KuruVaahaka: Bunanhey Kalaa
image
ބުނަންހޭ ކަލާ--
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ކުރު ވާހަކަ: ބުނަންހޭ ކަލާ

ފަސް ވަނަ ބައި
"ރިޒުލާ! ރިޒުލާ! ކޮބައިތަ އެ ރިޒުލާއެއް މިހާރު؟ ޝަހާދެއް. ރިޒުލާ..." ސުހާދާ ބާރުބާރަށް ގޮވަމުން އަވަސް ހިނގުމެއްގައި ބޮޑު ކޮޓަރި ފަސްދީ ރިޒުލާގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ސުހާދާ އެތެރެއަށް ދޮރު ހުޅުވައިލިއެވެ. އޭރު ރިޒުލާ އިނީ ފަހު އައްތަޙިއްޔާތަށް އިށީނދެއެވެ. ސުހާދާ މަޑުމަޑުން އަނގައިން ހުސް ޗޮކެއް ކަނޑައިލަމުން ދޮރު ކަނީގައި ލެނގިލިއެވެ. މޫނުމަތިން ފާޅުވަމުން ދިޔަ ރުންކުރުގޮތް ކެނޑި ހަމައަކަށް އެޅެމުން ދިޔައެވެ. ރިޒުލާ ސަލާމްދެމުން ދެ ފަރާތަށް މޫނު އަނބުރައިލިއެވެ. ކުއްލިއަކަށް ސުހާދާ ފެނުމުން ކޮށްޅަށް ތެދުވެ ވުނެވެ. އިހުތިޔާރުން ބޭރުގައެވެ. ނަމާދު ދޮޅިއާ އެކުގައެވެ.

"ކީއްވެ ފާޑަކަށް ބަލަން ތިހުރީ؟ އަދިވެސް އަވަސްވެގެން ދޯ. ކަލޭ ކަންކަމުގަ މަތި ޖަހަން ނަމާދަށް އަރާނީ އެންމެ ފަހުން. އެވެސް އެހެން މީހުންގެ ލޮލުގަ އަނދުން އަޅުވަން. ދެން ވެސް ބަލަން ނުހުރެ ކާން ހަދަންދާން އުޅޭ. އަދި އަހަރެން އެހާވަރުން، ރީތިކޮށް މިރޭ އަވަހަށް ކާން ހަދައިދޭންވާނޭ ބުނީމަ ކުރި ޖެއްސުން ދޯ މިއީ؟ މިހާރު އެހެރެ އަށެއް ޖަހަނީ. އެމީހުން އަންނާނެ އިރުކޮޅަކުން. ހަނދާންކޮށް ރީތިކޮށް ފުރިހަމައަށް ކާން ހަދައިފަ ބަހައްޓާތި އެއްޗެއް މަދުވެއްޖެނަމަ...؟" ސުހާދާ ފަސް އެނބުރިކަމުން ދޮރުފަތް ލައްޕައިލިއެވެ.

ރިޒުލާ ދެ ލޮލުން ކަރުނަތައް ހިލިގަތެވެ. އިހުތިޔާރުން ބޭރުގައެވެ. އޭނާ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ. ރިޒުލާ ހިތައިހިތުން ސުވާލު ކުރެވެމުން ދިޔައެވެ. އޭނާއަށް އެހާލު ޖެހުނީ ކީއްވެތޯއެވެ؟ ކިޔަވަން ހުންނަ ކުއްޖެއްގެ އިހުސާސް އެހެން މީހުންނަށް ނުކުރެވެނީ ކީއްވެގެންތޯއެވެ؟ އަމުދުން ސުހާދާ ކަހަލަ ޓީޗަރަކަށް އެ ވަރު ނުވިސްނެނީ ކީއްވެތޯއެވެ؟ މޮހޮދޭ މަންމަ ގާތު ދެއްކި ވާހަކައިގައި އުޅޭ ސުހާދާ ކޮބައިތޯއެވެ؟ އެ ސުހާދާގެ ރަނގަޅު ކަން ނުފެންނަނީ ކީއްވެތޯއެވެ؟
ރިޒުލާ މަޑުމަޑުން ދެފަރާތަށް މޫނު ހަލުވައިލިއެވެ. ހިތުގައި އުތުރި އަރަމުން ދިޔަ ސުވާލުތައް އޮއްބައިލަމުން ނަމާދު ދޮޅި ނަގައި ކަފޭރާއަށް ލިއެވެ.

"މާދަމާ ހެނދުނަށް ބިސް ރިހަ ކައްކައިފަ ނިދަން އޮށޯންނާނީ. އެހެންނޫނީ ހެނދުނު ހޭލާ ގޮތަށް ސުކޫލަށް ދާން ޖެހުނީމަ އޮންނާނީ އެއްވެސް ކަމެއް ނުވެފަ" ސުހާދާގެ އަމުރުވެރި ރާގު އިވިފައި ރިޒުލާ އަނގަޔަށް ލާން އިން ބަތް ސުވާ ހިފަހައްޓައިލެވުނެވެ. "ބިސް ނެތިއްޔާ ބިސް ގަނެގެން އައިސް ކާން އިނދޭ. މިހާރު ފިހާރަތައް ބަންދުކުރާން އުޅޭނެ. ތި ތަށިތައް ނަގައިފަ ތެލިތައް ދޮވެފަ ނިދާތި. އަހަރެން މިދަނީ ނިދަން. ފިހާރައިން އައިސް ދޮރު ތަޅުލާތި! ބޭރު ހޮޅިބުރި ނިއްވާތި! ރޭވެސް ހުރީ ބޭރު ހޮޅިބުރިއާއި ސިޓިން ރޫމު ވެސް ނުނިއްވާ"

ރިޒުލާ އަނގަޔަށް ލާން އިން ބަތްސުވާ ތަށީގެ ތެރެއަށް ހުސްކޮށްލިއެވެ. އެއާއެކު ގަޑި ބަލައިލިއެވެ. އޭރު ދިހަގަޑި ވިހި ހިނގަނީއެވެ. އާއްމު ގޮތެއްގައި އެރަށުގެ ފިހާރަތައް ބަންދުކުރާނީ ދިހަ ގަޑި ތިރީހުގައި ކަން ރިޒުލާއަށް އެނގެއެވެ. އެހެންވެ އަވަސްއަވަސް ކޮށްލައިގެން ބޭރަށް ނުކުތެވެ. އަވަސް ހިނގުމުގައި ރިޒުލާ ފިހާރައަށް ވަދެ ބިސްގަނެގެން ނުކުތެވެ. ދެފިޔަވަޅު އެއް ކުރަމުން ރިޒުލާ ހިނގަމުންދިޔައީ މަގުގެ ވައަތްފަޅީންނެވެ. އިސްޖަހައިލައިގެން ހުރެ ހިނގަމުން ދިޔައިރު އޭނާގެ ވިސްނުމާއި ފިކުރުތައް ހުރީ އެހެން ދުނިޔެއެއްގައެވެ. ހިތުގައި ގިނަވަމުން ދިޔައީ ޝަކުވާތަކެވެ.

ކުއްލިއަކަށް މީހަކު ރިޒުލާގެ ގައިގައި ލައިގަތެވެ. ރިޒުލާ އަރި އަޅައިލިއެވެ. މަންޒަރު ލަސް ފިލުމެއް ފަދައިން ރިޒުލާއަށް މަންޒަރު ފެންނަމުން ދިޔައެވެ. އަތުގައި އޮތް ބިސްކޮތަޅު ވައިގެތެރެއަށް ބުރައިގެން ދަނީއެވެ. ބައެއް ބިސް ކޮތަޅުން ބޭރުވެ މަގުމަތީ ހުއްޓެވެ. އަނެއް ބައި ބިސް އޭރު އަދި މަގުމައްޗަށް ވެއްޓެނީއެވެ. ރިޒުލާ ބިންމައްޗަކު ނުޖެހުނެވެ. އޭނާއަށް އޮވެވުނީ މީހެއްގެ އަތު ތެރޭގައެވެ. މަޑުމަޑުން ރިޒުލާއަށް ބަލައިލެވުނީ އެ މީހާގެ މޫނަށެވެ. އެ މީހާ ވެސް ރިޒުލާއަށް ބަލައިލިއެވެ. އެކަކު އަނެއްކަކަށް ނޭވާގެ އަޑުއިވޭ ވަރަށް ދެމީހުން ތިބީ ފިތިފައެވެ. ރިޒުލާ ނޭވާތައް އެތެރެއަށް ހިފަހައްޓައިލެވުނެވެ. އެމީހާގެ ހޫނު ނޭވާތައް ރިޒުލާގެ ކޯތާފަތަށް އެޅެމުން ދިޔައެވެ.

ރިޒުލާގެ ގައިން ވަރުދޫވި ކަހަލައެވެ. އެމީހާގެ އަތުތެރޭގައި އޮތް އޭނާގެ އަތް ދެފަރާތަށް ގުޑުވައިލިއެވެ. އެމީހާއަށް އެކަން ވިސްނުނެވެ. ކުއްލި ހަރަކާތަކަށް އެކު ރިޒުލާ ތެދުކޮށްލިދިނެވެ.
"މި ނާއްޓޭ. ނާޝިދު" ސަލާމަށް އަތްދިއްކޮށްލަމުން ނާޝިދު ތައާރަފުވެލިއެވެ. "ވަރަށް ބޮޑަށް ސޮރީ އަހަރެން ވެސް ނުބަލައި މި ގޯޅިން ނުކުމެވުނީ"
ބަދަލުގައި ރިޒުލާ އަނގައަކުން ނުބުނެއެވެ. އޭނާއަށް ހުރީ ކުރަންވީ ކަމެއް ވެސް ނޭނގިފައެވެ.
"ކޮން ނަމެއް ކިޔަނީ؟" ނާޝިދު ސުވާލުކޮށްލިއެވެ. "އަހަންނަށް ވަރަށް ފެނޭ. އެކަމު ނަމެއް ނޭނގެ. ގުރޭޑު ދިހައެއްގަ އުޅޭ ކުއްޖެއްކަން އެނގޭ"
"ރިޒުލާ" ރިޒުލާ ލަސްލަހުން ބުނެލިއެވެ.

"ރިޒޫ ދޯ. ލޯބި ނަމެއް" ޝާހިދު ބަލައިލީ ބިސްކޮތަޅަށެވެ. މަޑުމަޑުން އެ ކޮތަޅު ހިއްލައިލިއެވެ. އެއާއެކު ދެ ކޮނޑު އަރުވައިލިއެވެ. ލުއި ހިނިތުންވުމަކާއެކު އަނެއްކާ ވެސް ރިޒުލާގެ ދެ ލޮލަށް ބަލައިލިއެވެ.
ރިޒުލާގެ ލޮލުން ކަރުނަ ހިލެންފެށިއެވެ. އެކަން ނާޝިދަށް ފާހަގަކުރެވުނެވެ.
"އެއްވެސް ބިހެއް ސަލާމަތެއް ނުވި" ނާޝިދު ހީލަމުން ބުނެލިއެވެ. "ފިހާރަ ވެސް ބަންދު ކުރަނީ ދޯ! އަވަހަށް ހިނގާ ބިސް ކޮޅެއް ގަންނަން. އަހަރެން ގަނެދޭނަން"
"ދެން ނުކެރޭނެ" ރިޒުލާ ދެ އަތުގެ އިނގިލިތަކާ ކުޅެމުން ލަދުރަކި ނަޒަރަކުން ނާޝިދަށް ބަލައިލިއެވެ.
"އެބަ އަންނަން" ނާޝިދު ފިހާރައާ ދިމާއަށް ހިނގައިގަތެވެ. "ކިތަކެއް ގެންނަންވީ؟"
ޖަވާބުގައި ރިޒުލާ ދެ އަތުގެ ހުރިހާ އިނގިލިތަކެއް ދައްކައިލިއެވެ.

ރިޒުލާއަށް ވިސްނެމުން ދިޔައީ ނާޝިދާ މެދުގައެވެ. އެނދުގައި ދެ ފަރާތަށް ފުރޮޅިފުރޮޅި އޮވެވުނީ ކިހައި އިރަކު ކަމެއް ޚުދު އޭނާއަކަށް ނޭނގެއެވެ. އެ ހާދިސާގެ ސަބަބުން އޭނާއަށް އެތައް އަސަރުތަކެއް ކޮށްފިއެވެ. އޭނާގެ ހިތުގައި ގިނަވަމުން ދިޔަ ޝަކުވާތަކުގެ މަތިން ހަނދާން ނެތެމުން ދިޔައެވެ. ބިސްކޮތަޅާއެކު ބިންމައްޗަށް ރިޒުލާ ނުވެއްޓުނު ނަމަވެސް ވެސް އޭނާގެ ހިތް ވެއްޓުނެވެ. އެ ހިތުގެ ވިންދުތައް މެހިގެންދިޔައީ ކޮން ހިތަކަށް ކަމެއް ރިޒުލާއަށް ނޭނގުނަސް އޭނާއަށް ޔަގީންވަނީ އޭނާގެ ހިތުގައި އިތުރު ސޫރައެއް ފެވެމުންދާކަމެވެ. ރިޒުލާ މަޑުމަޑުން އެނދުން ތެދުވެ ދެފައި ވަށްކޮށްލައިގެން އެނދުގައި އިށީނެވެ.

ރިޒުލާއަށް ބަލައިލެވުނީ އޭނާގެ ދެ އަތަށެވެ. މަޑުމަޑުން ކަނާއަތަށް ބަލައިލެވުނެވެ. އެ އަތުގެ ހުދު ހަމުގައި ވައަތުގެ ހުދު ހަން ޖައްސައިލިއެވެ. އޭނާއަށް އިހުސާސްކުރެވެމުން ދިޔައީ އެހެން އިހުސާސެކެވެ. ނާޝިދުގެ ހޫނުކަމެވެ. މަޑުމަޑުން ކޯތާފަތުގައި އިނގިލި ޖައްސައިލިއެވެ. ހަނދާނަށް އައީ ނާޝިދުގެ ހޫނު ނޭވާތައް އޭނާގެ ކޯތާފަތަށް އެޅުނު ހަނދާންތަކެވެ. ކުރެވެމުން ދިޔައީ އެ އިހުސާސްތަކެވެ. ރިޒުލާ މަޑުމަޑުން ލޯ މަރައިލިއެވެ. ނޭވާ އެތެރެއަށް ދަމައިލިއެވެ. ހަނދާނުގެ ތަސްވީރުތައް ފަހަނައަޅައި ގޮސް ކުރެވެމުން ދިޔައީ އެ ހިތްގައިމު މީރު ވަހެވެ. ނާޝިދު ޖަހައިގެން ހުރި ސެންޓުގެ ވަހެވެ. އެ ހޫނު ކަމެވެ. ހިތުގައި އެތައް ފަހަރަކު އެއް ހިނދުކޮޅުގެ ފޮޓޯތަކުން ހަނދާންތައް ފުނިޖެހެމުން ދިޔައެވެ.

ރިޒުލާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. މަޑުމަޑުން އެނދުން ތެދުވެވުނެވެ. ދެފަރާތަށް އެނބުރިލިއެވެ. އަނެއްކާ ވެސް އެނދުގައި އިށީނދެލިއެވެ. ބާލީސް ނަގައި ބައްދައިލިއެވެ. ބާރު ބާރަށެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދު އިތުރަށް ބާރުވަމުން ދިޔައެވެ. ސިކުނޑީގައި ގުގުމަމުން ދިޔައީ ނާޝިދުގެ ޖުމުލަތަކެވެ.
"ވަރަށް ރީތި މޫނެއް. ވަރަށް ލޯބި ކުއްޖެއް. މިރަށުގަ ތިކަހަލަ ރީތިކުދިންނެއް ނޫޅޭ. އަދި ބައްދަލުކޮށްލަން ބޭނުން. އަހަރެން އަންނާނަން މާދަމާރޭ ވެސް މިގަޑީ"
ނާޝިދުގެ ޖުމުލަތަކުން އޭނާގެ ސިކުނޑި ތޮރުފެމުން ދިޔައެވެ. އެ ލަފުޒުތަކުން އޭނާގެ އިހުސާސްތައް ކޮޅުން ލަމުން ދިޔައެވެ. ރިޒުލާ އުޅެމުން ދިޔައީ ކުރިން ދުވަހަކު ވެސް އޭނާ ނޫޅޭ ފަދަ ދުނިޔެއެއްގައެވެ. ހުވަފެނީ އާލަމެއްގައެވެ.
"ބުނަންހޭ ކަލާ ވަރަށް ހިތްއެދޭ އެހައި ޗާލޭ..." ރިޒުލާއަށް ދެ ލޯ މަރައިލެވުނެވެ. ހަނދާނުގެ ތަސްވީރުގައި ކުރެހެމުން ދިޔައީ ޅަ އިރުގެ ހަނދާންތަކެވެ.

"ރިޒޫ ކެއީމަ މައުއަށް ފުދޭނެ" ޗޮކުލެޓުގެ އެއްބުރި ދިއްކޮށްލަމުން، ހަ އަހަރަށްދާ، މައުމޫރު ރިޒުލާއަށް ދިއްކޮށްލިއެވެ. "އަހަރެން ބޮޑުވީމަ ވެސް ވާނެ މިހެން ޝެއަރ ކުރަން. ގުރޭޑް 2 އަށް ދިޔައީމަ ރިޒޫ އެހެން ކުލާހަކަށް ނުދާތި އިނގޭ"
"އަން މި ޖޫގޯ މާ މީރު، ރިޒޫއަށް މި ތަށި ދީފައި" ދިހައަހަރަށްދާ މައުމޫރު، އަތުގައި އޮތް ޖޫގޯ ތަށި ރިޒުލާއަށް ދިއްކޮށްލިއެވެ.
"އަން މި ހެޑުސެޓު ޖަހައިފަ އަދި އެއް ފަހަރު މި ލަވަ އަޑު އަހައިލަ ބަލަ" ސަތާރަ އަހަރަށްދާ، މައުމޫރު އަތުގައި އޮތް ހެޑު ސެޓު ރިޒުލާގެ ކަންފަތަށް ހެޔޮވަރު ކޮށްލަމުން ހިނިތުންވެލިއެވެ.
ރިޒުލާގެ ވާހަކަތަކަށް ގެއްލިފައި އިން ނުހާއަށް ހޭވެރިކަންވީ ފޯނު ރަނގަބީލުވާން ފެށީމައެވެ.
"އޭރު ހަވީރު އައި ގޮތަށް މި ތިބީ އަތިރިމަތީ! މި ދަނީ ދާން ދެން" ރިޒުލާ ޖަވާބު ދިނީ ފޯނަށެވެ.
"ދާންވީދޯ! ލައްކަ ވާހަކަ ދެއްކިއްޖެދޯ؟" ނުހާ ކޮޅަށް ތެދުވަމުން ހިނިތުންވެލިއެވެ. އެއާއެކު ދެމީހުން ހިނގައިގަތެވެ.
"އާން ހިނގާ"
"އަސްލު ކީއްކުރާ ގަލެއް އެ ހުރީ އެތަނުގައި" ކަމެއް ހަނދާންވުމުން ސުވާލުކޮށްލާ ފަދައިން ނުހާ ސުވަލުކޮށްލިއެވެ.

(ނުނިމޭ)
ހިޔާލު

ނުހާ

އެ ކޮން ގަލެއްތަ... މަ އެޔެއް ބަލަން އުޅޭތާ ލައްކަ ޒަމާންވެއްޖެ