Jazeera Vantha Veveynee Rahrashuge Fuhdhuntherikan Ithurukohgen: Raees
image
0 ކޮމެންޓް
 

ޖަޒީރާ ވަންތަވެވޭނީ ރަށްރަށުގެ ފުއްދުންތެރިކަން އިތުރުކުކޮށްގެން: ރައީސް

ޖަޒީރާ ވަންތަކޮށް ދިވެހިރާއްޖެ ތަރައްގީކުރެވޭނީ، ދިވެހިރާއްޖޭގެ ރަށްރަށުގެ ފުއްދުއްތެރިކަން އިތުރުކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އައިލެންޑް އެމްވީ، ވެބް ޕޯޓަލް އިފްތިތާހު ކުރުމަށް ހުޅުމާލޭ ޝުވެކު ސިނަމާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަކަމަށެވެ. އަދި އެކަން ތައްގީ ކުރުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ރަށްރަށުގެ ފުއްދުންތެރިކަން އިތުރުކޮށްގެން ނޫނީ، ޖަޒީރާ ވަންތަކޮށް ދިވެހިރާއްޖެ ތަރައްގީނުކުރެވޭނެކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ރަށްރަށް ހިންގުން ކައުންސިލްތަކާ ހަވާލުކުރުން، ބާރުތައް ދޫކޮށްލުން. އެގޮތުން އެރަށުގައި ހިންގާ ވިޔަފާރިތަކާއި އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކުރުމާއި ޚިދުމަތްތައް ދިނުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލުން. އެގޮތުން މިރޭ މިހުޅުވުނު "އައިލެންޑްސް ޑޮޓް އެމްވީ" ޕޯޓަލް މެދުވެރިކޮށް އެރަށަކާ ބެހޭ މައުލޫމާތު ޕްރޮމޯޓްކޮށް، މައުލޫމާތުތައް ހިއްސާކުރުމުގެ ބާރު އަޅުގަނޑުމެން މިދޫކޮށްލަނީ ކައުންސިލްތަަކަށް" ރައީސް ވިދާޅުވިއެވެ.

މިއަދު އަލަށް ތައާރަފު ކުރި ވެބް ސައިޓަކީ ދިވެހިރާއްޖޭގެ ވަކިވަކި ރަށްރަށުގެ މައުލޫމާތު ހިމެނޭ ވެބްސައިޓެކެވެ. މި ވެބްސައިޓުގެ ބޭނުން ފަތުރުވެރިންނާއި ދިވެހިންނަށްވެސް ހިފޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. ވެބްސައިޓު ލިބޭ މައުލޫމާތު ކައުންސިލްތަކުން ރަށްރަށުގެ ތަރައްގީގެ މަޝްރޫތަކުގައި ބޭނުންކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އައިލެންޑްސް.އެމްވީ" އަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރައްވަން ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރެއިން، ލާމަރުކަޒީ ނިޒާމުގެ ދާއިރާއަށް އަމާޒުކުރައްވާފައިވާ ވައުދުގެ ދަށުން، ރަށު ކައުންސިލްތަކުން ބޭނުންކުރުމަށްޓަކައި ފަރުމާކޮށްފައިވާ ވެބް ޕޯޓަލްއެކެވެ.

އައިލެންޑްސް.އެމްވީ އިން ރަށުގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާއި، ރަށުން ލިބެން ހުންނަ ހުރިހާ ހިދުމަތްތަކެއްގެ މައުލޫމާތު އެއްތަނަކުން ލިބި، ރަށު ކައުންސިލްތައް މެދުވެރިކޮށް ހުރިހާ ދާއިރާއަކުން ރަށާބެހޭ މައުލޫމާތު އިސްތިހާރު ކުރެވޭނެ ފުރުސަތު ފަހިވެގެން ދާނެއެވެ. މިގޮތުން، އެރަށަކަށް ލިބިފައިވާ ހާއްސަ ކަންކަމާއި، ރަށުގައި ލިބެންހުރި ވަސީލަތްތަކާއި، ރަށުގެ އިޤްތިސާދާ ބެހޭ މައުލޫމަތު ފޯރުކޮށްދޭނެ ޑިޖިޓަލް ފްރަންޓް އޮފީހެއްގެ ގޮތުގައި މި ވެބް ޕޯޓަލް ބޭނުން ކުރެވޭނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހިޔާލު