Kolhumadulu council memberunaa raeesuljumhooriya bahdhalukurahvaifi
image
0 ކޮމެންޓް
 

ކޮޅުމަޑުލު އަތޮޅު ކައުންސިލް މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކޮޅުމަޑުލުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކައުންސިލުން ރާއްވަވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު، ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން އަތޮޅަށް ތަރައްޤީ ގެނައުމުގައި ކައުންސިލުން ގެންގުޅޭ ވިސްނުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. ހާއްސަ ގޮތެއްގައި އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ހުރިހާ ރައްޔިތުންގެވެސް ވަރަށް ބޮޑު އެދުމެއްކަން ފާހަގަ ކުރައްވައި، ފަތުރުވެރިކަމުގެ ވިޔަފާރި ކޮޅުމަޑުލަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ހައްލު ކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއްއަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހިޔާލު