Shima Hoadhumah Kanduge Sarahahdhu belun huhtaalaifi
image
ގެއްލިގެން ހޯދަމުން އަންނަ ޝިމާ--
1 ކޮމެންޓް
 

ޝިމާ ހޯދުމަށް ކަނޑުގެ ސަރަހައްދު ބެލުން ހުއްޓާލައިފި

މިދިޔަ މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫން މާމެންދޫއަށް ދަތުކުރަމުންދަނިިކޮށް ބަންޑުން ޖަހާލި ޑިންގީން ގެއްލުނު އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ހޯދުމަށް ކަނޑުގެ ސަރަހައްދު ބެލުން އެމްއެންޑީއެފުން ހުއްޓާލައިފިއެވެ.
"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި ޝިމާ ހޯދުމަށް ޑިންގީ ބަންޑުން ޖަހާލި ސަރަހައްދާއި އެ ސަރަހައްދުގައި އެވަގުތު އޮއި ހުރިގޮތް ބަލައި ބޮޑު ބައެއް އެމްއެންޑީއެފުން ބެލި ނަމަވެސް ޝިމާ އާއި ޑިންގީ ވެސް ފެނިފައި ނުވާތީ އެމަސައްކަތް އެމްއެންޑީއެފުން ވަނީ ހުއްޓާލާފަ އެވެ.

ޑިންގީ ބަންޑުން ޖަހާލި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީ ޝިމާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކޯސްޓްގާޑް ޑައިވިން ޓީމުން ވެސް ޑިންގީ ބަންޑުން ޖަހާލި ސަރަހައްދު ބަލާފައިވާއިރު އޭނާ ހޯދުމަށް ޑައިވިން ރޮބޮޓް ވެސް ބޭނުން ކުރިއެވެ. އަދި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ވެސް ޝިމާ ހޯދުމަށް މަސައްކަތް ކުރިއިރު ވައިގެ މަގުން ވެސް ޝިމާ ފެނޭތޯ ހެލިކޮޕްޓަރު ވެސް އެމްއެންޑީއެފުން ބޭނުންކޮށްފައިވެއެވެ.

ޝިމާ ހޯދުމުގެ މަސައްކަތައް ކުރިއެރުމެއް ލިބިފައި ނުވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރުން އެމްއެންޑީއެފުން ހުއްޓާލިނަމަވެސް އެސަރަހައްދުން ދަތުރުކުރާއިރު އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފަށް ހިއްސާކުރަން ޖެހޭނެއެވެ.

ޑިންގީ ބަންޑުން ޖަހާލިއިރު އޭގައި ދަތުރުކުރަމުންދިޔައީ ޝިމާ އާއި އޭނާގެ އެކުވެރިއެއް ކަމަށްވާ ލ. ގަމަށް ނިސްބަތްވާ އިބްރާހީމް ފަޒީލެވެ. އެ ހާދިސާގައި ފަޒީލް ސަލާމަތްވީ ފަތާފައި ސިކްސް ސެންސަސް ރިސޯޓަށް ދެވުމުންނެވެ. ޑިންގީ ބަންޑުން ޖަހާލި ވަގުތުގައި ވެސް ޝިމާ ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި ކަމަށާއި އެހީއެއް ހޯދުމަށް ފަތާފައި ކޮންމެސް ދިމާލަކަށް މިސްރާބު ޖެހީ ޝިމާގެ އަތަަށް ހަމެއް ދިނުމަށް ފަހު އޭގެ އެހީގައި ފެން މަތީ އޮތުމަށް ބުނެފައި ކަމަށް ފަޒީލު ބުނެއެވެ. އެކަމަކު ފަޒީލުގެ ވާހަކަތައް އެކި ފަހަރު އެކި ގޮތަށް ހުރުމުން އާއިލާއިން ތުހުމަތު ކުރަނީ ޑިންގީ ބަންޑުން ޖަހާލި ކަމަށް ބުނެ ފަޒީލު ހަދަނީ ދޮގެއް ކަމަށެވެ.

އާއިލާގެ އެ ތުހުމަތުތަކަށް އިތުރަށް ބާރުދެނީ މީގެ ދުވަސްކޮޅެއް ކުރިން ފަޒީލު ވެސް ހިމެނޭހެން ޝިމާގެ ކޮއްކޮ ގޮވައިގެން ބަޔަކު ޑިންގީއެއްގައި ފިލަން އުޅެނިކޮށް ފުލުހުން ހުއްޓުވި ހަބަރާއެކުއެވެ. ފުލުހުން ބުނާ ގޮތުގައި ޑިންގީ ހުއްޓުވިއިރު އޭގައި ތިބި މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނައިރު ފަޒީލު އާއި ޑިންގީގައި ތިބި އަނެއް ދެ ފިރިހެނުންގެ ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ހިޔާލު

ޓްރެފިކްއިސްކުރު

ސައިކަލު ދުއްވާއިރު ހެލްމެޓު އެޅުމާއި ކަނޑުމައްޗަށް ނުކުންނައިރު ލައިފް ޖެކެޓް އެޅުން މަޖުބޫރުކުރާނެ އިރަކަށް މި އިންތިޒާރުކުރަނީ. އޭރުން ގެނބިގެން ގެއްލިގެން މީހުން ހޯދުމަށް މިހިނގާ ބޮޑުކާރަދުން ވެސް ސަލާމަތްވެ މީހުންގެ ފުރާޏް ވެސް ސަލާމަތްވާނެކަމަށް ދިރާސާތަކުން ދައްކާ.