Etherekuri mudhaa madhuve, aamdhanee dhahvehje
image
މާލެ ކޮމާޝަލް ހާބަރުގައި ކޮންޓޭނަރުތަކެއް--- ފޮޓޯ: ސަން
1 ކޮމެންޓް
 

އެތެރެކުރި މުދާ މަދުވެ، އާމްދަނީ ދަށްވެއްޖެ

ނިމިދިޔަ މާޗް މަހު ރާއްޖެ އަށް އެތެރެކުރި މުދާ މަދުވުމުން، ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށްވެއްޖެ އެވެ.
ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާޗް މަހު ރާއްޖެ އަށް އިމްޕޯޓްކުރި މުދަލުގެ އަގު ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ނުވަ ޕަސެންޓް ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ މަހު އެތެރެކޮށްފައިވަނީ 4.1 ބިލިޔަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ މާޗް މަހު އެތެރެކޮށްފައި ވަނީ 4.5 ބިލިޔަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓް ދަށްވުމުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ހަތަރު އިންސައްތަ ދަށްވެފަ އެވެ. އެގޮތުން މިދިޔަ މަހު ދައުލަތަށް 267 މިލިޔަން ރުފިޔާ ލިބުނު އިރު، އޭގެ ކުރީ އަހަރުގެ މާޗް މަހު ލިބިފައިވަނީ 277 މިލިޔަން ރުފިޔާ އެވެ.

އިމްޕޯޓާއި އާމްދަނީ ދަށްވި ނަމަވެސް އެކްސްޕޯޓް ކުރި ވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު އޭގެ ކުރީ އަހަރުގެ މާޗް މަހާ އަޅާ ބަލާއިރު 39 ޕަސެންޓް އިތުރަށް މުދާ ބޭރުކޮށްފައި ވެއެވެ. އެގޮތުން މިދިޔަ މަހު 341 މިލިޔަން ރުފިޔާގެ މުދާ ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭރުކޮށްފައި ވަނީ 246 މިލިޔަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ސިންގަޕޫރާއި، ޔޫއޭއީ އަދި ޗައިނާ އިންނެވެ. އެގޮތުން ސިންގަޕޫރުން 16 ޕަސެންޓްގެ މުދާ އެތެރެކުރި އިރު، ޔޫއޭއީން 15 ޕަސެންޓް އަދި ޗައިނާ އިން 12 ޕަސެންޓް މުދާ އެތެރެކުރި އެވެ.

ރާއްޖޭން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑާއި ޖަރުމަނު އަދި ފްރާންސަށެވެ. އެގޮތުން ތައިލޭންޑަށް 48 ޕަސެންޓް، ޖަރުމަނަށް 10 ޕަސެންޓް ބޭރުކުރި އިރު ފްރާންސަށް ބޭރުކޮށްފައިވަނީ ނުވަ ޕަސެންޓެވެ.
ހިޔާލު

އަހުމަދު އިބްރާހިމް މަނިކު

މުދާ އެތެރެވުން މަދުވަނީއޭ ބުނުން މުޅިން ރަނގަޅެއް ނޫނެވެ. ވިޔަފާރި ބޭނުމަށް އެތެރެ ކުރެވޭ މުދާ ޑިކްލެޔަރ ކުރަން މަޖުބޫރުވާނެ ގޮތަށް ޤާނޫނު ބަދަލު ކުރަން ޖެހެއެވެ. މާނައަކީ ވިޔާފަރި ބޭނުމަށް ގެންނަ މުދާ އަމިއްލަ ބޭނުމަށޭ ކިޔާ އެތެރެކޮށް ފިހާރަތަކުގައި ވިއްކަން ބަހައްޓާ މައްސަލަ ހައްލު ނުކޮށް އާމްދަނީ ރަނގަޅު ނުކުރެވޭނެއެވެ. ފިހާރައެއްގައި ކަސްޓަމްސް އަށް ފޯމް ހުށަނާޅާ އެތެރެކޮށްފައިވާ މުދާ ފެނިއްޖެ ނަމަ ބޮޑު ޖޫރިމަނާ އެއް އަންނަ ގޮތަށް މީރާއަށް ބާރުތައް ދީފި ނަމަ ވަރަށް ބޮޑުތަނުން މިކަން ރަނގަޅުކުރެވިދާނެ ކަމަށް ޤަބޫލުކުރަމެވެ،