Majileehah hovanvee Millionairun, ehenveemaa feyrey meehun "OK"!
image
މަޖިލީހުގެ ރައީސް އަދި މަހުޖަނު ގާސިމް އަދި ކުރީގެ ރައީސް ޔާމީން--
5 ކޮމެންޓް
 

މަޖިލީހަށް ހޮވަންވީ މިލިއަނަރުން، އެހެންވީމާ ފޭރޭ މީހުން "އޯކޭ"!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އިންތިހާބު ކުރަންވީ މިލިއަނަރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު މަހުޖަނު، ގާސިމް އިބްރާހިމް ވިދާޅުވުމުން ހައިރާނެއް ނުވެއެވެ. އެއީ ގާސިމަކީ ރާއްޖޭގައި ހުރި އެންމެބޮޑު އެއް މަހުޖަނަށް ވީމައެވެ. އެހެންވީމާ، އެފަދަ ބަސްފުޅެއް އެމަނިކުފާނުގެ ކިބައިން އިވުމަކީ ހަމަ ވަރަށް ގާތްކަމެކެވެ.
ކޮންމެވެސް ވަރަކަށް ގާސިމްގެ އެވާހަކަފުޅުތަކަށް ބަލާލާނަމެވެ.

ދަންގެތީ ދާއިރާގެ ޖޭޕީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕެއިން އިވެންޓެއްގައި ގާސިމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރާއިރު ކުރަންވީ އަމިއްލަ ހާލައިގެން އުޅެވޭ ފައިސާ ހުރި ފޯރުންތެރިން ކަމަށެވެ. ގާސިމް ވިދާޅުވީ މަޖިލިސް މެމްބަރުން ރިޝްވަތަށް ނުހެއްލޭނީ އެ މެމްބަރުންނަކީ ފޯރާ ބަޔަކަށް ވެގެން ކަމުގައެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީން ތާއީދު ކުރާ ބައެއް ކެންޑިޑޭޓުން ހާލަތަށް ބަލަމާ ހިނގާށެވެ. ޖުމްހޫރީ ޕާޓީގެ ވިލުފުށި ދާއިރާގެ ކެންޑިޑޭޓަކީ ރިޔާޒު ރަޝީދު އެވެ. އޭނާއަކީ ސަރުކާރާއި ދިވެހި ގިނަ ރައްޔިތުންގެ ހިއްސާ އޮންނަ އެސްޓީއޯއިން 18 މިލިއަން ރުފިޔާގެ ތެޔޮ ކްރިޑިޓަށް ނެގުމަށްފަހު ފައިސާ ނުދައްކާ އޮތް ބޭފުޅެއް ކަމަށްބުނެ އެސްޓީއޯއިން ވަނީ އެމައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. އެތައް އަހަރެއް ވީއިރުވެސް އެ ފައިސާ އެސްޓީއޯއަށް ނުދައްކާ އޮތްއިރު، އެމައްސަލައިގެ ފައިލްތައް ވެސް ވަނީ ބަޔަކު މީހުން "ވަގަށް" ނަގާފަ އެވެ.

ދައުލަތުގެ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރިޔާޒު ރަޝީދުގެ އެކައުންޓަށާއި އޭނާގެ ކުންފުނީގެ އެކައުންޓަށް ޖަމާވެފައިވާކަމަށް އޭސީސީން ނެރުނު ރިޕޯޓުން އެނގެ އެވެ. ޖުމްލަ 879،255.00 ޑޮލަރު (13،558،112.1 ރުފިޔާ) ރިޔާޒުގެ އެކައުންޓަށާއި ރިޔާޒުގެ މެރީޑިއަމް ކުންފުންނީގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އެހެންވީމާ، ރިޔާޒަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް އެންމެ ގާބިލް އެއް ބޭފުޅާއަށް ވެދާނެތާއެވެ.

ޖުމްހޫރީ ޕާޓީން ގުޅިގެން މަސައްކަތްކުރާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނުގެ މުއްސަނދިކަން ހުރީ ހަމައެކަނި އޭނާއާ ހަމައިން އެކަންޏެއްވެސް ނޫނެވެ. އޭނާގެ 18 އަހަރުގެ ފިރިހެން ދަރިފުޅަކީ ވެސް ހަތަރު މިލިއަން ރުފިޔާގެ ފްލެޓަކާއި އަގުބޮޑެތި ކާރު ގެންގުޅުއްވާ ބޭފުޅެކެވެ. އެހެން ވީމާ އަދި ނިހާނުގެ މުއްސަނދިކަން ހުންނާނީ މާމަތީގައި ކަމަށް ބެލެވެއެވެ. ދެއިރު ދެދަޅައަށް އެންމެ އަގުބޮޑު "ރޮލެކްސް" ތަފާތު ގަޑި އަޅާލެވޭނީ ވަރަށް މަދު ދިވެހި ރައްޔިތަކަށެވެ. މިފަހުން އެންމެ ބޮޑު ވައްކަމެއް ކޮށްގެން އުޅުނީ މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު އެވެ. އޭނާ ވެރިކަމުން ފޭބިއިރު، އޭނާގެ ވައްކަމުގެ މައްސަލަތައް ތަހުގީގު ކުރި މެލޭޝިއާ ފުލުހުންނަށް ވެސް ފެނުނީ އެންމެ ފަސް ވަރަކަށް "ރޮލެކްސް ގަޑި" އެވެ. އެހެންވީމައި އަގުބޮޑު ފްލެޓްތަކާއި އަގު ބޮޑު ކާރުތަކާއެކު "ލަގްޒަރީ" ދިރިއުޅުމެއް ރާއްޖޭގެ ފެންވަރުގައި އުޅެލެވޭނީ ވަރަށް ލާރި އޮތީމަތާއެވެ.

ނިހާނެކޭ އެއްފަދައިން ނުވަތަ ނިހާނަށްވުރެވެސް ކުރީގައި ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އަދި މިހާރު މޯޑިވްސް ނޭޝަނަލް ކޮންގްރެސްގެ ވަގުތީ ރައީސް އަބްދުއްރަހީމް އުޅުއްވާނީ ފައިސާގެ ގޮތުން ކުރީގަ ކަމަށް ބެލެވެ އެވެ. އެއީ އަބްދުއްރަހީމާއި އޭނާގެ ފިރިހެން ދަރިފުޅު ފައިސަލް ވެސް މިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވާފަ އެވެ. އެދެ ބަފައިންނަށް ޖުމްހޫރީ ޕާޓީގެ ތާއީދު އެބައޮތެވެ. ގާސިމް ވިދާޅުވާ ގޮތުން އެއީ މިލިއަނަރުންނެވެ. މަހުޖަނުން ނެވެ.

ގާސިމް އެވެ. ރާއްޖޭގައި އެންމެ މުއްސަނދިކޮށް އުޅެނީ ގޭންތަކެވެ. ނުވަތަ ފޭރޭ މީހުންނެވެ. އެމީހުން މަދު ވަގުތު ކޮޅެއްގެ ތެރޭގައި މިލިއަނުން ދެ މިލިއަނުން ފައިސާ ފޭރޭތަން މިރާއްޖެއިން އެބަފެނެ އެވެ. ރިސޯޓަށް އަރާ ތިޖޫރީ ކޮނޑު އަޅާލައިގެން އަންނައިރު، އެއީ ކިހާ "ގާބިލް" ބައެއް ތޯ އެވެ. ރޯމާ ދުވާލު، މާލޭގެ އެންމެ ކާރޫ ބާރުބޮޑު މަގުން ދުއްވާފައިދާ ވޭނަކަށް ހަލަމަލާދީ، ޖެހިލުމެއްނެތި ދެ މިލިއަނުން ފައިސާ ފޭރެވޭނީ މި ގައުމަކީ ފޭރޭ މީހުންނަށް ވަރަށް އަމާން ގައުމަކަށް ވީމަ ނޫންތޯ އެވެ. އެހާ ފައިސޭހައިން ފައިސާ ހޯދާ މުއްސަނދި މަހުޖަނުން ރައްޔިތުންގެ މަޖިލީހުގައި ކޮންމެހެންވެސް ތިބެންޖެހޭނެތާ އެވެ.

ރިޝްވަތު ނުނަގާ މަޖިލީހުގައި ހިދުމަތް ކުރާނީ އެމަޖިލީހަށް އިންތިހާބުވާ މެމްބަރުންނަކީ މިލިއަނަރުންނަށް ވެގެންކަމަށްވެސް ގާސިމް ވިދާޅުވިއިރު، މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެންމެބޮޑެތި ވައްކަމުގެ ތުހުމަތު ކުރެވޭ މެމްބަރުން ތިބި މަޖިލީހެވެ. އަދި އެވައްކަމާއި ކޮރަޕްޝަން ތުހުމަތު ކުރެވޭ މެމްބަރުންނަށް 19 ވަނަ މަޖިލީހުންވެސް ޖާގަދޭން ގާސިމް ގޮވާލެއްވުމުން ތިޔަކުރައްވަނީ ދިވެހި ރައްޔިތުންނަށް މަލާމާތް ނޫން ދެން ކޮންކަމެއްތޯއެވެ

ގާސިމް އެވެ، މުއްސަނދި މަހުޖަނެއް ނޫން މީހަކު މަޖިލީހަށް ހޮވައިފި ނަމަ ބަލާނީ އަމިއްލަ ޖީބު ފުރާލަން ކަމަށް ވިދާޅުވިއިރު، އަމިއްލަ ނަފްސާމެދު ވެސް ތިޔަ ސުވާލު ކޮށްލުން ރަނގަޅެވެ. ތިމާ މީހާ މުއްސަނދި މަހުޖަނަކަށްވެހުރެ، ތިޔަހުންނަވަނީ ހިތް ނުފުރިގެން ނޫންތޯ އެވެ. އަދިވެސް މަސައްކަތް ތިޔަކުރައްވަނީ "އަންބޮނޑި" ބޮޑު ކުރަން ނޫންތޯ އެވެ.

ގާސިމް އެވެ. މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންގެ މުސާރަ އިންތިހާއަށް ބޮޑުކުރީ ކީކޭ ކިޔައިގެންތޯ އެވެ. ނަޒާހަތްތެރި މަޖިލީހަކާއި ފަނޑިޔާރުގެއެއް އުފައްދަން ނޫންތޯ އެވެ. ވީކަމެއް އެބައޮތްތޯ އެވެ. މުޅި ދައުލަތުގައިވެސް އެންމެ ކޮރަޕްޓް، އަދި ދައުލަތަށް އެންމެބޮޑެތި ހިޔާނާތް ވެފައިވާ މީހުން ތިބީ މަޖިލީހުގައާއި ފަނޑިޔާރު ގޭގަ ނޫންތޯ އެވެ.

ދެން ތިޔަ ތާއީދު ކުރައްވާ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ މިހާތަނަށް ދިވެހި ދައުލަތުން އެންމެބޮޑެތި ހިޔާނާތާއި ވައްކަމުގެ ތުހުމަތު ކުރެވޭ އެއް ރައީސެވެ.

އެހެންވީމައި ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ގިނަ "ފޭރުމަށް" ގާބިލް މީހުން މަޖިލީހަށް އިންތިހާބު ކުރިއްޔާ މަޖިލީހުގައި ތިބޭނީ ހުސް މަހުޖަނުން ނެވެ. މިލިއަނަރުންނެވެ.

ގާސިމް އެވެ، ތިޔަބާވާތުގެ މަޖިލީހަކުން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތެވެ. މިހާތަނަށް ކަންވެފައި އޮތީވެސް އެހެންނެވެ.

ގާސިމް އެވެ. މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ. މަނިކުފާނަކީ މަހަޖަނެކެވެ. މަޖިލީހަށް ވަންނަން ޖެހޭނީވެސް މަހުޖަނުންކަމަށް ގަބޫލު ކުރާނަމަ ތިޔަތަނަށް "ރައްޔިތުންގެ މަޖިލިސް" ކިޔުމުގެ ބޭނުމެއް ނެތެވެ. ތިޔަތަނަށް ކިޔަންވީ "މިލިއަނަރުންގެ މަޖިލިސް" އެވެ.
ހިޔާލު

އަސްލު މަޖްލިސް ނޭގޭ

ތި ޤާސިމް ވީ ސިޔާސީ ދާއިރާއިން ބޭރުކުރަން.

ކަންއޮތްގޮތް

ޒާތީވަނީ ކާކުކަމެއް ބުނަން އެބައެނގޭހެއްޔެވެ؟ މަޖިލީހުގެ ދާއިރާތައް ތަމްސީލުކުރަން ކުރިމަތިލުމަކީ، ޝަރުތުހަމަވާ އެދާއިރާއެއްގެ ކޮންމެރައްޔިތަކަށް ލިބިގެންވާޙައްްޤެކެވެ. ކުރިމަތިލާންވާނީ މިވެނިމިވެނި ސިފަހުންނަބައެކޭ ޤާނޫނުގައި އޮވެއެވެ. އޭގެތެރޭގައި މިލިއަނަރަކަށްވުން ނުދެކެމެވެ. ކަންމިހިންއޮތްއިރު ޤާސިމް އެވިދާޅުވަނީ ކުރިމަތިލާން އެންމެނެ ލާއިޤުކަމުގައިވަނީ އަދި ކުރިމަތިލާންޖެހޭނީ މިލިއަނަރުންކަމުގައެެވެ. ސަބަބުތަކެއް ހުރިކަމުގައިވީނަމަވެސް މިއީ ޤާސިމަށް ބުނެވިގެންވާނެއެއްޗެއްކަމުގައި ޤަބޫލެއްނުކުރެވެއެވެ ޤާސިމް ބައެއްގެ ޒާތީކަންތަކާ ބެހިއްޖެއެވެ. އެހެންވީއިރު ޤާސިމްގެ ޒާތީކަންތަކާއި ބެހުމުގެޙައްޤު އެހެންމީހުނަށްވެސް އޮންނަންޖެހޭނެއެވެ. ޚާއްޞަގޮތެއްގައި އޭނާ އެހެންމީހުންގެ ޒާތީކަންތަކާއި ބެހިފައިވާ އެކަމަކާއި ގުޅޭދާއިރާއެއެއްގައި ޤާސިމާއިމެދު ޒާތީވުމުން އެވެވެނީ ހަމަހަމައެވެ. ޤާސިމަކީ މަހުޖަނަށްވުމުން ޒާތީވުމުގެ ޙައްޤު ލިބެންޖެހޭނީ އޭނައަށް އެކަންޏެއްނޫނެވެ! މިއީ ދޮގެއްބާ؟

މުހަންމަދު ކަލޯ

މިގައުމުގަ އޮންނަންވީ މިލިއަރުންގެ މަހުޖަނެއްވިއްޔާ އިތުރަށް ހުރިހާ މޮޅެއްވެސް މަހުޖަނުންނަށް . ރައްޔިތުންގެ އެއްވެސް ކަމެއް އިންކަމް ޓެކްސް ބިލް މިނިމަމް ވޭޖް ބިލް ރައްޔިތުންނަށް ރަގަޅު ގޮތެއްވާ ބިލެއް ފާސް ނުކުރެވޭނެތާއެވެ. މިހާރުވެސް އެހާ އަމިއްލަ އެދުންބޮޑު ބަޔަކަށް ވީމަތާ އެވަރު ވާހަކައެއް ބުނާނީވެސް. ރައްޔިތުން މިފަހަރު ވިސްނާފަ ވޯޓު ދިނީމަ ރަގަޅުވާނެ.

SASA

ޒާތީވެ ވަކިވަކި ފަރުދުންނާއި ބެހޭގޮތުން މިގޮތަށް ލިޔުމަކީ ނޫސް ވެރިކަންބާ؟

އިބޫ

މަހު ޖަނުންނާ ފޭރޭމީހުން ނޭތިކިޔާ މީހުން ބައިތިއްބާފަ. މިއުޅޭ ރާބޯ މީހުން ނާ ގަންޖާ ބޯމީހުންނާ. ދީން ގަބޫލު ނުކުރާ މީހުން ތިމަޖުލީހައް ލީމަ ދެން ރަގަޅުވާނީ .މީތާ ދެން ނުވެފަ އޮތްކަމަކީ މިހާރު ތިބުނާ ޑިމޮކްްަަަރަސީ ގައި.