Majileehugai ''aa vaththaregge bayyeh''!
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، މަޖިލީހުގެ ރިޔާސަތު ހިމެނޭ ސަރަހައްދު-- ފޮޓޯ: މަޖިލިސް އިދާރާ
5 ކޮމެންޓް
 

މަޖިލީހުގައި "އާ ވައްތަރެއްގެ ބައްޔެއް"!

ރައްޔިތުންގެ މަޖިލީހުން މުޅިން އާ އުސޫލަކުން ކަންތައްތަކެއް ކުރަން ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ބާރުދޭ ބިލް، އޮތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމި ގޮތަށް ނޫންކަމަށާއި އެކަން ތަހުގީގު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެފައި ވެއެވެ. އަދި އެ ބިލް އަނބުރާ ކޮމެޓީ އަށް ފޮނުވާލެއްވި އެވެ.

ގާސިމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާފައިވާ އެ ބިލްގައި ކޮމެޓީން ނިންމި ނިންމުންތަކުގެ އިތުރުން، އިތުރު ކަންތައްތަކެއް ހިނަމާފައިވާ ކަމަށް ބުނެ، ބައެއް މެމްބަރުން ސޮއިކޮށް އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން އެމައްސަލަ ބައްލަވާނެ ކަމަށާއި، އަދި އެބިލް ދިރާސާ ކުރުމަށް އަނބުރާ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް އެގޮތަށް ނިންމުމާއެކު، އެއީ މަޖިލީހުގައި މުޅިން އަލަށް ކަނޑައެޅުނު އުސޫލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ "ގަވާއިދެކޭ" ކިޔަސް އެއީ ގާނޫނެކެވެ. ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 70 އަދި 88 ވަނަ މާއްދާގެ ދަށުން ހަދާފައިވާ "ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު" އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހަށް ބިލެއް ހުށަހަޅާއިރު، ތިން ކިޔުމެއް އިއްވައެވެ. ބިލްގެ ފުރަތަމަ ކިޔުމަކީ ބިލްގެ ފުރަތަމަ ކިޔުން އިއްވުމެވެ. އެކަން ކުރާ ގޮތަކަކީ މަޖިލީހަށް ތައާރަފް ކުރަންޖެހޭ ބިލްގެ އެޖެންޑާގެ ދަށުން، ބިލުގެ ސުރުހީ މަޖިލީހަށް އިއްވާ ދެއްވަނީ އެވެ. އެކަން ކުރައްވާނީ މަޖިލީހުގެ ރައީސް ނުވަތަ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ބޭފުޅެކެވެ.

ދެވަނަ ކިޔުމަކީ އެ ބިލާމެދު އާންމުކޮށް ބަހުސްކުރުމުގެ މަރުހަލާ އާއި ކޮމެޓީއެއްގެ މަރުހަލާގައި ބިލު ތަފްސީލުކޮށް، ދިރާސާކޮށް، އިސްލާހު ކުރެވެމުންދާ މަރުހަލާ އެވެ.

ތިން ވަނަ ކިޔުމަކީ ކޮމެޓީއެއްގެ މަރުހަލާ ނިމިގެން މަޖިލީހުން ރިއާޔަތްކޮށްދިނުން އެދި ބިލު ހުށަހެޅުމަށްފަހު، ބިލަށް ވޯޓަށް އެހުމުގެ ކުރިން ބިލާމެދު ކުރެވޭ އެންމެފަހުގެ ބަހުސްގެ މަރުހަލާ އާއި އެބަހުސް ނިމުމުން، ބިލަށް ވޯޓަށް އެހުމުގެކުރިން ބިލުގެ ސުރުހީ އިއްވާ މަރުހަލާ އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުށަހެޅި ބިލްތައް އަވަހަށް ނިންމުމަށް އޭރު މަޖިލީހުން ވަނީ ބިލުތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސްފަ އެވެ. އެއީ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބިލަކާ ގުޅިގެން ހިންގަންޖެހޭ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ އެކިއެކި މަރުހަލާތަށް، އެއް މަރުހަލާއާ ވިދިގެން އަނެއް މަރުހަލާ ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ރައީސް ހުށަހަޅާ ހުށަހެޅުމަކުން، އަދި އިތުރު ބަހުސަކާ ނުލައި މަޖިލީހުން ފާސްކުރާ ފާސްކުރުމަކުން ކަނޑައެޅިދާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) އެގޮތަށް އިސްލާހުކޮށް، ރައީސް ޔާމީންގެ ވެރިކަމުގައި ހުށަހެޅި، ބޮޑެތި ބިލްތަކެއް، އެގޮތަށް "އަވަސް އަރުވާލައިގެން" އެންމެ ދުވަހެއްގެ ތެރޭގައި ބިލްގެ ތިން ކިޔުމާއި، ކޮމެޓީން ދިރާސާކޮށް ނިންމައި، ފާސްކޮށްފައި ވެއެވެ.

އެ އެގޮތަށް މަސީހު އަމަލު ކުރެއްވީ މަޖިލީހުގެ ގަވާއިދު އެގޮތަށް ބަދަލުކޮށްގެންނެވެ. އޭރު މަޖިލީހުގައި ސަރުކާރުގެ ސާފު މެޖޯރިޓީ އޮތެވެ. މަޖިލީހަކީ ސަރުކާރުގެ "ރަބާ ސްޓޭމްޕް" އޭވެސް ބައެއް މެމްބަރުން ކިޔާ އުޅުނެވެ.

ރައީސް ސޯލިހުގެ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށެވެ. މައްސަލަ ދިމާވީ، ކޮމެޓީން އެބިލް ދިރާސާކޮށް ނިންމާފައިވާ ރިޕޯޓަށް ވޯޓަށް އަހަންޖެހުމާ ހަމައިން ނެވެ.

ރައްޔިތުންގެ މަޖިލީހުގައި އެދުވަހެއްގެ ޖަލްސާގައި ވޯޓަށް އެހުމަށްހުރި ކަންކަމަށް ވޯޓަށް އެހުމުގެ އެޖެންޑާއަށް ހަތަރު ފަހަރަކު އެބިލް ހިމަނާފައި ވެއެވެ.

އެގޮތުން އެ ބިލު ފާސްކުރަން އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކާ ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ ކަމަށެވެ.

އެހެންކަމުން ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް އެހޭނީ 85 މެމްބަރުން ހިމެނޭ މި މަޖިލީހުގެ 43 މެމްބަރުން ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.

މިދިއަ ޑިސެމްބަރު މަހު ބޭއްވި ޖަލްސާގައި އެބިލަށް ވޯޓަށް އެހިއިރު، ގާނޫނީ އަދަދަށް މެމްބަރުން ހާޒިރުވެފައި ނުވާތީ އެބިލަށް ވޯޓަކަށް ނޭހުނެވެ.

ދެން އެބިލަށް ވޯޓަށް އެހުމަށް އެޖެންޑާކުރީ މިދިއަ ފެބްރުއަރީ މަހުގެ 25، 26 އަދި 27 ގަ ބޭއްވި ޖަލްސާއަށެވެ. އޭގެ ތެރެއިން ފެބްރުއަރީ 25 އަދި 26 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެބިލަށް ވޯޓަށް އެހިއިރުވެސް ގާނޫނީ އަދަދަށް މެމްބަރުން ހާޒިރެއް ނުވި އެވެ. އެކަމާއި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ނުހަނު ކަންބޮޑުވުން ފާޅުކުރަން ފެށުމުން، ފެބްރުއަރީ 27 ވަނަ ދުވަހު ބޭއްވި ޖަލްސާގައި 60 މެމްބަރުންނަށް ވުރެއް ގިނަ މެމްބަރުން އެޖަލްސާގައި ތިއްބެވި އެވެ.

އެހެންނަމަވެސް މަޖިލީހުގެ ރައީސް ގާސިމް ވަނީ ކޮމެޓީގެ މެމްބަރުންތަކެއް ކޮމެޓީގެ ރިޕޯޓާމެދު ހިތްހަމަ ނުޖެހިގެން ހުށަހެޅުމުން އެބިލަށް ވޯޓަށް އެހުމުގެ ބަދަލުގައި އަނބުރާ ކޮމެޓީއަށް ފޮނުވާލާފަ އެވެ.

ކޮމެޓީން ދިރާސާކޮށް ނިންމާ ރިޕޯޓްތަކަށް، ވޯޓަށް އެހުމުގެ ކުރިން މެމްބަރަކު އިސްލާހެއް ހުށަހަޅަން ބޭނުންނަމަ އިސްލާހު ހުށަހެޅުމުގެ ފުރުސަތު ލިބެއެވެ. ކޮމެޓީ މަރުހަލާގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމުގެ ފުރުސަތު ލިބެއެވެ. އަދި ކަމާބެހޭ ފަރާތްތައް ހާޒިރުކޮށްގެންވެސް މައުލޫމާތު ހޯދެއެވެ. ދެ މަސް ދުވަހު ރިޕޯޓް އަތުގައި ބޭއްވުމަށްފަހު، ޖަލްސާއަށް މެމްބަރުން ހާޒިރު ނުވަނީއްޔޭ ބުނިއިރު، ހާޒިރުވި ދުވަހު، ތިޔަދެއްކެވީ އެހެން ބަހަނާއެކެވެ.

ގާސިމް އެވެ. ރިޔާސީ ކޮމިޝަންތައް ބާރުދޭ ބިލް ފާސް ނުކުރުމަށް މަނިކުފާނު ތިޔަ ދެއްކެވި ބަހަނާ "އަތަށް ގޮވައިފި" ދެއްތޯ އެވެ.

ގާސިމް އެވެ. މިހާރު ކޮމެޓީގެ ރިޕޯޓަކާމެދު ހިތްހަމަ ނުޖެހޭ މެމްބަރެއް ހުރިނަމަ، ކޮށްލަން ޖެހެނީ އެންމެ ކަމެކެވެ. ޖެހޭނީ މަނިކުފާނަށް ސިޓީއެއް ފޮނުވާލާށެވެ. އޭރުން މަނިކުފާނަށް ޖެހިވަޑައިގަންނަވާނީ އެ ރިޕޯޓް އަނބުރާ ކޮމެޓީއަށް ފޮނުވާލާށެވެ.

ގާސިމް އެވެ، އަލަށް ތައާރަފްކުރި ތިޔަ އުސޫލުން، ކޮމެޓީން ދިރާސާކުރުމަށްފަހު ފޮނުވާ ރިޕޯޓެއް މަޖިލީހުން ފާސް ކުރިއަ ނުދީ ސިޔާސީ ޕާޓީއަކަށް އަދި ވަކިވަކި މެމްބަރުންނަށް ވެސް ހިފެހެއްޓިދާނެ އެވެ.

ވޯޓަށް އެހުމެއްނެތި އަނބުރާ ކޮމެޓީއަށް ފޮނުވާލި ބިލް، މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމުން ދެން ކަންކަން ވާނެގޮތް މިތިބީ ބަލާށެވެ. އެއީ ސީދާ ރައްޔިތުންނާ ގުޅުންހުރި މުހިއްމު ބިލެކެވެ. އެއީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުގައި އޮވެމެ، ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރުމާ ދެކޮޅު ހަދަމުންދާތީ ސަރުކާރު ކޯލިޝަން ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ޕާޓީތަކުގެ އާންމު މެމްބަރުންގެ މެދުގައި ވަރުގަދަ ދެބަސްވުންތަކެއް ދަނީ އުފެދެމުން ނެވެ.

ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި 45 މެމްބަރުންނަށް ވުރެ ގިނަ އެވެ.

ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައިވާގޮތުން އެބިލް ފާސްކުރަން ބޭނުން ނުވާ ބައެއް މެމްބަރުން ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ގޮތުގައި އެބަ އުޅުއްވަ އެވެ. ރިޔާޒު ނިސްބަތްވާ ޖުމްހޫރީ ޕާޓީއަށް ދާދިފަހުން ރައީސް ޔާމީން ސަރުކާރުގެ އިސްވެރިންތަކެއް ވަނީ ގުޅިވަޑައިގަންނަވާފައި ވެއެވެ. އަދި އޭރު ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތު އެ މެމްބަރުންނާއި އިސްވެރިންގެ މައްޗަށް ކުރެވިފައި ވެއެވެ.
ހިޔާލު

ސަޢުދު

މި ރާއްޖޭގެ ޤާނޫނު އަސާސީއިން ހުރިހާ ތަހުގީގެއް ކުރެވޭނެ މުއައްސަސާތައް ވަނީ އުފައްދަވައިފައެވެ. އެ މުއައްސަސާތަކުގެ ބާރު ކަނޑުވާލާ ބިލެއް ފާސްކުރުމަކީ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމެވެ. ޤާނޫނުއސަސާސީއާ ޚިލާފަށް އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ. ކޮރަޕްޝަނާ ބެހޭ ކަންކަން ބެލުން އެންޓި ކޮރަޕްޝަނާ މަތިކޮށްފައިވާއިރު، ސޯލިހު އައްޔަންކުރާ ބަޔަކު ބަލާ މައްސަލައެއް އޭސީސީ އަށް ނުވަތަ ފުލުހުންނަށް ނުބެލޭނެކަން ތިޔަ ބުނާ ޤާނޫނުގައި އޮތް އޮތުމަކީ ޤާނޫނުއަސާސީއަާއި ރައްޔިތުންގެ ބާރު ކަނޑުވައިލުމެވެ. ފުލުހުންނާއި އޭސީސީގައި ގާބިލު މީހުން ނެތް ނަމަ އެފަދަ މީހުން ލުމަކީ މަޖިލީހާއި ރައީސަށް ކުރެވޭނެ ކަމެކެވެ. ތަހުގީގު ކުރުމުގެ އެއްވެސް ހުނަރެއް ތަޢުލީމެއް ނެތް ހުއްނުއްސުޢޫދަށް އޭސީސީއާއި ފުލުހުންނަށް ވުރެ މަތީ ބާރެއް ގާނޫނަކުން ދޭން އުޅުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެކެވެ.

ދަތް

ތިޔަ މެންބަރުން އެ ބިލް ފާސްވެދާނެތީ އެހާ ބިރުން އެ އުޅުއްވަނީ ކީއްވެތޯ؟ ކޮރަޕްޝަންގައި އެ ބޭފުޅުން ޖެހިވަޑައިގަތީމަތޯ؟ ނޫނީ އެއަށް ވުރެ ބޮޑެތި ކަންކަމުގައި ބައިވެރިވެ ވަޑައިގަތީތޯ؟ ވޯޓްލުމުގެ ކުރިން ވިސްނަންވީ ކަންކަން މީ!!!

ޔޫސުފް

އެ ބިލާމެދު މެންބަރުން ބިރުގަންނަނީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އެކި އެކި ތަހުގީގީ އިދާރާތައް ހުރި އިރު އެތަންތަނަށް އެބާރުތައް ނުދީ ވަކި ބަޔަކަށް ނުވަތަ މީހަކަށް ބާރުތައް ދޭން ބޭނުންވަނީ ކީއްވެގެން ބާވައެވެ. އެފަދަ އިދާރާ ތަކުގައި ތިބި މީހުންނާމެދު ހިތްހަމަ ނިޖެހޭނަމަ ނުވަތަ ޔަގީންކަން ނެތްނަމަ އެމީހުން ބަދަލު ކޮށް އަލުން މީހުން ލުމަކީ ވެސް މަޖިލީހާއި، ރައީސުލް ޖުމްހޫރިއްޔާ އަށް ކުރެއްވޭނެ ކަން ކަމަށް ވާއިރު، އެކަން ނުކުރައްވައި ވަކި މީހަކަށް ގާނޫނީ ބާރުދޭން މަސައްކަތް ކުރުމަކީ މިކަމުގެ ނިޔަތް ރަނގަޅު ނޫން ކަމަށް ގިނަ މެންބަރުން ގަބޫލު ކުރާކަމެކެވެ.

ހުސޭނު

ތިޔަމަޖިލީހުގެ ރިޔާސަތާ ހައްތާވެސް ހަވާލުވަނީ މަސީހުއް ދައްޖާލުތަ؟ ކިތަންމެ އުސް ގޮނޑިޔަކަށް އެރުނަސް ރައްޔިތުންނަށް ވުރެ ބާރުގަދަ ނުވާނެ ކަން އެނގޭހާ ދުވަހެއް އުމުރުން ނުވޭތޯ؟

ހައްވަ

ތިޔަ ބައްޔަށް ކިޔަނީ "ކާސިމުގެ ކޮސް ބަލި"