Beyru meehunnah bin amilla nukurevey gothah Majleehun faaskoffi
image
މުހައްމަދު ފަތުހުﷲ
2 ކޮމެންޓް
 

ބޭރު މީހުންނަށް ބިން މިލްކު ނުކުރެވޭ ގޮތަށް ފާސްކޮށްފި

ބޭރުގެ މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލް ކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ރާއްޖެއިން ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކު ނުކުރެވޭގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުން ނެވެ.

މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން އެބިލް ދިރާސާ ކުރުމަށްފަހު ނިންމާފައިވަނީ ވެސް ބޭރު މީހުންނަށް ބިން މިލްކު ނުކުރެވޭ ގޮތަށެވެ.

ބޭރު މީހުންނަށް ބިން ގަނެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 22 ޖުލައި 2015 ގައެވެ.

އެއީއޭރު، ސަރުކާރުން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގާނޫނުގެ ދަށުން ބޭރު މީހުންނަށް ބިން މިލްކުރެވޭ ގޮތަށް ހަދަން ކުރި މަސައްކަތުގެ ދަށުން ގެނެސްފައިވާ ބަދަލެކެވެ.

އޭރު ސަރުކާރުން ވަނީ، ސައުދީ ރަސްގެފާނުގެ އާއިލީ މަސްލަތު އޮންނަ ބަޔަކަށް ފ. އަތޮޅު ވިއްކާލުމުގެ މަސައްކަތްވެސް ކޮށްފަ އެވެ.

ގާނޫނު އަސާސީއަށް ޕީޕީއެމްއިން ގެނެސްފައިވާ އެ އިސްލާހު ބާތިލް ކުރަން، ރައީސް ޔާމީންގެ ސަރުކާރުން ނިންމެވީ މިދިއަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ޔާމީންގެ ސަރުކާރަށް ނާކާމިޔާބު ވުމާއި ގުޅިގެންނެވެ. އެ އިސްލާހު ބާތިލު ކުރަން ހުށަހެޅުއްވީ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ. ކޮމެޓީ ރިޕޯޓް މަޖިލީހަށް މިއަދު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ އިސްލާހު ބާތިލް ކުރައްވާނެ ކަމަށެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ރައީސް ޔާމީންގެ ސަރުކާރުގެ ގެނައި ބަދަލުގައި ބުނެފައިވަނީ، ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކު ކުރެވޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ކުރިން ބުނެފައި އޮންނަނީ "ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ "އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައި ވޯޓުން ނެވެ. އެއީ މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓުން ނެވެ.

ނަމަވެސް މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި 19 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސަރުކާރު ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީން ވަނީ 65 ގޮނޑި ކަށަވަރުކޮށްފަ އެވެ. އެއީ 87 މެމްބަރުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެވެ. ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ 66 މެމްބަރުންގެ އަޣްލަބިއްޔަތުން ވިޔަސް ގާނޫނުއަސާސީއަށް ބަދަލެއް ގެންނަންވިޔަސް އެމްޑީޕީއަށް ވަރަށް ބޮޑު ފުރުސަތު ވަނީ ލިބިފަ އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް މިމަހުގެ ނިޔަލަށް ނިމޭއިރު، މަޖިލިސް އެއްމަސް ދުވަހުގެ ޗުއްޓީއަށްފަހު ދެން ހުޅުވޭއިރު ހިނގަމުންދާނީ 19 ވަނަ ރައްޔިތުންގެ މަޖިލީހެވެ.
މަޖިލިސް ސަރުކާރު
ހިޔާލު

މަންމާފުޅު ޓިނުއްޓޭ


މި އިސްލާހަކީ 2015 ވަނަ އަހަރު ވިލިމާލޭ ދާއިރާ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހެއް، އެދުވަހު މިއިސްލާހު ފާސްކުރަން ބޮޗޭމެން މަޖިލިސްތެރޭ ލެވިހަޅޭކާ ޖެއްސިވައްތަރު އެހުރީ ރެކޯޑުކުރެވިފަ. އަދި ސެޒް ފާސްކުރެވުމުން ހަވާއަރުވާހެދި ހަނދާނެއް ދިވެހިރައްޔިތުން ނުނެތޭ އިނގޭތޯ ބޮޗޭ. މިކަމަކީވެސް އެމްޑީޕީން ކުރިކަމެއްނަމަ ދީނާ ޤައުމުގެ އަމާންކަމާ އިސްތިޤްލާލާ ގުޅުވައިގެން ނިހާނުމެން ބޮޗޭމެން ނުކުރާނެކަމެއް ނޯންނާނެކަން ޔަޤީން. އަމިއްލަ އަތުންހޭވި ހަޑި އަމިއްލައަށް ސާފުކުރީ މިފަހަރު ރައްޔިތުން ނޫނެކޭބުނީމަ ދެއްތޯ؟؟

އަހުމަދު

މި މީހުން ފާސްކުރީވެސް މިމީހުންކެންސަލްކުރީވެސް... ވަކި މީހަކު ވެރިކަމުގައި އެމީހަކު ހިތުހުރިގޮތަކަށް ދައުލަތުގެ ބައިތުލްމާލް ހުސްކުރީވެސް ތިޔަމަޖްލިސް ހިގަމުންދަނިކޮށް ބައިއަޅައިގެން އެކުވެގެން .... އެކަމަކު ރައްޔިތުންގެ ހައްޤުގައި ޤައުމަށްޓަކައި ދީނަށްޓަކައި....
ކާންބޭނުންވަރަށް ކައިނުނިމެނީސް އެއްބަޔަކު އައުޓްވެއްޖެ....