Isthisqaa Namaadhaaeku Raajjeah Vaarey Ohsaalaifi
image
އިސްތިސްގާ ނަމާދާއެކު ރާއްޖެއަށް ވާރޭ އޮއްސާލައިފި-- ފޮޓޯ: ހުޒާމް/ ޓްވީޓާ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އިސްތިސްގާ ނަމާދާއެކު ރާއްޖެއަށް ވާރޭ ވެހިއްޖެ

ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން އިއްޔެ މެންދުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދު ކޮށްފައިވަނިކޮށް ރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހިއްޖެއެވެ.
ރޭ 11:30 ހާއިރު ފެށިގެން ރޭ ފަތިހަށް މާލެއަށް ވެސް ވަނީ ވާރޭވެހިފައެވެ. އެކަމަކު މަގުތަކުގައި ފެންބޮޑުވާ ވަރަށް ވިއްސާރައެއް ނުވެހުން ނަމަވެސް މިހާރު ވެސް އުނޑުމަތީ އޮތީ ވަރަށް ބޮޑަށް ބަނަކޮށެވެ.

އާދަޔާ ހިލާފަށް ހޫނު ގަދަވެ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި ވަނިކޮށް އިސްތިސްގާ ނަމާދު ކުރިއިރު އެ ނަމާދާއެކު މޫސުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެގޮތުން ނަމާދު ކުރަމުން ދަނިކޮށް ވެސް ބައެއް ރަށްރަށަށް ވާރޭ ވެހުނެވެ. އަދި މެންދުރުގެ ގަދަ އަވި ދިއްލާފައި އޮއްވާ މާލެ އަށް ވެސް އެ ނަމާދު ކުރަމުން ދިޔަ ވަގުތު ވަނީ ކޮންމެވެސް ވަރަކަށް ވާރޭ ވެހިފައެވެ.

މޫސުމާއި ބެހޭ އިދާރާ އިން ވެސް ލަފާކޮށްފައިވާ ގޮތުން މިދުވަސްޗަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށް ވާނެއެވެ. އަދި ވާރޭ ވެހޭނީ ވެސް އަންނަ މަހެވެ. އެކަމަކު މިހާރު މޫސުމާއި ބެހޭ އިދާރާއިން ވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.

ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް އިސްތިސްގާ ނަމާދާއެކު ވާރޭވެހިފައިވާތީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ އެއީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލުނުކުރާ މީހުންނަށް އިބުރަތަކަށް ވާނެ ކަމެއް ކަމަށް ބުނެފައެވެ.

މެޓް ވިއްސާރަ
ހިޔާލު