Innamaadhoon current kendi, kanu andhireegai!
image
ބަޔަކު އިންނަމާދޫ މަގުމަތީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ކިޔުންތެރިއެއް
1 ކޮމެންޓް
 

އިންނަމާދޫން ކަރަންޓް ކެނޑި، ކަނު އަނދިރީގައި!

ރ. އިންނަމާދޫ އަަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ހައްލެއް ނުހޯދިގެން އުޅެނިކޮށް، އެ ރަށުގައި ހުރި އިންޖީނު ހަލާކުވެ މިއަދު ހަވީރުން ފެށިގެން މުޅި ރަށުން ކަރަންޓް ކެނޑިއްޖެ އެވެ.
އިންނަމާދޫ ކައުންސިލް ރައީސް މޫސާ މިއާޒް "ސީއެންއެމް" އަށް ވިދާޅުވީ، މިއަދު ހަވީރު 4:00 ހާއިރު، އިންޖީނު ހަލާކުވުމުން މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި ހޫނު ގަދަ ދުވަސްކޮޅަކަށް ވުމުން، ކަރަންޓް ކެނޑުމުން ރަށުތެރޭގެ ހާލަތު ވަރަށް ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އުއްބައްތި ދިއްލައިގެން މިތިބީ. ހޫނުގަދަވުމުން ގޭތެރޭގައި ތިބެވޭ ވަރެއް ނުވޭ. ގިނަ މީހުން ކުޑަކުދިން ގޮވައިގެން ނިކުމެ މަގުމަތީގައި ތިބީ،" މިއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުން ކަރަންޓް ކެނޑޭތާ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ކަމަށް އެއްވެސް ހައްލެއް ނުލިބި އުޅެނިކޮށް، ރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރި ޖަނަރޭޓަރު މިއަދު އެއްކޮށް ހަލާކުވީ ކަމަށް މިއާޒް ވިދާޅުވި އެވެ.

"ތިން ޖަނަރޭޓަރު ހުންނައިރު ކުރިން ކުރީ ދެ ޖަނަރޭޓަރު ހަލާކުވެފައި. ކަރަންޓް ދެމުން ދިޔައީ އެއް ޖަނަރޭޓަރުން. އެ އަށް މައްސަލަ ޖެހިގެން، ވަކިގަޑިތަކުގައި ކަނޑަމުން ކަރަންޓް ދޭތާ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މިއަދު އެއްކޮށް އެ ޖަނަރޭޓަރު ވެސް މި ހަލާކުވީ،" މިއާޒް ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން ފެނަކައިގެ އެމްޑީ ހައުމަދު ސައީދޫ "ސީއެންއެމް" އަށް ވިދާޅުވީ އެ ރަށަށް އާ ޖަނަރޭޓަރެއް މާލެ އިން ފޮނުވަން ދޯންޏަށް ބަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިރޭ ފަތިހު އެ ދޯންޏަށް މާލޭން ނައްޓާލެވޭނެ ކަމަށާއި، އެ ރަށަށް ޖަނަރޭޓަރު ގެންދެވޭތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަރަންޓް ދޭން ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ކެތްތެރި ވުމަށް އަޅުގަނޑު އެދެން. އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް [މައްސަލަ ހައްލު ކުރުމަށް] ކުރަމުން މި ގެންދަނީ. މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ވެސް އަޅުގަނޑު ޝުކުރު އަދާކުރަން،" ސައީދު ވިދާޅުވި އެވެ.
ހިޔާލު

ޢަހުމަދު

އަދިވެސް ފެނަކަ އޮޕަރޭޝަންސް އެންޑް ސާވިސް ޑިޕާޓްމަންޓް ޓެކުނިކަލް ގޮތުން ތަންދޮރު ނޭގޭ މީހަކާ ހަވާލު ކޮށްގެން ތިބޭ. ފެނަކަ ހަރުދަނާ ކުރަން ފެނަކައަށް ތަޖުރިބާ ހުރި މުވައްޒަފުން ބޭނުން.