Enama boat bandun jahaalithaa 15 aharu, enme hithaamaveri eh dhuvas!
image
އެނަމާ ބޯޓް ބަންޑުން ޖަހާލާފައި:--
1 ކޮމެންޓް
 

އެނަމާ ބޯޓް ބަންޑުން ޖަހާލިތާ 15 އަހަރު، އެންމެ ހިތާމަވެރި އެއް ދުވަސް!

ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ތާރީހުގައި ދިމާވި އެންމެ ހިތާމަވެރި ހާދިސާ ހިނގައިފައިވަނީ ކޮން އިރަކުތޯ އަހައިފިނަމަ މިހާރު ނޭނގިދާނެ އެވެ. ނަމަވެސް އެވާހަކަ ދައްކަން ފަށައިފިނަމަ އަދި ވެސް ހީވަނީ އިއްޔެ ހިނގައިދިޔަ ކަމެއް ހެއްނެވެ. އެވާހަކަ ދައްކަން ފަށާއިރު ލޮލުން ކަރުނަ ހިލިގެންދެ އެވެ.
ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ހިތާމަވެރި ހާދިސާ އެވެ؛ މި ދައްކަނީ މީގެ 15 އަހަރު ކުރިން، މާޗް 17، 2004 ވަނަ ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ކުޅުނު ފުޓްބޯޅަ މެޗެއް ބެލުމަށް ގދ. ތިނަދޫން ދިޔަ ކުދިބޮޑު އެތައް ބަޔަކު މެޗަށް ފަހު އެނބުރި ރަށަށް އައުމުގެ މަގުމަތީގައި ދަތުރުކުރަމުންދިޔަ ބޯޓް، އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާގެ ވާހަކަ އެވެ.

އެ ބޯޓް ބަންޑުންޖަހާލި އިރު އޭގައި ގާތްގަނޑަކަށް 150 މީހުން ތިބި އިރު، 22 މީހަކު މަރުވި އެވެ. އަދި ދެ މީހަކު މިހާތަނަށް ވެސް ވަނީ ވީނުވީއެއް ނޭގި ގެއްލިފަ އެވެ. އެ ހިތާމަވެރި ހާދިސާ އަށް 15 އަހަރު ފުރުނު އިރުވެސް އެހާދިސާގެ ހިތާމަވެރިކަން ތިނަދޫ މީހުންގެ ހިތުން އަދި ވެސް ފިލައިގެންނެއް ނުދެއެވެ. މަރުވި އެންމެން އެއް ތަނެއްގައި ވަޅުލައި، އެއް ގޮތަކަށް ވަނީ މަހާނަތައް ހަދައިފަ އެވެ. އެއީ ކޮންމެ ވަގުތެއްގައި ވެސް އެނަމާގެ ހަނދާންތައް އާކޮށްދޭނެ ތަނެކެވެ.

އެ ހާދިސާ އިން ސަލާމަތްވި މީހަކު "ސީއެންއެމް" އަށް ބުނީ، އެ ދުވަހުގެ ހިތާމަވެރިކަމާއި ބިރުވެރިކަން އަދިވެސް އޭނާ ގެ ހިތުން ފިލައިގެންނެއް ނުދާ ކަމަށެވެ. ފަނަރަ އަހަރު ވެގެން ދިޔައިރު ވެސް؛ މިއަދު ވީ ކަމެއްހެން އެ ހަނދާންތައް އޭނާގެ އެބަހުއްޓެވެ.

އެނަމާ ބޯޓްގެ ހާދިސާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން

އޭނާގެ އިތުރުން ވެސް އެ ފަދަ އެތައް ބަޔަކު ތިނަދޫގައި އެބަތިއްބެވެ. އެފަދަ އެތައް ހިތްދަތި ކަމެއް އެ ހާދިސާ އިން ގިނަ ބަޔަކަށް ލިބިގެންދިޔަ އެވެ.

އެނަމާ ބޯޓު ކަނޑުވެ އެތައް ބަޔަކު ހާލުގައި ޖެހުމުން ވެސް ގއ. ދާންދޫ މިޔަރެން ދޯންޏަށް އެ މަންޒަރު ފެނި، އަޅާނުލާ ދިޔައީ އެވެ. އެ ދޯނީގައި އެވަގުތު 16 ފަޅުވެރިން ތިބި އިރު، އޭގެތެރެއިން އެއް ފަޅުޅުވެރިއަކު ކުއްވެރި ނުވާ ކަމަށް ޖިނާއީ ކޯޓުން ވަނީ 5 ސެޕްޓެމްބަރު 2005 ގައި ހުކުމް ކޮށްފަ އެވެ.

ހާދިސާއެއް ހިނގުމުން އެ ކަމެއްގެ ފަހަތުގައި ހުރި ގަވާއިދާ ހިލާފު ކަންތައްތައް ވަރަށް އަވަހަށް ފާހަގަކުރެވެ އެވެ. އެގޮތުން އެނަމާ ބޯޓް ބަންޑުން ޖަހާލި ހާދިސާ އަށް ފަހު ގިނަ ބަޔަކު ވާހަކަ ދައްކަމުން ދިޔައީ ކަނޑު ދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުންނެވެ؛ ނަމަވެސް ދިވެހިންގެ އެ އާދަ ބަދަލުކޮށް، ކަމެއް ހިނގުމުގެ ކުރިން އެ ކަމެއްގައި ހުރި ނުރަނގަޅު އާދަތައް ދެނެގަންނަން ފަށަން ޖެހެ އެވެ.

މިއަދު އެނަމާ ބޯޓު ބަންޑުންޖަހާލި ހާދިސާ އަށް 15 އަހަރު ފުރިގެން ދާއިރު، އެ ހާދިސާ ތިނަދޫ މީހުންގެ އިތުރުން ވެސް އެތައް ދިވެހިންނެއްގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. އެއީ މުޅި ގައުމަށް ވެސް ހިތާމަވެރިކަން ގެނުވި، ކަޅު ދުވަހެކެވެ.

އެ ހާދިސާ ގައި މަރުވި މީހުންގެ ފުރާނަ އަށް ރަހުމަތް ލައްވާށި!
ހިޔާލު

ދާންދޫ ރައްޔިތުންގެ ފަރާތުން

ހިތާމަވެރި ކާރިސާއެއް، ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް، އެނަމާބޯޓު ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެދިޔެ ހުރިހާ ފަރާތްތަކަށް މާތްﷲގެ ހެެޔޮސަވާބާއި ދަރުމަ މިންވަރުކުރައްށިއެވެ.