރެއްކުރީން ފެނިފައިވާ ރީތި ސޫރައެކެވެ. އެމީހަކަށްޓަކައި ހިތުގައި ގަދަރުދެވުނު ހަމައެކަނި ލޯބިވެރިޔާގެ މައުސޫމު ހިނިތުންވުމެވެ. އެހަނދާންތަކަކާއި ހިނދުކޮޅަކަށްވެސް ދުރައްނުދެވޭ، ނިމާގެ ހަނދާންތަކެވެ. ކުއްލިޔަކަށް ޔަނާލްގެ ލޮލުގައި އަޅައިގަތީ ބީންބޭގްކައިރީގައި އޮތް ފޮޓޯއެވެ. އެއީ މުހިއްމު ފޮޓޯއެކެވެ. ފޮޓޯ އުފުލައިލެވުނީ ތަފާތު އިޙްސާސަކާއެކުއެވެ. މުސްކާންއަށް އެފޮޓޯ ލިބުނީ ޔަނާލް ދިނީތީއއެވެ.

އެއީ މީގެ އަށާރަވަރަކަށް އަހަރުކުރިއެވެ. ޒުވާންކަމުގެ ސަކަމިޒާޖަކީ ޔަނާލްގެ ކިބައިން އެންމެ ގިނަމީހުން ފާހަގަކުރާ އެއްސިފައެވެ. މިއަދުގެ ހަމަހިމޭންކަމަކީ، އެދުވަހުގެ މިޒާޖު ހެއްޔެވެ؟ އަމިއްލަ ނަފުސާއި އެސުވާލުކުރެވުނީ ކިތަންފަހަރުކަމެއް ޚުދު ޔާނާލްއަށްވެސް ނޭގެއެވެ. އެންމެ ފފުރަތަމަ ނިމާ ފެނިލިދުވަހަކީވެސް، ޔަނާލްގެ ހިތްގައިމު ރީތި އަޑުން ލޯބީގެ ބަސްތަކެއް މިއުޒިކަށް އަމުނާލި ދުވަހެކެވެ. އެ ޢިބާރާތްތަކަށް އަދިވެސް ފަނޑުވުމެއްނެތެވެ. ނަސީބުގެ ނާރު، ރައްޓެހިންނަށް ދައްކައިލަމުން އެދުވަހު އެކުދިންގާތު ޔަނާލް ބުނެފައިވަނީ، އެނާރު ގުޅިފައިވަނީ ނިމާގެ ބުރުސޫރަ ޗާލު، ހަށިގަނޑަށްކަމެވެ. ދެމީހުންގެ އުފާވެރިވަގުތެއްގައި ފުރަގަހުން ނަގާފައިވާ އެފޮޓޯއަކީ ރައްޓެއްސެއްގެ ލެންސްގައި ކުރަހާލާފައިވާ އަގުހުރި ހަނދާނެކެވެ.

"ދަރިފުޅާ.. ބައްޕައަށް ފަސޭހައެއްނޫން ތިވާހަކަ ދައްކަން.. އެކަމަކު ދަރިފުޅަށް ސިއްރުކުރަނީއެއްވެސް ނޫން.. ބައްޕަގެ ލޯބިވާ ދަރިފުޅާ.. ބައްޕައަށް ވަގުތުކޮޅެއް ބޭނުން.. ދަރިފުޅުގެ ހުރިހައި ސުވާލަކަށް ބައްޕަ ޖަވާބުދޭނަން.. އެކަމަކު ވަރަށް އުފާވާނެ، ދަރިފުޅުގެ ޓެސްޓް ނިމިގެން މިވާކަދައްކަން މަޑުކޮށްލިއްޔާ! މާޒީގެ ކަނޑުގައި ފީނަން ފަސޭހައެއްނޫން.. އެ ބިޔަ ރާޅުތަކުގެތެރޭގައި ވަރުބަލިވެ، ބައްޕަގެ ހިއްވަރު އެލިދާނެ.." ބުނެދޭން ބޭނުމެވެ. ނަމަވެސް އެމާޒީގެ ސަބަބުން ޔަނާލްގެ ކަރުނަތައް ނުހިފެހެއްޓިދާނެކަމަށްޓަކައި ބިރުގަންނަނީއެވެ.

ހާލަތާއި ވަގުތާއެކު މުސްކާންގެ ސުވާލު އޮޔާއި ވަޔާއިއެކުވެގެން ފަނޑުވެދާނެކަމަށް ޔަނާލްއަށް ހީކުރެވުނެވެ. މާޒީގެ ސަފްހާތަށް ހުޅުވައިގެން ލިބޭނެ އުފަލެއް ނެތެވެ. ވާނެ މޮޅުތަކެއްވެސް ނޯންނާނެއެވެ. އިހުސާސްކުރެވޭނެ ހިތްހަމަޖެހުމެއްވެސް އޭގައި ނުވާނެއެވެ. ނަމަވެސް އެއީ އެ މާޒީއެއްގގައި ހަމައެކަނި ނަފުރަތާއި، އަނިޔާއާއި ދޮގާއި މަކަރު އެކުލެވިގެންވާ ގުޅުންތަކުގައެވެ.

ކިތަންމެ އަނދިރި ހަޔާތެއްނަމަވެސް، މަޖުބޫރުވުމުން އެޞަފްހާތަކުން ހިރަފުސް ފޮޅާލަންޖެހޭ ހާލަތްތަކެއް މެދުވެރިވެއެވެ. ތަސައްލީއަކީ ހިތުގެ ފަރުވާއަކަށް ވާތީއެވެ. އެހެންމީހުންގެ ކަންކަން އިސްކުރަންޖެހޭ ހާލަތްތައް މެދުވެރިވާތީއެވެ. ނަމަވެސް އެފަދަ ކަމެއްގައި، ތިމާއަށް ހިތްހަމަޖެހުމެއް އޮންނާނެ ހެއްޔެވެ؟ އާއެކެވެ! ޔަނާލްގެ ހާލަތު ތަފާތެވެ. ލޯބި ނޫން އެހެން އެއްވެސް އެއްޗެއް އެގުޅުމުން ޔަނާލްއަށް ނުފެންނާތީއެވެ. މުސްކާންއަކީ ޔަނާލްގެ ހިތި މާޒީގެ ފޮނި މޭވާއެވެ. އުއްމީދީ ހުޅުކޮޅެވެ. ގަދަވަޔާއި ބާރުގަދަ ޠޫފާނުގެ ތެރޭގައިވެސް އެހުޅުކޮޅު ނިވުނަނުދީ ރައްކާތެރިކުރީ ޔަނާލްއެވެ. ފުރާނައިގައި ވިންދެއް ހުރިހައި ހިނދަކު އެ އަމާނާތައް ޔަނާލް ރައްކާތެރިވާނެއެވެ.

"ބައްޕަ ރޮއްވާފައި އެއްވެސް ކަމެއް ޙާޞިލްކުރަން ބޭނުމެއްނޫން.." ބައްޕަގެ ލޮލުގެ ކަރުނަ ފޮހެލައިދޭން މުސްކާން ނޫން ދެންހުރީ ކާކުހެއްޔެވެ؟
"ބައްޕަގެ މި ހަށިގަނޑުގައި މިރޭ، އެހައި ބާރެއްނެތް ދަރިފުޅާ.. ބައްޕައަށް ކުޑަވަގުތުކޮޅެއް ދޭންވީނުން" ޔަނާލް ބުންޏެވެ.

"އޯކޭ ބައްޕާ.. ބައްޕަ ބޭނުމީ ތިގޮތްނަމަ ތިކަމަށްވެސް އަޅުގަނޑު އެއްބަސް!" ދެލޯ ފޮހެލަމުން މުސްކާން ބުނެލިއެވެ. ދަރިފުޅުގެ ކޯތާފަތުގައި ފިރުމާލުމަށްފަހު ނިއްކުރީގައި ބޮސްދިނެވެ. އަދި ގަޔާއި ކައިރިކޮށްލިއެވެ. އެދަރިފުޅަށް ބައްޕަގެ ރައްކާތެރިކަން އޮންނާނެކަން ޔަގީންކޮށްދިނުމުގެ ގޮތުންނެވެ. މުސްކާންއަށް ނުފެނުނީ ބައްޕަގެ ތުންފަތް ތުރުތުރުއަޅުވާލާފައި ލޮލުން ފޭބި ކަރުނައެވެ.

"އެކަމަކު އެންމެ ސުވާލެއްގެ ޖަވާބު! ހަމަ އެންމެ އެއްޗެއް! އާއެކޭ ނުވަތަ ނޫނެކޭ ބުންޏަސް އެންމެ ރަގަޅު.. ޕްލީޒް ބައްޕާ" މުސްކާންގެ ކިބައިން މިންޖުވުން މިވަގުތު ޔަނާލްއަށް ފަސޭހަނުވވާނެއެވެ. ހިތް ނުތަނަވަސްވީ، ކުރިމަތިކޮށްފާނެ ސުވާލަކާއި މެދުގައެވެ. ދަރިފުޅުގެ ސުވާލަށް އިޒުނަދިނެވެ.

"ބައްޕާ! މުސްކާންގެ މަންމަ ދުނިޔޭގައި އެބަހުރިތަ؟" ދެއަތް ޖޯޑްކޮށްލުމަށްފަހު މުސްކާންގެ ނޭފަތާއި އަނގަމަތީގައި އަތް އަޅައިގެންހުރެ، ބުނެލިއެވެ. ސުވާލުގެ ސީރިއަސްކަން، މުޅި ކައުނުބަދަލުކޮށްލައިފިއެވެ. ބޮލުގައި ބޮޑު ހިލައަކުންޖެހުމުންވެސް ނުވާނެ ތަދު، ޔަނާލްގެ ބޮލަށްވެއްޖެއެވެ. ޔަނާލްގެ އަނގަހުޅުވާލަން ހަރަކާތްކޮށްލިވަގުތެވެ.

ވިދާލި ވިދުވަރާއިއެކު ޖަހައިލި ގުގުރީގެ ބާރުމިން ދުލަކުން ބަޔާންކުރާން ފަސޭހައއެއްނޫނެވެ. މުސްކާންއަށް ވަދެވުނީ ބައްޕަގެ އަތުތެރެއަށެވެ. ހަމައެވަގުތު ޔަނާލްގެ ހަތަރެސްފައި ތުރުތުރުއަޅައިގަތެވެ.
ވިދުވަރުގެ އަލިކަމުގެތެރެއިން ޔަނާލްއަށް ފެނުނީ، އިންސާނެކެވެ. ބަލިކަށިވެ ނިކަމެތިވެފައިވާ އަންހެނެކެވެ. އެސްފިޔަތަކުގެ ހަރަކާތް ލަސްވުމުގެ ބަދަލުގައި ޔަނާލްގެ އެސްފިޔަތައް ހަރަކާތްކޮށްލީ މާއަވަސް އަވަހަށެވެ. ފެންނަ މަންޒަރު ތަކުރާރުވޭތޯއެވެ. ނަމަވެސް އަލަކުން ނުފެނުނެވެ. ބާރުގަދަ ވިދުވަރާއެކު ޖަހައިލާ ގުގުރީގެ ސަބަބުން ފިއްކަނޑައިގެން ދާހާވެއެވެ. މިވަގުތު ހިތްތެޅެނީ މާބާރަށެވެ.

"ބައްޕާ! މުސްކާން ވަރަށް ބިރުގަނޭ" ވިދާ ގުގުރުމަކީ ބައެއްކުދީން ބިރުގަންނަކަމެކެވެ.
"މިކަހަލަ ވަގުތުތަކުގައި ދުޢާކުރުން ގިނަކުރަންވާނެ ދަރިފުޅާ" ޔަނާލް ބުންޏެވެ. ތެދެކެވެ. މިއީ ދުޢާގެ ވަގުތެވެ. ޔަނާލްގެ ނުތަނަވަސްކަން ދަރިފުޅަށް ބުނެދެވޭކަށްނެތެވެ. ހިތްބިރުގަތްފިއެވެ. ދުވަހަކުވެސް ނުވާގޮތެއް ވެއްޖެއެވެ. ފުންނޭވާއެއް ދޫކޮށްލަން މަޖުބޫރުވީ އެސަބަބަށްޓަކައެވެ.
ވެހެމުންދިޔަ ކެރިގަނޑު ވަރަށް ބާރުގަދައެވެ. ގަސްތަކުގައި ވައިއަޅުވާލާއަޑު ދުރުދުރަށްވެސް އިވެއެވެ.
މުސްކާންގެ ބުރަކަށީގައި ފިރުމާލަމުން ޔަނާލް ލޯ މަރައިލިއެވެ. ސިފަކުރެވުނު ކަންކަން ސިކުނޑީގައި ވޭތޯއެވެ.

އާއެކެވެ. މޫނުމަތީގައި ތާޒާކަމެއްނެތެވެ. މިލާމޯޅިވެ ހިކިފައިވާ މަލެއްގެ މިސާލުން، ޔަނާލްގެ ސިކުނޑިއަށް އެ ސޫރަ ތަސްވީރުކުރެވުނެވެ. ނަމަވެސް ހަތަރެސްފައިން ހީނބިހި ނަގައިފިއެވެ. ހަށިގަނޑާއި މޫނުގެ ސިފަ ބަދަލުވެފައިވިޔަސް މަސްތީ ދެލޯ، ޔަނާލްއަށް ދުވަހަކުވެސް އޮޅުވައިނުލެވޭނެއެވެ. ސުބުޙާނައްﷲއެވެ. ބިރުވެރި މިވަގުތުކޮޅުގައި ނިމާގެ ސޫރަ އެފަދަ ގޮތަކަށް ހިތައް ނުވަތަ ސިކުނޑިއަށް ފެންނާންޖެހުނު ސބަބަކީ ކޮބައިހެއްޔެވެ؟
***
ގުގުރުމުގެ އަޑަށް މުރުޝިދާވެސް ތެދުވިއެވެ. ކޮޓަރީން ނިކުމެވުނީ ދުވެފައިކަހަލަ ގޮތަކަށެވެ. ފުރަތަމަވެސް ބަލައިލީ، ގޭގެ ހުރިހައި ދޮރެއް ތަޅުލާފައި ހުރިތޯއެވެ. ހުރިހައި ދިމާއަކަށް ދުވެލާފައި އަވަސްވެގަތީ، މުސްކާންއާއި ޔަނާލްކޮބައިތޯ ބެލުމަށެވެ.
ޔަނާލްގެ ކޮޓަރީގެ ތަޅުގައި ހިފައިލުމާއެކު ހުޅުވެއްޖެއެވެ. އެދޮރަކީ ޔަނާލް ނިދަންވަނުމަށްފަހު ތަޅުލާފައި ހުންނަތަނެކެވެ. ނަމަވެސް މިރޭ ތަފާތެވެ. ޔަނާލް ކޮބައިހެއްޔެވެ؟

ހިނދުކޮޅެއްގެތެރޭގައި ކެރިގަނޑު އޮއްސާލީ އެތައް އިރެއްގެކުރީން އެވިލާގަނޑު ތައްޔާރުކުރަމުންދިޔަކަމެއް ނޭގެ އެތައް ހިތަކަށް ބިރުވެރިކަން ގެނެސްދެމުންނެވެ. ކުރެވުނު ސުވާލުގެ ޖަވާބެއްވެސް މުސްކާންއަށް މުހިއްމެއްނުވިއެވެ. ދެކަންފަތުގައި އަތްއެޅުމަށްފަހު، ދުޢާއެއްކިޔާލަމުން ބައްޕަގެ ގައިގައި ކުރިއަށްވުރެން ބާރަށް އޮޅުލައިގަތެވެ. ދަރިފުޅުގެ ބުރަކަށީގައި ޔަނާލް ފިރުމާލިއެވެ.

މުރުޝިދާއަށް ދޮރުހުޅުވައިލެވުނީ ހަމައެވަގުތުއެވެ.
"ދެބަފައިން މިކޮޓަރީގައި ދޯ، ގުގުރާލެއް ބާރުކަމުން މަންމަވެސް މިނިކުތީ ބަލައިލާންވެގެން.. ދަރިފުޅު ޔަނާލް މިތަނުގައި ހުންނަންޏާ މަންމަ މިދަނީ ނަމާދުކޮށްލަން.. އެމަންޖެ އެކަނިކޮށްލާފައި ދަރިފުޅު ނުދާތި" މުރުޝިދާ ބުނެލިއެވެ. ބޮލުން ހަރަކާތްކޮށްލަމުން ޔަނާލްވެސް އާއެކޭބުނެ މަންމައަށް ޖަވާބުދިނެވެ.

އާދުވަހެކެވެ. ދުވަހުގެ އިރު އެއިގެ ވާޖިބާއިގެން ދުނިޔެވީ ޒިންމާ ފަށައިފިއެވެ. ދުވަސްފެށިގެންއައީ މާލޭގެ ރައްޔިތުންނަށް ބޯހާސްކަމާއި ހިތްހަމަނުޖެހުމާއި ހިތްދަތިކަން ގެނެސްދެމުންނެވވެ. އިރުއިރުކޮޅުން އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެން ފަށައިފިއެވެ. ރެކޯޑް އަދަދަކަށް ވެހުނު ކެރީގެ ސަބަބުން މާލޭގެ ބޮޑުބައެއް އޮތީ ފެނުއަޑީގައެވެ. ޓީވީތަކާއި ރޭޑިއޯތަކާއި ނޫސްތަކުގެ އެކިޒަރީއާތަކުން ބުރަމަސައްކަތް ކުރަމުންގެންދަނީ އެންމެ ފަހުގެ ޚަބަރުތައް އާންމުންނާއި ހަމައަށް ގެނެސްދިނުމަށެވެ. އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީގެ އަތްތައް ދިއްކޮށްލެވޭނެ މަގުތައް ހުޅުވައިދެވޭތޯ މީޑިއާތަކުން ބުރަ މަސައްކަތްތައް އެބަކުރެއެވެ.

މަގުތަކުގައި ވެހިކަލްތައް ކޮޅުކޮޅަށް އޮޔާދެމޭ މަންޒަރުބަލަން ހިތައް ތަދުވެއެވެ.. އަގުބޮޑެތި ވެހިކަލްތަކުން ތޮއްޖެހިފައިވާ މަގުތަކުގައި ޕާކުކޮށްފައިވާ ވެހިކަލްތަކަށް ލިބުނު ގެއްލުން އަންދާޒާކުރާން އުނދަގުލެވެ. ކުދިކުދި ތަންކޮޅުކޮޅުގައި ދިރިއުޅޭ އެތައް އާއިލާއެއް ހާލުގައި ޖެހުނީ ކުޑަވަގުތުކޮޅެއްގެތެރޭގައެވެ. ނިސްބަތުން ގިނަ އާއިލާތަކަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ. ކަރަންޓާއި އިންޓަރނެޓް ނެތުމުގެ ތަކުލީފު އުފުލަންޖެހުމުން ޝަކުވާކުރާ މީހުންގެ ތެރެއިން ނިޝާނާއަކީ ފާހަގަކުރެވޭ މީހެކެވެ. ހުރިހައިވަރެއް ދަރީންނަށް އުފުލަމުން މުޅި ގޭތެރޭގައި ހަޅޭއްލަވަމުން އެއުޅެނީ، މިއަދުގެ ވިއްސާރައިގގެ ސަބަބުން މާލޭގެ ސްކޫލްތައް ބަންދުކުރީތީއެވެ. ދަރީން ސްކޫލަށް ނުފޮނުވައި ގޭގައި ބައިތިއްބަން ޖެހިއްޖެނަމަ، އެއީ ނިޝާނާއަށް އުނދަގޫބޮޑު ކަމެކެވެ. މިފަހަރުވެސް ކަރަންޓްލިބުނީ ވަރަށް ރުޅިގަދަވެފައި އިންދައެވެ.

"ހުރިހައިކަމެއް މަގޭބޮލަށް ޖަހާފައި ގޮސް، އޮފީހުގައި އޮތީމައި ނިމުނީއެއް ނޫން.. މި ދަރީން ބަލަންޖެހޭނީ މަށަށް އެކަނިތަ؟ އަހަރެން މިއުޅެނީ ނުލާހިކު ބޮލުގައި ރިއްސާތީ.. ކޯރުގައި ފަތާފައިވެސް ތި އޮފީހަކަށް ހަމަކޮންމެހެންވެސް ދާންޖެހޭތަ؟" ވަރަށް ނުރުހިފައި ނިޝާނާ އެއްޗެހިކީ އޭނާގގެ ފިރިމީހާއަށެވެ.

"ކޯރުގައި ފަތާފައިވެސް ނޫނީ ކަނޑުގައި ދަތުރުކޮށްފައިވެސް އަހަރެން އޮފީހަށް އަންނާނަން.. އެހެންނޫންނަމަ މަގޭދަރީން ތިބޭނީ ހައިބަނޑަށް! ނިޝާނާގެ ކަންނެއްކަމުގެ ސަބަބުން އަހަރެން މިވަރަށް މަސައްކަތްކުރަންޖެހެނީ.. ގޭގައި ކައްކައިގެން އާއިލާ ބަލަހައްޓަން އިނގޭ އަންހެނެއްނަމަ، މިއަދު އަހަރެން އުޅޭނީ ވަރަށް ފުދިގެން ވަރަށް އަރާމުގައި" ޝަރީފް ބުނި ވާހަކަތައް ނިޝާނާގެ މޫޑް އިތުރަށް ޚަރާބުވިއެވެ.

"އަހަންނަކީ މާލޭގެ ގެދޮރުހުރި މީހަކަށްވާތީ، ކަލޭ އަހަރެންނާއި އިނީ.. އޭރުވެސް ބބުނިން، މަށަކަށް ގޭތެރެ ނުބެލެއްޓޭނޭ.. މަށަކީ އެއްއިރަކުވެސް މާވަރަށް ގެވެހިވެގެން އުޅުނު ރަނޑު މީހެއްނޫން" ނިޝާނާގެ ވާހަކަ އަޑުއަހަން، ޝަރީފްއަށް ވަގުތެއްނެތެވެ. ފޯނުކަނޑާލީ އިތުރަށް އެންމެ ލަފްޒެއްވެސް އަޑުއަހަން ބޭނުންނުވާތިއެވެ. ދަރިންބެލުމާއި، ގެދޮރުބެލެހެއްޓުމާއި ފިރިމީހާއަށް ކޮށްދދޭންޖެހޭކަންކަން ކޮށްދިނުމަކީ ރަނޑުކަމެއް ކަމަށް ނިޝާނާއަށް ހީވަންޏާއި އެކަމާއިމެދު ބުނާނެއެއްޗެއް ޝަރީފުގެ ސިކުނޑިއަށް މިވަގުތު ގެންނާން މަސައްކަތެއް ނުކުރާނެއެވެ.-ނުނިމޭ-
ހިޔާލު

ދިޔެ

ހާދަ އަވަހަކަށް މިނިމުނީ😂 އަދިވެސް ބޭނުން އިތުރަށް ކިޔާލަން..