Maalee baaruverikan dhinumah atholhu fihaarathah eyge hahguverinnah dhookohlaa
image
1960 ގައި އަތޮޅުތަކަށް ދޫކުރެވުނު އަތޮޅުފިހާރަބަރި: އެފިހާރަތަކަކީ އަތޮޅުތަކުގެ މީހުންގެ މިލްކެއް--
އާދަމް ޝަރީފް، ނެއްލައިދޫ
3 ކޮމެންޓް
 

މާލީ ބާރުވެރިކަން ދިނުމަށް އަތޮޅު ފިހާރަތައް އޭގެ ހައްގުވެރިންނަށް ދޫކޮށްލާ

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ފާސްވެ އިހުގައި ރަށްރަށާއި އަތޮޅުތައް ހިންގަމުން އައި ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތައް އުވި އެ އޮފީސްތަކުގެ ޒިންމާއާއި މަސްއޫލިއްޔަތާއި މުދަލާއި އެހެނިހެން ވަސީލަތްތަކުގެ މިލްކުވެރިކަން ވަނީ އެ ރަށެއް ނުވަތަ އެ އަތޮޅެއް ނިސްބަތްވާ ކައުންސިލްތަކަށް ޤާނޫނީގޮތުން ބަދަލުވެފައެވެ. އެފަދަ ތަންތަނުގެ ރަޖިސްޓަރީތައް ކައުންސިލްތަކުގެ މައްޗަށް ހެދިގެން ދިޔައިރު މާލޭގައި ހުރި އަތޮޅު ފިހާރަތަކަށް ވީގޮތެއް އެއްވެސް ފަރާތަކަށް ވަނީ ނޭނގިފައެވެ. ފުރަމާލޭގެ ބިން ފުރި، ބިމުގެ އަގުއުފުލި ބިން ރަނަށް ވީ ދުވަހު އަތޮޅު ތެރޭގެ ރައްޔިތުންގެ ބުރަ މަސައްކަތުން ދާ އޮހޮރައިގެން އުފެއްދި ވިޔަފާރި އާއި މިލްކިއްޔާތު ވަނީ އެ ރައްޔިތުންގެ ކިބައިން އެއްކިބާކުރެވިފައެވެ. އިންސާފު ހޯދައިދިނުމަކީ ރިޔާސީ ވަޢުދުގެ އެންމެ އިސް ވަޢުދުގެ ގޮތުގައި ޤަރާރުކުރެވިގެން އުފެއްދި ސަރުކާރުން، އަތޮޅު ތެރޭގެ ރައްޔިތުންގެ ކިބައިން އެއްކިބާކުރެވިފައިވާ އަތޮޅު ފިހާރަތައް އަނބުރާ އިޢާދަކޮށް އިންސާފު ޤާއިމުކޮށްދިނުމަކީ ކޮންމެހެން ކޮށްދޭން ޖެހޭ ކަމެކެވެ. އެއީ އަތޮޅުތެރޭގެ ރައްޔިތުންގެ ވަރަށް ބޮޑު ޙައްޤެއް ކަމަށް ދެކެމެވެ.
އަތޮޅު ފިހާރައިގެ ތާރީޚު

އަތޮޅު ފިހާރަތަކުގެ މަސައްކަތަކީ އަޅުގަނޑުމެންގެ ހަޔާތަށްވުރެ ކުރިން ހިނގާފައިވާ ކަމަކަށްވާތީ، އެ ވިޔަފާރިއާއި ބިމުގެ ޙަޤީޤަތްތައް ވަނީ މިއަދު ޤައުމުގެ މަސްޢޫލިއްޔަތްތަކާއި ޙަވާލުވެ ތިއްބެވި ޒުވާން ހިންގުންތެރިންނަށް އެނގިވަޑައިނުގަންނަވާ އާ މައުލޫމާތަކަށް ވެފައެވެ. ވުމާއެކު ތާރީޚަށްޓަކައި އެ މަޢުލޫމާތުތައް އަރުޝީފުކޮށް އާއްމުކުރުމަކީ، އަންނަން އޮތް ޖީލަށް އެ ކަންކަން ފޯރުކޮށް އަތޮޅު ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމަށް މިއަދު އަޅުގަނޑުމެންގެ މައްޗަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އަތޮޅު ފިހާރަތަކާއި ގުޅޭގޮތުން ތާރީޚު ލިޔުންތެރިޔާ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވައެވެ.

"އަތޮޅުފިހާރަތަކުގެ ނަމުން ފިހާރަ ފައްޗެއް އިމާރާތްކުރަން ފަށައިފިއެވެ. ފެށި ތާރީޚެއް ނޭނގުނެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކަށް ފިހާރައެކެވެ. މިހާރުގެ ބޮޑުތަކުރުފާނު މަގުން ފެށިގެން ހަވީރީ ހިނގުމާއި ދޭތެރޭގައި އުތުރުން ދެކުނަށެވެ. މީގައި ހުރިހާ އަތޮޅެއް ހަމަވީމާ ދެން ކެރިކުޅަދާނަ ވެގެންވީ ކޮންމެ މީހަކަށް ފިހާރަ ދިނީއެވެ. ހަދަން ޖެހެނީ އެއް މޮޑެލަށެވެ. ދެބުރިއަށެވެ. މި ފަތި ވަރަށް ދިގުވިއެވެ. ގާތްގަޑަކަށް މީރުބަހުރު މުއްޔާއި ހަމައަށް ގޮސްފައި އޮވެއެވެ. މި ފިހާރަތައް ވަރަށް ފޯރިގައި ހަދައި ނިންމާލިއެވެ. ކޮންމެ ފިހާރައެއްގެ އުތުރު ފަރާތުގައި ހަތަރު ފޫޓަށްވުރެ ފުޅާ ތަޅުންގަޑެއް އޮވެއެވެ."

އަތޮޅު ފިހާރަތައް ހުޅުވި ތާރީޚު ކަމަށް ޢަބްދުޙަކީމް ޙުސައިން މަނިކު ލިޔުއްވަނީ 1962 ވަނަ އަހަރުގެ އޮކްޓޫބަރ 01 ވަނަ ދުވަހެވެ. އަތޮޅު ފިހާރަތައް ކުއްޔަށް ދެއްވައިގެން ލިބޭ އާމްދަނީގެ ފަންސާސް އިންސައްތަ އަތޮޅު ފިހާރަ ނިސްބަތްވާ އަތޮޅު ރައްޔިތުންގެ މާލިއްޔަތަށް ދެމުން އައިސް އެކަން ހުއްޓިފައި އޮވެގެން، އަތޮޅު ފިހާރައިގެ މަސައްކަތްތައް ހިންގުނުގޮތް ދާޚިލީ ވުޒާރާއިން ވަރަށް ބޮޑަށް ދިރާސާ ކުރައްވާ ތަފްޞީލު ސިޓީއެއް މާލީ ވަޒީރަށް ފޮނުއްވާފަވެއެވެ. އެ ސިޓީގައި އަތޮޅު ފިހާރަތަކުގެ ފައިސާއާއި، ރަށްރަށުގެ ރައްޔިތުންނަށް ޖަމާކޮށް ދެމުން އައި އެހެނިހެން ފައިސާ އަލުން ޖަމާކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ. އެއީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހެވެ. މިނިސްޓަ އޮފް ހޯމްއެފެއަރޒް ސޮއިކުރައްވާ މިނިސްޓަ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުއްވި މި ދެންނެވި ސިޓީގައި އަތޮޅު ފިހާރަތައް ހިންގަން ފަށާފައިވާކަމަށް ބަޔާންކޮށްފައިވަނީ 26 އޯގަސްޓް 1962 އެވެ.

"ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ 1" މި ފޮތުގައި، އެ ސާސްކަފުގައި ހިނގައިދިޔަ ކަންތައްތައްވަނީ އަރުޝީފް ކޮށްފައެވެ. އެ ފޮތުގައި ލިޔެފައި އޮވެއެވެ. "1 އޮކްޓޫބަރ 1962 (2 ޖުމާދަލްއޫލާ 1382) ހޯމަ ދުވަހު ކޮންމެ އަތޮޅަކުން އަތޮޅު ފިހާރައެއް މާލޭގައި ވަގުތީ އިމާރާތެއްގައި ހުޅުވި ހިންގަން ފެށުނެވެ. މާލޭން އުތުރުގެ ހުރިހާ އަތޮޅެއްގެ އަތޮޅު ފިހާރަ ހުޅުވުނީ ނ އަތޮޅު ފިހާރައިގަ އެވެ. މާލެއިން ދެކުނުގެ ހުރިހާ އަތޮޅެއްގެ ހުރިހާ ފިހާރައެއް ހުޅުވުނީ ވ. އަތޮޅު ފިހާރައިގަ އެވެ."

އަތޮޅު ފިހާރަތަކުގެ ބިން ހިއްކުން

މާލޭގައި ހުރި އަތޮޅު ފިހާރަތައް، އިމާރާތްކޮށް އަތޮޅު ފިހާރަތައް ފުރަތަމަ ހިންގަން ފަށާފައިވަނީ، އަތޮޅު ފިހާރަތައް މިހާރު އެހުރި ސަރަހައްދުގެ އެއްގަމުގައި އަތޮޅު ފިހާރަތަކުގެ ގުދަންތައް ކުރިން ހުރި ސަރަހައްދު މޫދުގެ ގޮތުގައި އޮއްވައި އޭރުގެ ވުޒާރަތުއް ދާޚިލިއްޔާ އިން އަތޮޅުތަކުގެ ރައްޔިތުންގެ ނަމުގައި އަތޮޅުފިހާރަތައް އިމާރާތް ކުރުމަށްޓަކައި ބިން ހިއްކަން ދެއްވުމުން އެ ބިންތައް ހިއްކުމަށް ފަހުގައެވެ. އަތޮޅުތަކުގެ ރައްޔިތުން މާލެއައިސް ފޯރިއާއި ޖޯޝްގައި އެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ އެމަސައްކަތްކުރި އަތޮޅުތެރޭގެ ގިނަ ރައްޔިތުންތަކެއް މިއަދުވެސް ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި އެބަ ތިއްބެވެ.

މާލޭން ބިންހިއްކައިގެން އަތޮޅުތަކުގެ ރައްޔިތުންގެ ނަމުގައި މާލޭގައި ފިހާރަ އިމާރާތްކުރުމުގެ ބޭނުމަކީ، އަތޮޅު ތެރޭގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ވަސީލަތެއް ނެތުމާއެކު، މާލޭގައި އަތޮޅުތަކުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ މަސައްކަތަކަށް އިންވެސްޓްކުރުމެވެ.

އަތޮޅު ފިހާރަ ހެދުމަށްޓަކައި ކޮންމެ އަތޮޅެއްގެވެސް ރައްޔިތުން ފުރަތަމަ ކުރި މަސައްކަތަކީ މިހާރު އަތޮޅު ފިހާރަތަކުގެ އެއްގަމަށް އޮތްބައި ހިއްކީއެވެ. އެއީ ފިހާރަތަކުން ގުދަނުގެ ގޮތުގައި ބޭނުންކުރި ބައެވެ. ފުރަތަމަ ފިހާރަ ހެދީ ގުދަންތައް ހުރި ބިމުގައެވެ. އަތޮޅު ފިހާރަތަކާއި ދިމާއިން ނުހިކި މޫދަށް އޮތްބައި ހިއްކީ އަތޮޅު ފިހާރަތަކުން ނެރުނު މީހުން ލައްވައެވެ. ވުޒާރަތުއް ދާޚިލިއްޔާއިން ހަމަޖައްސަވައިގެން މި މަސައްކަތް ކޮށްފައިވާކަމަށް މިނިސްޓްރީ ހޯމްއެފެއަރޒުގައި އަރުޝީފު ކޮށްފައިވަނީ 22 ނޮވެމްބަރ 1963 ކަމަށެވެ. މި ބިން ހިއްކުމަށްފަހު މިހާރު ފެންނަން އެހުރި ގޮތަށް އެއް ފަރުމާއަކަށް އަތޮޅު ފިހާރަތައް އެ އަތޮޅެއްގެ ރައްޔިތުންގެ މާލިއްޔާއިން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ފިހާރަތައް ހަދައި ފަހަތުބައި އެއީ ފިހާރައިގެ ގުދަނުގެ ގޮތުގައި ބޭއްވީއެވެ.


އަތޮޅުފިހާރައިގެ ވިޔަފާރީގައި ސަރުކާރު ބައިވެރިވުން

އަތޮޅު ފިހާރަތައް އިމާރާތްކޮށް، ފިހާރަތައް ހުޅުވައި ވިޔަފާރި ކުރަންފެށި ވިޔަފާރި ހިނގައިގަތުމުން ސަރުކާރުންވެސް އަތޮޅުތަކުގެ ވިޔަފާރީގައި ބައިވެރިވުމަށް ބޭނުން ވެއްޖެއެވެ. މިހެންވެ 29 ޖެނުއަރީ 1963 (3 ރަމަޟާން 1382) ވީ އަންގާރަ ދުވަހު، އަތޮޅު ފިހާރަތަކުގެ ރައުސުލްމާލުގެ ދެބައިކުޅަ އެއްބައިގައި ސަރުކާރުން ބައިވެރިވުމަށް ދައުލަތުން ނިންމެވިއެވެ. މިގޮތުން ސަރުކާރުން ބައިވެރިވުމަށް ނިންމީ މާލޭގައި ހުރި ހުރިހާ އަތޮޅު ފިހާރަތަކުގަ އެވެ. އަތޮޅު ތެރޭގައި އަތޮޅު ރައްޔިތުން ކުރަމުން ދިޔަ ވިޔަފާރިތަކުގައި ސަރުކާރުން ބައިވެރިއެއް ނުވެއެވެ. ސަރުކާރުން މިގޮތަށް ނިންމެވުމާއި ގުޅިގެން ބިމާއި އިމާރާތް ފިޔަވައި، ފިހާރައިގައި ހުރި މުދާ އަގުކޮށް، އެ މުދަލުގެ ދެބައިކުޅަ އެއްބައި ސަރުކާރުން އަތޮޅު ފިހާރަތަކަށް ދެއްވިއެވެ. މި ގޮތަށް ސަރުކާރުން މި ވިޔާފާރީގައި ބައިވެރިވުމުން އަތޮޅު ރައްޔިތުންގެ ނަމުގައި ކުރަމުން ދިޔަ ވިޔަފާރީގެ ފައިދާގެ 50 އިންސައްތަ ހިއްސާ އޮތީ އަތޮޅު ރައްޔިތުންނަށެވެ.

އަތޮޅު ފިހާރަތަކުގެ ވިޔަފާރީގައި ސަރުކާރު ބައިވެރިވެ ވިޔަފާރީގައި ހަމަހަމަވާގޮތަށް ވިޔަފާރިކުރި ނަމަވެސް އަތޮޅު ފިހާރަ ހުރި އިމާރާތާއި އެ ބިމަކީ، އަތޮޅުތަކުގެ ރައްޔިތުންގެ އެއްޗެކެވެ. އެ އިމާރާތާއި ބިމުން ލިބޭ އާމްދަނީއަކީވެސް އަތޮޅުތަކުގެ ރައްޔިތުންގެ 100 އިންސައްތަ ހިއްސާއޮތް އެ ރައްޔިތުންގެ އެއްޗެކެވެ. އެހެންނަމަވެސް، އަތޮޅު ފިހާރަތަކުގެ ގުދަނުގެ ގޮތުގައި ބޭނުން ކުރި އަތޮޅު ފިހާރައިގެ ބިން ފިހާރަތަކުން ވަކިކޮށްލެއްވުމަށްފަހު ސަރުކާރުން ވަނީ އެ ބިންތައް ކުއްޔަށް ދެއްވާފައެވެ. އެ ގުދަންތަކުގެ ބިންތައް ސަރުކާރުން ކުއްޔަށް ދެއްވައިގެން ލިބުނު އެއްވެސް ފައިސާއެއް އަދި މިހާތަނަށް އަތޮޅު ރައްޔިތުންގެ މާލިއްޔަތަށް ނުދެއްވާކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުއްވި ސިޓީގައި ލިޔުއްވާފައި ވެއެވެ.

މިހާ ހިސާބުން ތަފާތު މައްސަލައެއް އެބަ ފެންމަތިވެއެވެ. އެއީ އަތޮޅު ފިހާރަ ހުރި އިމާރާތުގައި ކުރަމުން ދިޔަ އަތޮޅު ވިޔަފާރި ހުއްޓި އެ އިމާރާތް ކުއްޔަށް ދިނުމުން އެ ކުލީގެ ދެބައިކުޅަ އެއް ބައި ދައުލަތަށް ނަގަނީ ކީއްވެތޯއެވެ؟ އަތޮޅު ފިހާރައިގެ ގުދަން، ފިހާރައާއި ވަކި ކުރެއްވީ ކޮންގޮތަކުންތޯއެވެ؟ އަދި ގުދަނުގެ ކުލި ސަރުކާރަށް ނަގަނީ ކޮން ހަމައަކުންތޯއެވެ؟ މިއީ ޖަވާބު ބޭނުންވާ ސުވާލުތަކެކެވެ.

މިއަދު މާލޭގެ ބިމަކީ ރަނެވެ. އަތޮޅު ފިހާރަތަކުގެ ބިމަކީ އަތޮޅުތެރޭގެ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ތަރައްޤީކޮށް ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އޮތް އެންމެ ބޮޑު ވަސީލަތެވެ. އަތޮޅު ފިހާރަތަކެކޭ އެއްފަދައިން މީސްމީހުން އަމިއްލައަށް ހިއްކާ އިމާރާތްކުރި ބިންތައް ވަނީ އެ މީސްމީހުންގެ ތަރިކައަށްވެ އެ މީސްމީހުންގެ ނަންމައްޗަށް ރަޖިސްޓަރީ ކޮށްދެއްވާފައެވެ. އެކަމަކު އަތޮޅުތަކުގެ ހުރިހާ ރައްޔިތުންގެ ޙައްޤުތައް މިވަނީ ހިފެހެއްޓިފައެވެ. މީގެ 56 ވަރަކަށް އަހަރުކުރިން ހިއްކާ އިމާރާތްކުރި އިމާރާތް އެ ރައްޔިތުންގެ އަތުން އެއްކިބާކޮށް، އިމާރާތަށް އެއްވެސް ކުރިއެރުމެއް، އާބާތުރަ ފިލުވުމެއް ނުގެނެސް އަދި އިމާރާތް އިތުރަށް ތަރައްޤީކޮށް މަތިމައްޗަށް ނަގާ މިލިއަން ރުފިޔާގެ އާމްދަނީ އަތޮޅު ރައްޔިތުންނަށް ލިބެން އޮތް ރައުސުލްމާލަށް މި ވަނީ ވަރަށް ބޮޑު އިހުމާލެއް ވެވިފައެވެ. މި އިހުމާލުގެ ޒިންމާ އުފުލާނީ ކޮންފަރާތަކުންތޯއެވެ؟ އަތޮޅު ފިހާރަތަކާއި ގުދަން ހުރި ބިންތައް އަތޮޅުތަކުން ތަރައްޤީކޮށް އާމްދަނީ ހޯދުމަށް ދޫކޮށްލާނީ ކޮން ދުވަހަކުންތޯއެވެ؟
ހިޔާލު

އޭޖޭޖޭ

އަތޮޅުފިހާރަތައް މާލެއައް ދޫކޮށްލާބަލަ އެއާއިކު އޮށްމެއަތޮޅަކުން އެއަތޮޅެންގައި ހުންނަރިސޯޓުތަކުށް ފައިދާ ހޯދަބަލަ!!!!!!!!!!!!!!!!!!!!!!!!!!!!!!

މޮޔަފައިދާ

ކޮބާ އަތޮޅުތަކު ކުދިން؟ އަވަހައް އަލިފުދާލައްދޭ މިމައްސަލަ ހިފައިގެން. މިގައުމުގެ ކޯޓަކުން އިންސާފެއް ނުލިބޭނެ. ސަރުކާރުން ތިޔޮތީ ގައްދާރުވެފައި

ކުޑައަލީ

މައުމޫނުގެ ސަރުކާރުގެ ދުވަސްވަރު އަތޮޅު ފިހާރަތަކުގެ ކުލީގެ ގޮތުންގައި ކޮންމެވެސް ޕަސެންޓެއް އަހަރަކު އެއްފަހަރު އެމް.އެމް.އޭގައި އޮންނަ އަތޮޅު އެކައުންޓަށް ޖަމާކޮށްދިން. އެކަމު މައުމޫނުގެ ސަރުކާރު ބަދަލުވެ އެޓޮލްސް މިނިސްޓްރީ އުވާލާ ނަސީދުގެ ވެރިކަމާ ހަމައިން އެކަން ވީނުވީއެއް ނޭނގި ގެއްލިއްޖެ.