BML ge Qaumee Team ge Jersey Farumaa kurumuge mubaaraaiy Shaazif kaamiyaabu kohfi
image
ޝާޒިފް އާދަމް--
0 ކޮމެންޓް
 

ބީއެމްއެލުގެ ގައުމީ ޓީމުގެ އާ ޖާޒީ ފަރުމާ ކުރުމުގެ މުބާރާތް ޝާޒިފް ކާމިޔާބުކޮށްފި

ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ ފަރުމާކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ މުބާރާތުންގެ އެއްވަނަ ކްރިއޭޓިވް ޑިޒައިނާ ޝާޒިފް އާދަމް ހޯދައިފިއެވެ.
އެއްވަނަ ހޯދި ޖާޒީ ދައްކާލާފައިވާއިރު އެމުބާރާތުން ޝާޒިފް އެއްވަނަ ހޯދީ ސަތޭކައަށްވުރެ ގިނަ މީހުންނާއި ވާދަކޮށެވެ.

ބީއެމްއެލުން ބުނީ އެ ޖާޒީ ފުރަތަަމަ ފަހަރަށް ބޭނުންކުރާނީ މިހާރު ނޭޕާލްގައި ހިނގަމުންދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި އިންޑިއާ އާ ދެކޮޅަށް ދިވެހި އަންހެން ފުޓްބޯޅަ ޓީމް ކުޅޭ މެޗުގައި ކަމަށެވެ.

ބީއެމްއެލުން ބުނީ، ސަތޭކައަށްވުރެ ގިނަ ހުށަހެޅުންތަކަށް ބަލައި ޖަޖުންގެ ފަރާތުން އެންމެ މަތިން މާކްސް ލިބުނު ޝާޒިފަކީ ވަރަށް ހުނަރުވެރި އަދި ފަރުމާކުރުމުގެ ދާއިރާގައިވެސް ނަން ވިދާލާފައިވާ ޒުވާނެއް ކަމަށެވެ. އެގޮތުން ޝާޒިފަށް ބީއެމްއެލުން 25،000 ރުފިޔާގެ އިނާމެއް ދީފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ރާއްޖޭގެ ހޯމް ޖާޒީ ފަރުމާކުރުމަގައި ޝާޒިފް އަސްލަކަށް ބަލާފައިވަނީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ދިވެހި ގައުމީ ޓީމަށް ނިސްބަތްކޮށް ބޭނުންކުރާ "ރެޑް ސްނެޕާ" ނުވަތަ ރަތް މަހެވެ. ޖާޒީތަކުގައި ރަތްކުލައިގެ ހޯމް ޖާޒީ އާއި ނޫކުލައިގެ އަވޭ ޖާޒީވެސް ހިމެނެއެވެ. އަވޭ ޖާޒީ ފަރުމާކުރުމުގައި އަސްލަކަށް ބަލާފައިވަނީ ކަނޑުގެ ރާޅުތަކެވެ.

-ޝާޒިފް ފަރުމާ ކުރި ޖާޒީ

އެ ޖާޒީއާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުތަކުން ގައުމަށް ހޯދައިދީފައިވާ ރީތި ނަމަކީ ބޭންކުގެ ފަރާތުން ފަހުރުވެރިވާ އަދި ފާހަގަ ކުރާ ކާމިޔާބީތަކެއް ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްއަކީ 2017 އިން ފެށިގެން ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ފަހުރުވެރި ސްޕޮންސަ. ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުތަކުން ގައުމަށް ހޯދައިދީފައިވާ ރީތި ނަމަކީ ބޭންކުގެ ފަރާތުން ފަހުރުވެރިވާ އަދި ފާހަގަ ކުރާ ކާމިޔާބީތަކެއް. އަދި މި މުއްދަތުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން އުފައްދައި ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތުގައި ބައިވެރިވެވުނީތީ އަޅުގަނޑުމެން އުފާކުރަން." ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ކުޅިވަރު އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ހިޔާލު