raajjeah ziyaaraiy kuri fathuruveringe adhadhu ithuru vejje
image
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރަނީ-- ފޮޓޯ: ސަން
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

މި އަހަރު ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 2018 ވަނަ އަހަރު ފެބްރުއަރީ މަހަށް ވުރެ 16.8 އިން ސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މި އަހަރު ފެބްރުއަރީގައި ރާއްޖެއަށް 168،583 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިދިޔަ އަހަރު ފެބްރުއަރީގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 144،286 އެވެ.

މި އަހަރު ފެބްރުއަރީގެ ނިޔަލަށް ރާއްޖެއަށް 320،135 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 11.7 އިން ސައްތައިގެ ކުރިއެރުމެކެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 55.3 އިން ސައްތަ ހިއްސާއާ އެކު ޔޫރަޕްގެ ގައުމުތަކުންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުންނެވެ. މި ގައުމުތަކުގެ ހިއްސާއަކީ 36.6 އިން ސައްތައެވެ.

މި މުއްދަތުގައި ވަކި ވަކި ގައުމުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. ޗައިނާއިން 57،089 ފަތުރުވެރިން ޒިޔާރަތްކުރި އިރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި އިޓަލީން ޒިޔާރަތްކޮށްފައިވަނީ 34،563 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ 24217 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި 10 ގައުމުގެ ތެރޭގައި މި ތިން ގައުމުގެ އިތުރުން ޔޫކޭ (7.4 އިންސައްތަ)، ޖާމަނީ (6.5 އިންސައްތަ)، ފްރާންސް (5.6 އިންސައްތަ )، ރަޝިއާ (5.3 އިންސައްތަ ) ޔޫއެސްއޭ(3 އިންސައްތަ)، ޖަޕާން (2.2 އިންސައްތަ) އަދި ސުވިޒާލޭންޑް (2.1 އިންސައްތަ) ހިމެނެއެވެ.

މީގެ ތެރެއިން ޗައިނާއާއި ސުވިޒާލޭންޑް ފިޔަވައި ދެން ހުރި ހުރިހާ މާކެޓުތަކަށް ވެސް ވަނީ ބޮޑެތި ކުރިއެރުންތައް ލިބިފައެވެ. މި ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިންޑިއާގެ މާކެޓުންނެވެ. މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދު 66.8 އިން ސައްތަ އިތުރުވެފައިވާ އިރު ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 3.8 އިން ސައްތަ ދަށްވެފައެވެ.

މީގެ އިތުރުން މި މުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ 6.3 އިން ސައްތަ އިތުރުވެފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ހިޔާލު