Youth Minister Mahloof ge suspension uvaalaifi
image
ޔޫތު މިނިސްޓަރު މަހުލޫފް: މިއަދު ވަނީ ސަސްޕެންޝަން އުވާލާފައި.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ޔޫތު މިނިސްޓަރު މަހުލޫފްގެ ސަސްޕެންޝަން އުވާލައިފި

އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން ސަސްޕެންޑް ކޮށްފައި ހުރި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ ސަސްޕެންޝަން ސަރުކާރުން މިއަދު އުވާލައިފި އެވެ.
ފެބްރުއަރީ މަހުގެ 14 އިން ފެށިގެން ސަސްޕެންޝަނުގައި ހުންނެވި މަހުލޫފް، މިއަދު ރައީސް އޮފީހުގައި ބާއްވާ ކެބިނެޓް ބައްދަލުވުމުގައި ވެސް ބައިވެރިވެ އެވެ. އަދި އެނގިފައިވާ ގޮތުގައި މިއަދު ޔޫތު މިނިސްޓްރީ އަށް ވަޑައިގެން، ރަސްމީ މަސައްކަތްތަކާ ވެސް ހަވާލުވާނެ އެވެ.

"އޭސީސީ އަދި ފުލުހުން ވެސް [އަޅުގަނޑުގެ] އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރެއްވުމަށް ފަހު، އަޅުގަނޑަށް އިތުބާރު ކުރައްވާ އަލުން ރަސްމީ މަސައްކަތަށް ނެރެދެއްވި ކަމަށްޓަކައި ރައީސް ސޯލިހު އަށް ޝުކުރު ދަންނަވަން،" މަހުލޫފް ޓްވިޓާގައި ވިދާޅުވި އެވެ.

އޭގެ އިތުރުން ތެދުވެރި ކަމާއި އެކު މަސައްކަތުގައި ދެމިހުންނާނެ ކަމަށާއި، އިތުބާރު ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރާ ކަމަށް ވެސް މަހުލޫފްގެ ޓްވީޓްގައި ބުނެފައި ވެއެވެ.

މަހްލޫފް ސަސްޕެންޑް ކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ ލޯންޑާކުރި އެސްއޯއެފް ކުންފުންޏާ އެކު 33،000 ޑޮލަރުގެ މުއާމަލާތެއް ހިންގިކަމަށް އޭސީސީ ރިޕޯޓުގައި އޮތުމާއި ގުޅިގެންނެވެ. ނަމަވެސް މަހުލޫފް ވަނީ އެއީ އޭނާގެ އާއިލީ ވިޔަފާރި އަށް ޑޮލަރު ގަތުމަށް ހިންގި ސައްހަ މުއާމަލާތެއް ކަމަށް ވިދާޅުވެ، އެ މުއާމަލާތުގެ ރަސީދު ވެސް އާންމުކޮށްފަ އެވެ.

އޭގެ އިތުރުން، އެނގިފައިވާ ގޮތުގައި މަހުލޫފްގެ ކޮރަޕްޝަން މައްސަލައެއް ނެތް ކަން އޭސީސީން ރައީސް އޮފީހަށް ވެސް ވަނީ ސިޓީއަކުން އަންގާފަ އެވެ. އަދި މަހުލޫފާއި ގުޅޭ އެފަދަ މައްސަލައެއް ޕޮލިހުގައި ވެސް ނެތެވެ.
ހިޔާލު