Kulhudhufusheegai Local Market eh Hulhuvaifi
image
ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން.-- ފޮޓޯ: ހޯމް މިނިސްޓްރީ
0 ކޮމެންޓް
 

ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓެއް ހުޅުވައިފި

ހދ. ކުޅުދުއްފުށީ ލޯކަލް މާރުކޭޓް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ރޭ ހުޅުއްވައިދެއްވައިފި އެވެ.
ކުޅުދުއްފުށީ މާރުކޭޓް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ އެ ތަނަކީ އުއްމީދުތަކެއްގެ ތެރެއިން ޕްލޭންތަކެއް ހެދިގެން، އެކަމަށް ފަންޑް ހޯދިގެން އަމަލީ ގޮތުން މަސައްކަތްފެށިގެން މާރުކޭޓްގެ މަސައްކަތް ނިމުމާ ހަމައަށްދިޔަރޭކަމަށެވެ. އަދި އުއްމީދުކުރާ އެތައް ގިނަ ކަންތައްތައް އެބަހުރިކަމަށާއި، އެހެން ނަމަވެސް މިއަދަކީ ކުޅުދުއްފުށީ ރައްޔިތުން ކުރިން އުއްމީދުކުރެވެމުން އައިކަމެއް ނިމުނު ރޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއްކަމަކަށްފަހު އަނެއްކަމަކަށް ދަތުރުކުރަންޖެހޭކަމަށާއި، މިއަދު މާރުކޭޓްގެ މަސައްކަތް ނިންމުމަށްފަހު މިއަންނަ އަހަރު އާ އެހެން މަޝްރޫއެއް ފެށެންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ، އުއްމީދުކުރަނީ ކުރިން ވެސް ހާއްސަކޮށް ކުޅުދުއްފުށްޓާ މިސަރަހައްދުގެ މައި އިގްތިސާދީ ހަބެއްގެ ގޮތުގައި މިރަށުގައި މިމަސައްތައް ކުރެވެމުންދިޔަ ފަދައިން ކުރިއަށް އޮތް ދުވަސްތަކުގައި ހާއްސަކޮށް ސިޓީއަކަށް ބަދަލުވެގެންދާއިރު އިރާދަކުރެއްވިއްޔާ މިރަށުގައި އިގްތިސާދީ އިތުރު މަސައްކަތްތައް ފެށިގެން ދިއުން. އޭގެ ނަތީޖާއަކަށްވާނީ، ރަށަށް ސަރަހައްދަށް މުޅިގައުމުގެ ތަރައްގީގައި ބޮޑުބައިވެރިވުން ހިއްސާވާންފެށުން. ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމުކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވަނީ ސަރުކާރު ކުރިއަށްގެންދިއުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމަށް ވެސް އެދިވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރު ކުރިއަށްގެންދިއުމުގައި ފަސޭހަވެގެންދަނީ ރައްޔިތުންގެ އެއްބާރުލުން ލިބުނު މިންވަރަކުންކަމަށާއި، ވަކިން ހާއްސަކޮށް ސަރުކާރަށް އެހީތެރިވުމުގައި އުފެދިފައިވާ މުއައްސަސާތަކުގެ އެއްބާރުލުން ލިބުނު މިންވަރަކުން މަސައްކަތްކުރަން ފަސޭހަ ވާނޭކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އުއްމީދުކުރަނީ، އަޅުގަނޑުމެން އެދިގެން މިތިބީ ކައުންސިލްތަކާއެކު ގިނަ މަސައްކަތްތަކެއްކުރަން. ކައުންސިލްތަކުގެ ބައިވެރިވުން އޮވެގެން ގިނަ މަސައްކަތްތަކެއްކުރަން. ރައްޔިތުންނަށް ޚިދުމަތްދިނުމުގެ އެންމެ މުޙިއްމު އެއް ފަށަލައަކީ ކައުންސިލްތައް. އެގޮތުން ކައުންސިލްތަކާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމަކީ ގާތް ގުޅުމަކަށްވުމަށް ސަރުކާރުން އަބަދުވެސް އުއްމީދުކުރޭ" މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓަކީ ހަތަރު މިލިއަނަށްވުރެ ބޮޑު ހޭދައެއްކޮށްގެން އިމާރާތްކޮށްފައިވާ މާރުކޭޓެކެވެ. މަސައްކަތް ނިންމުމަށް އެއް އަހަރާއި އަށްމަސް ހޭދަވި އެވެ.
ހިޔާލު