Kuru Vaahaka: Bappaekey, Part 2
image
ކުރު ވާހަކަ: ބައްޕައެކޭ
0 ކޮމެންޓް
 

ކުރު ވާހަކަ: ބައްޕައެކޭ

ސިޔާނާގެ މޫނުމަތިން ރަތްވަމުން ދިޔަ މަންޒަރު އަހަންނަށް ފެނުނެވެ. އޭނާގެ ދެބުމަ ކަރިކޮށްލަމުން ތުންފަތް ދެ ފަރާތަށް އަނބުރައިލިއެވެ.
ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެތައް ދުވަހެއް ފަހުން ދަރިފުޅު ފެނުމުންނެވެ. އެ ހިނިތުންވުމުން އަހަންނަށް އެތައް ވާހަކަތަކެއް ބުނެދިނެވެ. އެތައް މާނަތަކެއް ދޭހަ ކުރެވުނެވެ. އެ ދެ ލޮލުން ސިފަވަމުން ދިޔައީ މައުސޫމުކަމެވެ. ބުނަން ނޭނގޭ އެތައް އިހުސާސް ތަކަކުން އަހަރެން ބަންދުވަމުން ދިޔައެވެ. އައިސްކުރީމުގެ ވާހަކަ ބުނެލުމުން ޔަލްވީ ހިންދިރުވާލި ގޮތް ސިފަވަމުން ދިޔައެވެ. އަހަންނަށް މަޑުމަޑުން ހިން ދިރުވާލެވުނެވެ. ޔަލްވީގެ އެ އިހްސާސްތައް އަހަންނަށް ކުރެވެމުން ދިޔަ ކަހަލައެވެ. އެ ހިތުގައި އުފެދޭނެ ސުވާލުތައް އަހަރެންގެ ހިތަށް ތިލަވަމުން ދިޔައެވެ. ބައްޕައެއް ހުރެމެ ބައްޕައެއްގެ ލޯބި ނުލިބޭތީ ކުރާނެ ޝަކުވާތަކުން އަހަރެން މާޔޫސްކުރުވަމުން ދިޔައެވެ. އަހަންނާއެކު ޔަލްވީ ހޭދަކުރި އުފާވެރި މަންޒަރުތައް ސިފަވަމުން ދިޔައެވެ. ކުއްލިއަކަށް އެ ހަނދާންތަކުގެ ތެރެއަށް ގެނބިގެން ދިޔައެވެ.

"ބައްޕީ ދެން މަންމި އަންނާނީ ކޮން ދުވަހަކުންތަ؟" ޔަލްވީ އަހަރެންގެ ބޮލުގައި ފުނާއަޅަމުން ސުވާލުކޮށްލިއެވެ.
"މަންމި އަންނާނެ ކިޔަވާ މޮޅު ކުއްޖަކަށް ވެގެން" އެނދުމަތީގައި އުއްޑުން އޮވެ އަހަރެން ޔަލްވީގެ މޫނަށް ބަލައިލީމެވެ. "ދަރިފުޅު ވެސް ވާނެ މަންމި ކަހަލަ މޮޅު ކުއްޖަކަށް ވާން. އޭރުން ބައްޕި ވަރަށް އުފާވާނެ"
"ޔަލް މޮޅު ކުއްޖަކަށް ވާއިރު ބައްޕަ ހުންނާނަންތަ ޔަލްކޮ ގާތުގަ؟" އެއް އަތުން އަހަރެންގެ އިސްތަށި ގަނޑާ ކުޅެމުން އަނެއް އަތުން ފުނާ އަޅަމުން ޔަލްވީ ހިނިތުންވެލިއެވެ.

"ޔަގީނެއްނު" އަހަރެން ވެސް ހިނިތުންވެލީމެވެ. "އެ ދުވަހަކުން ބައްޕި ޔަލް އުރައިލައިގެން ފުންމަމުން ފުންމަމުން އުދުހިލާނަން"
"އެކަމަކު ޔަލްއަކަށް ހިޔެއް ނުވޭ" ޔަލްވީ ހުއްޓުން އެރިއެވެ.
"ކިހިނެއްވީ؟" އަހަރެން ހައިރާންކަމާއެކު ޔަލްވީގެ މޫނަށް ބަލައިލީމެވެ. "ދަރިފުޅު ބޭނުން ނުވަނީތަ ބައްޕި؟ ބައްޕި އޮފީހަށް ނުދާތީ ދޯ؟ ދަރިފުޅާ ބައްޕި ވަރަށް އަވަހަށް އޮފީހަކަށް ދާނަމޭ. އޮފީހަށް ދިޔަޔަސް ލިބޭނީ ލާރިއެއްނު. ހަރުގެއަށް ދިޔަޔަސް ލިބޭނީ ލާރިއެއްނު ދޯ"
"ޔަލް ބޭނުންވަނީ ބައްޕި އަބަދު ވެސް ޔަލް އާއެކު އުޅެން" ޔަލްވީ ފެންކަޅިވިއެވެ.
"ބައްޕި ނުދާނަމޭ. މަންމި ކޯސް ނިންމީމަ ތިން ކުދިން އުޅޭނީ މިގޭގައެއްނު. އޭރުން މަޖާވާނެއްނު ދޯ"
"މަންމި ކީއްވެތަ ކޮއްކޮ ފޮނުވާލީ؟"

"ދަރިފުޅާ މަންމި ވަރަށް ބިޒީވާނެއްނު ކިޔަވާއިރު. އަބަދު ކުލާހަށް ދާން ޖެހޭނެ. ދެން ދަރިފުޅު އެކަނި ގޭގަ ނުބެހެއްޓޭނެ. އެހެންވެ ދަރިފުޅު ގެނައީއޭ ބައްޕަ" ޔަލްވީއަށް ވިސްނައިދެވޭތޯ އަހަރެން ބެލީމެވެ.
"ބައްޕި ވެސް ހަރުގެއަށް ދަމެއްނު. އެކަމު ކޮންމެ ދުވަހަކު ހެނދުނު ޔަލްކޮއަށް ކާންދީ ފެންވަރުވަމެއްނު. މެންދުރުވީމަ ވެސް ބައްޕި އަންނަމެއްނު. އަނެއްކާ ވެސް ޔަލްކޮއަށް ކާންދީ ފެންވަރުވާ ކިޔަވަ ވެސް ދެމެއްނު. ބައްޕި ވެސް ބިޒީއެއްނު އެކަމު ބައްޕި ވެސް ޔަލްކޮ ގާތަށް އަންނަމެއްނު" ޔަލްވީ އަހަންނާ ހަތަރު ކަޅި ހަމަކޮށްލިއެވެ. "ދެން ކީއްވެ މަންމިއަށް ވަގުތު ނުވަނީ؟"
"ބައްޕިއަށް ވުރެ މަންމަ މާ ބިޒީވާނޭ. މަންމިއަށް ކުލާސް ކެންސަލު ނުކުރެވޭނެ" ޔަލްވީއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. "ބައްޕި ނުހުންނަ ގަޑީ ދަރިފުޅު މާމަ ގާތު ހުރެވެއެއްނު. މަންމި ނެތިއްޔާ ދަރިފުޅު އޮންނަން ޖެހޭނީ ކޮޓަރީގަ އެކަނި"

"މަންމިއާ އެކު އަންނަ އަންވަރުބޭ ބުނީ މަންމި ބިޒީވަނީ އެ ބޭބެ އޮފީހަށް ދާތީއޭ. އެކަމު ބައްޕަ ތިބުނީ ކުލާހަށް ދާތީއޭ. ޔަލްކޮ އަން ކޮންފިއުޒް ވެއްޖެ" ޔަލްވީ ތެދުވިއެވެ. އެނދުމަތިން ފައިބައިގެން ގޮސް ޔަލްވީ ހުއްޓުނީ ރީތިވާ މޭޒު ކައިރީގައެވެ. ރީތިވާ ސާމާނުތައް ބަހައްޓާފައި ހުރި ތަނުން ދެތިން އެއްޗެއް ނަގައިގެން އައިސް ޔަލްވީ އަހަންނަށް ދައްކާލިއެވެ.

"އެ ބޭބެ ބުނީ ބެސްޓް ބައްޕައެއް ވެއްޖެއްޔާ ކޮއްކޮއަށް އުއްމަދޭނޭ. ހަދިޔާ ވެސް ދޭނޭ. އެހެން ކިޔައިފަ ދިން ހަދިޔާއެއް މި" ޔަލްވީ އަހަންނަށް ދައްކައިލީ ކަޅު ކުލައިގެ ސާރިދޯޅެކެވެ. ކުދިން ކުޅެން ގެންގުޅޭ ކަހަލަ އެ ސާރިދޯޅިގެ ބަނޑުގައި ހިތެއް ކުރަހާފައިވެއެވެ. އެ ހިތުގެ މެދުގައި "ކާއިނާތުގެ ހެކިކޮށް ތިން ލަފުޒެއް ސިއްރުން ބުނަން" އިނގިރޭސި ބަހުން ލިޔެފައި އޮތެވެ.

"އެހެންތަ؟" ހައިރާންކަމާއެކު އަހަރެން އެނދުން ތެދުވީމެވެ. ޔަލްވީގެ އަތުގައި އޮތް ސާރިދޯޅަށް ބަލައިލީމެވެ. އޭގައި ލިޔެފައިވާ އިބާރާތްކޮޅަށް ވިސްނައިލީމެވެ. ވަރަށް ކުދިކުދި އަކުރުތަކަކުން ލިޔެފައިވާ ނަމަށް ބަލައިލީމެވެ. ވައަތުން ކަނާއަތަށްވާ ގޮތަށް ތަރުތީބު ބަދަލުކޮށް ލެޓިން އަކުރުތަކުން ލިޔެފައިވާ އެ އަކުރުތައް އަހަންނަށް ދޭހަވިއެވެ. "މުޅިއުމުރަށް ސިޔާވަރު" އަހަންނަށް ކިޔާލެވުނެވެ.

ގޯހެއް އުޅޭކަން އަހަންނަށް ވިސްނައިލެވުނީ އެހައި ހިސާބުންނެވެ. އަހަންނަށް އެ މަންޒަރުތައް ކަޝްފުކޮށްދިނީ ޔަލްވީއެވެ. އޭނާގެ ހަރަކާތްތަކުންނެވެ. ފުންކޮށް ވިސްނައިލެވުނެވެ. ޔަލްވީ ދެކެ އެހައި ލޯބިވި މީހަކު ކުއްލިއަކަށް ޔަލްވީ ހުންނާތީ އުނދަގޫވީ ސަބަބެވެ. ދޮންބެމެން ގެއިން ނުކުމެ ސިޔާނާ މާލޭ ކުލީ ކޮޓަރިއަކަށް ބަދަލުވި ސަބަބެވެ. އެކަނި އުޅެން ބޭނުންވި ބޭނުންވުމެވެ. އަހަރެން ގުޅާ ވަގުތު ތަކުގައި އެހެން ފޯނުތަކަށް ޖަވާބު ދިނުމަށް އެތައް ގަޑިއިރެއް ހޭދަވާ ސަބަބެވެ. ހުރިހާ ދުވަހު އަހަރެން ދެ ލޯ މެރިފައި ވަނިކޮށް މި ހުޅުވާލަ ދިނީ ޔަލްވީއެވެ. އުއްމީދީ މަންޒިލަކަށް ކުރަމުން ދިޔަ ދަތުރަށް ތޫފާނެއްގެ ހިޔަނި އެޅިއްޖެ ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް އަހަންނަށް ކުރެވެމުން ދިޔައެވެ. އެ ތޫފާނުގައި ބެހި އޮޔައި ގޮސް އަހަރެންގެ ހަޔާތުގެ ބޮއްކުރާގަނޑު ފަރަށް އުރި ރާޅާ ތަޅަމުންދާ ކަމުގެ އިހުސާސެވެ.

ސިޔާނާ ދެއްކި ބައެއް ވާހަކަ އެއްކޮށްލަމުން ޔަލްވީ ދެއްކި ވާހަކަތައް ގުޅުވައިލީމެވެ. ދެކޮޅު ޖެހޭނެހެން ޖުމުލަތައް ތަރުތީބުކޮށްލީމެވެ. ކޯނި ޖުމުލަތަކަކުން ޝަކުވާތައް ފުނިޖެހުނެވެ. މިހެން ދިމާވާން ޖެހުނު ސަބަބެވެ. ސިޔާނީ ދެކެ އަހަރެންވީ ލޯތްބަށް ޣައްދާރުވީ ކާކުތޯ ކުރެވޭ ސުވާލުންނެވެ. މައިންބަފައިންނާ ދެކޮޅަށް އަހަރެން ސިޔާނާ ޚިޔާރުކުރުމުން ނިކުތް ނަތީޖާއާ މެދު އުފެދުނު ސުވާލުތަކެވެ. ސިޔާނާގެ ބައްޕަމެންގެ ފެންވަރާއި ހައިބަތުގެ މަތިވެރިކަމުން އުފެދުނު ނުތަނަވަސް ކަމެވެ. ކުށްވެރިއަކަށް އިނގިލި ދިމާކުރެވެން އޮތީ އެންމެ ފަރާތަކަށެވެ. ސިޔާނާއަކަށް ނޫނެވެ. މައިދައިތަ އަކަށް ބަފައިބެއަކަށް ވެސް ނުމެ ނޫނެވެ. އަހަންނަށެވެ. އަހަރެންގެ އަމިއްލަ ނަފުސަށެވެ. އަހަންނަށް މާ ބޮޑަށް އިތުބާރު ކުރެވުނީއެވެ. މާބޮޑަށް ލޯބިވެވުނީއެވެ. އެ ލޯބީގެ ނިވަލުން ހެދެމުން ދިޔަ ބައިގަނޑުން ކޮކާއަވި އެރީއެވެ. އެ ކޮކާ އަވީގެ ހޫނުން ގަސްތައް ފަޅައި މާފޮޅެން ފެށީއެވެ. އެ މާތަކުން ބަގީޗާއެއް އުފެދި ހެދި ބޮޑުވީއެވެ. ދޮނެއްކަޅެއް، ވަހެއްކުލައެއް އަހަންނަށް ނޭނގި ހުއްޓައެވެ.

ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭ އަޑަށް ސިއްސައިގެން ގޮސް ބަލައިލެވުނެވެ. ޔަލްވީ ކޮބައިތޯއެވެ. ޔަލްވީއެއް ނެތެވެ. އޭނާ ގެންގުޅުނު ސާރިދޯޅެއް ވެސް ނުފެނުނެވެ. ޔަލްވީ ގެންގުޅުނު ފުނާ ރީތިވާ މޭޒުމަތީގައި އޮތެވެ. މަޑުމަޑުން އެ ފުނަލުގައި ހިފައިލީމެވެ. ކުއްލިއަކަށް އެ މަންޒަރު ހިތަށް ސިފަވިއެވެ. ޔަލްވީގެ ހަނދާންތަކުން މީހާ ވަށައިލިއެވެ. އަނެއްކާ ވެސް ދޮރުގައި ޖަހައިލިއެވެ. މަޑުމަޑުން ދޮރު ހުޅުވާލީމެވެ.
"ދެގަޑި ސުންމިނެޓަށް ޕޮލިސް ސްޓޭޝަނަށް ދާން ބުނީމަ" އަހަރެންގެ މޫނަށް ބަލައިގެން ހުރެ މަންމަ ބުނެލިއެވެ. "އަނެއްކާ މިއަދު ވެސް ކަމެއް ހިނގީތަ؟"
"ނޫން. އަހަރެން ޔަލްވީ ދެކިލަން ގޮސްގެން ހެން ހީވަނީ" މާޔޫސްވެފައިވާ މަންމަގެ މޫނު ފެނުމުން އަހަރެން ބުނެލީމެވެ.

"މަންމަ މާ ބޮޑަށް ނުވިސްނާ. އަހަރެން ގޯސްކަމެއް ނުކުރަން. އަހަރެން ދިޔައީ އަހަރެންގެ ދަރިފުޅު ދެކިލަން"
"ދަރިފުޅު ދެކިލުމުގެ ނަމުގައި ސިރާޖު ކުރިކަންތަކުގެ ސަބަބުން ދަރިފުޅާއި ދަރިފުޅުގެ މަންމައަށް ނަފުސާނީ ގޮތުން ގެއްލުންވި ކަމަށް ބުނެ ސިޔާނާގެ ބައްޕަ ހުށަހެޅި މައްސަލައަކާ ގުޅިގެން މި ހާޒިރު ކުރެވުނީ" ޕޮލިސް ސްޓޭޝަންގެ އިންޗާޖު އިހުސާން އަހަންނާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

"ނަފުސާނީ ގޮތުން ވިޔަސް ޖިސްމާނީ ގޮތުން ވެސް ގެއްލުމެއް ވުމަކީ އަހަރެން ބޭނުންވާ ކަމެއް ނޫން. އެދޭ ކަމެއް ވެސް ނޫން. ސަބަބަކީ އެ ދެ މީހުންގެ ހުރިހާ ކަމެއްގަ ޒިންމާ ނަގަން ހުރި މީހަކީ އަދިވެސް އަހަރެން" ހަމަޖެހިލަމުން އަހަރެން ވެސް ބަލައިލީ އިހުސާނުގެ މޫނަށެވެ.
"މާނައަކީ؟" އިހުސާނު ހައިރާން ކަމާއެކު ސުވާލުކޮށްލިއެވެ.

"މާނައަކީ ޔަލްވީގެ ބައްޕައަކީ އަހަރެންނޭ. ސިޔާނާގެ ފިރިމީހާއަކީ އަދިވެސް އަހަރެންނޭ. ފިރިމީހާއަށް ބޭނުން އިރަކު ބޭނުން ކޮންމެ ވަގުތެއްގައި އަނބިމީހާއާއި ދަރިފުޅާ ވާހަކަދެއްކުމުގެ މިނިވަންކަން އޮންނާނޭ. މިއީ އެއްވެސް ގާނޫނަކުން އެއްވެސް ގަވާއިދަކުން މަނާކަމެއްކަން އަޅުގަނޑަށް އަދި ނޭނގެ. އަދި ދީނީ ގޮތުން ބެލިނަމަވެސް މިކަމަށް ހުރަސް އެޅޭނެ އެއްވެސް ހުއްޖަތެއް ދެއްކޭކަށް ނޯންނާނެ" ސާބިތުކަމާއެކު އަހަރެންގެ ވާހަކަ ކުރިއަށް ގެންދިޔައީމެވެ. "ދަރިފުޅު ދެކިލުމާއި ދަރިފުޅާ ވާހަކަދެއްކުމުގެ މިނިވަންކަމާއި އެ ހައްގަކީ ހަމަ ކޮންމެ ބައްޕައަކަށް ވެސް އޮންނާނެ ހައްގެއް. އަހަންނަކީ ކުށްވެރިވެ ގޭބަންދުގައި ހުރި މީހެއްނޫން. ނޫނީ ޖަލު ބަންދުގައި ހުރި މީހެއް ވެސް ނޫން. އަދި އަހަންނަށް ވަކި މަގަކުން ހިނގަން ނޫނީ ދުއްވުން މަނާކޮށް އެއްވެސް ހުކުމެއް ކޯޓަކުން ޖަހައިދީފައެއް ވެސް ނޯންނާނެ. އެހެން ނަމަތާ އަހަރެން ކުށްވެރިވާނީ"

"ފަހަރެއްގައި ވެސް އަޅުގަނޑު ތި ގޮތަށް ނުދަންނަވަން" އިހުސާނު ހައިރާންކަމާއެކު އަހަންނަށް ބަލައިލިއެވެ. "އަޅުގަނޑު ސިރާޖު މި ހާޒިރުކުރީ ރަސްމީ ހައިސިއްޔަތުން ސިޔާނާގެ ބައްޕަ ހުށަހެޅި މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް. ފަހަރެއްގައި ވެސް ކުށްވެރިވެގެންނެއް ނޫން. އެގޮތަށް ނުވިސްނަވާތި. ސިރާޖަކީ އަޅުގަނޑުގެ ކުޑައިރުން ސުރެ ރަހުމަތްތެރި އަކަށް ވެފައި އަޅުގަނޑު މި މަގާމަށް އާދެވުމުގައި ސިރާޖުގެ ހިއްސާ އޮތަތީ ދަންނަވާލަން. މި ކަމުގައި އަޅުގަނޑަށް އެހީއެއް ވެދެވެން އޮތް ނަމަ އެކަން ކޮށްދިނުމަށް މިހުރީ ތައްޔާރަށް. މިހައި ހިސާބުން ރަސްމީ ބައި ނިމުނީ. ކޮފީ މޭޒަކުން މިކަމާ މަޝްވަރާކޮށްލަން ބޭނުން. މިރެއަށް އިންތިޒާރުކުރާނަން"
(ނުނިމޭ)
ހިޔާލު