Sania ge hayaathah nerey film Shraddha Dhookohlaifi Dhen fennaanee Parineeti Chopra
image
ޕަރްނީތީ އާއި ޝްރައްދާ
0 ކޮމެންޓް
 

ސާނިއާގެ ހަޔާތަށް ނެރޭ ފިލްމު ޝްރައްދާ ދޫކޮށްލައިފި، ދެން ފެންނާނީ ޕަރްނީތީ

އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމުގައި ސައިނާގެ ރޯލު ކުޅެން ނިންމި، ޝްރައްދާ ކަޕޫރު އެފިލްމު ދޫކޮށްލައިފިއެވެ. އެހެންވެ، މިހާރު އެރޯލަށް ނަގާފައިވަނީ ޕަރްނީތީ ޗޯޕްރާއެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެކަން ކަށަވަރުކޮށްދޭއިރު ޝްރައްދާ ފިލްމުގައި މަސައްކަތް ނުކުރާން ނިންމާފައި މިވަނީ އެފިލްމަށް ޝޫޓިންތައް ވެސް ފެށުމަށް ފަހެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިންތައް ފެށިކަން ވެސް ޝްރައްދާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް އަންގާފައެވެ.

އެފިލްމަށް ތައްޔާރުވުމުގެ ގޮތުންް ޝްރައްދާ ވަނީ ސައިނާއާއެކު ބެޑްމިންޓަން ކުޅެންވެސް ދަސްކޮށްފައެވެ. އަދި އެފިލްމަށް ޝްރައްދާ ނަގާފައިވާތީ އެކަމާއި ސައިނާ އާއި އޭނާގެ އާއިލާއިން ވެސް ވަރަށް ބޮޑަށް ހިތްހަމެޖެހިފައި ހުއްޓާ ޝްރައްދާ އެފިލްމުގައި މަސައްކަތް ނުކުރަން ނިންމާފައި މިވަނީ މާބޮޑަށް ބިޒީވެ އެފިލްމަށް ވަގުތު ނުދެވޭތީ ކަމަށް ވެއެވެ.

ޝްރައްދާ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޗިޗޯރީ" ގެ ޝޫޓިންތަކުގައި ވެސް ހަރަކާތްތެރިވަމުންނެވެ. އެފިލްމުގެ ޝޫޓިންތައް މިމަހުގެ ފަހުކޮޅު ނިމޭއިރު އޭނާ އަންނަނީ "ސްޓްރީޓް ޑާންސާ 3ޑީ" އަށް ވެސް ޝޫޓް ކުރަމުންނެވެ. އަދި ދުވަސްކޮޅެއްގެ ފަހުން ބާގީ ތިނެއްގެ ޝޫޓިންތަައް ވެސް ފެށުމަށް ހަމަޖެހިފައިވާއިރު އެފިލްމަކީ ވެސް ޝްރައްދާ ލީޑުން ފެންނާނެ ފިލްމެކެވެ.

ގިނަ ފިލްމުތަކެއްގައި އެއްފަހަރާ މަސައްކަތް ކުރަމުންދާއިރު ބިޒީވެ ޝްރައްދާ، ސައިނާގެ ހަޔާތަށް ނެރޭ ފިލްމު ދޫކޮށްލިއިރު އެފިލްމަށް ޕަރްނީތީ މިވަނީ ޝޫޓިންތައް ފަށަން ތައްުޔާރުވެފައެވެ. އެގޮތުން ސައިނާގެ ރޯލަށް ފިޓުވުމަށް ޕަރްނީތީ މިހާރުވަނީ މަސައްކަތް ފަށާފަ އެވެ.


އުމުރުން 28 އަހަރުގެ ސައިނާ ވަނީ ބެޑްމިންޓަން ތަފާތު މުބާރާތްތަކުގައި ބައިވެރިވެ ބައިނަލްއަގްވާމީ 23 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޮލިމްޕިކްސް ގޭމްސްގައި ތިން ފަހަރު އިންޑިއާ ތަމްސީލުކޮށްފައިވާ ސައިނާއަށް ވަނީ އެމުބާރާތުގައި އޭނާ ބައިވެރިވި ދެވަނަ ފަހަރު ބްރޯންޑް މެޑަލްއެއް ވެސް ހޯދާފައެވެ. އެއާއެކު އޭނާ ވަނީ އޮލިމްޕިކްގައި ބައިވެރިވެ ބެޑްމިންޓަން އިން މެޑަލްއެއް ހޯދި ފުރަތަމަ އިންޑިއާގެ ބެޑްމިންޓަން ކުޅުންތެރިޔާއަށް ވެފައެވެ.
ހިޔާލު