Akram ge suspension ves uvaalaifi
image
އަކްރަމް: މިއަދު ވަނީ ސަސްޕެންޝަން އުވާލާފައި.-- ފޮޓޯ: އެފްބީ/އަކްރަމް
0 ކޮމެންޓް
 

އަކްރަމްގެ ސަސްޕެންޝަން ވެސް އުވާލައިފި

އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން ސަސްޕެންޑް ކޮށްފައި ހުރި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން ވެސް މިއަދު އުވާލައިފި އެވެ.
ފެބްރުއަރީ މަހުގެ 14 އިން ފެށިގެން ސަސްޕެންޝަނުގައި ހުންނެވި އަކްރަމްގެ ސަސްޕެންޝަން އުވާލި ކަން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ "ސީއެންއެމް" އަށް ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އަކްރަމް ސަސްޕެންޑް ކުރީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި އޮތުމުންނެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅޭގޮތުން އަކްރަމް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އޭސީސީގެ ރިޕޯޓާއި ގުޅިގެން ސަސްޕެންޑް ކޮށްފައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަސްޕެންޝަން ވެސް މިއަދު ވަނީ އުވާލާފަ އެވެ. އަދި މަހުލޫފް މިހާރު ވަނީ ރަސްމީ މަސައްކަތަށް ނިކުންނަވައި، މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވެސް ބައިވެރިވެފަ އެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަހުލޫފް އާއި އަކްރަމްގެ އިތުރުން ސަސްޕެންޑް ކޮށްފައި ވަނީ ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމް އާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމެވެ. ނަމަވެސް މައުސޫމް އާއި އާޒިމްގެ ސަސްޕެންޝަން އަދި އުވައެއް ނުލަ އެވެ.
ހިޔާލު