Bollywood in Enme Bodu Aamdhanee eh Kangana ah
image
ކަންގަނާ ރަނައުތު--
0 ކޮމެންޓް
 

ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ކަންގަނާއަށް

ބޮލީވުޑުގައި މަސައްކަތްކޮށް އެންމެ ބޮޑު އާމްދަނީ ލިބޭ ތަރިއަކަށް ވިކާސް ބަހުލް ޑައިރެކްޓުކޮށް ނެރުނު ފިލްމު "ކްއީން" އިން ވިދާލި ތަރި ކަންގަނާ ރަނައުތު ވެއްޖެއެވެ.
ކަންގަނާ ދެން ފެނިގެންދާނީ ތަމިލް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ މައްޗަށް ނެރޭ ފިލްމެއްގައި ތަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔާލަލިތާގެ ރޯލުންނެވެ. ހަބަރުތައް ބުނާ ގޮތުގައި އެފިލްމުގައި މަސައްކަތްކޮށްގެން 24 ކްރޯޑު ރުޕީސް ކަންގަނާއަށް ލިބޭނެއެވެ.

ތަމަޅަ ބަހުންނާއި ހިންދީ ބަހުން ވެސް ނެރެން ނިންމާފައިވާ އެފިލްމަށް ހިންދީ ބަހުން ކިޔާނީ "ޖާޔާ" އެވެ. އަދި ތަމަޅައިން ކިޔާނީ "ތަލައިވީ" އެވެ. ކޭވީ ވިޖެއެންދްރާ ޕްރަސާދު ލިޔެފައިވާ ވާހަކައެއް މައްޗަށް ހަދާ އެފިލްމު ޑައިރެކްޓުކުރާނީ ވިޖޭއެވެ.

މީގެކުރިން ބޮލީވުޑުގައި އެންމެ ބޮޑު އަގަކަށް ފިލުމު ކުޅެފައިވަނީ ދީޕިކާ ޕަޑުކޯނެވެ. އެގޮތުން ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" ގައި ދީޕިކާ މަސައްކަތްކޮށްފައި ވަނީ 13 ކްރޯޑަށެވެ. އެކަމަކު، ކަންގަނާގެ ކުރިއަށް އޮތް ފިލްމުގައި އޭނާއަށް ދީޕިކާއަށް ލިބުނު އަދަދުގެ ދެ ގުނަ ލިބޭނެއެވެ.

މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު، އެންމެ ފަހުން މަސައްކަތް ކުރި ފިލްމު "ވީރޭ ދި ވެޑިން" އިން އޭނާއަށް ލިބުނީ، ދިހަ ކްރޯޑު ރުޕީސްއެވެ. އެހެންކަމުން ފެތުރެމުންދާ ހަބަރުތައް ތެދުވެއްޖެނަމަ ބޮލީވުޑުގެ އެންމެ ބޮޑު އަގެއް ލިބޭ ބަަތަލާއަށް ވާނީ ކަންގަނާއެވެ.

ކަންގަނާ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމަށް ތަމަޅަ ބަސް ވެސް ދަސްކުރާނެ ކަމަށް ބުނެއެވެ.

އުމުރުން 32 އަހަރުގެ ކަންގަނާގެ އެންމެ ފަހުގެ މަސައްކަތަކީ "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" އެވެ. އެފިލްމަކީ ކަންގަނާ ލީޑުން ފެނިގެންދާ އަދި އޭނާ ޑައިރެކްޓުކުރި ފުރަތަމަ ފިލްމެވެ.
ހިޔާލު