Evves Member eh, Evves Audit report eh kiyaalibaa!
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --
0 ކޮމެންޓް
 

އެއްވެސް މެމްބަރެއް، އެއްވެސް އޮޑިޓް ރިޕޯޓެއް ކިޔާ ލިބާ!

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމެންދާއިރު، މިމަޖިލީހުން ނިންމަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެކަންކަން ކުރުމުގައި މަޖިލިސް ފެއިލްވެފައިވާ މިންވަރު މީގެކުރިން ހިނގާފައިވާ ކަންކަމުގެ އިތުރުން މިހާރު ބާއްވަމުންދާ މަޖިލީހުގެ ޖަލްސާތަކުން ވެސް ވަރަށް ރަނގަޅަށް އެބަ ހާމަ ވެއެވެ.
މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ 2014 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު މެމްބަރުން ހުވާކޮށް، އެކުލަވާލެވުނު މަޖިލީހެކެވެ. އެހެންކަމުން އެމަޖިލީހުގެ ދައުރު މި އޭޕްރީލް މަހުގެ ނިޔަލަށް ނިމޭނެ އެވެ. މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީސް ނިމެން ދެ ހަފްތާއަށް ވީއިރު، މަޖިލީހުގައި ފުނި ޖެހިފައިވާ ބިލްތަކާއި އޮޑިޓް ރިޕޯޓްތައް ނިންމަން މިހާރު މަޖިލީހުން އެވަނީ ހިފާފަ އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ބަރުލަނީ ހަޔާތުގައި އެންމެ "ކަޅު" އަނދިރި ދުވަސްތައް ގެނުވި މަޖިލިސް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޮއްޓަރު ހުރި ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރާތަން ނުފެނުނުއިރު، މުޅިންވެސް ސަރުކާރުން ބޭނުންވާ ކަންކަން ކުރުމުގައި މަޖިލިސް ވެފައިވަނީ ސަރުކާރުން ބުނިހާކަމެއް ކުރަން އޮތް "ރަބާ ސްޓޭންޕް" އެއްގެ ގޮތުގައެވެ.

ސަރުކާރާ ދެކޮޅު މަޖިލިސް މެމްބަރުންނަށް ދުއްތުރާތައްކޮށް، މަޖިލީހުގެ ގޭޓު މަތިން މެމްބަރުން އުކައި، މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭގޮތަށް ގޭޓްތައް ތަޅުލުމަކީ މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުން ކޮށްފައިވާ ވަރަށް ދަށުދަރަޖައިގެ ކަންކަމެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ މަޖިލިސް އިދާރާ ވެފައިވަނީ އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިވާ ތަނެއްގެ ގޮތުގަ އެވެ. މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބޭނުމުގައި ބަޔަކު ރާވައިގެން ހިނގާފައިވާ އަމަލުތަކެއްގެ ގޮތުގައި ބައެއް ސިޔާސީ ބޭފުޅުން އެކަން ސިފަކުރައްވަނީ އެފަދަ މުހިއްމު މުއައްސަސާއެއްގައި އަލިފާނުގެ ހާދިސާތައް ހިނގާލެއް ގިނަވެފައި، ފުލުހުންނަށާއި ސިފައިންނަށް އެކަމުގެ ހަގީގަތް ހާމަކޮށްލަން ނުކުޅެދިފައިވާތީ އެވެ.

މަޖިލީހުގެ ޖަލްސާތައް އޭރު މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ ހުދުމުހުތާރުގެ ކަމުގެ ދަށުން ބާއްވަނީ އޭނާ ހިތައްއެރި ގޮތަކަށެވެ. ފަހުގެ ތާރީހުގައި މަޖިލީހުގެ ޖަލްސާތައް އެންމެމަދުން ބާއްވައި ކުރާނެ މަސައްކަތެއް ނެތިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ބޭއްވިއިރު، މިއަދު މަޖިލީހުން ނިންމަންހުރިކަންކަން ނުނިންމިގެން މަޖިލިސް ތެޅި ފޮޅޭތައް އެބަފެނެ އެވެ.

މަޖިލީހުގެ ޖަލްސާތައް ދޭތެރެދޭތެރެއިން ބޭއްވަމުންއައިސް މިހަފްތާގެ ހޯމަ ދުވަހު މަޖިލީހަށް 102 ރިޕޯޓެއް އެޖެންޑާ ކޮށްފައިވެއެވެ. މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމި ބޭރުމީހުންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭގޮތަށް ގާނޫނުއަސާސީއަށް ކުރީގެ ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ނިންމި ނިންމުން ފިޔަވާ ދެން އޮތް 101 ރިޕޯޓަކީ ދައުލަތުގެ އެކި އިދާރާތަކުގެ އޮޑިޓް ރިޕޯޓްތަކެވެ.

އެ 101 އޮޑިޓް ރިޕޯޓަކީ 2007 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދުގެ އޮޑިޓް ރިޕޯޓްތަކެކެވެ. މިއީ 2019 ވަނަ އަހަރެވެ. އެ އޮޑިޓް ރިޕޯޓްތައް ކޮމެޓީގައި ބާއްވައިގެން މާލިއްޔަތު ކޮމެޓީގެ ކުރީގެ މުގައްރިރު، އަދި މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކުކުރީ ކީއްތޯ އެވެ. މަސީހު މަޖިލިސް ހިންގެނީ ކިހިނެއްތޯ އެވެ. އަމިއްލަ ވިޔަފާރި ކުންފުންޏެއް ހިންގާހެން ދައުލަތުގެ އެންމެ މުހިއްމު މުއައްސަސާ ހިނގަމުންދިޔަ އިރު ލަދެއް ހަޔާތެއް ވެސް ނެތެވެ.

މިއަދު މިބުނާ 101 އޮޑިޓް ރިޕޯޓް މަޖިލީހުގެ ތަލުމަށް ހުށަހެޅިއިރު، އެ ރިޕޯޓަށް ބަހުސް ކޮށްލާނެ، މެމްބަރަކުވެސް މަޖިލީހުގައި ނެތެވެ. ނަމަވެސް ކޮންމެ މީހަކު "އަނގަފުޅާކޮށްފައި" ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ ވަހަކަ ދައްކަމުންދާއިރު، އެކަން އެންމެ ރަނގަޅަށް އެނގޭނީ އޮޑިޓް ރިޕޯޓްތަކުން ނޫން ތޯ އެވެ. އެއިން އޮޑިޓް ރިޕޯޓެއް ކިޔާލި މެމްބަރެއް ރައްޔިތުންގެ މަޖިލީހުގައި ނެތުމަކީ ހިތާމަ ހުރި ކަމެއް ނޫންތޯ އެވެ. ކޮންމެ ކޮންމެ ރައްޔިތަކަށް އެ އޮޑިޓް ރިޕޯޓް ނުކިއިދާނެ އެވެ. ނަމަވެސް މެމްބަރުން އޮޑިޓް ރިޕޯޓުން ފާހަގަކޮށްލެވޭ ތަންތައް "ހައިލައިޓް" ކޮށް، ވާހަކަ ދައްކާ ބަހުސް ކޮށްލިނަމަ، ރައްޔިތުން އެވާހަތައް އަޑުއަހަން ތިބޭނެ އެވެ. އެވާހަކަތައް މީޑިއާތަކާއި ސޯސަލް މީޑިއާގައިވެސް ތިލަވެގެންދާލެއް ފަސޭހަވާނެ އެވެ. ރައްޔިތުންނަށް އޮޅުން ފިލާލެއްވެސް ފަސާހަ ވެގެންދާނެ އެވެ.

ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުގެ 101 އޮޑިޓް ރިޕޯޓް ހުށަހަޅައި އެނިންމާލީ އެވެ. އޭގައި އޮތް އެއްޗެއް އެނގޭ މެމްބަރެއް ވެސް ނެތެވެ. އެރިޕޯޓްތަކަށް ބަހުސް ކޮށްލާނެ މެމްބަރެއްވެސް ހަމަނެތީ ތޯ އެވެ.
މަޖިލިސް
ހިޔާލު