Dhin ufaa loabin, Episode 7
image
ދިން އުފާ ލޯބިން--
ފުނަމާ
0 ކޮމެންޓް
 

ދިން އުފާ ލޯބިން

7ވަނަބައި
ޝަރީފުގެ ޖަވާބާއެކު ޔަނާލްއަށް ދަތުރުކުރެވުނު ރާސްތާގެ މިސްރާބެއްވެސް ނޭގުނެވެ. ނިއްކުރީން ދާހިއްލާންޖެހޭނީ އެވަގުތު ބުރަ މަސައްކަތްތަކެއްވެސް ކުރިނަމަތާއެވެ. ނަމަވެސް ކަންފަތައް އިވުނު އަޑު ހަށިގަނޑު ގަޑުބަޑުކޮށްލައިފިއެވެ. ވައިޖެހުނު މިސްރާބެއް ނޭގުނެވެ. އޮއެވަރު ބަދަލުވިއެވެ. މެޔަށް ހޫނުވިއެވެ.

"ހެޔޮނުވާނެ އަހަރެން ދޫކޮށްނުލާތި.. ދުވަހަކުވެސް އިންސާނަކުދެކެ، މި މިންވަރަށް ލޯތްބެއްނުވަން.. އަހަންނަކީ އަޅާލާނެ އެއްވެސް މީހަކު ނެތް ނިކަމެއްޗެއް.. އަހަރެންގެ ނިކަމެތިކަމުގެ ފައިދާނަގާފައި، މިރަށަށް އަހަރެން ބިކަކޮށްނުލައްޗޭ.. އާދޭސްކޮށްފައިބުނަން.. އަހަރެން ފަޟީހަތްނުކުރައްޗޭ.. ވަރަށް ލޯބިވޭ! ވަރަށް ލޯބިވޭ! އަހަރެން ދޫކޮށްނުލައްޗޭ" ޖަހައިލި ހޮނުގުގުރީގެ އަޑާއެކު ނިމާގެ ހަށިގަނޑުގައި ޔަނާލްއަށް ބައްދައިލެވުނީ، ހަގީގަތުގައިވެސް ބިރުންނެވެ.

"އޭ..! ހާދަ ވަރެއްވީ؟ ޖުއްލާބެއް ޒާތުގެ އެއްޗެއް ކައިގެންތަ ތިއުޅެނީ؟ ނޫނީ ކުޑަވަރެއްގެ ސޫތްޕެއް ޒާތުގެ އެއްޗެއް ކަންފަތައްވަނީތަ؟ ޝަރީފު ބުންޏެވެ. މަގުޞަދަކީ އެކުވެރިޔާއަށް އައި ބަދަލު ދެނެގަތުމެވެ. ތުރުތުރުއަޅައިގެންފައި ޔަނާލް އެވަރަށް ދާހިއްލަންޖެހޭ ސަބަބެއް އޮވެދާނެކަމަށް ހީކުރެވުނީތީއެވެ. ލޯމަތީން ސިފަވި މަންޒަރު ބުނެދޭނެ ހިތްވަރެއް ޔަނާލްގެ ނެތެވެ. ސިކުނޑިއާއި ހިތް ހަލަބޮލިވެފައިވަނިކޮށް، ކަމުގެ ހަގީގަތް ބާއްވާފައި ދުލުގެ އަޑު އެހުމަކީ އުނދަގޫކަމެކެވެ.

"ގޮތްގޮތްވާނެދޯ.. އަހަރުމެންގެ ހަޔާތުން ބޮޑުބައެއް މިދަނީ އެކަނިވެރިކަމުގައި... އެކަމަކު ޝަރީމެން، ތި ހޯދާލަނީ ކޮންމެ އިނގިއްޔަކަށް، ގޮއްޔެއެއް!" އެއްމިޔަކަނުން ހިނިއައިސްފައި އިނދެވޭތޯ މަސައްކަތްކުރަމުން ޔަނާލް ބުންޏެވެ. ހިތުގައި ޖަހަމުންދިޔަ ވިންދުގެ ބާރުމިން އެހެން މީހަކަށް ފާހަގަވެދާނެތީ، އިންތިހައި ކަންބޮޑުވިއެވެ. ނުތަނަވަސްކަން ސިއްރުކުރެވޭތޯ، ނިއްކުރިން ދާ ފޮހެލީ، މޭޒުމަތީގައި އިން ޓިޝޫފޮށިން، ޓިޝޫއެއް ނަގައިފައެވެ.
ނިމާގެ ލޯބީގެ ހަނދާންތައް އެސްފިޔަތަކުގެތެރޭގައި ގައިދުކުރަމުން، ޔަނާލް މަސައްކަތްކުރީ އުއްމީދުގެ ދޮރެއް ހުޅުވޭތޯއެވެ.

"ލ އަތޮޅުން ކުއްޖަކު ހޯދީ، ކޮންއިރަކު؟" ހުންގާނުގެ މިސްރާބު ނިކަން ރަގަޅަށް ޔަނާލްގެ ބާރުގެދަށުގައި ހިފަހައްޓާލިއެވެ.

"އަސްލު ކުރީން މަށަކަށްވެސް ނޭގެ.. އަހަރުމެން ފުރަތަމަ ބައްދަލުވީ، ފޭސްބުކް އެކުވެރިންގެ ގޮތުގައި.. ނޭގެ ކޮންއިރަކުކަމެއް އަހަރުމެންގެ ގުޅުން މިހައި ބާރުގަދަވެގެން މިދިޔައީ... އެއީ އާދައިގެ އަންހެނެއްނޫން.. އަހަރެން މޮޔަކޮށްލައިފި" ދެފަރާތަކަށް ބޯ ތަޅުވާލާފައި ޝަރީފު ބުންޏެވެ.
ޔަނާލްއަށް ވިސްނުނީ، ހިތައް ގެންނާން ބޭނުންނުވި އެއްޗެކެވެ.

"އެއީ ޑްރާމާ! ރަގަޅަށް ވިއްޔާ، އޭނާގެ ބޭނުމަކީ ޝަރީފުގެ ކޮންމެވެސް ރައްޓެއްސެއްގެ ފަތިފުން ހޭވުން" ވަރަށް ނޫންގޮތަކަށް އިނދެފައި ޔަނާލް ބުނެލިއެވެ. ކޮފީތަށީގައި ތުން ޖަހައިގެން އިނދެ، ޝަރީފު ބަލައިލިގޮތުން ޔަނާލްގެ މޫނުމަތީގެ ކުލަ، އުޖާލާވެގެން ދިޔައެވެ.

"ކިހިނެއް އެނގުނީ؟" ވަރަށް ސާފުކޮށް، އަކުރުތައް ފާޅުކޮށްލާފައި ޝަރީފު އަހައިލިއެވެ. ވަތުތަށީގައި ޖޯޑު ބައިންދާލިއެވެ. ފަޚުރުވެރި ހަރަކާތެއް ޔަނާލްގެ ހަށިގަނޑަށް ގެނައީ، ވަރަށް ހަމަޖެހިލާފައި އިންކަން ދައްކައިލުމަށެވެ.

"އަހަރުމެންކަހަލަ ރީތި، ހުސްހަށިބައި ފިރިހެނުން ތިއްބައި، ތިކަހަލަ ޕްލެޓިނަމް ޕެކޭޖްއަކަށް އެކަހަލަ މަލަކާއެއް ކުރިމަތި ނުލާނެކަން އިނގޭނެ ދޯ؟" ޔަގީންކަމާއެކު ޔަނާލް ބުނެލިއެވެ. ޝަރީފު އިސްޖަހައިލީ ވަރުގަދަ ހިނިގަނޑަކާއެކުއެވެ. އަނދިރީގައި އެކުވެރިޔާ އަމާޒުކުރި ތީރު، މަންޒިލަށް ވާސިލްވެއްޖެއެވެ. ޔަނާލްއަށް ކޮންމެވެސް ވަރަކަށް، ބައެއް ވާހަކަތައް ކިޔައިދޭން މަޖުބޫރުވީއެވެ.

"އަދި ތިޔަހީކުރާގޮތަށް ކަންތައް ނުވެދާނެ.. މިހާރުވެސް އަހަރުމެންގެ ބާރުގަދަވެފަ، ޖަހައިލާ ވިންދު މާ އަރާމުވާނެ" ލާނެއްގޮތަކަށް ޝަރީފު ބުނެލިއެވެ. ޝަރީފުގެ ލޯބިވެރިޔާއާއި ދިމާވިހިސާބުން، އޮޅުންބޮޅުންވެފައިވީ ކަންކަން ހޯދަން ޔަނާލްކުރި މަސައްކަތް ކާމިޔާބުވިއެވެ.

***
ޝާހީނާގެ ފޯނެއްގައި މުސްކާން އިންނަތާ އެތައް އިރެއްވެއްޖެއެވެ. ދައްކަމުންދިޔަ ވާހަކައެއް ނޭގުނަސް، މުސްކާންގެ ދެލޯ ފޮހެލާ މަންޒަރު ފެނެއެވެ. ވާހަކަ ދައްކަނީ ވަރަށް މަޑުންނެވެ. މާމަ ނުވަތަ ކާފައަށް އެއަޑުތައް އިއްވާން މުސްކާން ބޭނުމެއް ނޫނެވެ. އެކުވެރިޔަކާއި ވާހަކަދައްކައިލުމުން، ނުތަނަވަސްކަމަށް ލުއި ލިބޭނެކަމަށް، އެކަންކަމުގެ ތަޖުރިބާކާރުން ފޮތްތަކުގައި ލިޔެފައިވާކަން މުސްކާންއަށްވެސް އިނގެއެވެ. މަސައްކަތްކުރީ، ކްލާހުގައި ދިމާވަމުންދިޔަ ތުރާތަކަށް ހައްލެއް ލިބޭތޯއެވެ. މުސްކާންގެ ކަންފަތާއި ފޯނު ދުރުކޮށްލެވުނީ، ޝަހީނާ ފޯނު ބޭއްވިތާ އިރުކޮޅެއް ފަހުންނެވެ.

މާމަދަރިފުޅުގެ މިޒާޖަށް އަންނަމުންދިޔަ ހަމަހިމޭންކަން ފޫއަޅުވާލައި ގޭތެރޭގައި ހިނިތުންވުމގެ އަޑު ގުގުމާލުމަށް، އަހަރުތަކެއްވަންދެން މުރުޝިދާ ކުރަމުންދިޔަ ވިސްނުންތެރި މަސައްކަތައް ހީނަރުކަމެއް އަންނާންޖެހޭ ސަބަބެއް ނުވިސްނުނެވެ. ނަމަވެސް އެހާލަތާއި މިއަދު މުރުޝިދާ ކުރިމަތިލާން ޖެހިއްޖެއެވެ. ދުޢާކުރުމުގައި އެތައް ވަގުތެއް ހޭދަކޮށްފިއެވެ. ފައިން އިސްޓާކީނު ދަމައިގަތުމަށްފަހު، މުސައްލައިގެ ތެރެއަށް ލާފައި ފަރިތަކަމާއެކު އޮޅާލާފައި ބޭއްވީ، އެކަމަށް ޚާއްޞަކޮށްފައިވާ ޖާގައިގައެވެ. ޚަތިމްތަކާއި އެކިވަރުވަރުގެ ދުޢާފޮތްތަކާއި ދީނީ މައުލޫމާތުގެ ގިނަ ފޮތްތަކެއްހުރި ކުޑަ ކަބަޑު ހުޅުވާލާފައި މުރުޝިދާގެ އަތުގައި އޮތް ފޮތް ބާއްވާލިއެވެ. ހަށިގަނޑު ސީދާކޮށްލުމަށްފަހު ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލިއެވެ.
***

މުސްކާން ވިސްނަމުންދިޔައީ ބައްޕަގެ ހަރަކާތްތަކާމެދުއެވެ. މަންމަގެ ވާހަކަދައްކައިލާ ކޮންމެފަހަރަކު ބައްޕަގެ ލޮލުން ކަރުނަވިދާލާ މަންޒަރު މުސްކާންގެ ސިކުނޑީގައި ތަކުރާރުވެލައެވެ. މަންމަގެ ނަން ބުނެލާ އިހުސާސް އިންތިހައި ލޯތްބެވެ. ޖެހުނު މައްސަލައެއް ނޭގުނަސް، މަންމައާއި ބައްޕައާއި ދެމީހުން ދުރުވުމުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަން މުސްކާންގެ ޒުވާން ސިކުނޑީން ދެނެގަތްފިއެވެ. އެވަރުގެ ބާރުގަދަ ލޯތްބަކުން ބަނދެވުނު ދެ ލޯބިވެރީން، ނުވަތަ ދެމަފިރީން ވަކިވާންޖެހުނީ ކީއްވެ ހެއްޔެވެ؟ މަންމަގެ ހަނދާންތަކެއް ފެންނާންނެތީ ކީއްވެހެއްޔެވެ؟ އަނދިރި ރެއެއްގައި ނަގާފައިވާ ނުސާފު ފޮޓޯއެއްގެ މިންވަރު ނޫނީ ބައްޕަގެ އަތުގައި ނެތީ ކީއްވެހެއްޔެވެ؟ މަންމައާއި ބައްޕަ އެކުގައި އުޅުނުކަމުގެ އެއްވެސް ނިޝާނެއް ގޭތެރެއިން ފެންނާކަށް ނެތެވެ. އަލްބަމެއްގައި މަންމަގެ ފޮޓޯއެއްވެސް ނެތެވެ. ހިތުގައި ކުރެހިފައިވާ ޗާލު ސޫރައަކީ ބައްޕަގެ ސިފަކުރުންތަކެވެ. މަންމަގެ ސިފަ މުސްކާންއަށް އެނގެއެވެ. ބައްޕަ ބުނެދީފައިވާ ތަފްސީލްތައް މުސްކާންގެ ލޯކުރިމަތީގައި އަބަދުވެސް ސިފަވެއެވެ. މިހުރިހައި ދުވަހު އެއިންކަމެއްގެ ހަގީގަތް ހޯދަން މަސައްކަތްނުކުރެވުނީ ކީއްވެބާއެވެ؟ މާޒީއާއި ގުޅިފައިވާ ސުވާލުތަކުގެ ޖަވާބު މުސްކާންއަށް ލިބިދާނެ ހެއްޔެވެ؟
***

އާންމުގޮތެއްގައި އޮފީސް ފެށެނީ އެފްބީ ނުވަތަ ސޯޝަލްމީޑިއާ ޗެކްކޮށްފައެވެ. މަސައްކަތުގެ އާރާއި ބާރު ގުޅިފައިވަނީ އިންބޮކްސްއަށް އައިސްފައިވާ މެސެޖްތަކާއި ޕޯސްޓްކޮށްފައި ހުންނަ ފޮޓޯތަކަށް އެތައްބަޔަކު ކޮށްފައި ހުންނަ ކޮމެންޓްތަކުގެ ވާހަކައިންނެވެ. ޗެޓްކުރުމާއި، އެކުވެރިކަން ބަދަހިކުރާން ހުންނަ އެތައް ވަސީލަތެއްގެ ބޭނުން، ޝަރީފުވެސް ހިފައެވެ. ވާހަކަދައްކާ އެތައް 'ބިޓުން'ނެއް ތިބެއެވެ. ނަމަވެސް އެހެންމީހުންނާއި މާބޮޑަށް ހިއްސާކުރާނެ އެއްޗެއްނުހުންނާތީ، ޝަރީފުއަކީ 'ތަފާތު' މީހެކެވެ. އެއީ އެންމެން ޝަރީފު ލޭބަލްކޮށްފައިވާ ގޮތެވެ.

ކޮންމެ ދުވަހެއްގެ ރަސްމީގަޑީން އެތައް ވަގުތެއް ޗެޓްކުރުމުގައި ޝަރީފު ހޭދަކުރިއިރުވެސް އެއްވެސް މީހަކަށް އެކަން ނޭގިއޮތީ، އޭނާއަކީ އެފަދަ ކަންކަމުގައި ވަގުތު ބޭކާރުކުރާ މީހެއްކަން އެއްވެސް މީހަކަށް އެނގިފައި ނެތުމުންނެވެ.

"އަހަރުމެން ދެމީހުންގެ އެކުވެރިކަން ބަދަހިވަމުންދިޔަ ދުވަސްކޮޅު، އެންމެ ގިނައިން ޝެނީން އަހަރެން ގާތުން އަހައި އޮޅުންފިލުވަން މަސައްކަތްކުރީ، ޔަނާލްއާއިބެހޭގޮތުން.. ބައެއްފަހަރު އުނދަގޫވެގެންވެސް ޝަކުވާކުރިން.." ސިހުންލިބުނީ ޔަނާލްއަށެވެ. ބުނަން ބޭނުން ނުވިޔަސް، ހަގީގަތް ފޮރުވުން މިފަހަރު ޝަރީފުއަށް ފަސޭހައެއް ނުވިއެވެ. އަޑުއެހުމުގެ ޝައުގުވެރިކަމުގައި ޔަނާލް އެއްޗެއް ނުބުނީ ޝަރީފުއަށް ފުރުސަތު ދިނުމަށެވެ.

"މިވާހަކަ ދައްކަން މަށަށްވެސް ފަސޭހައެއް ނޫން.. އެކަމަކު މިއަދު ކިޔައިދޭނަން! އޭރު، އަހަރެންގެ ކޮންމެ ކަންބޮޑުވުމަކީ، ޝެނީންއަށް ހިތާމައަކަށްވާން ފެށުމުން، ޝަކުވާކުރުން ހުއްޓާލަން އަހަންނަށް މަޖުބޫރުވީ.. ދެން އޭނާ އެދުނީ ހުރިހައި އެކުވެރިންގެ މިޒާޖާއި އެމީހުންގެ ދިރިއުޅުން ކިޔައިދިނުމަށް.. އަހަރެން ބުނިން، ޔަނާލް ނޫނީ އެހެން، މީހަކާއި ގާތްއެކުވެރިކަމެއް ނުބާއްވަމޭ.. އެހެންވީމައި ދެން، އަހަންނަށް ޖެހުނީ ޔަނާލްގެ މައުލޫމާތުތައް ކިޔައިދޭން.. އޭގެފަހުން މާގިނައިން ޔަނާލްގެ ވާހަކަތައް އަހަނީ! މަށަށް އުނދަގޫވާވަރަށްވެސް ސުވާލުކުރި! އެކަމަކު މިހާރު އަހަރުމެންގެ ދެމެދުގައި އެކަހަލަ ވާހަކަތަކެއް ނޯވޭ.." އިސްޖަހައިލަމުން ޝަރީފު ބުނެލިއެވެ. އިރުކޮޅަކުން ޔަނާލްގެ މޫނަށް ބަލާލިއިރު، ހިނިއައިސްފައިވާ މޫނު ފެނުމުން ޝަރީފުއަށް ކަމުދިޔައެވެ.

"އެހެންވީމައި، އަހަރެންދޯ ޝެނީންގެ ޓާގެޓަކީ؟" ސުވާލެއްގެ ގޮތުގައި އެއްޗެއް ބުނެލީ އެއްބުމަ މައްޗަށް ހިއްލާލާފައެވެ. ނުހަނު ބާރަށް ހިތް ތެޅެނީއެވެ. އެއްބަސްވުމުގެ ގޮތުން، ޝަރީފުވެސް ބޯ ތަޅުވާލިއެވެ.
ހަގީގަތަކީއެއީއެވެ. އަނބިމީހާގެ ކިބައިން ނުލިބުނު ލޯތްބަށް ހިތްއެދިއެދިހުރި ވަގުތަކަށްވާތީ، ޝަރީފުގެ ހިތް ޝެނީންގެ މައްޗަށް ބަރޯސާވީ އިޚްތިޔާރަކާނުލައެވެ. ޝެނީންގެ ކޮންމެ ހަރަކާތަކީ ފިރިހެނެއްގެ ހިއްސުތައް ގުޑުވާލުމަށް އޮތް ނުރައްކާތެރި ހަތިޔާރެއްކަން މިއަދުވެސް ޝަރީފު ގަބޫލުކުރެއެވެ.

***
"މާމާ! މުސްކާންގެ މަންމަ، މިގޭގައި އުޅުނުތަ؟" މުރުޝިދާގެ އިނިގިލިތަކުގެ ހަރަކާތް ހުއްޓުނެވެ. މުސްކާންގެ އިސްތަށިގަނޑުގެ ތެރެއިން އަތް ނަގާފައި، ގާތުގައި ބަހައްޓާފައިހުރި ކުޑަކުޑަ ތަށިން އަތުގެ މެދަށް ތެޔޮ ފޮދެއް އަޅައިލިއެވެ. މާމަދަރިފުޅުގެ ސުވާލަށް ޖަވާބުދިނުމެއްނެތި، މުރުޝިދާ، އަނެއްކާވެސް ބޯ މަސާޖުކުރަން ފެށިއެވެ. މުސްކާންއިނީ، ރަގް މަތީގައި އިށީންދެގެންނެވެ. ސޯފާގައި މުރުޝިދާއިނީ، މުސްކާންގެ ބޮލުގައި ތެޔޮލައިގެން މަސާޖުކޮށްދިނުމަށެވެ. ނޫންކަމަށް ހެދިގެން އިންދައި ދެވަނަ ފަހަރަށްވެސް މުސްކާން ސުވާލުކުރިއެވެ. ޖަވާބުނުދީ ހެދޭނެ ގޮތެއް ނެތްކަން، މުރުޝިދާއަށް އެނގުނެވެ.

"ނޫން! މިގެއަކު ނޫޅޭ.. އެއްވެސް އިރަކު" މުރުޝިދާ ބުނެލިއެވެ. ދެބުމަ ގޮއްޖަހާލާފައި މާމައާއި ދިމާއަށް މުސްކާން އެނބުރުނެވެ. ހައިރާންވެ އަންތަރީސްފެވައިވާ މޫނު، މުރުޝިދާއަށް ފެނުނެވެ.
"ކީކޭ މާމާ! މިގެއަކު ދުވަހަކުވެސް މަންމަ ނޫޅޭ؟ އެހެންވިއްޔާ މަންމަ އުޅުނީ ކޮންތާކު؟" ސުވާލަކަށްފަހު ސުވާލެކެވެ. ޖަވާބު ދޭކަށް، މުރުޝިދާ ބޭނުމެއްނޫނެވެ. ކުޑައިރު އެކަން މަނާކޮށްގެން ހިފެހެއްޓުނަސް، މިއުމުރުގައި އެކަން އެގޮތަށް ނުކުރެވޭނެކަން މުރުޝިދާއަށްވެސް އެނގެއެވެ.
"މިއޮއްހުރިހައިދުވަހު ދަރިފުޅު އުޅުނީ، ވަރަށް އުފަލުގައި.. ވަރަށް ހިތްހަމަޖެހިގެން.. ތިސުވާލުތަކެއް ނުކުރޭ.. ކީއްވެ މިހާރަކަށްއައިސް މާގިނައިން ތިކަހަލަ ސުވާލުތައްކުރަނީ؟ ދަރިފުޅުގެ މަންމަދެކެ ބައްޕަ ވަރަށް ލޯބިވޭ.. އަދި އަދަށްވެސް އެހުންނަނީ މަންމައަށްޓަކައި.. ތިކަހަލަ ވާހަކަ ގިނަގިނައިން ދެއްކީމައި ބައްޕަ ހިތުގައިޖެހޭނެކަން ދަރިފުޅަށް ނުވިސްނޭތަ؟" އާންމުކޮށް އެކަން ހައްލުކުރާ އުސޫލަށް މުރުޝިދާގެ ރާގު ބަދަލުކޮށްލިއެވެ. މިއަދުވެސް އެކަން ކާމިޔާބުވާނެކަން އޭނާ ޔަގީންކުރެއެވެ.

"ބައްޕަ ރޯތަން ބަލަން، ދަރިފުޅަށް ކެއްވާނެތަ؟ ބައްޕަ ހިނިތުންވެފައި ހުންނާތީ، ދަރިފުޅަށް ކަމަކުނުދޭތަ؟" ނަފުސާނީގޮތުން ބަލިކޮށްގެންވެސް މުރުޝިދާގެ މަންޒިލުގައި މުސްކާންގެ ސުވާލުތައް ފުނިޖައްސައިލަން އޭނާ މަސައްކަތްކުރިއެވެ.

"ނޫން މާމާ! ދުވަހަކުވެސް ބައްޕަގެ ލޮލުން ހިތާމައިގެ ކަރުނައެއް ވައްޓާލާތައް ދެކެން ބޭނުމެއް ނޫން.. މިވާހަކަ މިދައްކަނީ މާމައާއި މުސްކާންއާއި ދެމީހުން.. މިތާކު ބައްޕައެއް ނެތެއްނުން.. އެހެންމީހަކުވެސް ނެތެއްނުން.. މި ސުވާލުތަކުގެ ޖަވާބު ހިފައިގެން، ބައްޕަގެ ބޮލަށް ތަދުކުރާން މަސައްކަތެއް ނުކުރާނަން.. އެކަމަކު މާމަ މިވާހަކަތައް ކިޔައިނުދެންޏާއި ބައްޕައާއި ނޫންތަ ސުވާލުކުރަންޖެހޭނީ؟" ދެރަވެލާފައި މުސްކާން ބުންޏެވެ. މުރުޝިދާ އެއްޗެއް ނުބުނުމުން މުސްކާންއަށް އަސަރުކޮށްފިއެވެ. ހަމަހިމޭންކަން އެދަރިފުޅަށް ކަމަކުނުދިޔައެވެ.

"މީގެކުރީން، އަޅައިނުލަނީ އެކަންކަމާއި ވިސްނަން، ބޭނުންނުވާތީ.. އެކަމަކު މިހާރު މިސުވާލުތަކުގެ ޖަވާބުބޭނުންވަނީ، އެހެންމީހުންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް މުސްކާންގެ ސިކުނޑީގައި ހުރުން މަޖުބޫރުވީމައި! މާމާ.. ކުލާސްކުދީން މިސުވާލުތަކުން، މުސްކާންއަށް ހަނގާކުރާން މަސައްކަތްކުރޭ.. އެކަމަކު އަމިއްލަ ނަފުސުގެ ބާރަކީ ކޮބައިކަން މާމާއާއި ބައްޕަ ބުނެދީފައި އޮންނާތީ އެކުދިންނާއި ކުރިމަތިލަނީ ވަރަށް ކެރިގެން.. އެއްވެސް ކުއްޖަކަށް މުސްކާން ބަލިކަށިނުކުރެވޭނެ.. އެކަމަކު މާމާ.. ހަގީގަތުގައިވެސް އެނގެން ބޭނުން.. އެންމެންގެ ކުރިމަތީގައި ބައްޕަގެ ހިތްވަރަށް ސެލިއުޓްކުރަން ބޭނުން.. އެކަންކުރެވޭނީ ވާނުވާ އޮޅުންފިލީމައި.. އެމީހުން އެކިޔާއެއްޗަކަށް މުސްކާންއަށް ޖަވާބު ލިބިގެން! މިދަރިފުޅުގެ ހިތްވަރުހުންނާނެ.. މާމާއަށް އެކަން އިނގޭނުން!" މާމަގެ ދެއަތުގައި ހިފައިލަމުން މުސްކާން ބުނެލިއެވެ. ކުޑަކަކޫ މައްޗަށް ތިރިވެ، ދެއަތް ޖޯޑްކޮށް މުސްކާން އާދެސްކުރިއެވެ. މުރުޝިދާގެ ދެލޯ މަރައިލިވަގުތު އެސްފިޔަތަކުގެ ތެރެއިން ކަރުނައެވެ.

***
ދެންއޮތީ ޔަނާލްގެ މަސައްކަތެވެ. ބޭނުންވާ މޭވާ، ލިބިގަތުމެވެ. ކުރަންޖެހުނު ކޮންމެ މަސައްކަތެއް އެކަމަށް، ޔަނާލް ކުރާނެއެވެ. އަމިއްލަ ނަފުސައްޓަކައެވެ. ދަރިފުޅާއި، އާއިލާއަށްޓަކައެވެ. އުނގުމަތީގައި ލެޕްޓޮޕް ބައިންދާފައި ޔަނާލް ހަމަޖެހިލިއެވެ. ހިތްވަރުކޮށްފައި ޗެޓް ވިންޑޯ ހުޅުވާލިއެވެ.


-ނުނިމޭ-
ހިޔާލު